ވާހަކަ

ލޯބިން ބުނެލަން

(16 ސެޕްޓެމްބަރ 2020 އާ ގުޅޭ)

ކެންޒާއަށް ނިދެން ގިނައިރެއް ނުނެގިއެވެ. އޭނާއަށް ހޭލެވުނީ ދޮރުގައި ޓަކިދޭތީއެވެ. ނިދީގެ އަރާމުކަމުގެ ތެރެއިން ތެދުވާހިތް ނުވެފައި ކެންޒާ އޮތެވެ. އެހެންނަމަވެސް އެ އަޑު ކަޑައިގެން ނުދިޔައީމަ ލޯ ހުޅުވާލިއެވެ. ބާލީސް ކައިރީ ބޭއްވި ފޯނު ނެގިއެވެ. ދިއްލުނު އިސްކުރީނުގައިވި ގަޑިން، މެންދަމުން އަލިވެ ތިނެއް ޖަހަން އުޅެނީއެވެ. ކަންނެތްކަމާއެކު ބުރަހެލި ގޮތަކަށް ކެންޒާ ތެދުވިއެވެ. ބައްޕަ ހުރީ މަސްތުގެ ހާލަތުގައޭ ކެންޒާގެ ހިތަށް އެރިއެވެ. އޭނާ އައިސް ދޮރު ހުޅުވާލިއެވެ.

ކެންޒާއަށް ހީވީ ރަނގަޅަށެވެ. ދޮރުބުޑުގައި ބިތްޖެހިފައި ބައްޕަ އިނެވެ. ޓަކިޖަހާހެން ހީވިޔަސް ހަޤީޤަތުގައި އިވުނީ ޓަކި ޖަހާ އަޑެއް ނޫނެވެ. އިވުނު އަޑަކީ ބައްޕަގެ ބޮލުން ދޮރުގައި ޖެހޭ އަޑެވެ. ދޮރުބޮޑުގައި އިނދެ އަރިއަޅާލުމުން އަނެއްކާ ތެދުވެ ހަމަޖެހިލާ ވަގުތު ބޮލުން ދޮރުގައި ޖެހެނީއެވެ. ކެންޒާ ދޮރު ހުޅުވުމުން ކޮޓަރިތެރެއަށް ވާހެން ބައްޕަ އިދިފުށަށް ވެއްޓުނީއެވެ. ބައްޕަގެ އަތުގައި ކެންޒާ ހިފުމާއެކު ސިޓިންރޫމުކޮޅުގެ ތަޅުން މައްޗަށް ދަމަމުން ކަހަލަ ގޮތަކަށް ގެނެސް ދޫކޮށްލިއެވެ. ހަމަހޭގައި ނެތް ހަމީމު ކިޔާނުކިޔާއެއް ނޭނގެއެވެ. އެހެންނަމަވެސް އޭނާ މިންނާގެ ނަމުންކަން ކެންޒާއާ ވާހަކަދައްކަނީ އެނގޭހާ ވެއެވެ. ބައްޕައަށް ބަލަން އިރުކޮޅަކު ކެންޒާއަށް ހުރެވުނެވެ. ބައްޕަ ހާމަނުކުރި ނަމަވެސް މަންމައާއި މެދު ވިސްނާހެން ކެންޒާގެ ޟަމީރު ބުނުމުން ހައިރާންވިއެވެ. އެއީ ކިތަންމެ ފަހަރަކު ކެންޒާގެ ހިތަށް އަރާފައިވާ ކަމެކެވެ. އެ ގެއަކީ ބައްޕަގެ ގެއަށްވާއިރު، މާމަގެ މަރަށްފަހު އެގެއިން އެމީހުން ނެރެލަން ބޭނުންވާނަމަ އެކަން ބައްޕައަށް ކުރެވުނީހެވެ. ދެފަރާތަށް ބޫހޫރާލަމުން ޚިޔާލުތައް ސިކުނޑިން އެއްފަރާތްކޮށްލިއެވެ. ހަމީމުގެ ކުޅިވަރު ބެލުމެއްނެތި ކެންޒާ އެނބުރިލީ ކޮޓަރިއަށް ވަންނާށެވެ. އެހިނދު މެޔަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލީ ހެންނެވެ. މޭގަނޑި ފިނިވެގެން އައީ ލިބުނު ސިހުމުންނެވެ. ބޭރު ދޮރު ހުޅުވާފައި ހުރިއިރު ދޮރުކައިރީ ބޮޑު ހިޔަންޏެއް ހުރިތަން ކެންޒާއަށް ފެނުނީއެވެ. ގޭތެރޭގައި އަލިކަމެއް ނެތަސް، މަގުމަތީ ހުރި ހޮޅިބުރީގެ އަލި އެތެރެއަށް އެޅިފައި އޮތެވެ. ދޮރުމަތިން އެ ހިޔަނި ގެއްލުމާއެކު ކެންޒާއަށް ކުރިޔަށް ފިޔަވަޅު އަޅާލެވުނެވެ.

