ދުނިޔެ

ހަތިޔާރު ބަހައްޓައި، ހަމަލާ ހުއްޓާލަން ތާލިބާނުންނަށް ގޮވާލައިފި

Sep 13, 2020

ދޯހާ (ސެޕްޓެމްބަރު 13) - އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ތާލިބާނުން ހަތިޔާރު ބަހައްޓައި، ހަމަލާތައް ދިނުން ހުއްޓާލަން އެ ގައުމުގެ ސަރުކާރުން ގޮވާލައިފި އެވެ.

އެތައް އަހަރެއްގެ ހަނގުރާމައަށް ފަހު، ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ފަށާފައިވާ ސުލްހައިގެ މަޝްވަރާތަކުގައި، ސަރުކާރުގެ ވަފުދުގައި އިސްކޮށް ހުންނެވި އަބްދުﷲ އަބްދުﷲ ވިދާޅުވީ، ހަނގުރާމަކޮށްގެން އެއްވެސް ފަރާތަކަށް ކާމިޔާބެއް ނެތް ކަމަށެވެ.

އަފްޣާނު ސަރުކާރުގެ ފަރާތުން 21 މެމްބަރުންގެ މަޝްވަރާގެ ވަފްދުގައި އިސްކޮށް ހުންނެވީ ކުރީގެ އިންޓެލިޖެންސް ވެރިއެއް ކަމަށްވާ މައުސޫމް ސްޓަނެކްޒާއީ އެވެ.

ތާލިބާނުގެ ޓީމުގައި އިސްކޮށް ހުރީ އެ ޖަމާއަތުގެ ވެރިޔާ ހައިބަތުﷲ އަހުންޒާދާގެ އެޑްވައިޒަރު އަދި އެ ޖަމާއަތުގެ އުއްތަމަ ފަނޑިޔާރު މައުލަވީ އަބްދުލް ހަކީމެވެ.

މީގެ އިތުރުން އެ މަޝްވަރާތަކުގައި އަފްޣާނިސްތާނުގެ ހައި ކައުންސިލްގެ ޗެއާޕާސަން އަބްދުﷲ އަބްދުﷲ އާއި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯގެ އިތުރުން ތަލިބާނުގެ ޑެޕިއުޓީ ލީޑަރު މުއްލާ ބަރަދާރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ތާރީހީ މަޝްވަރާތަކުގެ ދަށުން، ދެ ފަރާތުން އެއް މޭޒެއްގެ ދޮށަށް ފުރަތަމަ ފަހަރަށް ދާން ހަމަޖެހިފައި ވަނީ ހޯމަ ދުވަހެވެ.

މަޝްވަރާތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހަމަލާ ދިނުން ހުއްޓާލުމުގެ އެއްވެސް އިޝާރާތެއް ތާލިބާނުން ދީފައެއް ނުވެ އެވެ. ނަމަވެސް، އަފްޣާނިސްތާނުގައި ހިނގަން ޖެހޭނީ އިސްލާމީ ޝަރީއާ ކަމަށް ވަފްދުން ވަނީ ބުނެފަ އެވެ.

އެ މަޝްވަރާތައް އިންތިޒާ މުކުރުމުގެ ފަހަތުގައި އޮތް އެމެރިކާއިން ވަނީ ދެ ފަރާތުން ވެސް އެއްބަސްވުމަކަށް އައުމަށް ގޮވާލައިފަ އެވެ.

މިދިއަ މާޗް މަހު ތާވަލުކުރި މަޝްވަރާތައް ލަސްވެގެން ދިއައީ، ގައިދީން ބަދަލުކުރުމާމެދު އުފެދުނު ދެބަސްވުންތަކުގެ ތެރެއިންނެވެ. ހަނގުރާމައިގެ ތެރެއިން ހައްޔަރު ކޮށްފައިވާ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކީ އެމެރިކާ އާއި ތާލިބާނާ ދެމެދު މިދިއަ ފެބްރުއަރީ މަހު ސޮއި ކުރި އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން އަފްޣާނުގެ 1،000 ސިފައިން ދޫކޮށްލަން އެއްބަސްވެފައިވާއިރު، އަފްޣާނު ސަރުކާރުން 5،000 ތާލިބާނުގެ ގައިދީން ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ތާލިބާނުންގެ ހަ ގައިދީން ދޫކޮށްލުމާމެދު ފްރާންސްގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެ ހަ މީހުނަކީ އެ ދެ ގައުމުގެ ރައްޔިތުންތަކެއް މަރުވި ހަމަލާތަކެއްގެ ފަހަތުގައި އިސްކޮށް ތިބި މީހުންކަމަށް އެ ދެ ގައުމުން ބުނެ އެވެ.

އަފްޣާނު ސިފައިންނަށް އަމާޒުކޮށް މިދިއަ ފެބްރުއަރީ މަހުން ފެށިގެން ދިން އެކި އެކި ހަމަލާތަކުގައި އާއްމުންގެ 12،000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މަޝްވަރާގެ މޭޒު ދޮށަށް ދެ ފަރާތުން ދާން ހަ މަސް ދުވަސް ނެގިއިރު، މި މަޝްވަރާތަކުގެ ތެރެއިން އެދެވޭ ނަތީޖާއެއް ނެރުމަކީ ގޮންޖެހުންތައް ގިނަ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.