ރިޒް ކާލްޓަން މޯލްޑިވްސް

ފަރި އައިލެންޑަށް އަރަބިއަން ރެސްޓޯރެންޓެއް

Aug 31, 2021

މާލެ އަތޮޅުގައި ހުޅުވި ދަ ރިޒްކަލްޓަން ފަރި އައިލެންޑް ރިސޯޓުގައި އަރަބި ރަހަތަށް ހިމެނޭ ގޮތަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒް ކާލްޓަން އިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު، ރިޒްކާލްޓަން ކުންފުނިން ބުނީ ފަރިއައިލެންޑުގެ ފަރިމެރީލާ ވިލެޖުގައި ހުޅުވި މި އަރަބިއަން ރެސްޓޯރެންޓުގައި ލުބުނާންގެ ހާއްސަ ކެއުންތަކުގެ އިތުުރުން ދެކުނު އިންޑިއާގެ ރަހަތައް ވެސް ލިބޭނެ ކަމަށެވެ.

ލަކުޑި ބޭނުންކޮށްގެން ހެދި މި ރެސްޓޯރެންޓްއާ ބެހޭ ގޮތުން ރިޒްކާލްޓަން ފަރި އައިލެންޑުގެ ޖެނެރަލް މެނޭޖަރު މާކް ހެހީރް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އިތުރު ރަހަތައް ހިމެނޭ ގޮތަށް ފަރި އައިލެންޑުގައި ކަލިނަރީ އެކްސްޕީރިއަންސް ފުރިހަމަ ވަމުންދާނެ ކަމަށެވެ.

މި ރެސްޓޯރެންޓުގައި ހެޑް ޝެފެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މި ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ކުރިން ލަނޑާގިރާވަރު ފަދަ ރިސޯޓުތަކުގައި މަސައްކަތް ކޮށްފައިވާ މެޝަލިން ސްޓާޝެފް މުހައްމަދު ނޭގަލް އެލްދިން އެވެ.

ވީއައިއޭ އިން ފުރައިގެން 10 މިނެޓުން އަދި ސްޕީޑް ލޯންޗުގައި 45 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ރިޒްކާލްޓަން ފަރި އައިލެންޑުގައި އެއް ކޮޓަރި އާއި ތިން ކޮޓަރީގެ ރޫމްތައް ހުރެ އެވެ. އަދި މި ރިސޯޓަށް ދާ މެހުމާނުންނާ އެންމެ ކައިރިން މަސައްކަތް ކުރާ ބަޓްލަރު މަޝްހޫރުވެފައި ވަނީ "އަރިސް މީހާ" ގެ ނަމުގަ އެވެ.

މި ރަށުގައި އެންމެ މަތީ ފެންވަރުގެ 100 ވިލާ ހުރެ އެވެ. މި ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން އަންނަ މެހުމާނުންނަށް ޕްރައިވެޓް ޕޫލް ހިމެނޭ ގޮތަށް ހަދާފައިވާ އެއްކޮޓަރީގެ އޯޝަން ވިއު ވިލާއެއް ރެއަކަށް ވިއްކަނީ ގާތްގަނޑަކަށް 1،800 ޑޮލަރަށެވެ. އަދި ޕްރައިވެޓް ޕޫލަކާއި އެކު ހުންނަ ދެ ކޮޓަރީގެ ބީޗުވިއު ވިލާއެއް ރެއަކަށް ވިއްކާ އަގަކީ 7،399 ޑޮލަރެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންވެސްޓްމަންޓަށް ފަހިކުރަން ގާނޫނަށް ބަދަލު ގެނެސް މާލެ އަތޮޅުން ދޫކުރި ފަޅުތަކުގެ ތެރެއިން ތަރައްގީ ކުރި އެއް ފަޅުގައި ހެދި ރިޒް ކާލްޓަން އިން ހިންގާ މި ރިސޯޓު ތަރައްގީ ކޮށްފައިވަނީ ސިންގަޕޫރު ކުންފުންޏަކުންނެވެ. މި ތަން ހަދާފައިވަނީ ސިންގަޕޫރުގެ "ޕޮންޓިއަކް ލޭންޑުން އިންޓަގްރޭޓަޑް ރިސޯޓު" ކޮންސެޕްޓަށެވެ. މި ރަށުގައި ރިސޯޓެއްގެ އިތުރުން ޔޮޓް މެރީނާއަކާއި ފެންވަރު މަތީ ރެސްޓޯރެންޓްތައް ވެސް ހުރެ އެވެ.

ރިޒް ކާލްޓަން އިން ހުޅުވި ފަރި އައިލެންޑުގައި މީގެ ކުރިން ވަނީ ޕަޓީނާ މޯލްޑިވްސްގެ ނަމުގައި ވެސް ރިސޯޓެއް ހުޅުވާފަ އެވެ. މި ރިސޯޓުގެ އިތުރުން އެހެން ރިސޯޓުތައް ވެސް މި ފަޅުތެރޭގައި ހުޅުވަން ދަނީ މަސައްކަތް ކުރަމުންނެވެ. ދެން ހުޅުވާނީ މި ކުންފުނީގެ ޕޭރަންޓް ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ކަޕެލާ މޯލްޑިވްސް އެވެ.

ރާއްޖޭގައި ރިސޯޓު ރިޒްކާލްޓަން ރިސޯޓަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ މެރިއޮޓް އިންޓަނޭޝަނަލްގެ ބްރޭންޑެވެ. ރިޒްކާލްޓަންގައި 32 ގައުމެއްގައި 100 ހޮޓާ ހިންގަ އެވެ.