މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޗެނަލް13 އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފި

Sep 10, 2020
8

"ޗެނެލް 13" އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ބޭނުންވާ ކަމަށް މީހަކު ބުނި ވާހަކަ އޮންއެއާ ކޮށްފައިވާތީ އެ ސްޓޭޝަނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން ދީފި އެވެ.

ސިޔާސީ އިދިކޮޅު ހަރަކާތްތަކުގެ ވާހަކަތަކަށް އިސްކަން ދީފައި އޮންނަ ޗެނެލް 13 އިން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ގެނެސްދިން ޕްރޮގްރާމެއްގައި މުހައްމަދު އިބްރާހިމް ކިޔާ މީހަކު ބައިވެރިވެ އޭނާ ވަނީ "ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް ހުޅުޖަހަންޖެހޭ" ކަމަށް ބުނެފަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ބްރޮޑްކޮމްއިން ބުނެފައިވަނީ ޗެނަލް13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވަމުންދާތީ އަދި މި މައްސަލައިގެ ހައްސާސް ކަމުން ދެން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެއްޖެނަމަ އެ މައްސަލައިގެ ޒާތާއި ހައްސާސް ކަމަށް ބަލައި ގާނޫާއި ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އެޅާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން މައާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއްނެތި އެ ބަޔާން "ރައްޔިތުންގެ އަޑު" ޕްރަގްރާމްގައި ގެނެސްދިނުމާއި މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ދެ ދުވަހެއްގައި ރޭގަނޑު 8 -10 އާ ދެމެދު ވަގުތެއްގައި wެ ބަޔާން އޮންއެއާ ކުރުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ޑިލޭއެއް ލައިގެން ނޫނީ އެފަދަ ޝޯތައް އޮންއެއާ ނުކުރުމާއި ސަމާލުކަންދޭންވީ ކަންކަން ކިޔައިދިނުމަށްފަހު ނޫނީ ޕްރަގްރާމްތަކަށް ގުޅާ މީހުންގެ ފޯން ކޯލްތައް އޮންއެއާ ނުކުރުމަށްވެސް ވަނީ އަންގާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ބޭނުންވާ ކަމަށް ބުނި މައްސަލައާއި ގުޅިގެން ތ. ވިލުފުށި އިރުއައްސޭރި، މުހައްމަދު އިބްރާހިމް ހައްޔަރުކޮށް އޭނާ ހުރީ 15 ދުވަހުގެ ބަންދެއްގައެވެ.