ވާހަކަ

ލޯބިން ބުނެލަން

(13 ސެޕްޓެމްބަރ 2020 އާ ގުޅޭ)

ކައިފްގެ ނޭފަތާ ދިމާލުން ތުވާލިގަނޑެއް ޖައްސާފައި ހުއްޓެވެ. ކައިފް އެހެން އިނދެފައި އޯކަށް ދެމިގަތެވެ. އެއާއެކު ހޮޑުގައި ވެސް ލޭހުރިކަން ކެންޒާއާއި މިންނާއަށް ފެނުނެވެ. ސިހުމުގައި ކެންޒާ ހުއްޓުން އެރިޔަސް، މިންނާގެ ފުށުން އެފަދަ ސިހުމެއް ނުފެނެއެވެ. އޭނާ ކެންޒާއަށް ގޮވާލީ ނިކަން ބާރަށެވެ. ދޮރޯށި ދޮށަށް ގޮސް އެމްބިއުލާންސް އަންނަން ދެން ހުންނަން މިންނާ ބުންޏެވެ.

އެމްބިއުލާންސްގައި ތިބި އެހީތެރިންނަށް މަގު ދައްކަމުން ކުރީގައި ހުރެ، ގޭތެރެއަށް ވަދެގެން ކެންޒާއައެވެ. އޭނާ ކައިފްގެ ކޮޓަރި ހުޅުވާލުމާއެކު މަންމަގެ މޫނުން ފެންނަން ހުރި ބިރުވެރިކަން ފެނި ހިތުގެ ހިނގުން މަޑުޖެހިލި ކަހަލައެވެ. އެހީތެރިންގެ އެކަކު ކެންޒާގެ އަތުގައި ހިފައި ކޮޓަރީގެ ދޮރުމަތިން އެއްފަރާތްކޮށްލިކަން ކެންޒާއަށް އެނގެއެވެ. ދެން އޭނާއަށް ފެނުނީ އަށިގަނޑު މައްޗަށް ލައިގެން ބޭބެ ނެރިގެން ގެންދާތަނެވެ. ހަލުވި ހިނގުމުގައި އެމީހުންގެ ފަހަތުން ދިޔަ މިންނާ އޭނާގެ ނަމުން ގޮވާއަޑު އިވުނީ އިރުކޮޅެއް ފަހުންނެވެ. ދުވެލާފައި މަންމައާ އަރާ ހަމަކުރިއެވެ.

"މަންމަ މިދަނީ ކެންޒާގެ ކާޑު ހިފައިގެން، ލާރިއެއް އެބައޮތްތަ؟." މިންނާ ދެއްކި ވާހަކަ ކެންޒާއަށް އިވުނު ހެނެއް ހިޔެއްނުވެއެވެ. ތަންކޮޅެއް ބާރަށް ދަރިފުޅުގެ ނަމުން އަނެއްކާ ވެސް މިންނާ ގޮވާލިއެވެ. މަންމައާ ނަޒަރު ސީދާކޮށްލުމާއެކު ކެންޒާ ބޯޖަހާލިއެވެ.

"ގޭތެރެ ތަޅުލާފައި، ޓެކްސީއެއް ނަގައިގެން ކެން އާދޭ... ދަނީ..." ކެންޒާގެ ސަމާލުކަން ހޯދުމަށް ދަރިފުޅުގެ ކޯތާފަތުގައި އަތްތިލަ ޖައްސާލައިގެން ހުރެ މިންނާ ވާހަކަދެއްކިއެވެ. ކެންޒާ ބޯޖަހާލީއެވެ.

ސައިރެންގެ އަޑާއެކު އެމްބިއުލާންސް ދުއްވާލަންދެން ދޮރޯށި ދޮށުގައި ކެންޒާ ހުއްޓެވެ. އޭނާ ހަރަކާތެއްކޮށްލީ ލޮލުކޮޅަށް އެމްބިއުލާންސް އޮބާލުމުންނެވެ. ވަގުތުން ދޮރޯށި ލައްޕާފައި ގޭތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެ އޭނާގެ ދަބަސް ތައްޔާރުކޮށްލިއެވެ. ކޮޓަރިން ނުކުމެ ދޮރު ތަޅުލާފައި ކެންޒާ އައިސް ވަނީ ކައިފްގެ ކޮޓަރިއަށެވެ. ތަޅުންމަތިން ކައިފް ލީ ހޮޑުތައް ސާފުކުރަން އޭނާ އުޅުނެވެ. ތަޅުމުގައި ފެންފޮތިލާ ނިމުމުން، ކައިފްގެ އެނދުގެ ތަންމަތި ވެސް ނެގިއެވެ. އެ ކޮޓަރިން މަންމައަށް ބޭނުންވާނޭ އެއްޗެއް ހުރިތޯ ބެލުމަށްފަހު ކެންޒާ ނުކުތީއެވެ. ބައްޕަ ދިރިއުޅޭ ކޮޓަރީގައި ކެންޒާ ޓަކި ދިނުމާއެކު ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުން ދޮރު ހުޅުވުނެވެ. ގޭގައި ނެތީކަން ކެންޒާއަށް އެނގުނެވެ. އޭނާ ޓެކްސީއަކަށް ގުޅީ ދެނެވެ.

