(10 ސެޕްޓެމްޓަރ 2020 އާ ގުޅޭ)
"ފިޒާ ގެއަށް އައީ ކީއްކުރަން؟... ލައިތުއާއެކު ކޮޓަރިއަށް ވަނީ.... ދެމީހުން އެކަނި ކޮޓަރީގައި ކީއްކުރީ..." ޔާދިންގެ ސިކުނޑީގައި އެނބުރެން ފެށީ ނުރައްކާތެރި ވޭންހުރި ޚިޔާލުތަކެކެވެ.
ބާރު ހަޅޭކަކާއެކު ހުރިހާ ހާސްކަމެއް ބޭރުކޮށްލަން ޔާދިން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާއަށް ދަތްކުނޑިވިކާލައިގެން ދެ ލޯ މަރާލި ގޮތަށް ހުރެވުނީއެވެ. އިސްޖެހިފައިވާ މީހަކު ފަދައިން ބޯތިރި ކޮށްލައިގެންނެވެ. ގިނައިރުތަކެއްނުވެ އޭނާގެ ފަހަތުން ފިޒާނާގެ އަޑުއިވިއްޖެއެވެ. ކުރިމަތިލުމުގެ ކުރިން އަނެއްކާ ވެސް ޔާދިން ފުންނޭވާއެއް ލައިފިއެވެ. އެ ނޭވާއާއެކު ދެ ލޯ މަރާލާފައި ހުޅުވާލިއެވެ. އެއަށްފަހު ގޭތެރެއަށް ވާހެން އެނބުރިއްޖެއެވެ. ހުދުކުލައިގެ ރޯބްއިން ހަށިގަނޑު ނިވާކޮށްލައިގެން، ތެތް އިސްތަށިގަނޑުގެ ކޮޅުތައް ކުޑަ ތުވާލިކޮޅަކުން ހިއްކަން ފިޒާނާ ހުއްޓެވެ. ޔާދިންއަށް އެ މޫނުން ތަފާތުކަމެއް ނުފެނެއެވެ.
"ގެއަށް އައީ ކީއްކުރަން؟." އޮފީސް ހެދުމުގައި ހުރި ޔާދިންގެ ފަޓުލޫނު އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލީ، އަމިއްލަ ނަފްސަށް ސާބިތުކަން ގެނައުމަށެވެ.
"ޔާދުއާ މީޓުކުރަން." ފިޒާނާ ބުނެލިއެވެ.
"އަހަރެން ހުރިތަނެއް ނޭނގުނީތަ؟. އެހެންވީރު ފޯނުން ކާކާ އަހަންނަށް ވާހަކަދެއްކުނީ." ޔާދިން ބުންޏެވެ. ފިޒާނާގެ މޫނުން ހައިރާންކަން ފާޅުވިއެވެ.
"އަހަރެން ލަސްވާނެއޭ ބުނީމަ ހީކުރީ، ޔާދިން ގެއަށް އަންނާނީ ކަމަށް..."
"ގެއަށް ނާންނަކަން އެނގުނީމަ ކީއްވެ ނުގުޅީ؟." ޔާދިން ސުވާލުކުރިއެވެ.
"ބޭނުންވީ ސަފްރައިޒްކޮށްލަން. އެކަމަކު ޔާދު ލަސްވާތީ އަހަރެން ގެއަށް އައީ، ހިތަށް އެރީ ފެންވަރާލައިގެންނޭ ޔާދުއަށް ގުޅާނީ." ފިޒާނާ ބުންޏެވެ.
"ދެން ލައިތުއާ ދެމީހުން ކޮންވާހަކައެއް ދެއްކީ؟. އޭނާގެ ކޮޓަރިއަށް ވަނީ، ފިޒާއަށް އޭނާ ހެދިގޮތް ހަނދާންނެތުނީތަ؟."
