ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 127 އަށް އަރާފައިވާއިރު ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
އެ ސެންޓަރުން ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 127 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ދަރުމަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ދެ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ދެ މީހުންވެސް ތިބީ ވެންޓިލޭޓަރަށްލާފައެވެ.
އަދި މާބަނޑު މީހުންނަށް ހާއްސަކޮށްގެން ޑީއެޗް 16 ގައި ހަދާފައިވާ ސެންޓަރުގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި 20 ވަނަ ފްލޯގައިވެސް ކޮވިޑްގެ ބަލި މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކުގެ ތެރެއިން ބ އަތޮޅު ފެސިލިޓީގައި އެކަކު ލ. ގަން ފެސިލިޓީގައި ދެ މީހަކު އަދި ގއ. ވިލިނގިލި ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެ އެންމެންނަކީ ވެސް އުމުރުން ދުވަސްވީ ކޮވިޑްގެ ހައިރިސްކު މީހުންނެވެ.