"ކާކު..." ތަންކޮޅެއް ބާރަށް ކެންޒާ ބުންޏެވެ.

ގޭތެރެއިން ކެންޒާ ނުކުތީ ޖެހިލުންވެފައި ހުރެއެވެ. ބޭރު ދޮރޯށި ހުޅުވާފައި ހުރިތަން ކެންޒާއަށް ފެނުނީ ދެނެވެ. އޭނާ ނޫން މީހެއްގެ ހިލަމެއް އެތާކު ނުވެއެވެ. ދޮރޯށިން ބޭރަށް ބޯދިއްކޮށްލުމުން ވެސް ފަޅުކަންވެރިވެ ހިމޭންވެފައި އޮތް މަގުން މީހަކު ނުފެނުނެވެ.

"ވަގެއްވަނީތަ؟..." ކެންޒާގެ ހިތަށް އެރިއެވެ. އަވަސްއަވަހަށް އެތެރެއަށް ޖެހިލައި ދޮރޯށި ލައްޕާލައި ތަޅުލައިފިއެވެ. ދެން އެތެރެއަށް ވަދެ، ގޭތެރެއަށް ވަންނަން ހުންނަ މައިދޮރު ވެސް އޭނާ ތަޅުލައިފިއެވެ. ކޮޓަރިއަށް ވަންނަމުން އަދިވެސް އެއްފަހަރު ދޮރޯ ދިމާއަށް ބަލާލެވުނެވެ. ދޮރުތަޅުލީ ހިތުގެ ހަމަޖެހުމަށްކަން ގައިމެވެ. އަލުން ދޮރު ހުޅުވައިގެން ބައްޕަ ބޭރަށް ނުނިކުންނާނޭކަމުގެ ޔަގީންކަމެއް ކެންޒާއަކަށް ނެތެވެ.

ރޭގެ ބާކީ ބައިގަ ނިދަން އުޅެއުޅެ ނިދޭ ގޮތެއް ކެންޒާއަށް ނުވިއެވެ. ދޮރުމަތީ ހިޔަންޏެއްހެން ހުރީ ކާކުބާއޭ ކެންޒާ ހިތަށް އަރަނީއެވެ. އިސްކޮޅުން ދިގުވެފައި ދެކޮނޑު ފުޅާކަން ކެންޒާއަށް ފާހަގަވިއެވެ. ކަޅުކުލައިގެ ހޫޑީގެ ސަބަބުން އެމީހެއްގެ މޫނެއް ނުފެނެއެވެ. ދެއަތުގެ އުޅަންބޮށިކޮޅު ބޭރަށް ނުކުމެލާފައި ހުރި ގޮތުން އޭނާ ހުރީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ކަން ކެންޒާ ލަފާކުރިއެވެ. ފައިކޮޅަށް ބަލާލަން ކެންޒާ ހަނދާނެއް ވެސް ނުވިއެވެ. ނަޒަރު ހުއްޓާލެވުނު ގޮތަށް ހުރެވުނީ ގަނޑުވެފަ ވިއްޔާއެވެ. އެންމެ ހައިރާންވީ ކެންޒާއަށް ފެނިއްޖެކަން އެނގުމުން އެމީހާ ނުކުމެގެން ދިޔަލެއް ހަލުވިކަމެވެ. ދޮރޯށިން ނުކުތް ގޮތަށް އޭނާ ޣައިބުވީ ކަހަލައެވެ. ވަގެކޭ ހިތަށް އެރީ އެހެންވެއެވެ. ސިއްރުން ވަންނަން އުޅުނު ހިނދު މީހަކު ހުރިކަން އެނގި ވަގުކަލޭގެ ދުވެރައްކާވީއެވެ. ވުން އެންމެ ގާތީ އެގޮތެވެ.

ހެނދުނުގެ ވަގުތެވެ. ބަންދު ދުވަހަކަށްވާތީ ކެންޒާ ބަލާ ނަސީމު ނާންނާނޭކަން އެނގެއެވެ. އެކަމަކު ދޮރޯށިން ނުކުތުމާއެކު ފެނުނު ކާރުން، ކެންޒާ ބަލާ އައިސްކަން އޭނީ އެނގުނެވެ. ތުންފަތަށް ހިނިތުންވުމެއްވެރިކޮށްލުމާއެކު ކެންޒާ އައިސް ކުރީ ސީޓަށް އެރިއެވެ. އެހިނދު ކާރު ދުއްވަން އިން ލައިތު ހެނދުނުގެ ސަލާމްކޮށްލިއެވެ. ކެންޒާ ހަމަޖެހުމުން އޭނާގެ އަތުގައި ހިފައި ގާތަށް ދަމާލައި ބައްދާލިއެވެ. ކޯތާފަތުގައި ބޮސްދީފައި ލައިތު ދުރަށް ޖެހިލިއެވެ. މަންމައަށް ގުޅައިފިންތޯއާއި ކައިފްގެ ހާލަކީ ކޮބާތޯ ވެސް ލައިތު އެހީދެނެވެ.

