ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަޖިލީހުގެ މެންބަރުންނަކީ ވެސް ފޮރޮންޓްލައިން ޓީމްގެ ބައެއް: ނަޝީދު

ކޮވިޑް-19 އިގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ މަސައްކަތް ކުރާ ފްރޮންޓްލައިން މަސައްކަތްތެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނޭ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ނިމުމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރޭގައި މަޖިލީހުގެ މެންބަރުން ވެސް ހިމެނޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި މަޖިލީހުގެ މެންބަރުން މަސައްކަތް ނުކުރެއްވި ނަމަ ދައުލަތް ހިންގުމުގެ ނިޒާމުތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާނެ ކަމަށެވެ. މަޖިލީހުގެ މެންބަރުން ކުރެއްވި މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާ ކުރެއްވި އެވެ.

"މަޖިލީހުގެ މެންބަރުން ހޯއްދެވީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވައިގެން ފްރަންޓްލައިން އެލަވަންސްއެއް ނޫން، އޭގެ ބަދަލުގައި މުސާރައިން އުނިކުރެއްވީ، އެހެންކަމުން މަޖިލީހުގެ މެންބަރުން ކުރެއްވި މަސައްކަތަށް ފަށްފަށުން ޝުކުރު އަދާ ކުރަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން މަސައްކަތްތެރިންނަށް ފްރަންޓްލައިން އެލަވަންސްއެއް ދޭން ނިންމިއިރު، އެ އެލަވަސް ދޭން ފެށީ އެލަވަންސް ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް 1،045 މީހަކަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 13.4 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެއީ ރައްޖޭން ފުރަތަމަ ކޮވިޑް ފެނުނު ދުވަސް ކަމުގައިވާ މާޗު 7، 2020 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ މުވައްޒަފުންނަށް ލިބެންވާ ފައިސާ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ފްރަންޓްލައިން އެލަވަންސް ލިބެން ޖެހޭ މުވައްޒަފުންގެ ތެރޭގައި އެލަވަންސް ނުދެވި ހުރި ބައެއް މުވައްޒަފުން އެބަ ތިބި ކަމަށާއި އެ މުވައްޒަފުންނަށް ވެސް ވަރަށް އަވަހަށް އެލަވަންސް ލިބިގެން ދާނެ ކަމަށެވެ.