"އަހަރެން ތިގެއަށް ގޮސްގެން ނުވޭތަ؟." ފިޒާނާއަށް ބުނެވުނެވެ. ޔާދިން ހުރީ ރުޅި އައިސްފަކަން ފިޒާނާއަށް އެނގިއްޖެއެވެ. އަނެއްކޮޅުން ލައިތުއާއި އޭނާގެ ވާހަކަ ޔާދިންގެ ގާތުގައި ބުނިއްޔާ، ބުނާނީ ސެހްރާންކަން ފިޒާނާއަށް އެނގެއެވެ. އޭނާއަށް ޔާދިންގެ ކޮޓަރި ހުންނަ ފަންގިފިލާ ދެއްކީ މަރިއްޔާއެވެ. އެބަޔަށް ދެވުނުއިރު ލައިތުއާއެކު އިނީ ސެހްރާނެވެ.
"އެންމެން ދެކޭ ގޮތް ފިޒާއަށް އެނގޭއިރު އަހަރެން ވެސް ބޭނުމެއްނޫން އަހަންނާނުލާ އެ ގޭގެ އޮޅި ގިރާކުރަން، ކައިވެނިކުރާނޭ ތާރީޚެއް ފިޒާ ކަނޑަނޭޅީ އަދި ދުވަސްކޮޅަކަށް މަޑުކޮށްލަން ބޭނުންވާތީ، ފިޒާއަށް ބަދަލުތަކެއް އެބައާދޭ... އަހަންނަށް ފާހަގަވެގެން މިބުނީ، ކުރިން ތީ ލައިތުގެ ނަން އިވުނަސް ރުޅިގަދަވެގެން ހެދޭ ނުހެދޭއެއް ނޭނގޭ މީހެއް، ލައިތުގެ މައްޗަށް ތިހިތުގައި އޮތް ރުޅިވެރިކަމަށްވީ ކިހިނެއް؟... އޭނާ ދިން އަނިޔާގެ މަތިން ހަނދާންނައްތާލަން ބޭނުންވީތަ؟. އޭނާގެ ކޮޓަރިއަށް ވަންނައިރު ބިރެއް ވެސް ނުގަތް ދޯ... އަހަންނަށް ނޭނގޭ ކަމެއް ތި ދެމެދުގައި ހިނގަނީތަ؟." ދެބުމަ ކައިރިވެލީ ޔާދިންގެ އިޚްތިޔާރަކު ނޫނެވެ. ހަމައެއާއެކު ފިޒާނާގެ ލޮލާއި މޫނުން ފާޅުވި ސިހުން ޔާދިންގެ ލޮލުން ކަސިޔާރުވެގެން ނުދެއެވެ.
"އަހަރެން ކީއްކުރަންތަ އޭނާގެ ކޮޓަރިއަށް ވަންނަނީ، އެއްވެސް ކަމެއް ހަނދާންނެތިގެން މަށެއްނޫޅެން، ޔާދު ތިކަހަލަ އިލްޒާމެއް އަހަރެންގެ ބޮލުގައި އަޅުވާނޭ ހިޔެއްނުކުރަން... ލައިތު ވެސް ވާހަކަދެއްކީމަ އޭނާއާ ވާހަކަދެއްކީ، އެންމެންނަށް އެނގޭ ދޯ އަހަރެން އުޅެނީ ޔާދިންއާ އިންނަންކަން، ޢާއިލާގެ މަޞްލަޙަތައް ޓަކައި އެންމެންނާ ގުޅުން ބަދަހިކުރަން ބުނީ ޔާދިން، އެކަން ހަނދާންނެތުނީތަ؟... އަހަރެން ތިގެއަށް ދިޔައިރު، ލައިތުއާއެކު ސެހްރާނު ވެސް އިން، އަހަރެން އެ ކޮޓަރިއަކަށް ނުވަންނަން، ޔާދިން ލަސްވާތީ އެ ދެމީހުން ކައިރީ ދަނީއޭ ބުނެފައި ސީދާ ގެއަށް އައީ... ޔާދިން ތިކަހަލަ ޝައްކުކުރަންވީ ކީއްވެ؟. ކެންޒާދެކެ ލައިތު ސީރިއަސްވެފައިވާވަރު އަހަރެން ކައިރީ ދެއްކި މީހަކީ ތީ... އެކަންވެސް ހަނދާންނެތުނީތަ؟، ލައިތުއާއި ކެންޒާގެ ދެމެދަކަށް ނުވަދެވޭނޭ ވެސް ބުނީމެންނު، ކެންޒާ ދޫކޮށްލާ ފަދަ ވިސްނުމެއް ލައިތުގެ ނެތޭ ބުނި... ދެން ކީކޭ ކިޔަން ތިއުޅެނީ؟." ފިޒާނާ ވެސް ރުޅި އައިސްފިކަން ދައްކާލިއެވެ.