އަވަސް ފަރުވާދޭ ބަޔަށް ކައިފް ވައްދާފައިވާއިރު އޭނާގެ ޞިއްޙީ ރިޕޯޓުތައް ވެސް ވަނީ ޑަކްޓަރާ ހަވާލުކުރެވިފައެވެ. ކައިފްގެ ނިތްކުރީގައި ހިފަހައްޓައިގެން ތަދުވާ ވާހަކަ ތަކުރާރުކޮށް ބުނަމުންދިޔައެވެ. ލޭއަންނަ ސަބަބެއް ހޯދުމުގައި ޑަކްޓަރުން އަވަދިނެތި އުޅުން އިރު މިންނާ ހުރީ ބޭރުގައެވެ. ދަރިފުޅު ނުފެންނަ ހިސާބުގައި ހުންނަންވުމުން އެ ހިތް ބާރަށް ތެޅެނީއެވެ. ދެއަތް އުރާލައިގެން ކަނާއަތްތިލަ މޭގައި ޖައްސާލައިގެން މިންނާ ހުރިއިރު އިރުއިރުކޮޅުން ދެތުންފަތް ބައްދާލައެވެ. ކެންޒާގެ އަޑު މިންނާގެ ކަންފަތުގައި ޖެހުނު އިރު ދަރިފުޅު ހުރީ ނުހަނު ގާތުގައެވެ.

"ޑަކްޓަރުން ކީކޭ ބުނީ؟." ކެންޒާގެ ފުރަތަމަ ސުވާލު މަންމައަށް ކޮށްލިއެވެ.

"އެމީހުންނަކަށް ވެސް އަދި ނޭނގެ. ތިންފަހަރެއްގެ މަތިން ތިން ޓަކްޓަރުން ވަން... އެއިން އެކަކު ވެސް އަދި ނުނިކުމޭ. ކެންސަރުގެ ކަންތައްހެން ހީވަނީ." އެ ބަލީގެ ނަން ނުކިޔަން ހުރެފައި ވެސް މިންނާއަށް ބުނެވިއްޖެއެވެ.

"ކެން، އެކައުންޓުގައި ހުރި ވަރެއް އެނގޭތަ؟. ދޮންބެ ގޮވައިގެން ފުރޭނެހެން ހީވޭތަ؟." ކެންޒާގެ އަތުގައި ހިފާލުމާއެކު މިންނާގެ ވިސްނުން ހުރި ގޮތް ބުންޏެވެ.

"ހުންނާނެ... ދެވޭނެ... މަންމަ އެކަމާ ނުވިސްނާ، މިކޮޅުން ދޫކޮށްލިހާ އަވަހަށް ފުރުމުގެ ކަންތައް ހަމަޖެއްސޭތޯ އަހަރެން އުޅޭނަން، އިހަށް ޑަކްޓަރުން ބުނާ އެއްޗެއް އެނގުނީމަތާ ދެން ހަދަންވީ ގޮތެއް ވެސް އެނގޭނީ." ކެންޒާ ވާހަކަދެއްކީ ޔަގީންކަމާއެކުއެވެ.

* * * * *

ކެއްކުމުގައި ހަރަކާތް އަވަސްކޮށްލާފައި ކެންޒާ އުޅުނުއިރު ބަދިގެއަށް ލައިތު ވަންކަމެއް ވެސް އޭނާ ނުދެނަހުއްޓެވެ. އޭނާއަށް ހުރެވުނީ ކައިފްގެ ޚިޔާލުގައެވެ. އޭނާގެ ވިސްނުން ހުރީ މަސައްކަތް ނިންމާލާފައި ގެއަށް ގޮސް މަންމައަށް ނާސްތާ ތައްޔާރުކޮށްގެން ހޮސްޕިޓަލަށް ދާށެވެ. ކުލާހަށް ދިޔަ ނަމަވެސް އޭނާއަށް ސަމާލުކަމެއް ނުދެވޭނޭ ހީވެގެންނެވެ. ރޭގައި ހޮސްޕިޓަލުގައި ހުރެފައި ކެންޒާ ގެއަށް އައީ ދަންވަރު ދޭއްޖަހާ ދިޔަފަހުންނެވެ. ގެއަށް ގޮސް ނިދާލާފައި ހެނދުނު މަސައްކަތައް ނުކުންނަން މިންނާ ބުނީމައެވެ. މަސައްކަތާ ނުލާ ފައިސާއެއް ނުލިބޭނެކަން ކެންޒާއަށް ވެސް އެނގެއެވެ. ކައިފް ގާތުގައި މަންމަ ހުރެއްޖެނަމަ، ކައިފްއަށް އެހީތެރިކަން ފޯރުކޮށްދޭން މަންމަ މާ ކުޅަދާނަވާނޭކަން ވެސް ކެންޒާއަށް އެނގެއެވެ.

"ކެން.... ކޮން ޚިޔާލެއްގައި..." ލައިތު ދެފަހަރަކު ގޮވާލުމުން ކެންޒާއަށް އަޑު ނީވުމުން އޭނާ އައިސް ކެންޒާއަށް ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ.

"ލައިތު..." ކެންޒާއަށް މަޑުމަޑުން ބުނެލެވުނެވެ. ދެން ކަމެއް ހަނދާންވީހެން ވާހަކަދައްކަން ފެށިއެވެ.

