ވިޔަފާރި

އެއް މިލިއަން ޑޮލަރުގެ ބަޖެޓަކުން އުރީދޫން ރާއްޖޭގައި މޮބައިލް މަނީގެ ހިދުމަތް ފަށަނީ

ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުރީދޫން ރާއްޖޭގައި "މޮބައިލް މަނީ" ގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

"މޮބައިލް ވޮލެޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި ހިދުމަތުގެ މައުލޫމާތު ދިނުމަށް އުރީދޫ މޯލްޑިވްސްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ފޯނު މެދުވެރިކޮށް ފައިސާ ޖަމާކޮށް، ބިލްތައް ދައްކައި، މީގެ އިތުރުން ފައިސާ ފޮނުވުމުގެ ހިދުމަތް ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމުގެ ހުއްދަ ރާއްޖޭގެ މަރުކަޒީ ބޭންކުން ދީފައިވާ ކަމަށެވެ.

"މި ހިދުމަތަކީ ވަރަށް އިތުބާރާއެކު ދުނިޔޭގައި ދެމުން ގެންދާ ހިދުމަތެއް. މި ހިދުމަތް ގަތަރާއި ޓިއުނީޝިޔާގެ އިތުރުން އިންޑޮނޭޝިޔާގައި ވެސް އުރީދޫ ގްރޫޕުން ދެމުން ގެންދޭ،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތް ތައާރަފުވުމުގެ ގޮތުން ފުރަތަމަ ރާއްޖޭގައި ކުރިއަށް ގެންދާނީ ތަޖުރިބާކުރުމުގެ މަސައްކަތްތަކެއް ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭގައި މި ހިދުމަތް ރާއްޖޭގައި ރަސްމީކޮށް ދޭން ފަށާނެ ކަމަށެވެ.

"މި ހިދުމަތް ފެށުމަށް އުރީދޫ ގްރޫޕުން ފުރިހަމަ އެއްބާރުލުމެއް ލިބޭ. މި މަޝްހޫރު ކުރިއަށް ގެންދިއުމަށް ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު ހޭދަވާނެ. މިކަން ކުރެވޭނެ. މި ހިދުމަތް ދިނުމަށް ވަރަށް ފުރިހަމަ ސިސްޓަމެއް ގާއިމް ކުރެވޭނެ،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ މަސްވެރިންނާއި ކުއްލިއަކަށް ފައިސާގެ ބޭނުނެއް ޖެހޭ ބައެއް މީހުންނަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މި ހިދުމަތް ތައާރަފު ކުރެވޭނީ ފުރިހަމަ ސެކިއުރިޓީއާއެކު. މި ހިދުމަތަކީ ފައިސާގެ މުއާމަތާކަށްވުމުން ރައްކާތެރި ކުރަން ޖެހޭ. އެހެންވެ މުޅި ސިސްޓަމްވެސް ރައްކާތެރިވާނެ. ސެކިއުރިޓީ ވަރުގަދަ ވާނެ،" ވިކްރަމް ވިދާޅުވި އެވެ.