ހިމޭންވެފައި ފިޒާނާއާ ދިމާއަށް ޔާދިން ބަލަން ހުރީއެވެ. އޭނާގެ އަތަކު ސާބިތު ހިފޭ ހެއްކެއް ނެތެވެ. ބުންޏޭ ބުންޏޭ، ކިޔައިގެން ދައްކާ ވާހަކައަކުން ދެކޮޅެއް ނުޖެހޭނެކަން އޭނާއަށް ވިސްނެއެވެ. ފެށުނީއްސުރެން ވެސް ސެހްރާނަކީ ޢާއިލާގެ އެންމެންނާ ގުޅޭ ޒުވާނެކެވެ. އޭނާ ދޮގު ނުހަދާނޭކަން ޔާދިން ޤަބޫލުކުރެއެވެ. އޭނާ ފާހަގަކުރުމުގެ ކުރީން ވެސް ލައިތުއާއި ފިޒާނާގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެއްޖެހެން ޔާދިންއަށް އޮތީ ހީވެފައެވެ. އެކަން ސެހްރާނަށް ވެސް ފާހަގަވެއްޖެކަން މިއަދު ޔާދިންއަށް އެނގިއްޖެއެވެ. އޭނާއަށް ހިމޭންވާން މަޖުބޫރު ކުރީ، އެއްކޮޅުން ފިޒާނާދެކެ ވާ ލޯތްބެވެ. އަނެއްކޮޅުން ސެހްރާނަށް ކުރެވޭ އިތުބާރެވެ. ޔާދިންގެ ހިތަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބުނެވެ.
* * * * *
ނިތްކުރިއާއި ދެ ލޯ ފޮރުވޭނޭހެން، ބާއްވަލެވިފައި އޮތް ވައަތްތިލަ ހިއްލާލުމާއެކު، އެނދުމަތިން ޒުބިން ތެދުވެއްޖެއެވެ. ތަޅުމުގައި ދެފައި ޖައްސާލި ގޮތަށް އެނދުއަރިމަތީ އިށީނދެލައިގެން އިނީ ކަމަކަށް ގެއްލިފައެވެ. ފިނިނޭވާއެއް ދޫކޮށްލުމުން ވެސް، ހިތަށް ލިބިފައިވި މޮޅިވެރިކަމުގެ އިޙްސާސް އޭނާއާ ވަކިވެގެން ނުދިޔައެވެ. މޭގައި ކަނާއަތްތިލަ ޖައްސާލައި، ކުރިއަށްވުރެ ފުން ނޭވާއެއް ލައިފިއެވެ. ދެލޮލުން ކަރުނަ ނުހިލުނަސް އޭނާގެ މޭގެ ހިމާޔަތުގައިވި ހިތް ރޮނީއެވެ.
