ވާހަކަ

ލޯބިން ބުނެލަން

(8 ސެޕްޓެމްބަރ 2020 އާ ގުޅޭ)

ދެ ޒުވާނުން އެނބުރި އެޕާޓްމެންޓަށް ވަނުމާއެކު ލައިތު ވާހަކަދެއްކިއެވެ. ޖިނާނުއާއެކު ޖިމްއަށް ކެންޒާ ގެންގޮސްގެން ނުވާނޭ އޭނާ ބުންޏެވެ. ކެންޒާ ޓްރެއިން ކުރާނީ އޭނާ ކަމުގައި ބުންޏެވެ. އެހިނދު ލައިރާ އިނދެފައި އަޑުގަދަ ކޮށްލިއެވެ. ޖެލަސްވެގެން ނޫޅޭށޭ އޭނާ ބުންޏެވެ. ކެންޒާ ކައިރީ ޖިނާނު ނޫން އިތުރު ބަޔަކު ނޫޅޭނޭ ލައިރާ ބުންޏެވެ. ޖިނާނުއަށް ބޯކަހާލެވުނެވެ. މިވާގޮތެއް އޭނާއަކަށް ނޭނގުނެވެ. ކެންޒާއާ މެދު ލައިތު ސީރިއަސް ނަމަ ދެން އޭނާ އެހެން އަންހެންކުއްޖަކާ ގުޅުން ބާއްވަންވީ ކޮންބޭނުމަކު ހެއްޔެވެ.

"ލުކް ބްރޯ..." ޖިނާނު ގޮވާލިއެވެ. ލައިތުއާއި ލައިރާއާ ދެމެދު ދެކެމެވުންދިޔަ ވާހަކަތައް ހުއްޓާލާފައި އެ ދެމީހުން ވެސް ޖިނާނަށް ބަލާލީއެވެ. ގޭގެ އެއް ފަންގިފިލާ ކަސްރަތުކުރާ ތަނަކަށް ހަދާފައި ހުރިއިރު އެތަނުގައި ނެތް އެއްޗެއް ނެތެވެ. ކެންޒާގެ ޓްރެއިނިން ޖިނާނު ކުރިއަށް ގެންދާނީ ގޭގެ ޖިމްގައިކަން އޭނާ ބުންޏެވެ. އެއާއެކު ލައިރާ ނިކަން އަވަހަށް ޖިނާނާ އެއްބަސްކިޔައިފިއެވެ. ކެންޒާ އިންތަނުން ތެދުވެ، ލައިތުގެ ގާތުގައި އައިސް އިށީނެވެ.

"ޕްލީޒް..." ލައިތުގެ މުލައްދަނޑީގައި ކެންޒާ ހިފާލިއެވެ.

"ކެން..." ކެންޒާގެ މޫނަށް ބަލަން އިނދެ ލައިތު މަޑުމަޑުން ކިޔާލިއެވެ.

"އަހަރެމެން ވާހަކަދައްކާފަ ޖިނާނު ގާތު ބުނާނަން، އެންމެ ރަނގަޅުތަ؟." ލައިތުގެ ޝުޢޫރުތަކާމެދު ވިސްނަމުން ކެންޒާ ބުނެލިއެވެ.

"އޯކޭ... އަހަރެން ރެޑީ." ޖިނާނު ބުންޏެވެ.

ޠަބީޢަތް ގޯސްވެފައި އިން މީހަކުހެން ސެހްރާނު ހިމޭންވެފައި އިނީއެވެ. ކެންޒާ ގޮވައިގެން ލައިތު އެބައިން ނުކުތީއެވެ. އެމީހުންގެ ފަހަތުން ސެހްރާނާއި ޖިނާނެއް ނުކުތެވެ. ލައިތުއާއި ކެންޒާ ދިއުމުން ސެހްރާނާއި ޖިނާނު އެކަކުއަނެކަކަށް ބަލާލިއެވެ. ދެން އެ ދެމީހުން ބަލާލީ ލައިރާއަށެވެ. ލައިތު ފޯނުން ވާހަކަދެއްކި ގޮތް ލައިރާއަށް ފާހަގަނުވީތޯ އަހަން އެމީހުން ތިބީ ކެތްމަދުވެފައެވެ.

ކެންޒާ ގޮވައިގެން ކޮޓަރިއަށް ވަނުމާއެކު ލައިތު ސުވާލުކުރިއެވެ. ޖިނާނު ގާތު ތަމްރީނު ކުރަން އެދުނު ސަބަބެވެ. އޭނާ ދޭ ތަމްރީނުތައް ކެންޒާއަށް ކަމުނުދަނީތޯއެވެ. ލައިތުގެ އަތުގައި ހިފާލަމުން ކެންޒާ އައިސް އެނދުގައި އިށީނެވެ. އަދި އޭނާ ސަބަބު ކިޔާދޭން ފެށިއެވެ. ލައިތުގެ ތަމްރީނުތަކުގައި ގޯހެއްނޫޅޭކަމެވެ. އެކަމަކު އޭނާއަށް ބޭނުންވަނީ ހަރުކަށިވެފައި، ގަދަކަމުން ވިޔަސް ކުރުވާނޭ ކަހަލަ އިންސްޓްރަކްޓަރެއްކަން ކެންޒާ އޮޅުންފިލުވައިދިނެވެ. ޖިނާނުގެ ދިރިއުޅުން ކެންޒާއަށް ވެސް ވަނީ ފާހަގަވެފައެވެ. އޭނާ ކަސްރަތުކުރުމަށް ދޭ އަހަމިއްޔަތުކަމެވެ. ތައްޔާރުކުރަން ބުނާ ކާއެއްޗެހި ޢާއިލާގެ އެހެންމެންބަރުން ކާން ބޭނުންވާ އެއްޗިއްސާ މުޅިން ތަފާތެވެ. އެކިފަހަރުމަތިން ކެންޒާއާ ބަދިގެއިން ބައްދަލުވެ ޖިނާނުއާ ދެމެދު ދެކެވިފައި ހުރި ވާހަކަތަކުން އޭނާ ކެއުން ކޮންޓްރޯލު ކުރާ ގޮތުގެ ވާހަކަތައް ކިޔާދީފައި ވެއެވެ.

