ދުނިޔެ

ޖަޕާނުގެ ބޮޑުވަޒީރު ކަމަށް ޔޮޝިހީޑޭ ގެންނަން ނިންމައިފި

ޖަޕާން ގެ ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީން (އެލްޑީޕީ) އިން އެ ޕާޓީ ގެ އާ ލީޑަރަކަށް ޔޮޝިހީޑޭ ސުގާ ހޮވައިފި އެވެ. އެލްޑީޕީން އެ ޕާޓީއަށް އާ ލީޑަރަކު މި ހޮވީ ބޮޑު ވަޒީރު ޝިންޒޯ އަބޭ ސިއްހީ ހާލު ކޮޅު ހުރި ގޮތުން މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވުމާއި ގުޅިގެންނެވެ.

އުމުރުފުޅުން 71 އަހަރުގެ ސުގާއަކީ މިހާރުގެ ކެބިނެޓްގެ ޗީފް ކެބިނެޓް ސެކްރެޓަރީ އެވެ. ކުރިން ވެސް ބެލެވިފައި އޮތީ އޭނާ ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގަންނަވާނެ ކަމަށެވެ. އޭނާއަކީ ބޮޑު ވަޒީރު އަބޭ އާއި ވަރަށް ގާތް ބޭފުޅެއްގެ ގޮތު ބެލެވިފައި އޮވެ އެެވެ. ސުގާ ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ފަހުގައި ވެސް ގެންގުޅުއްވާނީ އަބޭގެ ސިޔާސަތު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސުގާ އެލްޑީޕީގެ ލީޑަރު ކަމަށް ހޮވިވަޑައިގަތީ ވޯޓުގައި ބޮޑު ތަފާތަކުން އެމަނިކުފާނާއި ވާދަ ކުރެއްވި ދެ ބޭފުޅުންގެ މައްޗަށް ކުރި ހޯއްދަވައިގެނެވެ. އެގޮތުން ސުގާ ވަނީ 534 ވޯޓުގެ ތެރެއިން 377 ވޯޓް ކާމިޔާބު ކުރައްވާފަ އެވެ. ވޯޓުލުމުގައި ބައިވެރިވެ ވަޑައިގަތީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އަދި ސަރަހައްދީ މަންދޫބުންނެވެ. އެ މަނިކުފާނާއި ވާދަ ކުރެއްވީ ކުރީގެ ފޮރިން މިނިސްޓަރާއި އެލްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލެވެ.

އެލްޑީޕީއަށް އާ ލީޑަރަކު އިސްކުރެވުމާއި ގުޅިގެން އަންނަ ބުދަ ދުވަހު ޕާލަމެންޓް ގައި ބޮޑުވަޒީރަކު ހޮވުމަށް ވޯޓު ލުން އޮންނާނެ އެވެ. އެ ވޯޓުގައި ސުގާ ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގަންނަވާނެ ކަމަށް ވަނީ މުޅީން ޔަގީން ކުރެވިފަ އެވެ. ސަބަބަކީ އެލްޑީޕީއަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތުމެވެ. ދައުރެއްގެ މެދުތެރެއިން ބޮޑު ވަޒީރު ކަމާ ހަވާލުވެ ވަޑައިގަތުމުން އަންނަ އަހަރުގެ ސެޕްޓެމްބާ މަހު އޮންނަ އިންތިހާބާއި ހަމަޔަށް ސުގާ މަގާމުގައި ހުންނަވާނެ އެވެ.