"ރަނގަޅެއްނޫން..." ކެންޒާ ބުނެލިއެވެ.

"އަހަރެން މިއަދު މީހަކާ ބައްދަލުކުރަން، އޭނާ މެދުވެރިކޮށް ކައިފް ފުރުވާލުމުގެ ކަންކަން ހަމަޖެހޭނެކަމަށް މިބަލަނީ، އަހަރެން ބޭނުން ޕެންޑާދާއިރު ދާން." ކާރު ދުއްވަމުން ލައިތު ވާހަކަދެއްކިއެވެ.

"މަންމަ ކައިރީ އެއްވެސް ވާހަކައެއް ދައްކާނޭ ފުރުޞަތެއް ނުލިބުނު، ދޮންބެއާ ދެމީހުން ތިބެގެން ލައިތުގެ ތަޢާރަފެއް މަންމައަށް ދޭން އަހަރެން ގަސްދުކުރީ، އެކަން ދޮންބެ ގާތު ވެސް ބުނިން.... ހަމައެރޭ ދޮންބެ ސަކަރާތްއެވީ، މަންމަ ޓެންޝަންގަ ހުއްޓާ މިކަހަލަ ވާހަކައެއް ދައްކާކަށް ނުކެރޭނެ." ކެންޒާއަށް ފެންނަ ގޮތް ހާމަކުރިއެވެ.

"އައި ކޭން އަންޑަސްޓޭންޑް، މިއަދު ހަވީރު އަހަންނާއެކު ވަގުތުކޮޅަކަށް ގޭގައި މަޑުކޮށްލަދޭން އެބަޖެހޭ..." ލައިތު ބުންޏެވެ.

"އެއްކަލަ ކަންތަކުގައިތަ؟." ކެންޒާއަށް ވަގުތު އަހާލެވުނެވެ. އެއާއެކު ލައިތު ބޯޖަހާލީއެވެ.

"ޕެންޑާ އަހަންނަށް ޓްރަސްޓު ކުރަން ދޯ." ލައިތު އަހާލިއެވެ.

"މަންމައާއި ދޮންބެއަށްފަހު، ތީ އަހަރެން އެންމެ އިތުބާރުކުރާ މީހަކީ..." ކެންޒާ ހިނިތުންވެލިއެވެ.

ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި ކެންޒާ އުޅުންއިރު އޭނާއާ ބައްދަލުކުރަން ކަސްތޫރާއި އަސަދު އައެވެ. އެމީހުންގެ ސުވާލު ކެންޒާއާ ކުރިމަތިވުމުން، ލައިތު ނިކަން އަވަހަށް އޭނާ އެއްވެސް ވާހަކައެއް ނުބުނަންކަމުގައި ބުންޏެވެ. އޭނާގެ ބުނުމާ އަސަދު އެއްބަސްވިއެވެ. އެހީއަށް އެދި ކެންޒާ ލާފައި އޮތް ސިޓީއަށް އަވަސް ޖަވާބެއް ހޯދަން އުޅުމުގެ ތެރޭ އަސަދަށް ހަޤީޤަތް ކިޔައިދޭން އާރިކަށް މަޖުބޫރުވީއެވެ. ކަސްތޫރީ ކަންބޮޑުވުން ފާޅުކުރީ ކެންޒާ މަސައްކަތަށް އަންނާތީއެވެ. މަންމައާއި ބޭބެއާއެކު ވަގުތު ހޭދަކުރުން މިދުވަސްކޮޅު މުހިންމުވާނޭކަން ކަސްތޫރީ ބުންޏެވެ. ނަމަވެސް ކެންޒާއަކީ މަސައްކަތަކާނުލާ ފައިސާގައި ހިފަން އާދަވެފައި ހުރި އަންހެންކުއްޖެއްނޫނެވެ. އެއީ ކޮންމެފަދަ ދަތި ހާލެއްގައި އުޅެންޖެހިފައި ވިޔަސްއެވެ.

ހޮސްޕިޓަލަށް ކެންޒާ ގެނެސްދިނީ ލައިތެވެ. މަންމަގެ އެދުމަށް ހެނދުނުގެ ސައި އޭނާ ނުގެނެއެވެ. އެހެންނަމަވެސް ގެއިން އޭނާ ނުކުތީ ސައިތައްޔާރުކޮށްފައެވެ. ދާންވެގެން މިންނާ އުޅުނު ހިނދު ދޮރުތައް ރަނގަޅަށް ތަޅުލާން ކެންޒާއަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު މިންނާގެ ސަމާލުކަން ވަގުތުން ދަރިފުޅަށް ހުއްޓުނެވެ.

"ކަމެއްވީތަ؟...." މިންނާއަށް އަހާލެވުނެވެ.