"އަހަރެން މާބޮޑަށް ދޫދެނީ ދޯ." ލައިތު ބުނެލިއެވެ.

"ލައިތު ހަރުކަށިވީމަ އަހަރެންގެ ސަމާލުކަން ގެއްލޭނެ، މާ އަވަހަށް ދެރަވާނެ..." ކެންޒާ ވިސްނާދިނެވެ. ޖިނާނުގެ ނިންމުން ރަނގަޅުކަމަށް ބުންޏެވެ.

ކެންޒާ އެދޭ ގޮތާއި ލައިތު އެންމެފަހުން ރުހިއްޖެއެވެ. ލައިތުއާ ބައްދަލުކުރަން ކައިފް ހުރީ ތައްޔާރަށޭ ކެންޒާ ބުނީ ދެނެވެ. މާދަމާ ހަވީރު ކެންޒާއާއި ކައިފް ބަލާދާނޭކަމުގައި ލައިތު ބުންޏެވެ. އޭނާ ވެސް ހުރީ ކެންޒާގެ ޢާއިލާ މީހަކާ ބައްދަލުކުރަން ބޭނުންވެފައިކަން ޔަގީނެވެ. ކެންޒާ ބޭނުންވަނީ މަންމައަށް އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލު ހާމަކުރުމުގެ ކުރީން، ލައިތުއާ މެދު ކައިފްގެ ޚިޔާލު ހުރި ގޮތެއް ހޯދާށެވެ.

* * * * *

އެންމެ ފޯނުކޯލެއް ވެސް ނާންނާތީ ޔާދިން އަޖައިބުވިއެވެ. އެހެންޏާ އޭނާ އޮފީހުގައި ކިތަންމެ އަވަދިނެތި އުޅޭކަން ބުންޏަސް ފިޒާނާގެ ކޯލުތަކަށް ވަގުތު ހުސްކޮށްދޭން ޖެހޭނެއެވެ. މިއަދު ދެ ފަހަރު ފިޒާނާއާ ވާހަކަދެއްކީތީ، އެ ދެ ފަހަރު ވެސް ފިޒާނާއަށް ގުޅީ ޔާދިންއެވެ. މިހާރު ފިޒާނާ ވެސް ވަޒީފާއަށް ނުކުންނާތީ ކުރިން ގުޅާހެން ނުގުޅެނީކަމުގައި ޔާދިން އަމިއްލަ ނަފްސަށް ވިސްނައިދިނީ އެއީ ޤަބޫލުކުރަން އެންމެ ފަސޭހަގޮތްވީމައެވެ.

މައިދޮރުގެ ތަޅު ހުޅުވާލި އަޑާއެކު ސޯފާގައި އޮތް ފިޒާނާ ފުންމައިގެން ތެދުވިއެވެ. އަދި ދުވެފައި ކޮޓަރިއަށް ވަދެއްޖެއެވެ. ކަންފަތުގައި ޖަހާލައިގެން ހުރި ފޯނުން އޭނާ ވާހަކަދެއްކިއެވެ.

"ޔާދިން އަތުވެއްޖެ... ފަހުން ގުޅާލަންތަ؟. އަހަރެން ބުނެގެނެއްނޫން އޭނާ އެ އައީ، ނުވާނެ ގިނައިރެއް..." ނިކަން އަވަސްއަވަހަށް ފިޒާނާ ބުންޏެވެ. އޭނާގެ ވާހަކަ ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ މީހާ ޤަބޫލުކުރީ ކަހަލައެވެ. ފިޒާނާ ކޯލު ކަނޑާލައިފިއެވެ. ނިކަން އަވަހަށް ކޯލު ލޮގުން، ދެންމެ ގުޅައިގެން ވާހަކަދެއްކި ނަންބަރުގެ ތަފްސީލުތައް ފުހެލިއެވެ. އަދި ލިބިފައި ހުރި މެސެޖުތައް ވެސް ފުހެލަން ޖެހުމުން ފިޒާނާއަށް ތުންފިއްތާލެވުނެވެ.

"ކީއްތި ކުރަނީ؟." ކޮޓަރިއަށް ވަން ޔާދިންއަށް ކޮޓަރިތެރޭ ފޯނު އަތަށް ލައިގެން ހުރި ފިޒާނާ ފެނުނީއެވެ.

"ނިދަން އޮށޯންނަން އުޅެނިކޮށް ތިއައީ." ނަފްސު ހަމައަކަށް އަޅުވަމުން ފިޒާނާ ހިނިތުންވެލިއެވެ.

"މިސްވެގެން މިއައީ..." ޔާދިން އައިސް ފިޒާނާގެ ގައިގާ ބައްދާލިއެވެ. މިފަހަރު ފިޒާނާ އެހާ ގަޔާއެއް ނުވިއެވެ. އެހެންނަމަވެސް ޔާދިން ދުރުކޮށްލައިފިނަމަ އުފެދޭނޭ ސުވާލުތަކާ ކުރިމަތިލާން ބޭނުންނުވަތީ ހަރަކާތެއްކޮށްނުލާ ހުރީއެވެ.

"ދެން ނިދަނީތަ؟...." ފިޒާނާއާ ވާހަކަދައްކާލަން ވަގުތުކޮޅަކަށް މަޑުކޮށްލަން ބޭނުންވެފައި ހުރެ ޔާދިން އަހާލިއެވެ. އެއާއެކު ފިޒާނާ ހޫންއެއް ލައްވާލިއެވެ.

"ބާރަ ޖަހަނީނު." އަތުގައި އޮތް ފޯނަށް ބަލާލަމުން ފިޒާނާ ބުންޏެވެ.