"ދޮންބެ ހޮސްޕީޓަލުގައި ބާއްވާފައި، ބަލީގެ އަސަރު އަލުން ފެނިއްޖެ... އަހަންނަށް އެހީވެދީބަލަ." ކެންޒާއަށް ބުނެލެވުނެވެ. ކެންޒާ އެހާ ފިކުރުބޮޑުވެފައި ހުރީ ކީއްވެކަން ލައިތަށް އެނގުނީ ދެނެވެ. ފުރަތަމަ ފެނިލުމުން ވެސް އޭނާއަށް ކައިފް ޖެހީ ބަލިމީހެއް ވައްތަރެވެ. އެކަމަކު އޭނާގެ ތުންފަތުން ފާޅުވާ ހިނިތުންވުން އޭނާގެ ހިތްވަރު ގަދަކަން އަންގައިދެއެވެ.

"ކީއްކޮށްދޭންވީ؟." ވަގުތުން ލައިތު އެއްސެވެ.

"ގާލިބު ފަންޑަށް މަންމަގެ ނަމުގައިވާނީ ސިޓީލާފައި، އަދިވެސް ޖަވާބެއް ނުލިބޭ." ކެންޒާ ބުންޏެވެ.

"މަންމަގެ ނަމާއި، އައިޑީކާޑު ނަންބަރު އަހަންނަށް ފޮނުވާލާފަ ބައިންދާ، އޮފީހަށް ގޮސް މިއަދު ތިކަން ބަލާނަން... ކޮން ހޮސްޕިޓަލެއްގަ އޮތީ؟، ކާޝް އެބަހުރިތަ؟."

"ފަންޑު ހަމަޖެހިއްޖެއްޔާ އިތުރު ކަމަކަށް ދައްޗެއްނުވާނެ." ނިކަން އަވަހަށް ކެންޒާ ބުންޏެވެ. ލައިތު އެހީވާން ހުއްޓަސް އޭނާ ލައްވާ ޚަރަދު ކުރުވުމުގެ ވިސްނުމެއް ކެންޒާގެ ނެތެވެ. ދެމީހުން ރައްޓެހިވެގެން އުޅުނަސް ކެންޒާގެ ޢާއިލާގެ ކަންކަން ބެލެހެއްޓުމަކީ ލައިތުގެ ޒިންމާއެއް ނޫނެވެ. އަދި ލައިތު ކިތަންމެ ތަނަވަސް ދިރިއުޅުމެއް އުޅޭ މީހަކަށް ވިޔަސްއެވެ. މިންނާގެ ދަރީން ތަރުބިއްޔަތު ކޮށްފައިވަނީ އެފަދައިންނެވެ. އަމިއްލައަށް ކުރާ މަސައްކަތުން ފުދިގެން އުޅޭށެވެ. މިއީ ކައިފް ބަލިވި ފުރަތަމަ ފަހަރެއްނޫނެވެ. ކުރިން ވެސް ބޭބެއަށް ފަރުވާކުރުމަށް ޓަކައި އޭނާ ފައިސާ ހޯދުމުގައި އަވަދިނެތި މަސައްކަތުގެ އުޅުނެވެ. އަމިއްލަ ދިރިއުޅުމުން އެތައް ޚަރަދެއް ކަނޑާލައި ފައިސާ ރައްކާކުރިއެވެ. އެހީ ދޭ ފަރާތްތަކުގެ އެހީ ހޯދުމަށް އޭނާ ސިޓީ ލާން ފެށީ ގިނަ ދުވަހަށް ފަރުވާގެ މުއްދަތު ދެމިގެން ދާންޖެހުނީމައެވެ. މިހާރު ކެންޒާއަށް ލިބޭ ޢާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. އެހެންވީ މީހެއް ކައިރިން އެހީއަށް ނޭދި ޚަރަދުތައް ބެލެހެއްޓޭނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާއަށް އެބައޮތެވެ.

"ކެން...." ކެންޒާ ހިމޭންކަމާއެކު ކެއްކުމުގައި އުޅޭތަން ބަލަން ހުރެފައި ލައިތު އަހާލިއެވެ. އޭނާ ކައްކަން އުޅުނަސް ލައިތުއަށް ދޭ ސަމާލުކަން ކުޑައެއް ނުވާނެއެވެ. މަސައްކަތުގައި ހުރެ ލައިތުއަށް އިރުއިރުކޮޅުން ލޯބިން ބަލާލާނެއެވެ. ހިނިތުންވުމެއް ހަދިޔާކުރާނެއެވެ. އެކަމަކު މިއަދު ކެންޒާ ފެންނަނީ ތަފާތުކޮށްކަން ޔަގީނެވެ.

"މިކަން ނިންމާލާފައި އަހަރެން ގެއަށް ދާނީ... ރެއިންސުރެ މަންމަ އިނީ ހޮސްޕިޓަލުގައި." ކެންޒާ ވާހަކަދެއްކިއެވެ.

"އަހަރެން ދާނަން ގެއަށް ލައިދޭން." ކެންޒާ އެކަނި ފޮނުވާލުން ރަނގަޅެއްނުވާނޭ ލައިތަށް ހީވަނީއެވެ. ނަމަވެސް ކެންޒާ ޤަބޫލުނުވުމުން ގަދަހަދާލަން ލައިތު ބޭނުމެއްނުވިއެވެ.