ނިދާ ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމާއެކު ހުރި ބަދިގެއަށް ޒުބިން ވަނެވެ. ބެލްކަނީގެ ދޮރު ވެސް ނުލައްޕާ ހުރިކަން އެނގުނީ ޒުބިންގެ މޭގައި ބީހިލި ލުއިލުއި ވައިރޯޅިންނެވެ. ރޭގަނޑު ކާގަޑި ފަހަނަ އަޅައި ހިނގައްޖެއެވެ. ކައުންޓަރޓޮޕް މަތީ ނިޒާމު ހިފައިގެން އައި ތަށިބަރި، ކޮތަޅުން ވެސް ނުނަގާ އެ ބެހެއްޓި ގޮތަށް ހުއްޓެވެ. ކާހިތްނެތިފައި ހުރި ޒުބިން ކަރަންޓު ޖަގުން ފެންފޮދެއް ކައްކަން ޖެއްސިއެވެ. ދެން މަތީ ކަބަޑަކުން ޖޯޑެއް ނަގައި، ފެންކެކުމުން ކޮފީތަށްޓެއް އަމިއްލައަށް ތައްޔާރުކޮށްލިއެވެ. ކޮފީޖޯޑު ހިފައިގެން އައިސް ޒުބިން އިށީނީ ސިޓިންރޫމުގައި ހުރި ސޯފާގައެވެ. އޭނާގެ ސިކުނޑީގައިވަނީ ކެންޒާއެވެ. ހަވީރު ދެ މީހުން ބައްދަލުވެ ދެކެވުނު ވާހަކަތައް ޒުބިންގެ ކަންފަތާއި ސިކުނޑީގައި ގުގުމަނީއެވެ. އެކުގައި ހޭދަކުރެވުނު އެ ކުޑަ ވަގުތުކޮޅުގެ މަންޒަރުތައް، ލޯކުރިމަތިން ހިނގަހިނގާ ހުރި ވީޑިއޯއެކޭ އެއްފަދައެވެ.
"އައި މެޓް ސަމްވަން... އަހަރެމެންގެ ރިލޭޝަންޝިޕްއަށް ސިކްސް މަންތްސް ވެއްޖެ، އަހަރެން ވަރަށް ލޯބިވޭ އޭނާދެކެ، ކިޔަވައިގެން ހުރި ރަނގަޅު މީހެއް އެއީ، އޭނާގެ ޢާއިލައަށް ވެސް އަހަރެމެންގެ ގުޅުން މިހާރު އެނގޭ، ޒުބިން ބުންޏަސް އަހަންނަށް އޭނާ ދޫކޮށްލެވޭކަށްނެތް... އެއީ އަހަރެންގެ މުސްތަޤްބަލް. މިހާރު މިވަގުތު މިތަނުގައި ޒުބިންނާއެކު އިންކަން އޭނާއަށް އެނގޭ، އަހަރެން އޭނާއަށް ކިޔައިދިނިން... ޒުބިން ސިންގަލްވެގެން އެނބުރި އަންނަންދެން އިންތިޒާރުކުރާނެ ކަމަށް އަހަރެން އެއްފަހަރު ވެސް ވަޢުދެއްނުވަން. ތެދަށް ބުނަންޏާ އަހަރެމެންގެ ގުޅުން ނިމިއްޖެ، ޒުބިން ދިރިއުޅުމެއް ފެށީކަން އަހަންނަށް އެނގުނު ދުވަހު. ދެރަވެގެން އުޅުނު ދުވަސްތައް މާޒީއަށް ވެއްޖެ... އެހެންވީމަ އަހަރެން ގާތު ތިހެން ނުކިޔާ، ޒުބިން ކިތަންމެ ލޯބިވިޔަސް، އަހަންނާ އިންނަން ތައްޔާރަށް ހުރި ނަމަވެސް... އެކަންވާކަށްނެތް، އައި އޭމް ސޮރީ... އައި ޑޯންޓް ވޯންޓް ޓު ހާޓް ޔޯ ފީލިންގްސް، ބަޓް އިޓްސް ޓޫ ލޭޓް ނައު... ޓޫ ލޭޓް ފޯ އަސް... އައި ޑޯންޓް ހޭވް ފީލިންގްސް ފޯ ޔޫ."
