ހަބަރު

އެކަމަޑޭޝަން ބްލޮކުގައި ރޯވީ ކަރަންޓް ޝޯޓެއްވެގެން

Jan 19, 2021
1

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގައި މިއަދު ރޯވެފައިވަނީ ކަރަންޓު ޝޯޓެއްވެގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފި އެވެ.

ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7،000 ހިޔާ ފްލެޓު ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ވަނީ ރޯވި އަލިފާންގަނޑު މާގިނައިރެއް ނުވެ ކޮންޓްރޯލްކޮށްފަ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ނަމަވެސް، އެ ހާދިސާގައި އަލިފާން ރޯވި އެކަމޮޑޭޝަން ބްލޮކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓް ޝޯޓެއް ވެގެން އއ. އަތޮޅުގައި އޮންނަ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ރޫމެއްގައިވެސް އިއްޔެ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.

ސިފައިންގެ ފަޔާ ޓީމުން އެ ރަށަށް ގޮސް އަލިފާން ނިއްވާލިއިރު އެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.