* * * * *

މަންމައަށް ސައި ހިފައިގެން ހޮސްޕިޓަލަށް ކެންޒާ ވަދެގެން އައެވެ. އޭނާ އަންނަމުން މަންމައަށް ގުޅިއިރު ވެސް ކައިފްގެ ހާލު ރަނގަޅެއް ނުވެއެވެ. އަދިވެސް ބާއްވާފައި އޮތީ އަވަސް ފަރުވާދޭ ބައިގައެވެ. ކެންޒާ ހުރީ މަންމަ ގެއަށް ފޮނުވާލާފައި މެންދުރު ވަންދެން ބޭބެ ގާތުގައި އޭނާ މަޑުކުރާ ގޮތަށް ގަސްދުކޮށްގެންނެވެ. ސިކުނޑިތެރޭ ކުރިއަށް ކަންކަން ކެންޒާ ރާވަމުން ދިޔައެވެ. އޭނާގެ ފިޔަވަޅު މަޑުޖެހުނީ އަވަސް ފަރުވާދޭ ބައިގެ ކައިރީ ހުރި ގޮނޑިބަރީގައި މަންމައާ ވާހަކަދައްކަން އިން މިފްރާހު ފެނިފައެވެ. ރަސްމީ ހެދުމުގައި އޭނާ އިންއިރު ހީވަނީ އެއައީ އޮފީހެއްގައި އުޅެފައި ހެންނެވެ.

"އޭނާއަށް މިތަނަށް އަންނަން އެނގުނީ ކިހިނެއް؟، މަންމަ ގުޅީތަ؟... މިޖެހުނީ އަނެއް ހަކަންތައް." ކެންޒާއަށް ހިތާހިތުން ބުނެލެވުނެވެ.

"މިތާ ކީއްކުރަނީ؟." މިންނާގެ ގާތުގައި ހުއްޓިލުމާއެކު ކެންޒާ ބުންޏެވެ.

"ކޯއްޗެއް ހިފައިގެން ތިއައީ؟." މިފްރާހު އަނގައިން ނުބުނެ އިންނަން ފެށުމުން މިންނާ އަހާލިއެވެ.

"މަންމަ އެއްޗެއް ނުކައެއްނު ތިއިންނަނީ. ހިނގާ ސައިބޯން." ކެންޒާގެ އަތުގައި މިންނާ ހިފާލުމުން އެ އަތަށް އޭނާ ދަމާލިއެވެ. މިފްރާހުއާ ދުރަށް މަންމަ ގެންދަން އުޅޭ ހެންނެވެ. އެ ހުރިހާ އިރު ކެންޒާގެ ނަޒަރު ހުރީ މިފްރާހަށް ހުއްޓިފައެވެ. އަނގައިން ނުބުނެ އިނދެފައި މިފްރާހު ކޮޅަށް ތެދުވީއެވެ.

"މަންމަ އެއްވެސް ކަމެއް ބޭނުންނަމަ ނުބުނެ ނުހުންނާތި، އަހަރެންނަށް ގުޅާތި އިނގޭ، ތަންކޮޅެއް ފަހުން އަދި ވަދެލާނަން." މިފްރާހު މިހެން ބުނުމުން މިންނާ ބޯޖަހާލީއެވެ. އޭނާ އެތަނުން ދުރަށްދެން ހުރެފައި ކެންޒާ ވާހަކަދެއްކިއެވެ.

"އޭނާ ކީއްކުރަން އައީ؟. މަންމަ ގުޅީތަ؟."

"މިފްރާހު ގުޅީ... ސައިބޯން ގެއަށް އައީއޯ، ދޮރޯށި ތަޅުލާފައި ހުރެގެން އޭނާ ގުޅީ، ހޮސްޕިޓަލުގަކަން އެނގިގެން އައިސް އެއިނީ، އައިތާ އަދި ގިނައިރުތަކެއްނުވޭ. ކެން ރުޅިއައިސްފަ ހުރެގެން ވާހަކަދެއްކީމަ ކަންނޭނގެ އެދިޔައީ." މިންނާ ބުނެލިއެވެ. އަބަދު މިފްރާހުއާ ރުންކުރުކޮށް ކެންޒާ ވާހަކަދައްކާތީ، އެގޮތް މިންނާއަށް ކަމަކުނުދެއެވެ. ހިތްހަމަނުޖެހުނަސް، އަނެކާ ރީތިކޮށް ވާހަކަދައްކައިފިނަމަ، އޭނާއާ ވާހަކަދައްކަންވާނީ ވެސް މަޑުމައިތިރިކަމާއެކުކަން މިންނާ ޤަބޫލުކުރެއެވެ.