ކޮންމެ ލަފުޒެއް ލަސްވެފައި، ވަކިންވަކިން ޒުބިންއަށް އިވެމުންދިޔަ ކަހަލައެވެ. އެއީ ޒުބިންގެ ހަޔާތަށް ކެންޒާ ގެންނަން ބޭނުންވާކަން ހަމާކުރުމުން، އޭނާއަށް ލިބުނު ޖަވާބެވެ. އެމީހަކީ ކާކުތޯ އަހަން ކިތަންމެ ފަހަރަކު ޒުބިންގެ ހިތަށް އެރިއެވެ. ނަމަވެސް އަމިއްލަ ދޫ ހިފެހެއްޓީއެވެ. ހިތަށް ލިބުނު ނުތަވަސްކަމުގައި ކެންޒާގެ ހިތުގައި ޖެހޭ ފަދަ އެއްޗެއް އެ ދުލުން ބުނެވިދާނޭތީއެވެ. ކެންޒާ، އެމީހަކު ދެކެ ވާ ލޯބި ފެނި، ވޭން އިޙްސާސްވަމުންދިޔަ ޒުބިންގެ ހިތަށް ހަސަދައިގެ ވިހަ ފެތުރިދާނޭ ހީވެފައެވެ. ކެންޒާދެކެ ކިތަންމެ ލޯބިވިޔަސް އޭނާގެ މައްޗަށް ގަދަވެގަތުމަކީ ޒުބިން ކުރާނޭ ކަމެއްނޫނެވެ. އޭނާ އަބަދުވެސް ކެންޒާގެ އުފާވެރިކަމަށް އިސްކަން ދެއެވެ.
ދިރިއުޅުމުގެ ސަފުޙާތަކަށް ޒުބިން ބަލަންފެށިއެވެ. އޭނާއަށް ކެންޒާ ލިބުނެވެ. އޭނާ ބުނި ކޮންމެ ގޮތަކަށް އޭރުގަ ކެންޒާ ރުހޭނެއެވެ. ނަމަވެސް އޭނާގެ އަތުން ކެންޒާ ބީވެގެން ދިޔައީ ގަސްދުގައެއް ނޫނެވެ. އޭނާ ކެންޒާއަށް އަނިޔާވެރިއެއްނުވެއެވެ. އެ ދެމެދުގައި އޮތް ގުޅުން ކަނޑާލީ ތަޤުދީރެވެ. އެހެން އަންހެނަކު ހަޔާތަށް ގެންނަން ޖެހުނީ ތަޤުދީރު، އެ ހާލަތު އޭނާއާ ކުރިމަތިކުރުވީމައެވެ. ކުރި ދިގު އިންތިޒާރުން އޭނާއަށް މިއަދު ލިބުނު އެއްޗެއް ނެތެވެ. އިންތިޒާރުގެ ނިމުން ފޮނިވާނޭކަމުގައި އޭނާ ހުރީ އުންމީދުކޮށްގެންނެވެ. އެކަމަކު ކުރިހާ އުންމީދެއް ފުނޑުފުނޑުވުމުން، ލިބޭނީ ކޮން ފޮނިމީރުކަމެއްހެއްޔެވެ. ހާސިލުވުމަށް އެންމެ ބޭނުންވި ލޯބި، ޒުބިންގެ އަތުން ބީވީއެވެ. އަނެއްކާވެސް މީ ދިގު އިންތިޒާރެއްގެ ފެށުން ހެއްޔެވެ. ނޫނީ އަބަދުގެ އަބަދަށް ޒުބިންއަށް ކެންޒާ ގެއްލުނީބާއެވެ. ބަރެއް އެލުވާފައިވާ ޗޭނުގަނޑެއްގައި ހައްޔަރުވެފައިވާ މީހަކު ފަދައިން މި ދެ ސުވާލުގައި ޒުބިންގެ ނަފްސު ހައްޔަރުވެފައިވެއެވެ.