"އެއްކަލަ ގޮތަށް ބައްޕަ ދަންވަރު ގެއަށް އައިރެޔެއް، ހުރިހާ ދޮރޯށްޓައި ގޭތެރެއަށް ވަންނަން ހުރި ދޮރު ހުޅުވާފައި ހުރީމަ ވަގެއް ވަންނަން އުޅުނީ." ނުބުނަން ހުރެފައި ވެސް ކެންޒާ ބުންޏެވެ.

"ސުބްޙާނަﷲ، އެމީހާ ކިހިނެއް ހެދީ..." މިންނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ބައްޕައާއި އަހަންނާ ފެނިގެން ދުވެ ފިލައިފި." ކެންޒާ ބުނެލިއެވެ. މަންމަ ކަންބޮޑުވާހާ ބޮޑުކަމެއްނޫނޭ ބުނެލި ކަހަލަ ރާގެއްގައެވެ.

"ހަމީމުގެ ކަންތަކޭމީ... ކެން ގެންގުޅޭ މުހިންމު އެއްޗެހި ހިފައިގެން ކައިފްގެ ކޮޓަރިއަށް ބަދަލުވާން މަންމައަށް ފެންނަނީ، ވަގެއް ވަނަސް ފުރަތަމަ ލޮލުގައި އަޅައިގަންނާނީ ކެންގެ ކޮޓަރިއަށް."

"ކިހާ ދުވަހެއްމިވީ، ވަގެއް ނުވަދެއެއްނު... ދޮންބެގެ ކޮޓަރީގައި ނިދަން އެހާ ފަސޭހައެއްނުވާނެ... މަންމަ ހާސްނުވެބަލަ، އަހަރެން ހާދަ ބަލައިގެންނޭ އުޅެނީ. ދެން ދޭ ގެއަށް... ގޮސްފަ ނިދާލައި، އެއްޗެއް ހަދަން ނޫޅޭތި، އަހަރެން މިއައީ ކައްކާފައި." ކެންޒާ ކުރިއަށް ޖެހިލައި މިންނާގެ ކޮނޑުގައި ހިފައި ނުކުންނަން ހުރި ދޮރާ ދިމާއަށް މަޑުމަޑުން އަނބުރާލިއެވެ. މުޅިން ހިތްހަމަނުޖެހުނަސް މިވަގުތަށް އޭނާއަށް ވެސް ކުރެވޭނޭ ކަމެއްނެތީމަ، ދަރިފުޅު ގާތު ދަނީއޭ ބުނެ މިންނާ ހިނގައިގަތެވެ.

މިންނާ އައިސް ދޮރޯށިން ވަންނަން ދިމާކޮށްލި ވަގުތު މަންމާއޭ ގޮވާލި އަޑު އިވުނެވެ. މަޑުކޮށްލާފައި މަގުމައްޗަށް ބަލާލިއިރު މިފްރާހު އައިސް އޭނާއާ އަރާ ހަމަކުރަނީއެވެ.

"ހިނގާފަތަ މަންމަ ތިއަންނަނީ؟. އަހަރެން ކައިރީ ބުނެލިނަމަ ކޮންމެ އިރަކު ބަލާ އައިސް ދިނީމުހޭ." މިފްރާހު ބުންޏެވެ.

"އުމުރުން ދޮށިވާވަރަކަށް ހިނގާފައި އުޅެންވާނީ، އެވެސް ކަސްރަތެއް." މިންނާ ބުނެލިއެވެ.

މިންނާގެ ފަހަތުން އެގެއަށް މިފްރާހުވަނެވެ. އޭނާ މިފަހަރު ވެސް ހުރީ އޮފީހަށް ދާ މިހަކު ފަދައިން ރަސްމީ ހެދުމެއް އަޅައިގެންނެވެ. މިފްރާހު ގޮވައިގެން މިންނާ އައިސް ވަނީ ބަދިގެއަށެވެ. އެތަނަށް ވަނުމާއެކު ކާއެއްޗެހީގެ ވަސް ނޭފަތުގައި ޖެހިއްޖެއެވެ. ލުއި ހިނިތުންވުމަކާއެކު މިންނާ ތެލިތަކުގެ މަތިނަގާ ބަލަމުންދިޔައެވެ.

"މަންމަ މިގަޑީގައި ގެއަށް އަންނާނޭ ހީވެގެން މިއައީ... ކެން ދޯ ހޮސްޕިޓަލުގައި އިނީ، ހަމްމެ ކޮބާތަ؟، ރޭގައި މަގުމަތިން ދިމާވެގެން ބުނިން ހޮސްޕިޓަލަށް ދައްޗޭ." މިފްރާހުއަށް އެނގޭއިރު ވެސް ދުރުދުރުން ވާހަކަދެއްކިއެވެ. ހަމީމުގެ ނަން އިވުމުން މިންނާ ވީ ފޫއްސާއެކު ރޭގައި ވަގެއް ވަދެއްޖޭ ބުނެލިއެވެ.

"ކެން ބިރުންތަ އުޅެނީ." މިފްރާހު އަހާލިއެވެ. އެމޫނުގައިވީ މަސްހުނި އަސަރުތަކެކެވެ. މިންނާއާ ނަޒަރު ސީދާކޮށްލަން ޖެހިދާނޭތީ މިފްރާހު އިނީ ކުޑަކޮށް އިސްއޮބާލައިގެންނެވެ.