"އެއްވެސް ކަމެއްކޮށްދޭން އޭނާ ކައިރީ ނުބުނާތި އިނގޭ، މަންމަ ހަނދާންވޭތަ އެއްކަލަ ފަންޑު ނުލިބިއޮތްކަން، އެ ފަންޑު ފައިސާ ހަމަޖެހޭނެކަމުގެ ޔަގީންކަން ލިބިއްޖެ، އެ ފައިސާއާއެކު މިހާރު އެކައުންޓުގަ ހުރިވަރުން، މާ ރީތިކޮށްވެސް ޚަރަދުތައް ހަމަޖެހޭނެ، މަންމައާއި ދޮންބެގެ ޕާސްޕޯޓު އަހަންނަކަށް ނުފެނުނު، އޭގެ ދުވަސް ހަމަވާ ތާރީޚެއް ބަލަން ޖެހޭނެ." މިންނާއާ ވާހަކަދައްކަމުން، ދެމައިން ވަނީ ކައިފްގެ ކައިރިއަށެވެ.

* * * * *

އާރިކު ވާހަކަދެއްކީ ސިޔާދުއާއެވެ. އެހީގެ ސިޓީތައް ބެލުމަށްފަހު ލައިތުއާ ހަމައަށް ފޮނުވާނީ ޔާދިންއަށްވީމައެވެ. ފިޒާނާގެ ކަންތަކުގައި ހިތްހަމަނުޖެހިފައި ހުރި ޔާދިން އިތުރަށް ނުރުހުންވެއްޖެއެވެ. އޭނާގެ މަސައްކަތުގެ ތެރެއަށް ލައިތު ވަންނަން މަސައްކަތްކުރަނީއޭ ހީވީއެވެ. އެބުނާ ލިއުމެއް ހޯދަން އޭނާއަށް މަޖުބޫރުކުރި ކަހަލައެވެ. ނުދޭން ޔާދިން ހިފަހައްޓާލަން ގަސްދުކުރި ނަމަވެސް، އަސަދުގެ ފޯނުކޯލު އައުމާއެކު އޭނާގެ ބާރު ކެނޑުނީއެވެ. ލިޔުންތައް ހިފައިގެން އަސަދުގެ އޮފީހަށް ޔާދިން ވަންއިރު އެތަނުގައި ލައިތު ވެސް އިނެވެ. ސިޔާދު ލައްވާ ލިޔުންތައް ފޮނުވާލަދޭށޭ ބުނީމާ ވެސް ބައްޕަގެ ގާތަށް ޔާދިން އަމިއްލައަށް އަންނަން ބޭނުންވީއެވެ. ބައްޕައާއެކު ލައިތު އިންކަން އެނގުނީ ޚުދު އޭނާ އެ އޮފީހަށް އައީމައެވެ. ލިޔުންތައް ބައްޕަގެ އަތަށް އެރުމުން، އޭގެ ހުރިހާ ކަމެއް ޚުދު އަސަދުގެ ބެލުމުގެ ދަށުން ހަމަޖައްސާނޭކަން ޔާދިން ގާތު ބުނެލިއެވެ. އޭނާއަށް ހީވީ ބައްޕަގެ ގާތަށް ވާހަކަ ހިފައިގެން އައީ ލައިތު ކަމަށެވެ. އިތުރު ފޫހިކަމެއް ޔާދިންއަށް ލިބުނީ ބައްޕަގެ އޮފީހުން ނުކުންނަން ޖެހުނީމައެވެ. ލައިތުއާ ބައްޕަ މަޝްވަރާކުރަން ބޭނުންވާކަމެއް އަޑުއަހަން އޭނާ ހުރީ ބޭނުންވެފައެވެ.

"ކީއްވެ ބައްޕަ ގާތު ނުބުނީ..." ލިޔުންތައް ބަލަމުން އަސަދު ސުވާލުކޮށްލިއެވެ.

"ޔާދިން މި ލިޔުންތައް ނުހިފެއްޓިނަމަ، އުސޫލެއްގެ ގޮތުން މިއީ، ސިޓީގެ ވެރިފަރާތަށް ލިބެން ޖެހޭ އެހީއެއް."

"ތިވާހަކައެއްނޫނޭ ބައްޕަ މި އެހީ، ކެންޒާއަށް އެހާ ބޮޑު ކަމެއް ދިމާވެގެން އުޅޭކަން ނުބުނީ ކީއްވެހޭ، މާމައަކަށް ވެސް ނޭނގޭ ދޯ." އަސަދުގެ ނަޒަރު ލައިތަށް ހުއްޓުނެވެ.

"އެހީއެއްވެވޭނީ ވެސް އެނގިގެން." ލައިތު އަނގައިން ނުބުނުމުން އަސަދު ބުނެލިއެވެ.

"މިވަގުތަށް އޭނާ ބޭނުންވާ އެހީގެ ވާހަކަ ތި ސިޓީގައި ލިޔެފައި އެވަނީ." ލައިތު ބުންޏެވެ.

"މިކަން ހަމަޖެހޭނެ... ޑަކްޓަރު ސައިފްއާ ލައިތު ބައްދަލުކުރަން ދާނޭ ބައްޕަ ބުނެފަ ބާއްވާނަން، އޭނާ މެދުވެރިވެގެން ފުރުމުގެ ކަންކަން ހަމަޖެހޭލެއް އަވަސްވާނެ." އަސަދު މިހެން ބުނުމުން ލައިތު ބޯޖަހާލީއެވެ. އޭނާގެ މޫނުން ފާޅުނުކުރި ނަމަވެސް މިވަގުތު އޭނާގެ ހިތް އެދެނީ ކެންޒާގެ ގާތުގައި ވުމަށެވެ.

