ހަބަރު

ނަޝީދު، މައިމޫނާ ދިފާއު ކުރައްވައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫ ބަކުރަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފާޑުވިދާޅުވުމުން އެކަމަނާގެ ދިފާއުގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ކަންކަމަށް ރިއާޔަތްކޮށް މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި ބިލްތަކަށް ބަހުސް ކުރައްވަމުން މީގެ ކުރިން ވެސް ޖާބިރު މައިމޫނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. މައިމޫނާ އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު މިއަދުގެ ޖަލްސާގައި ވެސް މައިމޫނާއަށް ފާޑުވިދާޅުވެފަ އެވެ. ގާނޫނު އަސާސީއަށް ހިލާފަށް މައިމޫނާ އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމަނާ ހައްޔަރު ކުރުމަށް ވެސް ޖާބިރު މިއަދު ގޮވާލެއްވި އެވެ.

މައިމޫނާ ހައްޔަރުކުރަން ޖާބިރު ގޮވާލެއްވުމުން އޭނާ ވާހަކަ މެދުކަނޑާލައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ރޯގާ ފެތުރިގެން ދިޔަ ދުވަސްވަރުގައި މައިމޫނާއާއި އެޗްޕީއޭއިން ކޮށްދީފައިވާ ބުރަ މަސައްކަތްތައް މެންބަރުން ބަލައިގަނެ ޝުކުވެރިވާން ޖެހޭ ކަމަށެވެ.

"މައިމޫނާގެ ހިދުމަތްތަކާއި އެ ބޭފުޅާ ކޮށްދެއްވާފައިވާ މަސައްކަތްތަކަށް، ހާއްސަކޮށް މި ރޯގާގެ ތެރޭގައި އެ ބޭފުޅާގެ ސާބިތުކަމާއި ހަރުދަނާ ކަމާއި އަޅުގަނޑުމެން ރައްޔިތުންނަށް އިރުޝާދު ދެމުން ދިޔަ ގޮތް، އެއީ އަޅުގަނޑު ހިތުން މަޖިލީހުގެ ހުރިހާ މެންބަރުން އެ ބޭފުޅާއަށް ޝުކުރުވެރިވާން ޖެހޭ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

މައިމޫނާގެ ހިދުމަތްތައް މަޖިލީހުގެ މެންބަރުން ބަލައިގަންނަން ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ކޮވިޑް-19 ގެ ހާލަތުގައި ސަރުކާރުންނާއި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް މަޖިލީހުގެ ތަޅުމުގައި އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ނަޝީދެވެ.

އެމަނިކުފާނު އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވީ މާލެ ލޮކްޑައުންގެ ހާލަތަށް ގެނައިއިރު، މާލެއަށް އެކި ބޭނުންތަކަށް އައިސް ތިބި ރަށްރަށުގެ މީހުން އަނބުރާ ރަށަށް ނުދެވި ލަސްވުމާ ގުޅިގެނެވެ. ދަތުރުފަތުރުތައް މަޑުޖައްސާލައި، މަގުމަތީގައި ނޫޅޭ ގޮތަށް ކާފިއު ހިންގާފައި އޮންނާތީ ވެސް ބައެއް ފަހަރު ފާޑުވިދާޅުވެފައިވެ އެވެ.