ދުނިޔެ

ކޮންގޯގެ ރަން ވަޅުތަކެއްގައި 50 މީހުން މަރުވެއްޖެ

ކޮންގޯގެ އިރުމަތީގެ ދެކުނު ކިވޫ ޕްރޮވިންސްގެ ކަމިޓުގާ އަވަށުގައި ރަން ނަގާ ތިން ވަޅެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 50 މީހުން މަރުވެއްޖެ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުަގައި އެ ހާދިސާ ހިނގަން މެދުވެރިވީ އެތައް ދުވަހެއް ވަންދެން ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ ރަން ވަޅުތަކުގެ ފަސްގަނޑު ދޫވުމުގެ ސަބަބުން ފަސްގަނޑު ކަނޑައިގެން ދިއުމާ ގުޅިގެނެވެ.

އެ ހާދިސާގައި ފަސްގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން ފެނާއި ކިސަޑާއެކު މީހުންތައް ވަޅުގެ އަޑިއަށް ދަމަގަތީ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ރަން ނެގުމުގެ މަސައްކަތުގައި އުޅުނު މީހުނާއި އެކި ތަންތަނަށް ތަކެތި އުފުއްލުމުގެ މަސައްކަތުގައި އުޅުނު މީހުނެވެ. މި ހާދިސާ ހިނގުމާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެތައް ސަތޭކަ އާންމުން ހަރަކާތްތެރިވެފައި ވެއެވެ.

މި ހާދިސާ އިިން ސަލާމަތްވި ޑިވާ ހަނޯރޭ ބުނި ގޮތުގައި ރަން ނަގާ ތިން ވަޅުގައި ބިންގަނޑު ކަނޑައިގެން ވެއްޓުނުއިރު ފަންސާހަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުން ގެންދިޔަ އެވެ. އަދި އެ ރަން ވަޅުތަކުގެ ފުންމިނުގައި 50 މީޓަރު ހުންނާނެ އެވެ.

ދެކުނު ކިވޫގެ ގަވަރުނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައި ވެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ޒުވާނުން ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ މަރުވި މީހުންނަކީ ކޮން ބަޔެއްކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިފަދަ އިތުރު ހާދިސަ އެއް ތަކުރާރުވިޔަ ނުދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިރުމަތީ ކޮންގޯ އާއި ކަސާއީ ސަރަހައްދުގެ ރަން ނަގާ ވަޅުތަކަކީ އެހާ ރައްކާތެރި ތަންތަނެއް ނޫނެވެ. ދަތި ހާލުގައި އުޅޭ އަންހެނުންނާއި ކުޑަކުދިން އާމްދަނީ ހޯދަން ރަން ވަޅުތަކުގައި މަސައްކަތް ކުރެއެވެ. މި އަހަރު ކުރީކޮޅު ހިނގި މިފަދަ ހިތާމަވެރި ދެ ހާދިސާއެއްގައި ވެސް އަށާރަ މީހުން މަރުވެފައި ވެއެވެ.