ވިޔަފާރި

ރިޒް ކާލްޓަން ރާއްޖޭގެ ރިސޯޓަށް "އަރިސް މީހެއް"

Sep 13, 2020
1

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ތަކަށް އަންނަ މެހުމާނުންނަށް ހިދުމަތް ދޭން އެންމެ ގާތުން ތިބޭ މީހުންނަކީ ބަޓްލަރުންނެވެ. އެ މީހަކީ އެ ރިސޯޓަށް އަންނަ މީހަކު ރާއްޖެ އައިސް ފުރައިގެން ދާންދެން އެ މީހާ ނޫނީ އެ އާއިލާގެ ހުރިހާ ކަންކަން ބަލަހައްޓަން ހުންނަ އެންމެ "އަރިސް މީހާ" އެވެ. ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒް ކާލްޓަން އިން ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުގައި ބަޓްލަރުންނަށް ކިޔަނީ "އަރިސް މީހާ" އެވެ.

ރިޒް ކާލްޓަން ކުންފުނީގެ ރާއްޖޭގެ ރިސޯޓް، ފަރި މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި އެ ރިސޯޓަށް "އަރިސް މީހާ" ތައާރަފު ކުރުމުގައި އެ "ރިޒް ކާލްޓަން" އިިން ހިދުމަތް ދިނުމުގައި ގެންގުޅޭ މަތީ ފަންތީގެ ވައްޓަވާޅިއަށް ބަލާފައި ވާނެ އެވެ. އަދި އިހު ޒަމާނުގައި ވެސް ރަސްރަސްކަލުންގެ އެންމެ ކައިރީގައި ހިދުމަތް ދޭން އުޅޭ މީހުނަށް "އަރިހު ބޭކަލުން" ކިޔައި އުޅުނެވެ. ބަޓްލަރަށް "އަރިސް މީހާ" ކިޔުނު ގޮތާ ބެހޭ ގޮތުން އެ ރިސޯޓުން ބުނެފައިވެ އެވެ.

ރިޒް ކާލްޓަންގެ މަގާމުތަކަށް މުވައްޒަފުން ނަގައި ރަސްމީކޮށް އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރާއިރު، އެ ރިސޯޓުގެ އެންމެ ސީނިޔަ މަގާމުތަކަށް ދިވެހިން ހޯދާފައި ވެއެވެ. ރިސޯޓުގެ މާކެޓިން މެނޭޖަރަކަށް އައްޔަން ކޮށްފައިވަނީ ވެސް ދިވެއްސެކެވެ. އެ މަގާމުގައި ހުރީ އިނގިރޭސިވިލާތުން ޓޫރިޒަމް ދާއިރާއިން މަތީ ތައުލީމް ފުރިހަމަ ކުރައްވާފައިވާ ދިވެހި ޒުވާނެއް ކަމަށްވާ އައިމިނަތު ރުޝާ ހާދީ (އައިމީ) އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) އިން ފުރައިގެން ސްޕީޓް ލޯންޗުގައި 50 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ ފަރި މޯލްޑިވްސްގައި 100 އޯވަ ވޯޓާ ވިލާ ހުރެ އެވެ. އަދި ތަފާތު ފަސް ރެސްޓޯރެންޓާއެކު ހުޅުވާ މި ރިސޯޓުގައި އެހެނިހެން ގިނަ ވަސީލަތްތައް ވެސް ވަނީ ތަރައްގީކޮށްފަ އެވެ. ރާއްޖޭގައި ފަރި މޯލްޑިވްސް ހުޅުވާ ރިޒް ކާލްޓަންއިން 30 ގައުމެއްގައި 101 ލަގްޒަރީ ހޮޓާ ހިންގަ އެވެ.