* * * * * *
ސަލާމަށް ފުރަތަމަ ވެސް އަތްދިއްކޮށްލީ ލައިތެވެ. އޭނާ ކެންޒާއާއި ކައިފް ގޮވައިގެން އައީ ހުޅުމާލޭގެ އަތިރިމަތީގައި ހަދާފައި ހުރި ރެސްޓޯރެންޓަކަށެވެ. ކައިފްގެ ސިފައަށް އައިސްފައި ހުރި ބަދަލު ލައިތަށް ފާހަގަވިއެވެ. މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމުގެ އަސަރުން އަދިވެސް ކައިފްގެ ހާލު ރަނގަޅުހެން ލައިތަށް ހިޔެއްނުވެއެވެ. ކިހިނެއްތޯ އަހާލުން ފިޔަވާ، އޭނާ ކައިފްގެ ބައްޔާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ.
ލައިތު ބެހެއްޓި ގާތްކަން ކައިފްއަށް ކަމުދިޔައެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ކެންޒާދެކެ ވާ ލޯބި ކައިފްއަށް ފެނެއެވެ. ކެންޒާއާ ކައިވެނި ކުރުމުގެ ވިސްނުން ލައިތު ގެންގުޅޭކަން ކައިފް ގާތު ބުންޏެވެ. އެ ދެމެދަށް ޢާއިލާގެ ފަރަގު ވަދެދާނޭތޯ ކައިފް ސުވާލުކުރިއެވެ. އެ ސުވާލަށް ކައިފް އުންމީދުކުރި ވަރަށްވުރެ ވެސް ފުރިހަމައަށް ލައިތު ޖަވާބުދިނެވެ. ޢާއިލާގެ މުއްސަނދިކަމަކީ އޭނާގެ މުއްސަނދިކަމެއްނޫންކަމެވެ. ކެންޒާއާ ކައިވެނި ކުރުމުގެ ވިސްނުން ހުރިއިރު، ދުވަހަކުވެސް ވަކިވުމުގެ ޚިޔާލެއް ނެތްކަން ލައިތު ބުންޏެވެ. ދެރަނިކަމެއްޗެއްގެ ގޮތުގައި އުޅެން ޖެހޭނޭ ހާލަތެއް މެދުވެރިވީ ނަމަވެސް، ކެންޒާއާއެކުނަމަ އެ ދިރިއުޅުމަކީ އުފާ ފާގަތި ދިރިއުޅުމަކަށްވާނޭކަން ލައިތު ބުންޏެވެ. ކައިފްއާއި ލައިތުއާ ދެމެދު ދެކެވޭ ވާހަކަތައް އަޑުއަހަން ކެންޒާ އިނީ އުފަލުން އުދުއްސައިގަންނަން ބޭނުންވެފައެވެ.
* * * * *
ލައިތުގެ ފޯނަށް ގުޅުމުން ބިޒީކޮށްލާތީ ފިޒާނާއަށް ތުންހަދާލެވުނެވެ. ފަސް ފަހަރަށް ގުޅައި، ހަވަނަ ފަހަރަށް ގުޅަންވީއިރު ލައިތު ފޯނު ނިއްވާލައިފިއެވެ. ފިޒާނާ ރުޅިގަދަވިއެވެ. އޭނާ ހިތްބިރުގަންނަ ގޮތް ވަނީއެވެ. ލައިތު އަނެއްކާ ކެންޒާއާއެކު ވަގުތު ހޭދަކުރަނީބާއޭ ހިތަށް އަރާފައެވެ. ވަގުތުން ޔާދިންއަށް ގުޅިއެވެ. އެ ދެމެދުގައި ބަދަލުކުރެވުނު ހޫނު ސުވާލުތަކަށްފަހު ޔާދިން ނުކުމެގެން ދިޔައީއެވެ. އޭގެ ފަހުން ފިޒާނާއަކަށް އޭނާ އަދި ނުގުޅައެވެ.