ޔާދިން ބޭނުންވިޔަސް ފިޒާނާ ގާތު މަޑުކުރަން ބުނާކަށް ނުކެރުނެވެ. ރޭގަނޑުގެ ސަލާމްކޮށްފައި ދާން ހިނގައިގަތެވެ. ނަމަވެސް ހުއްޓިލައި އެނބުރި ފިޒާނާއަށް ޔާދިން ބަލާލިއެވެ. އޭނާއާއެކު ދޮރާ ހަމައަށް ނާންނާނަންތޯ ޔާދިން އަހާލިއެވެ. ލުއި ހިނިތުންވުމެއް ހަދިޔާ ކުރަމުން ފިޒާނާ އައިސް ޔާދިންގެ އަތުގައި ހިފާލިއެވެ. އަވަހަށް އެތަނުން ޔާދިން ފޮނުވާލަން ބޭނުންވެފައި ހުރިވަރުންނެވެ. ދެފަހަރަކު އޭނާ އާފުރޭކަން ވެސް ދައްކާލިއެވެ. ނިދިއައިސްގެން އުޅޭކަން ޔާދިންއަށް އެންގުމަށެވެ.

* * * * *

އެލެވޭޓާއިން ނުކުތީ ޔާދިންކަން ލައިތަށް އެނގުނެވެ. އެމީހުންގެ ކޮޓަރިތައް ހުރި ބައިގައި އޭނާ ނޫން މީހަކު ނެތެވެ. ގިނަ ބޮކިތައް ނިވާލާފައި ހުރުމުން ތަނަށް ވެރިވެފައި އޮތީ ފަނޑު އަލިކަމެކެވެ. ފޯނުން ވާހަކަދައްކަމުން ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތީ ޔާދިން އަންނަކަން އެނގުމުންނެވެ. ހިމޭންކަމުގެ ތެރެއިން ލައިތުގެ އަޑު ސާފުކޮށް އިވޭނޭކަން ޚުދު އޭނާއަށް އެނގެއެވެ. ޔާދިންގެ ފިޔަވަޅުގެ އަޑު ލައިތަށް އިވެއެވެ. އެ އަޑަށް ހުއްޓުމެއް އައީ ފިޒާއޭ ލައިތު ބުނެލުމުންނެވެ. ސޯފާތަކުގެ ތެރޭގައި އެތަނުން ސޯފާއަކަށް ހަށިގަނޑު ދޫކޮށްލައިގެން އޮތް ލައިތުގެ ފުރަގަހުގައި ޔާދިންއަށް ހުރެވުނީ އިވުނު އަޑާމެދު ސުވާލު އުފެދިފައެވެ.

"ބިޓު ދިޔައީތަ؟. އެނދުގަތަ... ކޯއްޗެއް ފިޒާ ލައިގެން ތިހުރީ، ފިޒާގެ ފޮޓޯއެއް ފޮނުވާލަންވީނު... އޭރުން ޤަބޫލުކުރެވިދާނެ." ގަސްދުގައި ލައިތުގެ އަޑު ޔާދިންއަށް އިއްވަން އުޅޭ ކަހަލައެވެ. އޭނާ ކޮންމެ ދެބަހަކުން އެއްފަހަރު ފިޒާއޭ ބުނެލައެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ލައިތު ތެދުވިއެވެ. ޔާދިން ހުރިކަން ފެނުމުން އޭނާ ސިހުނުކަން ދައްކާލިއެވެ. ދެން ނިކަން އަވަހަށް އެއްމިޔަކަނުން ހިނިތުންވެލިއެވެ.

"ފިޒާނާ..." ޔާދިންއަށް ހިތާ ހިތުން އެ ނަން ކިޔާލެވުނެވެ. މީ އިއްތިފާގަކަށް ވެދާނޭބާއޭ އަމިއްލަ ޟަމީރާ ސުވާލުކޮށްލެވުނެވެ. ލައިތު ވާހަކަ އެ ދައްކަނީ އޭނާގެ ފިޒާނާއާ ބާއެވެ. ނޫނީ އެއީ ފިޒާ ކިޔާ، އެހެން އަންހެންކުއްޖަކީބާއެވެ. ހަމައެއާއެކު ފެނުނު މަންޒަރު ޤަބޫލުކުރަން ވެސް ޔާދިންއަށް ފަސޭހައެއްނުވިއެވެ. އޭނާ ފޯނުން ވާހަކަދައްކާ އަންހެންކުއްޖާ ދެމެދު އޮތީ ކިހާ ވަރެއްގެ ގުޅުމެއްކަން އެ ދައްކާ ވަހަކައިން ޔާދިންއަށް ވެސް ނަގައިގަންނަން އުނދަގުލެއްނޫނެވެ. އެކަމަކު އެއީ ކެންޒާއާ ހެދި ދިވާނާވެގެން އުޅުނު ލައިތު ހެއްޔެވެ. އޭނާ ކެންޒާގެ ފުރަގަހުން އެހެން އަންހެންކުއްޖަކާ މައްލަވަކުރަނީބާއެވެ. މިކަހަލަ އުޅުމެއް ލައިތުގެ ފުށުން ޔާދިން ދުށް މީ ފުރަތަމަ ފަހަރެވެ. އެ ހުރިހާ ޚިޔާލުތަކަށްވުރެ ވެސް ޔާދިންގެ ހިތާއި ސިކުނޑިއާ ކުޅެލީ ލައިތު އެ ވާހަކަދައްކާ ކުއްޖާއަށް ފިޒާގެ ނަމުން މުޚާޠިބުކުރާތީއެވެ. ޙަރަކާތެއްކޮށްލަން ނޭނގިފައި ޔާދިން ހުއްޓައި ލައިތު ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ލިބުނު ނުތަނަވަސްކަމަކާ ހުރެ ނިތްކުރީގައި ޔާދިން ފިރުމާލައި ހިފަހައްޓާލިއެވެ.