"ބިރުގަތަސް ބުނެގެންތާ، މިފްރާހު ދެކެ އެކުއްޖާ އެހާ ރުޅިއެއް އެއަންނަނީ ކީއްވެތަ؟. މަންމައަށް ވިސްނާވިސްނާ ވެސް ނޭނގުން. އަޅެ މިފްރާހު ބުނެބަލަ." މިންނާ ދޮވުނު ތަށި ގެނެސް ކާމޭޒުމަތީ ބެހެއްޓިއެވެ.

"އަހަރެން ކެންއާ ގުޅެން ބޭނުންވެޔޭ ބުނީމަ، ކައިވެނި ކުރަން ބޭނުންވެޔޭ ބުނީމަ... ދޮގު ހަދާކަށް ނެތިން، މަންމަގެ ދަރިފުޅުދެކެ އަހަންނަށް ލޯބިވެވިއްޖެ." މިފްރާހު އިން ގޮތަށް އިނދެ ވާހަކަދެއްކިއެވެ.

އިރުކޮޅަކު ހުއްޓުން އަރާފައި މިފްރާހަށް ބަލަން މިންނާ މަޑުކޮށްލިއެވެ. ދެން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހީނލީއަޑު މިފްރާހަށް ވެސް އިވުނެވެ. އޭނާ އިސްއުފުލައި މިންނާއަށް ބަލާލީ ދެނެވެ. ކެންޒާ މީހުންނަށް އިތުބާރެއް ނުކުރާނޭ މިންނާ ބުނެލިއެވެ. އަދި މިފްރާހުއާ ގަޔާނުވާކަން ކެންޒާ ބުނީތޯ ވެސް އެއްސެވެ. އެއާއެކު މިފްރާހު ބޯޖަހާލީއެވެ. މިންނާއަށް ވިސްނިއްޖެކަމުގައި އޭނާއަށް އަމިއްލައަށް ޤަބޫލުކުރެވުނެވެ.

"އަހަރެން ފެންނާތީ ވެސް އޭނާއަށް އުނދަގޫވޭ، އެހެންވެ ފެންނައިރަށް އެހާ ރުޅިގަދަވެފަ ހުންނަނީ، އަހަރެން ވެސް ލޯބިވީ ގަސްދުގައެއްނޫން." މިފްރާހު ބުނެލިއެވެ. އެ ވާހަކަތަކުން މިންނާ ހީނލިއެވެ.

"ދެ ހިތް އެކަމުގައި ޝާމިލުނުވާހާ ހިނދަކު، ލޯބި ފުރިހަމައެއްނުވާނެ... މިފްރާހުގެ ފުށުން މަންމައަށް އުނިކަމެއް ނުފެނޭ، އެކަމަކު މަންމަގެ އެ ބޯހަރު ދަރިފުޅަށް މަޖުބޫރެއް ވެސް ނުކުރެވޭނެ، ކެންޒާ ރުހިއްޖެނަމަ، މިފްރާހަށް މި މަންމަގެ ހިތް ހަލާލު ދީފިން، މިއަދު މަންމަ ލޯމަރާލިޔަސް ކެންޒާގެ ނުހުންނާނެ ހަމައެކަކުވެސް، މިފްރާހުއަށް އިތުބާރުކުރެވެނީ ކީއްވެކަމެއްނޭނގެ، ތީ ކެންޒާއަށް ހެޔޮއެދޭ ރަނގަޅު ރަޙުމަތްތެރިއަކަށްވައްޗޭ." ނިކަން ފުޅާ ހިނިތުންވުމަކާއެކު މިންނާ ވާހަކަދެއްކިއެވެ.

"ކެން އަދި އެއްބަސްވާނެ އަހަންނާ އިންނަން. ދެން ގިނަދުވަހެއްނުވާނެ، މަންމަ ހާސްނުވޭ، ކެން އެކަންޏެއްނުވާނެ ދުވަހަކުވެސް." މިފްރާހު ބުނެލީ މާނަވީ ގޮތަކަށެވެ. ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ.

* * * * *

ޝަކުވާކުރަން ބޭނުންވެފައި ހުއްޓައި، ފޯނުން ލައިތު އަޑު އިވުނީ ނިކަން އަސަރު ހުރި ގޮތަކަށެވެ. އޮފީހުގައި އިނދެފައި ލައިތު ގުޅީ ފިޒާނާގެ އަޑު އަހާލާ ހިތުން ކެތްނުވެގެންނޭ ބުންޏެވެ. އެއާއެކު ފިޒާނާގެ ހިތް މޭތެރޭ ދެފިޔަ ޖަހައި އުދުއްސައިގަންނަން އުޅުނު ކަހަލައެވެ. ބައްދަލުކުރާ ހިތް ލައިތު މާބޮޑަށް ވާތީ އެގެއަށް އަންނަން ކެރޭނެތޯ ފިޒާނާ ގާތު އެއްސެވެ. ޔާދިންއަށް ފެނިއްޖެއްޔާ ކަމަކުނުދާނޭ ފިޒާނާއަށް ބުނެވުނެވެ. އޭނާ ލައިތުއާ ވާހަކަދައްކާކަމެއް ޔާދިންއަކަށް ނޭނގޭނެއޭ ވެސް ފިޒާނާ ބުންޏެވެ.

