އެމްޑީޕީ

ފައްޔާޒް، މަގާމުން އެކަހެރިވާން ނަޝީދު އެދިވަޑައިގެންފި

Sep 9, 2020
1

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއަކުން ދަންނަވައިފި އެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ޕާޓީގެ ޗެއާޕާސަނަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން ފައްޔާޒު އެކަހެރިވެ ވަޑައިގަންނަވަން އެ މަނިކުފާނު ދެކެ ވަޑައިގަންނަވާތީ އެކަމަށް އެދި ވަޑައިގަންނަވަނީ ފައްޔާޒު ހުންނަވައިފި ނަމަ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

އަދި އެ ޕާޓީގެ ކުރު ވެރިކަމެއް ކުރިން ނިމިގެން ދިޔައިރު އެންމެ ސާފު އެއް ސިފައަކީ ޕާޓީގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުވުން ކަމާއި އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށެވެ. އަދި އެ ސިޓީގައި ފައްޔާޒަށް ކުރެވޭ ތުހުމަތުތައް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"... މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،"

ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާ ވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނެތް ކަމަށާއި އަދި "މި ވާހަކަ މިގޮތަށް މިދަންނަވަނީ ހަމަ އެފަދައިން އެއްވެސް މިނިސްޓަރަކާ ވެސް ޒާތީ މައްސަލައެއް އޮވެގެން ނޫން" ކަމަށެވެ.

އަދި ނުކުމެ ހުންނެވީ ވޯޓުގެ އަދަދެއް ހޯއްދެވުމަށް ނޫން ކަމަށައި މަސައްކަތް ކުރާނީ އެމްޑީޕީގެ ޒަމާންވީ ތަސައްވަރު ހަގީގަތަކަށް ހައްދަވަން ކަމަށާއި އެ ނުކުތާ އަށް ވިސްނާލަން އެދި ވަޑައިގެންފައި ވެސް ވެއެވެ.

"... އެމްޑީޕީގެ އެންމެ ފުރަތަމަ ކުރު ވެރިކަން ނިމިގެން ދިޔަ އިރު ވެސް މި ޕާޓީގެ ސާފު އެއް ސިފައަކީ ޕާޓީގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުކަމެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ވެސް މި ޕާޓީ އަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހައަކީ ކޮރަޕްޝަންގެ ވާހަކައެވެ،" ސިޓީގައި ވެއެވެ.

ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓެއް ނަގާށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ބޭނުން ވަނީ 10 މެމްބަރެއްގެ ސޮއެވެ. އެކަމަކު އެ މައްސަލަ މަޖިލިހުން ފާސް ކުރަން 44 ވޯޓް ބޭނުންވާނެ އެވެ. އެއީ މަޖިލީހުގެ އެ އަދަދަށް ވޯޓު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީން ކަމެއް ރައީސް ނަޝީދަކަށް ލިބި ވަޑައިގެންފައެއް ނުވެއެވެ.