ފާޚާނާއިން ނުކުމެ އެނދުގައި ޔާދިން އޮށޯތީ ނިދަންކަމަށެވެ. ލޯމަރާލިޔަސް ޔާދިން އެދެމެދުންދިޔަ ހަށިހިމޭންކަމެއް އިޙްސާސެއް ނުވިއެވެ. ސިކުނޑީގެ ހިނގުން މަޑުޖެހިލާ ގޮތްނުވީއެވެ. ކަންފަތަށް އިވުނު ވާހަކަތަކުންނެވެ. ދެ ލޯ ހުޅުވާލުމާއެކު އެނދުއަރިމަތީ ހުރި ތިރިކަބަޑުގެ މަތިން ޔާދިން ފޯނު ނެގިއެވެ. ފިޒާނާއަށް ގުޅަން އޭނާ ފޯނު ހުޅުވާލިއެވެ. ޑަޔަލް ފިތަށް އޮބާލަން އިނގިލި އިސްކުރީނުގައި ޖައްސާލަން އުޅެފައި ވެސް ޔާދިން މަޑުކުރިއެވެ. ފިޒާނާއާ މެދު ޔާދިންގެ ސިކުނޑީގައި ވަހުމްތަކެއް އުފެއްދުމުގެ މަޤުޞަދުގައި ލައިތު ކުރިކަމަކަށް ވެދާނޭ ޔާދިންގެ ހިތް ބުނެލިއެވެ. އޭނާ ފިޒާނާއަށް މިގަޑީގައި ގުޅައިފިއްޔާ، ދޭހަވަނީ ފިޒާނާއަށް އިތުބާރުނުކުރެވެނީކަމެވެ. ޔާދިންއަށް ވިސްނުނީ އެހެންނެވެ. އިރުކޮޅަކު ފޯނަށް ބަލަން އޮވެފައި އަލުން ފޯނު ބޭއްވީއެވެ. ލައިތުގެ މަޅީގައި އެހާ ފަސޭހައިން އޭނާ ނުޖެހޭނޭ އަމިއްލަ ނަފްސަށް ބުނެލިއެވެ.

* * * * *

ޖެހިގެން އައި ދުވަހެވެ. ކުލާސްތައް ނިންމާފައި ކެންޒާ ގެއަށް އައިސް ވަން ވަގުތެވެ. ފޯނު ރިންގުވާތީ ގުޅަނީ ކާކުތޯ ބަލާލިއެވެ. ޒުބިންގެ މަތިން ހަނދާންވީ ވެސް އޭނާގެ ފޯނުކޯލު އައުމުންނެވެ. ކެންޒާ ފޯނު ނަގައި ވާހަކަދެއްކިއެވެ. ހަނދާންނެތުނީއޭ ބުނަން ބޭނުންނުވާތީ ކެންޒާ ދެއްކީ އަވަދިނެތި އުޅެން ޖެހިފައިވުމުން އަދި ނުގުޅިގެން އުޅެނީ ކަމަށެވެ. ޒުބިން ހުރީ ކެންޒާއާ ބައްދަލުވާނޭ އިރެއްގެ އިންތިޒާރުގައެވެ. އިތުރު ދުވަހަކަށް ފަސްނުކޮށް ޒުބިންއާ ބައްދަލުކުރަން ކެންޒާ އެއްބަސްވެއްޖެއެވެ. ރޭގަނޑުގެ ވަގުތަކީ ލައިތުއާ ބައްދަލުކުރާ ވަގުތަށްވެފައި ދެން ކެންޒާއަށް ވަގުތުވާނީ ހަވީރެވެ. އެހެންވެ ޒުބިންއާ ބައްދަލުވާން ކެންޒާ ގަޑިކީ ހަވީރަށެވެ.

ކުރުނބާ ފަނިތަށި ކައިފް ބޯލައި މަންމައަށް ތަށި ދިއްކޮށްލިއެވެ. މިންނާ އަތުގައި އޮތް ކުޑަ ދަޅުން ކާފޫރުތޮޅިއެއް ކައިފްއަށް ދިއްކޮށްލިއެވެ. އަގަ ހިތިވެގެން ކައިފް އަބަދު އުޅޭތީއެވެ. މަޑުމަޑުން ދަރިފުޅު ކެއުމާ ދުރުވާހެން ވެސް މިންނާއަށް ހީވެއެވެ. އެކަމަކު ޑަކްޓަރަށް ދައްކާލަން ކައިފް އެއްބަހެއްނުވެއެވެ. މިންނާ އާދޭސް ކުރިޔަސް، ކައިފް ކޮންމެފަހަރަކު ނުދާން ބަހަނާއެއް ދައްކާނެއެވެ.

"މިރޭ ކެންއާއެއްކޮށް ބޭރަށް ނުކުމެލަން މިއުޅެނީ..." މަންމަ ގާތު ކައިފް ބުންޏެވެ.

"ހިނގާލަންތަ؟. މަންމަ ނުގެންދާނަން." މިންނާ ހިނިތުންވެލިއެވެ.

"ހިނގާލާކަށްނޫން، ކޮފީއެއް ބޯލަންހެން ހީވަނީ... މަންމަ ގޮވައިގެން ދާނަން އެހެން ފަހަރަކުން، ކެން އެބަކިޔާ، އެންމެ އެއްކޮށް ކާލަން ތަނަކަށް ދާންވާނޭ."

"ކައިފް މާމަދީއޭ ނުކުމެ އުޅޭލެއް، ހަވީރު ފިނިޖެހިލީމާ ދޮރޯށި ކައިރިއަށް ވިޔަސް ނުކުމެލާނަމައެއްނު... އަބަދު މިކޮޓަރިގަނޑު އޮންނާކަށް ނުވާނެ." މިންނާ ބުންޏެވެ.

"ނުކުންނަން ބޭނުންވޭ، މިހެން އޮށޯވެ މާގިނަ ދުވަހު އޮންނަންވީމަ ކަންނެތްވެއްޖެ މާބޮޑަށް..." ނުނިކުންނަނީ ގިނައިރު ކޮޅަށް ހުންނަންވީމާ ވަރުބަލިވާތީކަން ކައިފް ސިއްރުކުރިއެވެ. ކެންޒާ އައިސް އެ ކޮޓަރިއަށް ވަނީ އެވަގުތެވެ.

"ކައިފިންތަ؟، ހުންނާނެ ކުރުނބާ ފެންފޮދެއް ފުޅިއަކަށް އަޅާފައި..." ކެންޒާ ފެނުމާއެކު މިންނާ ބުންޏެވެ.

"އަދި ބަދިގެއަށް ނުވަންނަން، ދޮންބެ ރެޑީތަ؟." ކެންޒާ އަހާލިއެވެ.

"ދެން ކޮންއިރަކުންތަ މަންމަ ބައިވެރިކުރާނީ." މިންނާ ބުނެލިއެވެ. ކެންޒާއާއި ކައިފް ހީނލިއެވެ.

