ރައީސް މުހައްމަދު ނަޝީދު

"ލިބުނީ ނުރަނގަޅު މައުލޫމާތެއް، މައާފަށް އެދެން"

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވި ކަމަށް ޓްވީޓް ކުރެވުނީ ލިބުނު ނުރަނގަޅު މައުލޫމާތެއްގެ ސަބަބުން ކަމަށާ އެކަމަަށް ނިހާޔަތަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ވަނީ ޑީޖޭ މައިމޫނާގެ މަންމަ ނިޔާވި ކަމަށް ވިދާޅުވެ އެކަމަނާއަށް ތައުޒިޔާ ވިދާޅުވާ ޓްވީޓެއް ކުރައްވާފައެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ފަހުން އެމަނިކުފާނު ވަނީ އެ ޓްވީޓް ޑިލީޓްކުރައްވާފައެވެ.

އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ނުރަނގަޅު މައުލޫމާތެއް ލިބިވަޑައިގަތީ ކަމަށެވެ. އަދި ކުރިން ކުރެއްވުނު ޓްވީޓާއި ގުޅިގެން މައާފަށް އެދިވަޑައިގެންނެވިއެވެ. ރައީސް ނަޝީދު ވަނީ މައިމޫނާގެ މަންމާފުޅަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

"ކޮންމެ ދުވަހަކު މައިމޫނާ އަބޫބަކުރު އެ ކުރައްވާ މަސައްކަތް އަޅުގަނޑުގެ ހިތަށްއަރާ، އަދި ހާއްސަކޮށް މި ދަނޑިވަޅުގައި މަންމަ ބަލިވުމުންވާނެ ގޮތް އިހުސާސް ކުރެވޭ،" އިނގިރޭސިވިލާތުގައި ހުންނަވައިގެން ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮވިޑްގެ ބަލި މަޑުކަމުގައި ދިވެހިން ހަ މަސް ދުވަސް ހޭދަކޮށްފައިވާއިރު ބަލިން ރައްކާތެރިވުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ޑިރެކްޓަރު ޖެނެރަލްގެ ދައުރު ވަރަށް ބޮޑެވެ. ކޮވިޑްގެ ބަލިމަޑުކަން ފެށުނީސުރެ އެކަމަނާ ގެންދަވަނީ ދަރުބާރުގޭގައި ފްރަންޓްލައިން ޓީމާއެކު މަސައްކަތް ކުރައްވަމުންނެވެ.