ދެފަހަރަށް ފިޒާނާ ގުޅުމުން ޔާދިން ފޯނު ނެގިއެވެ. އެއަޑުގައި ހުރި ބަރުކަން އިޝާރާތްކުރީ އޭނާ އޮތީ ނިދާފައި ކަމެވެ. އެހެންވިޔަސް އޭނާ ނިދަން ބޭއްވުމުގެ ގަސްދެއް ފިޒާނާގެ ނެތެވެ. އޭނާ އިނީ އެގެއަށް ދާން ބޭނުންވެފައެވެ. ލައިތުގެ ޚަބަރެއް އޮޅުންފިލާތޯއެވެ. އަވަސްވެފައިވި ހިތުގެ އަސަރު ފިޒާނާގެ ދުލަކު ނެތެވެ. އޭނާ ވާހަކަދެއްކީ ނިކަން މަޑުމަޑުންނެވެ. ޔާދިން ދުށުމަށް ބޭނުންވެގެން އާދޭސްކޮށްލިއެވެ. އޭނާގެ ގާތަށް ދަންތޯ އެއްސެވެ. ޔާދިން ރުޅިއައިސްގެން ދިއުމުން ފިޒާނާއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭކަން ބުންޏެވެ. އެއްޗެކޭ ނުބުނެ އިރުގަނޑަކު އިނދެފައި ޔާދިން އެބަދަން ކަމުގައި ބުނެލިއެވެ. އެހިނދު ފިޒާނާ އޭނާ ހުއްޓުވިއެވެ.
"އެނގޭ ނިދާފައި އޮއްވަކަން ގުޅުނީ، ފެންވަރައިގެން މިކޮޅަށް އާދެވޭއިރު ހުންނާނީ ކިހާއިރެއްވެފައި، ޔާދު މަޑުކުރޭ... އަހަރެން ޔާދު ކައިރިއަށް މިއަންނަނީ... ތި އޮތްގޮތަށް ނުތެދުވެ އޮންނައްޗޭ...ޕްލީޒް" ފިޒާނާ ބުންޏެވެ.
ޔާދިން އެއްބަހެއްނުވިއެވެ. ފިޒާނާގެ މޫނުން އިންތިހާ ދަރަޖައިގެ ފޫހިކަން ފާޅުވެލިއެވެ. ޔާދިންގެ ރުޅި އަދިވެސް މަޑުނުވަނީކަން ފިޒާނާއަށް އެނގުނެވެ. އެހެންވިޔަސް އޭނާގެ ދުލުން ކިޔާލެވުނީ ކެންޒާގެ ނަމެވެ. ޔާދިން އަންނަނީއޭ ބުނެ ކޯލު ކަނޑާލިއެވެ. ގަދަ ރުޅިން މީހާއަށް ވެރިވި ހަރުކަށިކަމުގައި އަތުގެ ތެރޭ ފޯނު ހިފަހައްޓާލެވުނީ ފުނޑުފުނޑުކޮށްލަން ބޭނުންވެފައި ހުރި ހެންނެވެ. ފޯނު ހޫރާލުމަށް ފިޒާނާ އަތްމަޅާލިއެވެ. އެކަމަކު ހުރާލާކަށް ނުކެރުނެވެ. ކުދި ކިޔަކިޔާ ސޯފާއަށް ދެފައި އަރުވައިގެން އޭނާ އިނީއެވެ.
* * * * *
ފާޚާނާއިން ނުކުމެ އެނދުގައި ކައިފް ހަމަޖެހިލިއެވެ. އޭނާ ވިސްނަމުންދިޔައީ ލައިތުއާ މެދުއެވެ. އޭނާއަށް ލައިތު ކަމުދިޔައިރު މަންމައަށް ކަމުދާނޭކަން ޔަގީންވެއެވެ. ތަޅުންމަތީ އޮތް ގޮދަޑީގައި އަރިއަކަށް މިންނާ އޮތީ ފޮތެއް ހިފައިގެންނެވެ. ކެންޒާ ނުބުނާށޭ ބުންޏަސް މަންމަ ގާތުގައި ހުރިހާ ވާހަކައެއް ކިޔައިދޭން ކައިފް ނިންމިއެވެ. މަންމައަށް ގޮވާލަން އުޅެފައި ކައިފް ނޭފަތް ފުހެލީ ނޭފަތުން އެއްޗެއް އަންނަހެން ހީވެގެންނެވެ. ބާލީހުގައި ހޭކިދާނެތީއެވެ. ދެން އަތްތިލަ ބަލާލިއިރު ހުރީ ލޭކުލަ ހޭކިފައެވެ. އެނދުން ތެދުވުމާއެކު ކައިފް ވަނީ ފާޚާނާއަށެވެ. ލައިތު ކާން ބުނުމުން ވެސް ކައިފް ނުކައި އައީ މޭނުބައި ކުރާތީއެވެ. ކެންޒާއާއި ލައިތުގެ ކުރިމަތީ އޭނާ އިނީ ހަށިގަނޑުގައި ނެތް ހިތްވަރު ދައްކައިގެންނެވެ.
