ޖިންސީ ގޯނާ

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ވީޑިއޯކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ވީޑިއޯ ކުރި މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އއ. ބޮޑުފުޅަދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު އެ ރަށު ދޯނި އެހެލާ ބަނދަރަށް ގެންގޮސް ދެ މީހަކު ވެގެން އޭނާ އާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާ އެކަން ކުރަނިކޮށް ވީޑިއޯ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އުމުރުުން 28 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ. ދެ މީހުންނަކީވެސް ދިވެހިންނެވެ. މައްސަލައިގެ އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.