* * * * *

ފޮނުވާފައި ހުރި އެއްވެސް މެސެޖެއް ބަލާފައިނުވާކަން އެނގި ފިޒާނާއަށް ތުން އޫކޮށްލެވުނެވެ. ރޭގައި އެއްގޮތަކަށް ވެސް ލައިތުގެ ޚަބަރެއް ނުވިއެވެ. އޭނާ ނިދެން ދެކަށް ރޭގައި އޮތީ ލައިތުގެ ނަންބަރަށް ގުޅާލަގުޅާލައެވެ. އެކަމަކު ލައިތުގެ ފޯނު އޮތީ ނިއްވާލަފައެވެ. ފިޒާނާގެ ކެތްތެރިކަން ކޮޅުންލަނީއެވެ. ދެން ހަދާނީ ކިހިނެއްތޯ އޭނާ ވިސްނާވިސްނާ ވެސް ސިކުނޑިއަކަށް ރަނގަޅު ޚިޔާލެއް ނައެވެ. ޔާދިން ނުރުހިފައި ހުރި ދަނޑިވަޅެއްގައި އެގެއަށް ދިއުމަކީ މޮޔަ ޚިޔާލެކެވެ. އެކަމަކު ފިޒާނާގެ ހިތް އެދި ގޮވަނީ ޔާދިންއަކަށް ނޫންވިއްޔާއެވެ.

"ލައިތު އަހަންނާ ރައްޓެހިވެއްޖެއްޔާ ޔާދިންއާ ގުޅިގެން އުޅުމުގެ ބޭނުމެއްނެތް. އެހެންނޫނީ އޭނާގެ ކަންތައް މާބޮޑުވެދާނެ." ފޯނު އަތަށް ލައިގެން ހުރެ ފިޒާނާއަށް ބުނެވުނެވެ.

މެންދުރުވީފަހުން ލައިތުގެ މެސެޖެއް އައެވެ. ރޭގައި ބޮލުގައި ރިހޭވަރުން ނިދަން އޮށޯތީ ފޯނު ނިއްވާލާފައި ކަމުގައި ބުންޏެވެ. އަދި މަޢާފަށް އެދިފައި އޮތެވެ. އެންމެ ސިކުންތެއް ވެސް ފިޒާނާ ބޭކާރުކޮށްނުލިއެވެ. ލައިތުއާ ބައްދަލުކުރަން އޭނާ ބޭނުންވާކަން ބުންޏެވެ. ހަމައެކަނި ދައްކާވާހަކަތައް އިތުބާރުކުރަން ބޭނުންވިޔަސް ފަސޭހައެއްނޫނޭ ފިޒާނާ ބުންޏެވެ. ލައިތު އެދުނީ އޮފީސް ވަގުތު ނިންމާފައި އޭނާ ގުޅާނަން ކަމަށެވެ. މިވަގުތު އިނީ އޮފީހުގައި ކަމަށްވާތީ ގުޅައިގެން ވާހަކަދައްކަން ނީނދެވޭނެއޭ ބުނެ ފިޒާނާގެ މެސެޖަށް ޖަވާބުދިނެވެ. އެގޮތާ ފިޒާނާ ރުހުނެވެ. ލައިތުގެ ކޯލަށް އޭނާ އިންތިޒާރުކުރާނޭކަން ބުންޏެވެ.

* * * * *

ކޮޓަރިތެރޭގައި އަޒްހަރު ހުރީ އެނދުގައި އިން އަންހެން ދަރިފުޅަށް ބަލަހައްޓައިގެންނެވެ. ރާއްޖޭން ބޭރުގައި ހުރެފައި ހިރާ ގުޅީ އަތުގައި ހުރި ފައިސާ ހުސްވެގެން މާލެ އާދެވޭނޭ ގޮތެއް ނެތިގެންނެވެ. އެންމެ އަވަހަށް ރާއްޖެ އަންނަން އޮތް ފްލައިޓުން އަޒްހަރު ހަމަޖައްސައިދިނީ ޓިކެޓު އެކަންޏެވެ. ހިރާ ބޭކާރު ގޮތުގައި ޚަރަދުކުރުމަށް އެންމެ ރުފިޔާއެއް ވެސް އޭނާ ނުދިނެވެ. އެނބުރި އައުން ނޫން ގޮތެއް ހިރާއަށް ނެތުނީއެވެ.

"ބައްޕަ ބޯއްތައާ ވާހަކަދެއްކީމޭ، ލައިތު ލަންޑަނަށް ވެސް ދިޔަކަން އެނގޭ... ހިރާއަށް ވީގޮތެއް ނިކަން ބައްޕަ ގާތު ބުނެބަލަ، އަސަދުބެ ބުނި އޮފީހުގެ ބޭނުން ބަޔަކަށް ހިރާ ބަދަލުކޮށްދީފާނަމޭ، މާލެ އައިތާ ހަފްތާއެއްވީ... އޮފީހަށް އަދިވެސް ތިހުންނަނީ ނުނިކުންނަން، މުސާރަ ކަނޑާލީ ބައްޕަ ބުނެގެން... ހިރާއަކީ ވެސް އެތަނުގެ މުވައްޒަފެއް، މަސައްކަތެއްނުކޮށް ކޮންމެ މަހަކު މުސާރަ ލިބިގެންނުވާނެ." ދެއަތްއުރާލައިގެން ހުރެ އަޒްހަރު ވާހަކަދެއްކިއެވެ. މަޑުމައިތިރިކަމާއެކު ވާހަކަދެއްކި ނަމަވެސް އޭނާ އެ ހުރީ އިންތިހާއަށް ހިތްހަމަނުޖެހިފައިކަން ހިރާއަށް އެނގެއެވެ.