"އަހަރެންދެކެތަ ނޫނީ ޔާދިންދެކެ ފިޒާ ލޯބިވަނީ؟" ލައިތު އަހާލިއެވެ.

"ތީ ކޮންކަހަލަ ސުވާލެއް." ފިޒާނާއަށް ވިސްނާލެވުނެވެ.

"ކޮންމެވެސް އެކަކު ޚިޔާރުކުރޭ... އަހަރެންގެ ކޮޓަރިއަށް ވަންނައިރު އެހެންމީހެއްގެ ހައްޤެއް ވައްދަންވީމާ، ކޮޓަރިތެރޭ... އަހަރެމެން ދެމެދު... ކަމެއް ހިނގައިފިއްޔާޔޯ، ފިޒާ އަނެއްކާ ވެސް އަހަރެންގެ ބޮލުގައި ކުރިން އެޅުވި ފަދަ ބަދުނާމެއް އަޅުވަންތަ ތިއުޅެނީ"

"ދެން އޭރު އެވީކަންތައް ހަނދާންނުކޮށްބަލަ، އޭރު އެހެން އެވީ ލައިތު ރިޖެކްޓްކުރީމަ... ސޮރީއޭ ވެސް ބުނެފީމެންނު." ލައިތު މާޒީގެ ތެރެއިން އެ ވާހަކަ ނަގާއިރަށް ފިޒާނާ އެކަން އޮއްބާލަން ބޭނުންވެއެވެ.

"މިހާރު ވާހަކަދައްކަނީ ބޭނުންވެގެން، ސޯ... ކާކު ފިޒާ ޚިޔާރުކުރާނީ، ޔާދިންގެ ކުރިމަތީ ފިޒާ ހިމާޔަތްކުރެވޭނީ ތީ އަހަރެންގެ މީހެއްކަން އެނގިގެން، އަހަރެން ވެސް ދިރިއުޅުމެއް ފަށަން ވިސްނާތީ ފިޒާ ދެކޭ ގޮތް އެނގެން ބޭނުންވަނީ، މާނައެއްނެތް ގޮތުގައި ދުވަސްތަކެއް ބޭކާރުކޮށްލަން، މީ މަޖަލަށް ވަގުތުދުއްވާލަން ކުރާކަމެއްނޫން، އަހަރެން ވަރަށް ސީރިއަސް." ލައިތު ބުންޏެވެ.

"ޔާދުއާ އަހަންނާ ދެމެދު އަސްލު އެހާ ކްލޯޒް ގުޅުމެއްނޫން އޮތީ، ލައިތު ވާހަކަދައްކާހެން ލޯބިން ވާހަކަދައްކާކަށް އޭނާއަކަށް ނޭނގޭ، އަހަރެންގެ ހިތް އަތުލި މީހަކީ ތީ، ކުރިން ވެސް... މިހާރު އަދި މާބޮޑަށް ލައިތުއަށް ހިތްދެވިއްޖެ، ކައިވެނި ފަސްކުރީ ވެސް އެހެންވެ، އަހަރެން ލޯބިވަނީ ލައިތުދެކެ، އެކަމަކު މިވާހަކަތައް ޔާދިން ގާތު ބުނާނީ ކިހިނެއް؟. ތި ފެމެލީ އޯކޭވާނެތަ؟."

"ޔާދިންއަށް އަންގާނީ އަހަރެން، ފެމެލީއާމެދު އަޅާނުލާ... އެމީހުން ނުރުހުނަސް އަހަރެން ހުންނާނީ ފިޒާއާ އެއްކޮށް، މިއަދު އަންނަންވީމަ އަހަރެން ގުޅާނަން، ޔާދިންއަށް ނޭނގި އިހަށް މީޓުކުރަން އަންނާނީ، ދެމީހުން ވެގެން ޔާދިންއާ ކުރިމަތިލީމަ އޭނާއަށް ވިސްނޭނެ ފިޒާ ބޭނުންވާގޮތް، އަހަރެން ތިއަތުން ދުލެއް ނުކުރާނަން، ކެރޭނެތަ؟"

"ލައިތު ހުރިއްޔާ އަހަރެންނަށް ކެރޭނެ..."

"ސަޕްރައިޒެއް ދޭނަން މީޓުވީމަ، ރީތިވެލައިގެން ހުންނައްޗޭ... އެކަމަކު ފަސޭހަ ހެދުމެއްގަ އިނގޭ." ލައިތު މިހެން ބުނެލަންވާއިރަށް ފިޒާނާއަށް ހީނގަނެވިއްޖެއެވެ. ލައިތުގެ ނިޔަތް އޭނާއަށް އެނގުނީމައެވެ. ފިޒާނާ ވެސް ދުލެއް ނުކުރިއެވެ. ރައްދުދިނީ ނިކަން ކެރިގެންނެވެ.

