ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ތަފާތު ފިކުރުގެ މަޝްވަރާ މަޖިލީހަށް ބޭނުން ވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަން ތަފާތު ފިކުރާއި ހިޔާލުގެ ބޭފުޅުންގެ މަޝްވަރާ ބޭނުން ވާނެ ކަމަށާއި މަޖިލީހަށް ވަޑައިގަންނަވާނީ ހަމައެކަނި ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު މި ގޮތަށް ވިދާޅުވީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ސިއްހީ މައުލޫމާތުތައް މަޖިލީހަށް ހޯދަން ސިއްހީ ގިނަ އިދާރާތަކާއި ބޭފުޅުންނާ ބައްދަލު ކުރަން އެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ތާވަލުކޮށްފައި ވަނިކޮށެވެ. އޭގެ ތެރޭގައި ކުރީގެ މިނިސްޓަރުންގެ ބައްދަލުވުމެއް ވެސް ހިމެނެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ އަބަދު ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ނޫން ކަމަށެވެ. އެކި ހިޔާލުގެ އެކި ބޭފުޅުން މަޖިލީހަށް ވަޑައިގަނެ މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 އިގެ ގިނަ ކޭސްތަކެއް ކޮންމެ ދުވަހަކު ވެސް ފެންނަ އިރު، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުން ވަނީ ރައީސް ނަޝީދާ ދާދި ފަހަކުން ބައްދަލު ކޮށްފަ އެވެ. އޭގެ ފަހުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވައި، އެ ކަން ހިއްސާ ކުރައްވައިފަ އެވެ.

ކޮމިޓީގެ މެންބަރުންނާ ނަޝީދު ބައްދަލު ކުރެއްވި ފަހުން، ކޮމިޓީން ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ނަޝީދާ ބައްދަލު ކުރި ޑޮކްޓަރުންނާ ބައްދަލު ކުރަން ކޮމިޓީން ނިންމި އެވެ.

ކޮމިޓީން އިއްޔެ ވަނީ އެ ޑޮކްޓަރުންނާ ބައްދަލުކޮށްފަ އެވެ. ޑޮކްޓަރުން ވަނީ ސަރުކާރުގައި އޮންނަން ޖެހޭ ސިއްހީ ބައެއް އިސް މަގާމުތަކަށް އަދިވެސް ބޭފުޅުން ހަމަޖައްސާފައިނުވުމާއި ސިއްހީ ދާއިރާގައި އަދިވެސް ފާހަގަކުރެވޭ ބޮޑެތި ކޮންބޮޑުވުންތައް އެ ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރުންނާއި، މީގެ ކުރިން ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް ކަން ކުރެއްވި ބޭފުޅުންނާއި ތެލަސީމިއާ ސެންޓަރު ފަދަ ސިއްހީ މަރުކަޒުތަކާއި، އައިޖީއެމްއެޗް އާއި، އަތޮޅުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކާ އެކު ވެސް ބައްދަލުވުމެއް ބާއްވަން ކޮމިޓީން ނިންމާފައިވެ އެވެ.