ވިޔަފާރި

ސްވިޒަލޭންޑާއި ރާއްޖެއާ ދެމެދު ދަތުރު ފަށަނީ

Sep 17, 2020

ސުވިޒަލޭންޑުގެ ޒިއުރިކް އާއި ރާއްޖެއާ ދެމެދު މި މަހުގެ ފަހުކޮޅު އެޑެލްވައިސް އެއާލައިނުން ދަތުރު ފަށަން ތައްޔާރު ވެއްޖެ އެވެ.

ޒިއުރިކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު އެޑެލްވައިސް އެއާލައިނުން ދަތުރުތައް ފަށަން ނިންމާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެ އެއާލައިނުން ރާއްޖެ އަށް ހަފުތާއަކު ދެ ފްލައިޓް ބާއްވާނެ އެވެ. މި އެއާލައިންއިން ދަނީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދަތުރު ކުރަމުންނެވެ. ނަމަވެސް ދަތުރުތައް ހުއްޓާލާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކުރުމުންނެވެ.

އެޑެލްވައިސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީއޯއޯ) ޕެޓްރިކް ހޭމަން ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުތައް ވެގެންދާނީ ޒިއުރިކް އިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ސުވިޒަލޭންޑްއަކީ ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމަކީ ރާއްޖެއަށް "އުންމީދީ މާކެޓެއް" ގެ ގޮތުގައި ބެލެވޭ މާކެޓެކެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 33،829 ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވާލުމާއެކު އެއާލައިންތަކުން ދަނީ ދަތުރު ކުރަމުންނެވެ. އޮގަސްޓް މަހުގެ ނިޔަލަށް 9،292 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިހާތަނަށް ރާއްޖެއަށް ހަތް އެއާލައިންއަކުން ދަނީ ދަތުރު ކުރަމުންނެވެ.