ރިޒް ކާލްޓަން މޯލްޑިވްސް

ދުނިޔޭގެ މީޑިއާއަށް: ރިޒް ކާލްޓަން ރާއްޖޭ ރިސޯޓް

Jun 9, 2021

ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒް ކާލްޓަން އިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު ރިސޯޓަށް ދުނިޔޭގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.

މާލެ އަތޮޅުގައި އޮންނަ "ރަށްފަޅު" ހިއްކައިގެން ތަރައްގީ ކުރި ރިޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑު ހުޅުވި ހަބަރު މިހާރު ވަނީ ދުނިޔޭގެ ޓޫރިޒަމް ހުރިހާ ބޮޑެތި މަޖައްލާތަކުގެ ސުރުހީއަށް އަރާފަ އެވެ. ބައެއް ނޫސްތަކުގައިވާ ގޮތުން މި ރިސޯޓު ވެގެން ދާނީ ރާއްޖޭގެ އަގު ބޮޑު ޓޫރިޒަމްގެ ހާއްސަކަން އިތުރަށް ވަރުގަދަ ވެގެން ދާނެ ޓޫރިޒަމް ޕްރޮޕަޓީ އަކަށެވެ.

ރިޒް ކާލްޓަން އިން ހުޅުވި ފަރި އައިލެންޑުގައި މީގެ ކުރިން ވަނީ "ޕަޓީނާ މޯލްޑިވްސް" ގެ ނަމުގައި ވެސް ރިސޯޓެއް ހުޅުވާފަ އެވެ. މި ރިސޯޓުގެ އިތުރުން އެހެން ރިސޯޓުތައް ވެސް މި ފަޅުތެރޭގައި ހުޅުވަން ދަނީ މަސައްކަތް ކުރަމުންނެވެ. ދެން ހުޅުވާނީ މި ކުންފުނީގެ ޕޭރަންޓް ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ކަޕެލާ މޯލްޑިވްސް އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސްޕީޑް ލޯންޗުގައި 50 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ މި ރަށުގައި އެންމެ މަތީ ފެންވަރުގެ 100 ވިލާ ހުރެ އެވެ. މި ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން އަންނަ މެހުމާނުންނަށް ޕްރައިވެޓް ޕޫލް ހިމެނޭ ގޮތަށް ހަދާފައިވާ އެއްކޮޓަރީގެ އޯޝަން ވިއު ވިލާއެއް ރެއަކަށް ވިއްކަނީ ގާތްގަނޑަކަށް 1،800 ޑޮލަރަށެވެ. އަދި ޕްރައިވެޓް ޕޫލަކާއި އެކު ހުންނަ ދެ ކޮޓަރީގެ ބީޗުވިއު ވިލާއެއް ރެއަކަށް ވިއްކާ އަގަކީ 7،399 ޑޮލަރެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންވެސްޓްމަންޓަށް ފަހިކުރަން ގާނޫނަށް ބަދަލު ގެނެސް މާލެ އަތޮޅުން ދޫކުރި ފަޅުތަކުގެ ތެރެއިން ތަރައްގީ ކުރި އެއް ފަޅުގައި ހެދި ރިޒް ކާލްޓަން އިން ހިންގާ މި ރިސޯޓު ތަރައްގީ ކޮށްފައިވަނީ ސިންގަޕޫރު ކުންފުންޏަކުންނެވެ. މި ތަން ހަދާފައިވަނީ ސިންގަޕޫރުގެ "ޕޮންޓިއަކް ލޭންޑުން އިންޓަގްރޭޓަޑް ރިސޯޓު" ކޮންސެޕްޓަށެވެ. މި ރަށުގައި ރިސޯޓެއްގެ އިތުރުން ޔޮޓްމެރީނާއަކާއި ފެންވަރު މަތީ ރެސްޓޯރެންޓްތައް ވެސް ހުރެ އެވެ.

މާލެ އަތޮޅުގައި މިދިޔަ ހަ އަހަރު ތެރޭގައި ފަޅު ހިއްކައިގެން ބޮޑު ދެ ރިސޯޓް މަޝްރޫއެއް ހުޅުވާފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ތައިލެންޑުގެ އެންމެ ބޮޑު ކުންފުނިން އެނބޫދޫ ފަޅުގައި ހުޅުވި ކްރޮސްރޯޑް މޯލްޑިވްސްގެ އިތުރުން އިތާފުށި ފަޅު ހިއްކައިގެން މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ހުޅުވި ވޮލްޑޯފް އެސްޓޯރިއާ އެވެ.