"ދޮންބެ ގޮވައިގެން މިހެން ނުކުމެލީމަ ފަހަރެއްގައި މަންމައަށް ޅީދަރިއެއް ލިބިދާނެ..." މިންނާގެ ކޮނޑުގައި އަތްއަޅުވާލަމުން ކެންޒާ ބުންޏެވެ. މިންނާއަށް ހިނިގަނޑެއް ނުހިފެއްޓުނެވެ. އެނދުމަތިން ބާލީހެއް ކައިފް ހޫރާލީ ކޮއްކޮއާ ދިމާއަށެވެ.

"ޅީދަރިއަކަށްވުރެ ކުރީން ދަނބިދަރިއެއް ކަންނޭނގެ މަންމައަށް ލިބޭނީ." ކައިފް ބުންޏެވެ. އެހިނދު ކެންޒާ ނިކަން އަވަހަށް ދެކަންފަތުގެ ފޫޅުގަނޑުގައި ހިފާލައި މަޢާފަށް އެދެފިއެވެ. ބޭބެ އަނެއްކާ އޭނާގެ ސިއްރު ހާމަކުރަން އުޅެނީއޭ ހީވެގެންނެވެ.

ކައިފްއާއި ކެންޒާ އެކަނިވުމުން ލައިތު ދެއްކި ވާހަކަތައް ކެންޒާ ކިޔާދިނެވެ. އޭނާ ގެއަށް އަންނާނީ ލައިތުއާއެކު ކަމެވެ. ގެއަށް އައިސް ކައިފް ނަގައިން އެމީހުން ދާނީ ލައިތު ހަމަޖައްސާފައި ހުރި ތަނަށްކަން ބުންޏެވެ. ދަނީ ކޮންތާކަށް ކަމެއް ކެންޒާ ކައިރީ ލައިތު ނުބުނެއެވެ.

"މިފްރާހު އައި މެންދުރު..." ކެންޒާގެ ވާހަކަތައް ނިމުމުން ކައިފް ބުނެލިއެވެ.

"އޭނާ ވަރަށް ޗޭންޖުވެއްޖެ." ވިސްނުމަކަށް ގެއްލި އިނދެ ކެންޒާ ބުންޏެވެ.

"ބޭނުންވެގެން އުޅުނު ކަންތައް ނުވީމަ ކަމަށް ވެދާނެއެއްނު."

"ދެން މިގެއަށް އަދިވެސް އެ އަންނަނީ ކޮންބޭނުމަކުއޯ... ހާދަ ފޫއްސެއްވެޔޭ އޭނާ ފެނުނަސް، ބޭނުންހާ ގޮތަކަށް ހުރިހާކަމެއްނުވާނެކަން އޭނާއަށް ނުވިސްނެނީ ކީއްވެތަ؟." ކެންޒާގެ މޫނުމަތިން ފޫހިކަން ފާޅުވެއެވެ.

"މީހުންނަށް ނުދައްކާ އަނދިރިފަރާތެއް އޭނާގެ އޮވޭހެން ހީވޭ... ކެންއާ އޭނާ ދިމާކޮށްފިއްޔާ ލައިތު ކައިރީ އަވަހަށް ބުނާތި، އެކަހަލަ މީހެއްގެ ކިބައިން ކެން ހިމާޔަތްކޮށްދެވޭނީ ލައިތަށް." ކައިފް ބުނެލިއެވެ.

"އޭނާއަށް ކޮންކަމެއް ކުރެވޭނީ..." ކެންޒާ ހިނިތުންވުމެއް ބަދަލުކޮށްލީ ކައިފް ފިކުރުބޮޑުވެދާނޭތީއެވެ.

* * * * *

ފިޒާނާ އަންނާނޭ ކަމުގެ އުންމީދުގައި މޭޒުދޮށުގައި ޔާދިން އިންނަތާ ބައިގަޑިއިރުވީއެވެ. ހަވީރު ދެމީހުން ބައްދަލުވާން ރެސްޓޯރެންޓަކަށް ގަޑިކީ ޔާދިންއެވެ. ގެނައި ކޮފީ ތަށިން ކޯވަރެއް ބޯލުމަށްފަހު ޔާދިން ވަށައިގެން ނަޒަރު ހިންގާލިއެވެ. ހަވީރުގެ އެވަގުތުގައި ރެސްޓޯރެންޓުގެ މާޙައުލުގެ އަޑުފަށްގަނޑު ގަދައެވެ. ގިނައިން ފެންނަނީ އޮފީސް ނިންމާފައި އައިސް ތިބި ޒުވާނުންގެ ގުރޫޕުތަކެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ޔާދިން އަނެއްކާ ވެސް ފިޒާނާއަށް ގުޅިއެވެ. އޭނާ ފޯނެއްގައި ހުރުމުން ޔާދިން ގުޅޭގޮތް ނުވީއެވެ. ދެން ގިނައިރެއްނުވެ ފިޒާނާ މެސެޖު ކުރީ އޭނާއަށް އާދެވެން ނެތްކަމަށެވެ. ގެއިން ދެމީހުން ބައްދަލުވާނީ ކަމަށް ބުންޏެވެ. ކޮފީތަށި ބޯލައިގެން ތެދުވަން ގަސްދުކޮށް ޔާދިން މަޑުކޮށްލީއެވެ. އެހެންނަމަވެސް އޭނާއަށް އިނދެވުނީ ހިތްހަމަނުޖެހިފައެވެ. ލައިތުގެ ސަބަބުން އޭނާގެ ވިސްނުމުގައި ކަތުރުފަންޏެއް އުފެދުނު ކަހަލައެވެ. ފިޒާނާއާ މެދު ޝައްކުކުރަން ބޭނުންނުވިޔަސް އެކިއެކި ވަހުމްތައް ސިކުނޑިއާ ކުޅެނީއެވެ. ހިތުގައިވި ޖަޒުބާތުތަކަށް ސިކުނޑި ބޯލަނބަން ބޭނުންނުވާ ކަހަލައެވެ. ނިތްކުރީގައި ފިރުމާލާފައި ކަރުގައި އޮތް ޓައީ ޔާދިން ދޫކޮށްލިއެވެ. އަދި އިސްއުފުލާލި ވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ރެސްޓޯރެންޓް ތެރެއަށް ވަން ޒުބިންއަށެވެ. އަތުގައި އޮތް ކޮތަޅުގެ ތެރެއިން ކިރިޔާ ފެންނަން އޮތް ރަތްފިނިފެންމާ ވެސް ޔާދިންގެ ލޮލުގައި އަޅައިގަތެވެ. ވަށައިގެން ޒުބިން ނަޒަރު ހިންގާލަން އުޅުނު ހިނދު ޔާދިން އަވަސްއަވަހަށް މޫނު އަނބުރާލިއެވެ. މޭޒުގައި ވިއްދާލި އަތުން މޫނުގައި ޖައްސާލީ، ޒުބިންއަށް އޭނާ ފެނިދާނެތީއެވެ. ކަންދިމާކުރި ގޮތުން ހުސްމޭޒަކަށް ހުރީ ޔާދންގެ ވައަތްފަރާތުން ރެސްޓޯރެންޓްގެ ބިތްގައި ހުރި މޭޒު އެކަންޏެވެ. ޒުބިން އިށީނީ އެ މޭޒުދޮށުގައެވެ. އޭނާ އިށީން ގޮތަށް ފޯނު ނެގީއެވެ. އޭނާގެ ހަރަކާތްތަކަށް ސިއްރުން ބަލަން ޔާދިން އިނެވެ. ގޮވާލަން ހިތަށް ވެސް އެރިއެވެ. އެކަމަކު މިހާރު އެ ދެމެދުގައި ކުރިން އޮތް ގުޅުން ނޯންނާނޭ ހީވެ ޔާދިން ހިމޭނުން އިނީއެވެ.