"މެންދުރުވެގެން ދިޔައީ، ފެންވަރައިގެން ކާން އާދޭ... މިގޭ އެންމެން ވެސް ކާއެއްޗެއް ހިރާއަށް ކާންހުންނާނެ، އެކަމަކު ފައިސާއެއް ނުލިބޭނެ، މާދަމާ އޮފީހަށް ނުނިކުމެއްޖެއްޔާ، ދެން ޖެހޭނީ ހިރާ އަމިއްލައަށް ވަޒީފާއެއް ހޯދަން، އަސަދުބެއަށް އަންގާނަން އެ އޮފީހަށް ހިރާ ދެން ނުދާނެއޭ." އަޒްހަރު ބުންޏެވެ.

ހިރާއަށް ތުންފިއްތާލެވުނެވެ. އެހެންނަމަވެސް ލައްބައޭ ބުނެލީ ބައްޕަގެ ކުރިމަތީ އޭނާގެ ކޮޅު މޮޅުނުވާނޭކަން އެނގޭތީއެވެ. ލަންޑަނުގައި ހުރެވޭގޮތް ނުވީ ސުހާނާގެ ދައްތަ ޝާނީގެ ނުފޫޒު ބޮޑުވެގެންނެވެ. މަހެއްގެ ތެރޭ ސުހާނާ ވެސް މާލެ އަންނާނަމޭ ބުނީ، ޝާނީގެ ކައިވެނީގެ ކަންކަން އެހާތަނަށް ނިމޭނެތީއެވެ. ދެން އެކުގައި އުޅޭނޭ ރައްޓެއްސެއް ހިރާގެ ނެތެވެ.

ބަދިގޭގައި އެކަކުވެސް ފެންނާކަށް ނެތެވެ. ގޭގައި ގެންގުޅޭ ކުއްޖާ އައީ ހިރާ ބަދިގެއަށް ވަންތަން ފެނިގެންނެވެ. އޭނާ އައިސް ކާން ހަދައިދޭންވީތޯ އެއްސެވެ. ކާމޭޒު ދޮށުގައި އިށީނދެ އޭނާ ފުރަތަމަ ވެސް ގުޅީ ސުހާނާއަށެވެ. އޭރު ސުހާނައަށް ވެސް އަދިކިރިޔާ ހޭލެވިގެން އުޅެނީއެވެ. ހިރާ މާލެ އައިފަހުން، އާދައިގެ މަތިން ސުހާނާ ފުރަތަމަ ކުރާ ސުވާލު މިއަދު ވެސް ކޮށްފިއެވެ.

"ލައިތުއާ މީޓުވެއްޖެތަ؟." ސުހާނާ އެއްސެވެ.

"ނުވޭ، އޭނާއަށް ހިޔެއްނުވޭ އެނގޭނެހެން... މިހެން ބުންޏަސް ނޭނގެ، އަހަރެންގެ ދުޝްމިނަކަށްވުރެ މި ބައްޕަގެ ކަންތައް ބޮޑު." ހިރާ ބުނެލިއެވެ.

"ތިހެން ހުއްޓާ އޭނާ ގެއްލޭނީކަން ޔަގީން." ސުހާނާ ބުނެލިއެވެ.

"އަހަރެން ދޮގު ހެދިކަން ފަޅާއެރީމަ އަސްލު..." ހިރާއަށް ބުނެވުނެވެ.

"ލައިތު ގެންނަން ބޭނުންވެގެން އިތުރު ގޮތެއް ނެތީމަ ދޯ ދޮގެއް ހެދީ، އެ ނުވާނެ ދޮގަކަށް، ހިރާ ބުނީމެންނު ކޮންމެ ކަމެއް ވެސް ކޮށްފާނަމޭ އޭނާ ލިބޭތޯ، ދެން ކީއްވެ މިހާރު ފަހަތަށް ތިޖެހެނީ... އޭނާ ބިޓެއް ނެގީކަމަށް ވާނީ، ތިހެންހުރެގެން ކަމެއްވޭތަ؟، ބައްޕަ ބުނިހެން މަށަށް ވެސް ފެންނަނީ ހިރާ އޮފީހަށް ނުކުންނަން." ސުހާނާ ޚިޔާލު ދެމުން ދިޔައެވެ.

"އެއަށްވުރެ ރަނގަޅު ޚިޔާލެއް އެބައޮތް..." ސުހާނާގެ ވާހަކަތަކުން އަލުން ހިރާގެ އަޒުމް އާވެއްޖެއެވެ.