* * * * *

އިލިއާނާ އައިޕެޑް ހިފަހައްޓާލައިގެން އިންއިރު އިސްކުރީނުން ޒުބިން ފެންނަން ހުއްޓެވެ. އިސްކޫލުން އައިގޮތަށް ޒުބިންއާ ވާހަކަދައްކާ ހިތުން އިލިއާނާ ރޮނީއެވެ. ކެމެރާއަށް ނާރާނޭ ހިސާބުގައި މަޑުކޮށްލައިގެން ލައިރާ ހުއްޓެވެ. ވަރިވާން ކޯޓުން ދިމާވި ފަހުން އޭނާއަށް ޒުބިން އަދި މިފެނުނީއެވެ. ޒުބިންގެ މޫނުމަތި މިލާފައިވާކަން ލައިރާއަށް ވަގުތުން ފާހަގަވެއްޖެއެވެ. ވީގޮތެއް އަހާލާ ހިތުން ލައިރާގެ ހިތް ތެޅިފޮޅި ގަތެވެ. ކޮންމެވެސް ކަމަކާ ޒުބިން ވަރަށް މާޔޫސްވެފައި ހުރި ކަހަލައެވެ. އިލިއާނާއަށް ހިނިތުންވުމެއް ދޭއިރު އެ ހިނިތުންވުމުގައި އުފާވެރިކަމާއި ހިތްހަމަޖެހުމެއް ނުވާކަހަލައެވެ. މަޑުމަޑުން ދުރަށް ޖެހުމުން ގޮސް ކޮޓަރިއަށް ލައިރާ ވަނީ ޒުބިންއާ ސުވާލެއް ކުރެވިދާނެތީއެވެ.

ކެންޒާ ގޮވައިގެން ލައިތުގެ ގެއަށް އޭނާއައެވެ. ލައިރާ އުޅޭބައިގައި ކެންޒާ ބަހައްޓާފައި ލައިތު ކޮޓަރިއަށް އައީ އޮފީސް ހެދުން ބަދަލުކޮށް ފެންވަރާލައިގެން ނުކުންނާށެވެ. އޭނާއަށްވުރެ ކުރީން އޮފީހުން ނުކުތް ޔާދިން އޭރު ގެއަށް އަތުވެއްޖެކަން އެނގެއެވެ. ލައިތު ފެންވަރައިގެން ކޮޓަރިން ނުކުތްއިރު ސޯފާގައި ސެހްރާނާއެކު ޔާދިން އިންތަން ފެނިއްޖެއެވެ. އޭނާ އަވަހަށް ފޯނު ނަގައި ފިޒާނާއަށް ގުޅިއެވެ. ލައިތުގެ ދުލުން ފިޒާއޭ ބުނެލުމުން އެއަޑަށް ޔާދިންގެ ކަންފަތް ސަމާލުވެލިއެވެ. ދެ ލޯބިވެރިން ވާހަކަދައްކާ ގޮތަށް ލައިތު ވާހަކަދައްކާ އަޑު އަހަން ޔާދިން އިނދެފައި ތެދުވީއެވެ.

"ކެންޒާގެ ކަންތައް ނިމުނީތަ؟." ޔާދިން ބަލާލީ ސެހްރާނަށެވެ. ދެން ލައިތަށް ބަލާލި ގޮތުން ހީވީ ސެހްރާނަށް ލައިތު ދައްކާލި ހެންނެވެ. އޭރު އެތަނުގައި ހުރި ބިލިއާޑް މޭޒުކައިރީ އެމީހުންނަށް ފުރަގަސްދީގެން ލައިތު ހުއްޓެވެ.

"ނޭނގެ، ފާޑެއްގެ އަންހެނަކާ ޖެހިގެން އޭނާއަށް ގޮސް ހުސްވެފަ، ފިޒާފިޒާ ނޫން އެއްޗެއް ނުކިޔޭ... ފިޒާ ކިޔާ ދެ ފަހަރިން ލިބެންތަ މިއުޅެނީ...ކެންއާ މީޓުކުރާ ހެނެއް ވެސް ހިޔެއްނުވޭ." ސެހްރާނު ބުންޏެވެ.

އިރުކޮޅަކު ލައިތަށް ބަލަން ހުރެފައި ޔާދިން ހިނގައިގަތީ ކޮޓަރިއަށް ވަދެލާފައި އެބައަންނަމޭ ކިޔާފައެވެ. ޔާދިންގެ ކޮޓަރި ފާރުގައި ލެނގިލައިގެން އެންމެންނަށް ފުރަގަސްދީގެން ހުރެ ލައިތު މަޑުމަޑުން ފިޒާނާއޭ ބުނެލިއެވެ. ޔާދިންގެ ހިނގުން މަޑުޖެހުނެވެ. އޭނާ ވަގުތުން އަތުގައި އޮތް ފޯނުން ފިޒާނާއަށް ގުޅިއެވެ. ފިޒާނާގެ ފޯނު ބިޒީވުމުން ޔާދިންގެ ކަރުގައި ކައްޓެއް ޖެހުނު ކަހަލައެވެ.