ގިނައިރެއްނުވެ ޒުބިން އަތްހިއްލާލިތަން ފެނި އެ ދިމާއަށް ޔާދިން ބަލާލިއެވެ. ލިބުނު ހައިރާންކަމާއެކު އޭނާ އިނީ އަޖައިބުވެފައެވެ. އަނގައިގަވީ ކޮފީގެ ކޯވަރު ދިރުވާލެވުނީ ކުއްލިއަކަށެވެ. ޔާދިންއަށް ފެނުނީ ކެންޒާ އައިސް ޒުބިންގެ ކުރިމަތީ އިށީންތަނެވެ. އެ ދެމީހުން އެކަކުއަނެކަކަށް ހިނިތުންވެލި ގޮތުން، އެމީހުން އެކަކުއަނެކަކު އެނގޭކަން ޔަގީނެވެ. ޒުބިން ސަލާމަށް ދިއްކޮށްލި އަތުގައި ކެންޒާ ހިފާލުމުން އެ އަތުގެ މަތީ ޒުބިންގެ އަނެއްއަތް ބާއްވާލި ގޮތް ޔާދިން ދުށްޓެވެ.

"ވަޓް ދި..." ޔާދިންއަށް ބުނެވެން އުޅުނެވެ.

"ދޮންގެ ފިރިމީހާއާ ކެން މީޓުކުރަނީ ކޮންބޭނުމަކު؟. ޒުބިން އެހެން އަންހެނަކާ އެފެއާއެއް ހިންގައިގެންނޭ ބުނި ދޮން ޑިވޯސްކުރީ. އަނެއްކާ... ކެންޒާ..." އަމިއްލަ ޟަމިރާ ޔާދިންއަށް ސުވާލުކޮށްލެވުނެވެ.

ޒުބިންގެ ޙަރަކާތްތަކުން އޭނާއަށް ކެންޒާ ޚާއްޞަކަން ބުނަން ޔާދިންއަށް އެނގެއެވެ. ފޯނު އެ ދެ މީހުންނަށް ޔާދިން އަމާޒުކޮށްލީ ނިކަން ސިއްރުންނެވެ. އެ މީހުން ދައްކާ ވާހަކައެއް ސާފުނުވިޔަސް އެ ދެމީހުން އެކުގައި ތިބުމަކީ ވެސް ގޯހެކޭ ޔާދިންއަށް ޤަބޫލުކުރެވެނީއެވެ. ޚާއްޞަކޮށް ޒުބިން ރަތް ފިނިފެންމަލެއް ކެންޒާއަށް ދިނުމުންނެވެ. އެ މަންޒަރު ޔާދިންގެ ފޯނުގައި ރައްކާކުރިއެވެ.

"ލައިތު..." ނުލަފާ ހިންޏެއް ޔާދިންގެ ގާތަށް އައެވެ. ލައިތު އެ އަންހެންކުއްޖާއާ ހެދި ދިވާނާވެގެން އުޅޭއިރު، އޭނާއާއެކު ކެންޒާ އެ އުޅެނީ ލޯބިންނެއްނޫނޭ ޔާދިންއަށް ހީވީއެވެ. ލައިތު ބަރުބާދުވާތަން ދުށުމަކީ ޔާދިންގެ ހިތްއުފާވާނޭ ކަމެކެވެ. ހަމައެއާއެކު ކެންޒާއަކީ އޭނާ ހީކުރި ކަހަލަ އަންހެންކުއްޖެއްނޫނޭ ހިތަށް އެރިއެވެ. ލައިރާއާ އެހާ ގާތްކޮށް އުޅެފައި އޭނާ އެ ޖަހައިގަތީ ލައިރާގެ ފިރިމީހާއެވެ. އެކިއެކި ޚިޔާލުތަކުން ޔާދިންގެ ސިކުނޑީގައި ތަފާތު ޝުޢޫރުތައް އުފެދެމުން އައެވެ. ކެންޒާއާ މެދު ކަންތައްކުރާނޭ ގޮތެއް ރާވަން ފެށިއެވެ. އެ އަންހެންކުއްޖާގެ މަކަރުވެރިކަން އެންމެންގެ ތެރޭ ބޭޒާރުކޮށްލަން ޔާދިން ކެތްމަދުވެފައި އިން ކަހަލައެވެ.

