އެމްއެންޑީއެފް

ސިފައިންގެ ފަޔަ ޑްރިލެއް ހިޔާ ފްލެޓުތަކުގައި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހުޅުމާލެ ފޭސް ދޭއްގައި ފަޔާ ޑްރިލްއެއް ކުރިއަށް ގެންގޮސްފި އެވެ. ފަޔާ ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ ޓަވަރުތަކުގައެވެ.

އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ޑްރިލްއަކީ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި މީހުން ސަލާމަތް ކުރާނެ ގޮތްތައް ފަރިތަކުރުން ކަމަށެވެ. މިއަދުގެ ޑްރިލްގައި ބޭނުންކޮށްފައިވާ އެކަމަށް ހާއްސަ ފަޔާ ވެހިކަލްތައް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއަދުގެ ޑްރިލް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި މިއީ އެމްއެންޑީއެފްގެ ފަޔާ ފައިޓަރުންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތްތަކަކީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކެވެ. ހުޅުމާލެ ދެވަނަ ފޭސްގައި ކުރީގެ ރަައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ދުވަސްވަރު 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފައެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ ސިޓީގައި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ އަލިފާނުގެ ބޮޑު ދެ ހާދިސާ ހިނގާފައެވެ.

އެއް ހާދިސާއަކީ މާލޭގެ ހުޅަނގު ދެކުނު ފަރާތު ޓީޖެޓީއާ ކައިރިން ސިނާއީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި ހަތް މީހަކު ވަރަށް ބޮޑަށް ފިހިފައިވެއެވެ. އަދި ތެޔޮ ބައުޒަރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މީގެ އިތުރުން ލޯންޗެއް ވެސް އެއްކޮށް އަދައިގެން ގޮސްފައި ވެއެވެ.

އަދި މިދިޔަ މަހުގެ 28 ވަަނަ ދުވަހު "ކެފޭ ޓިއޯލޯ" ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.