"އޭނާ ގުޅީތަ؟. ނަގާނެކަމެއްނެތް... ރެޑީވެގެންތަ ތިހުރީ، އެއްކަހަލަ ބްލޫ ޑްރެސްތަ ލީ. އަހަރެން ވެސް ފެންވަރައިގެން މިނުކުތީ، އަންނަންވީނު... ކޮޓަރިއަށް ވަދެލާފައި ނުކުމެއެއްނު، މިތަން ހުސްކުރާނަމޭ... މީހަކަށް ނުފެންނާނެ." ލައިތު ބުނެލިއެވެ.

ކޮޓަރިއަށް ވަދެވުނު ގޮތަށް ޔާދިން ދޮރު ޖެހީއެވެ. ދެތިން ފަހަރަށް ޔާދިން ގުޅުމުން ފިޒާނާ ފޯނުކޯލު ނެގިއެވެ. އޭނާއާ ބައްދަލުކުރަން އެ އެޕާޓްމެންޓަށް އެބަދަން ކަމުގައި ޔާދިން ބުންޏެވެ. ފިޒާނާ ވަގުތުން ދެކޮޅު ހެދިއެވެ. އޭނާ މީހަކާ ބައްދަލުކޮށްލަން ބޭރަށްދާން އުޅޭކަން ބުންޏެވެ. ކާކާތޯ ބައްދަލުކުރަނީ އެހުމުން ރައްޓެއްސެކޭ ފިޒާނާ ބުނެލިއެވެ. ބޭނުންވާ ތަނަކަށް ޔާދިން ގެންގޮސްދީފާނަމޭ ބުނުމުން، އެކަމާ ވެސް ފިޒާނާ ހެދީ ދެކޮޅެވެ. އޭނާއަށް ޔާދިން އިތުބާރުނުކުރަނީއޭ ބުންޏެވެ. އެތައް ބަހަނާއެއް ފިޒާނާ ދެއްކުމުން ޔާދިން ފޯނު ކަނޑާލީއެވެ.

ކޮޓަރިން ނުކުމެގެން އައިސް ބެލްކަނީގައި ޔާދިން މަޑުކުރީ ގެއަށް ވަންނަ މީހުން އެތަނުގައި ހުރުމުން ފެންނާނެތީއެވެ. ގިނައިރެއްނުވެ އޭނާގެ ލޮލުގައި ނޫކުލައި ކުރު ހެދުމެއްގައި އެގެއަށް ވަދެގެން އަންނަ އަންހެންކުއްޖާ އަޅައިގަނެއްޖެއެވެ. ޔާދިންއަށް ލެވުނު ނޭވާ މަޑުއާހެއް ފަދައެވެ. އޭނާ އެތެރެއަށް ބޯދިއްކޮށްލިއިރު ސެހްރާނު ވެސް ފެންނާކަށް ނެތެވެ. އެހެންވެ އޭނާ ވެސް ނިވާވުމަށް ބެލްކަނީގެ ބިއްދޮށަށް ވަދެ ގަސްމުށިގަނޑު ކައީރީ ހުއްޓެވެ. މީހެއްގެ ހިލަންވުމުން ދޮރުކައިރިއަށް ޖެހިލައި އަނެއްކާ ވެސް ގޭތެރެއަށް ޔާދިން ބަލާލިއެވެ. އެލެވޭޓާއިން ނުކުތް ފިޒާނާގެ އިންތިޒާރުގައި ލައިތު ހުރީ ހިނިތުންވެލައިގެންނެވެ. އޭނާ ލައިތުގެ ގައިގާ ބައްދާލަން އުޅުމުން ދެކޮނޑުގައި ހިފެހެއްޓިއެވެ. ކޮޓަރިއަށް ވަންނަން ލައިތު ބޮލުން އިޝާރާތްކޮށްލީއެވެ. އޭނާ އިސްއިފުލާލި ހިނދު ޔާދިން ފަހަތަށް ޖެހުނީ އޭނާ ހުރިކަން ލައިތަށް އެނގުނީކަމަށް ހީކޮށެވެ. އިސްތަށިގަނޑުގެ ތެރެއަށް ދެއަތުގެ އިނގިލިތައް މަހާލުމާއެކު ޔާދިންއަށް ބޮލުގައި ހިފަހައްޓާލެވުނީ ނުހަނު ބާރަށެވެ.

"ފި...ޒާ...ނާ..." މަސްހުނިވެފައިވާ ޖަޒުބާތުގައި ޔާދިންގެ އަޑު ނިކުތީ ކިރިޔާއެވެ.

(ނުނިމޭ)