* * * * *

ހ.މަހަލައަށް ކެންޒާ ވަދެގެން އައިއިރު ގޭގެ ބިއްދޮށް ފަރާތުގައި ދުވެދުވެފައި އުޅުނު އިލިއާނާގެ އަޑު މާދުރަށް ހުއްޓެވެ. ކުޅުން ހުއްޓާލާފައި އެތެރެއަށް ވަނުމަށް ލައިރާ ބުނަމުންދިޔައެވެ. އިލިއާނާ ދުވާވަރަކަށް އޭނާގެ ފަހަތުން ބުޅާތައް ދުވާތީ އެކުއްޖާ ހުރީ މަޖާވެފައެވެ. ސަމަންތާ ގާތު ބުޅާތައް އެތެރެއަށް ވައްދަން ލައިރާ ބުނުމުން އިލިއާނާ ކުސްތަޅާލިއެވެ.

"ކެން ބުނާނެ މަމީގެ ބަސް ވެސް ނާހާ ހަޑިކުއްޖެކޭ އިލީއަކީ." ކެންޒާ ފެނިގެން ލައިރާ ބުނެލިއެވެ.

"އިލީ ބަސްއަހާނެއޭ... ދޯ... ކެންދައްތަގެ ފަރާތުން އިލީއަށް ރީތިރީތި ރޯސްއެއް މިއޮތީ." ކެންޒާގެ އަތުގައި އޮތް ރަތްފިނިފެންމާ އިލިއާނާއަށް ދިއްކޮށްލިއެވެ.

"އިލީއަށްތަ؟." އަތުގައި އޮތް ކުޑަކުޑަ ގޮމާ ދޫކޮށްލައި ކެންޒާއާ ދިމާއަށް އިލިއާނާ ދުއްވައިގަތެވެ. ލައިރާއަށް ހަޅޭލަވައިގަނެވުނީ އެ ކުޑަކުޑަ ބުޅާ ދޫކޮށްލި ގޮތް ފެނިފައެވެ. އެސޮރުގެ މަންމަ، ރެހެންދީ ހަލުވިކޮށް އައިސް ކައިރިވެލައިފިއެވެ. ދޫލައި ސާފުކޮށްދޭން ފެށިއެވެ. ލައިރާ ނުރުހުންވިތޯ ބަލާކަށް އިލިއާނާ ނޫޅެއެވެ. ސަމަންތާ ބުޅާތައް ގޭތެރެއަށް ވެއްދުމާއެކު އިތުރު ދެ ޚާދިމުން ވެގެން ބުޅާތައް މައްޗަށް ގެންދަން އުޅުނެވެ.

"ސޭމީއާއެއްކޮށް ދޭ މައްޗަށް..." ކެންޒާ ދިން ފިނިފެންމާ ހިފައިގެން އިލިއާނާ އެނބުރިލި ހިނދު ލައިރާ ބުނެލިއެވެ. މާ ގެންގޮސް ފެންއެއްޗަކަށް ޖަހާފައި ބައިންދަން ކެންޒާ ބުނީމައި، އިލިއާނާ ހުރީ އެފަދައިން ކަންތައް ކުރަން ބޭނުންވެފައެވެ. އެހެންވެ ނިކަން ފަސޭހައިން ސަމަންތާއާއެކު އެކުއްޖާ ހިނގައްޖެއެވެ.

"ލައިތު ކޮބާ؟." ކެންޒާއާއެކު ބަދިގެ ފަރާތަށް އަންނަމުން ލައިރާ އަހާލިއެވެ.

"ނޫޅޭތަ ގެއަކު؟... ބުނި ނިދާލަންށޭ މިއުޅެނީ..." ކެންޒާ ބުންޏެވެ.

"ލައިތުއާ އެއްކޮށްނޫންތަ ތިއައީ." ލައިރާ އަނެއްކާ ވެސް އަހާލިއެވެ. އެއާއެކު ކެންޒާ ހޫނއެއް ލައްވާލިއެވެ.

"ކާކުދިން މަލެއް؟. އަހަރެން ހީކުރީ ލައިތުކަމަށް..." ލައިރާ ބުންޏެވެ.

"ފްރެންޑަކާ ދިމާވެގެން ދިން އެއްޗެއް." ކެންޒާ ބުނެލީ އާދައިގެ ގޮތަކަށެވެ.

އެލެވޭޓާއަށް އަރަން އައި ޔާދިންއަށް ސަމަންތާއާއެކު ހުރި އިލިއާނާ ފެނުނެވެ. އަތުގައި އޮތް ފިނިފެންމާ ޔާދިންއަށް ދައްކާލުމަށް އިލިއާނާ އަވަސްވެލިއެވެ. މާގިނައިން ރަތްފިނިފެންމާ ފެންނަނީއޭ ޔާދިންއަށް ހީވިއެވެ. ކާކުދިން އެއްޗެއްތޯ ޔާދިން އަހާލިއެވެ. ރެސްޓޯރެންޓުން ނުކުތް ކެންޒާގެ މިސްރާބު ހުރީ އެގެއަށްކަން އެނގޭތީއެވެ. ކެންޒާގެ ނަން އިލިއާނާ ކިޔާލުމުން ޔާދިންއަށް އެއްމިޔަކަނުން ހިނިތުންވެވުނެވެ.

