ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓެއްގައި މިރޭ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިހާދިސާ ހިނގާފައިވަނީ މިރޭ 8:30 ހާއިރު ހިޔާ ޓަވަރުތަކުގެ ތެރެއިން ހަތްވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގަ އެވެ.
އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ހިޔާ ޓަވަރުތައް ބަލަހައްޓަމުންދާ އާބަންކޯ އިން ބުނީ މި ހާދިސާ ހިނގާފައިވާގޮތް މިހާރު ބަލަމުންދާ ކަމަށެވެ.
ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި މިދިޔަ ހަފްތާގައިވެސް އަލިފާނުގެ ހާދިސާއެެއް ހިނގާފައިވެ އެވެ. މިރޭގެ ހާދިސާ ވެސް އަދި ކުރީގެ ރޭގެ ހާދިސާ ވެސް ހިނގީ ސިނގިރެޓް ބުއިމަށްފަހު އެއްލާލި ފިލްޓަރެއްގެ ސަބަބުން ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.