"ކައިފް... ކައިފް..." މިންނާ ތެދުވީ ކައިފް އަނގަމަތި ނިވާކޮށްގެން ފާޚާނާއަށް ދިޔަ ގޮތް ފެނިފައެވެ.
"މަންމާ... ކޮންމެވެސް ގޮތެއް އެބަވޭ..."
ފާޚާނާގެ ދޮރު ބޮޑަށް ހުޅުވާލުމާއެކު މިންނާއަށް ފެނުނީ ތަޅުންމަތީ އިށީން ކައިފްއެވެ. ނޭފަތުގައި ހިފަހައްޓައިގެން އިންއިރު އެ އަތާއި ތަޅުމުގައި ހުރި ލޭ މިންނާއަށް ފެނިއްޖެއެވެ. މިންނާ ދުއްވައިގަނެވުނީ ކޮޓަރިން ބޭރަށެވެ. އޭނާ އައިސް ކެންޒާގެ ކޮޓަރީގައި ތަޅައިގަތެވެ. ދޮރުހުޅުވާލި ކެންޒާގެ ގާތު އަވަހަށް އެމްބިއުލާންސެއް ގެންނާށޭ މިންނާ ބުންޏެވެ.
"ދޮންބެއަށް ކަމެއްވީތަ؟..." ކެންޒާއަށް އަހާލެވުނެވެ.
"އަވަހަށް ގުޅާބަލަ..." ވީގޮތެއް ކިޔާދިނުމުގެ ބަދަލުގައި އަޑަށް ބާރުލާފައި މިންނާ ބުންޏެވެ.
ކަންފަތުގައި ޖަހާލި ފޯނު ކެންޒާ ދުރުކޮށްލީ އެމްބިއުލާންސްއެއް ލިބުނީމައެވެ. ނިދަންލާ ޓީޝާޓާއި ހަރުވާޅު ބަދަލުކޮށްލުމާއެކު ކެންޒާ އަވަހަށް ކައިފްގެ ކޮޓަރިއަށް އަތުވެއްޖެއެވެ. ދޮންބެ ގަމީސް ބާލުވައި އައު ގަމީހެއް ލައްވުވަން މަންމަ އުޅެއެވެ. އޭރު ކައިފްގެ ނޭފަތާ ދިމާލުން ތުވާލިގަނޑެއް ޖައްސާފައި ހުއްޓެވެ. ކައިފް އެހެން އިނދެފައި އޯކަށް ދެމިގަތެވެ. އެއާއެކު ހޮޑުގައި ވެސް ލޭހުރިކަން ކެންޒާއާއި މިންނާއަށް ފެނުނެވެ. ސިހުމުގައި ކެންޒާ ހުއްޓުން އެރިޔަސް، މިންނާގެ ފުށުން އެފަދަ ސިހުމެއް ނުފެނެއެވެ. އޭނާ ކެންޒާއަށް ގޮވާލީ ނިކަން ބާރަށެވެ. ދޮރޯށި ދޮށަށް ގޮސް އެމްބިއުލާންސް އަންނަން ދެން ހުންނަން މިންނާ ބުންޏެވެ. (ނުނިމޭ)