"ޒުބިން ދިން މާ، އޭނާގެ ދަރިފުޅަށް އެ ދިނީ... ވަޓް އާ ޔޫ ޓްރައިން ޓު އެޗީވް." ޔާދިންގެ ހިތާ ވާހަކަދެއްކުނެވެ. ލައިރާގެ ކިބައިން ބަދަލެއް ހިފަން ކެންޒާ ބޭނުންވަނީބާއޭ ޔާދިން ސުވާލު އުފެދުނެވެ. އެކަމަކު ލައިތު އެ އަންހެންކުއްޖާދެކެ ލޯބިވާންވީ ސަބަބެއް ޔާދިންއަކަށް ނުވިސްނުނެވެ. އެކަމަކު ކެންޒާއަށް އެއްވެސް ކަމެއް ކާމިޔާބުވިޔަ އޭނާ ނުދޭނެއެވެ. އެ އަންހެންކުއްޖާ ހަޤީޤީ ކުލަ ޔާދިންއަށް އަދި ފެނުނީއެވެ. އެ ޢާއިލާ އެންމެން ވެސް ކެންޒާއަށް ނުހަނު ބޮޑު އިތުބާރެއް ކުރާކަން ޔާދިންއަށް އެނގެއެވެ. މާކުރީއްސުރެ ކެންޒާ ރާވައިގެން ކުރާކަމެއްހެން ޔާދިންއަށް ހީވީ އެހެންވެއެވެ. އެ ޢާއިލާގެ މީހުންގެ އިތުބާރު ހޯދާނޭ ގޮތް ކެންޒާ އެވަނީ ދެނެގެންފައެވެ. ޔާދިންއަށް ޒުބިންއާއެކު ކެންޒާ ފެނުމަކީ ނަސީބެއްކަމުގައި ޤަބޫލުކުރެއެވެ. އެހެންނޫނީ އެ ޢާއިލާގެ މަޞްލަޙަތު ކެންޒާ ނަގާލަފަހުން ނޫނީ އެކަކަށް އެއްކަމެއް ވެސް ނޭނގޭނެއެވެ.

ޔާދިން އެލެވޭޓާއިން ނުކުތުމުން ސަމަންއާއާއި އިލިއާނާ ނުވަނަ ފަންގިފިލާއަށް އެރުމަށް ދޮރުލައްޕާލިއެވެ. ޔާދިން ކޮޓަރިއަށް ވަންނަން އަންނަނިކޮށް ސޯފާގައި އިން ސެހްރާނު ގޮވާލިއެވެ. ފިޒާނާ އައި ވާހަކަ ބުންޏެވެ. ޔާދިންއަށް ލިބުނީ ހައިރާންކަމެވެ. ދެން ސެހްރާނު ދެއްކި ވާހަކައިން ޔާދިންގެ ބޮލުގައި ރިއްސާލިއެވެ.

"މެރީކުރަން އުޅޭތީ ކަންނޭނގެ، ފިޒާއާއި ލައިތު ޕީސް އެ ހެދީ ދޯ..." ސެހްރާނު ބުންޏެވެ.

"ސެހެރްއަށް ފެނުނީތަ އެމީހުން ވާހަކަދައްކަނިކޮށް." ޔާދިން އަހާލިއެވެ.

"މިތާ އެ ދެމީހުން ސަކަރާތް ޖަހަން ތިބެފައި، ލައިތުގެ ކޮޓަރިއަށް ވެސް ވަން... އެމީހުން ކޮޓަރިއަށް ވަން ގޮތަށް ނުނިކުތީމަ، އަހަރެން ފޫހިވެގެން ތިރިއަށް ދިޔައީ. ދެންމެއަކު ކަންނޭނގެ ފިޒާ ގެއަށް އެ ދިޔައީ." ސެހްރާނު ބުންޏެވެ.

ޔާދިން އައިސް ލައިތުގެ ކޮޓަރީގައި ޓަކި ދިނެވެ. ގިނައިރެއްނުވެ ދޮރު ހުޅުވިއްޖެއެވެ. ފެންވަރައިގެން ނުކުމެ ތުވާލި ކޮޅުގައި ހުރި ލައިތުއަށް ޔާދިން ބަލާލިއެވެ. އޭނާ އެއްޗެކޭ ނުބުނުމުން ކިހިނެއްތޯވީ އެހީ ލައިތުއެވެ. ޔާދިން އަނގައިން ނުބުންޏެވެ. ކޮޓަރިތެރެއަށް އޭނާ ވަނެވެ. އަދި ލައިތުގެ އެނދަށް ބަލާލިއެވެ. ދެން ހަލުވިކޮށް އެ ކޮޓަރިން ނުކުމެގެން އައިސް އެލެވޭޓާއަށް ޔާދިން އެރިއެވެ. އޭރު އޭނާގެ އަވަސްވެފައިވި ހިތުގެ ތެޅުން އިޙްސާސް ކުރެވެއެވެ.

ފިޒާނާގެ އެޕާޓްމެންޓް ހުޅުވައި އެތެރެއަށް ޔާދިން ވަންއިރު އެކަކު ވެސް ފެންނާކަށް ނެތެވެ. ދޮރުލައްޕާ ތަޅުލުމާއެކު ޔާދިން ހަލުވިކޮށް އައިސް ވަނީ ފިޒާނާގެ ނިދާ ކޮޓަރިއަށެވެ. އޭރު ފާޚާނާގައި މީހަކު އުޅޭ އަޑު އިވެއެވެ. މަޑުކުރުމެއްނެތި ޔާދިން އައިސް ފާޚާނާގެ ދޮރު ހުޅުވާލީއެވެ. ފެންމަގަނޑު ދަށުގައި ހުރި ފިޒާނާ، ބިއްލޫރީގަނޑުގެ ތެރެއިން ޔާދިންއަށް ފެނުނެވެ.

"ޔާ..ދި..ން..." ސިހިފައި ފިޒާނާ ގޮވާލީ ތަންކޮޅެއް ބާރަށެވެ. ހަމަވިސްނުން ޔާދިންއަށް ލިބުނީ އެހިނދުއެވެ.

އަވަސްއަވަހަށް ފާޚާނާ ދޮރު ލައްޕާލާފައި އެ ކޮޓަރިން ޔާދިން ނުކުތެވެ. ސިޓިންރޫމު ތެރެއިން މަގުމައްޗަށް ހުރި ބެލްކަންޏަށް އޭނާ ނުކުތެވެ. ރެއިލިންގައި ދެއަތުން ހިފަހައްޓާލައި ބާރުކޮށްލުމާއެކު ހަށިފުރާ ނޭވާއެއް ޔާދިންއަށް ދޫކޮށްލެވުނެވެ.

"ފިޒާ ގެއަށް އައީ ކީއްކުރަން؟... ލައިތުއާއެކު ކޮޓަރިއަށް ވަނީ.... ދެމީހުން އެކަނި ކޮޓަރީގައި ކީއްކުރީ..." ޔާދިންގެ ސިކުނޑީގައި އެނބުރެން ފެށީ ނުރައްކާތެރި ވޭންހުރި ޚިޔާލުތަކެކެވެ.

(ނުނިމޭ)