* * * * *

ކެންޒާއަށް ގެއަށް އައީ ހޮސްޕިޓަލަށް ގޮސްފައެވެ. އޭރު ދިހަގަޑި ބައިވަނީއެވެ. ލައިތުއާއެކު ވަގުތު ހޭދަކުރަން މަޑުނުކުރީ ވަރުބަލިވެފައި ހުރީމައެވެ. އެހީގެ ކަންތައްތައް ހަމަޖެހިފައި އޮތްކަން ލައިތު ބުންޏެވެ. ނަމަވެސް ފުރަން ޑަކްޓަރުން އަދި ހުއްދަ ނުދޭތީ ދަތުރު ހަމަޖެއްސެން ނެތީއެވެ. ޓެސްޓުތަކަށްފަހު ޑަކްޓަރުންވަނީ ކެންސަރުކަން ޔަގީންކޮށްފައެވެ. ކެންޒާ ހޮސްޕިޓަލަށް ދިޔައީ ވެސް އެނބުރި ގެއަށް އައީ ވެސް ލައިތުގެ ކާރުގައެވެ. ކަމެއް ދިމާވެއްޖެނަމަ ވަގުތުން ގުޅަން ލައިތު ތަކުރާރުކޮށް ކެންޒާއަށް ހަނދާންކޮށްދިނެވެ. އޭނާ ނިދާފައި އޮތް ވަގުތަކަށް ވިޔަސް ކެންޒާގެ ކޯލު ނަގާނޭކަން ލައިތު ބުންޏެވެ.

ކެންޒާ ގެއަށް ވަންއިރު ސިޓިންރޫމުގައި ހުރި ސޯފާގައި ހަމީމުއާއި މިފްރާހުއާ ވާހަކަދައްކަން ތިއްބެވެ. ފެންނަ ކަމަށް ނުހަދާ ކެންޒާ އުޅުނީ ކޮޓަރިއަށް ވަންނާށެވެ. އެހިނދު ހަމީމު އޭނާ ހުއްޓުވިއެވެ.

"ކައިފް ކިހިނެއް؟." ހަމީމު އަހާލިއެވެ.

"އޮތް ހާލު ބަލަން ހޮސްޕިޓަލަށް ދިޔަނަމަ..." ކެންޒާގެ އަޑުގައި ހުރީ ރުންކުރުކަމެވެ.

ހަމީމު އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނާގެ ކަކުލުގައި މިފްރާހު އަތްޖައްސާލިތަން ކެންޒާ ދުށްޓެވެ. މޫނު އަނބުރާލާފައި ކެންޒާ ކޮޓަރިއަށް ވަނީއެވެ. ދޮރު ތަޅުލުމަށްފަހު އޭނާ ވަނީ ފާޚާނާއަށެވެ. ކަމެއްކުރަން ނުޖެހުނަސް، ހޮސްޕިޓަލުގައި އިނުމަކީ މީހާގެ ހަކަތަ ހުސްކޮށްލާ ކަމެކޭ ކެންޒާގެ ހިތަށް އެރިއެވެ. ފެންމާގަނޑު ދަށުގައި އެހެންޏާ ނުހުރެވޭހާ ގިނައިރު އޭނާއަށް މަޑުކޮށްލެވުނެވެ.

ރީތިވެލައިގެން އެނދުގައި އޮށޯންނަމުން މިންނާއަށް ކެންޒާ ގުޅާލިއެވެ. ނިދަން އުޅޭކަން ކެންޒާ ބުންޏެވެ. މަންމަ ކަމެއް ބޭނުންވެއްޖެނަމަ ގުޅައްޗޭ ވެސް ބުންޏެވެ. ހެނދުނު މަސައްކަތްތައް ނިންމާފައި މަންމަގެ ގާތަށް ދާނަމޭ ކެންޒާ ބުންޏެވެ. މިހާރު ވެސް އޭނާއަށްވުރެ ގިނަ ވަގުތު ހޮސްޕިޓަލުގައި އެ އިންނަނީ މިންނާއެވެ. ފޯނުކޯލު ނިންމާ ބާލީސް ކައިރީ ފޯނު ބޭއްވީ ރިންގުވާ އަޑުން ކެންޒާއަށް ނިދިފައި އޮތަސް އަވަހަށް ހޭލެވޭނީ ހިތާއެވެ.

ކެންޒާއަށް ނިދެން ގިނައިރެއް ނުނެގިއެވެ. އޭނާއަށް ހޭލެވުނީ ދޮރުގައި ޓަކިދޭތީއެވެ. ނިދީގެ އަރާމުކަމުގެ ތެރެއިން ތެދުވާހިތް ނުވެފައި ކެންޒާ އޮތެވެ. އެހެންނަމަވެސް އެ އަޑު ކަޑައިގެން ނުދިޔައީމަ ލޯ ހުޅުވާލިއެވެ. ބާލީސް ކައިރީ ބޭއްވި ފޯނު ނެގިއެވެ. ދިއްލުނު އިސްކުރީނުގައިވި ގަޑިން، މެންދަމުން އަލިވެ ތިނެއް ޖަހަން އުޅެނީއެވެ. ކަންނެތްކަމާއެކު ބުރަހެލި ގޮތަކަށް ކެންޒާ ތެދުވިއެވެ. ބައްޕަ ހުރީ މަސްތުގެ ހާލަތުގައޭ ކެންޒާގެ ހިތަށް އެރިއެވެ. އޭނާ އައިސް ދޮރު ހުޅުވާލިއެވެ.

(ނުނިމޭ)