ސުޕްރީމް ކޯޓް

ރެކޯޑެއް: ސުޕްރީމް ކޯޓުން އެންމެ ގިނަަ މައްސަލަ ނިންމީ މިއަހަރު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ތާރީހުގައިވެސް އެންމެ ގިނަ މައްސަލަތައް ނިންމި އަހަރަކީ 2020 ވަނަ އަހަރު ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން ވިދާޅުވެއްޖެ އެވެ.

އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓްގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައެވެ. މިދިޔަ 12 އަހަރުގެ ތަފާސް ހިސާބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ 2020 ވަނަ އަހަރަކީ މިދިޔަ 12 އަހަރުގެ ތެރޭގައި އެންމެ ގިނަ މައްސަލަތައް ތާވަލުކޮށް އެންމެ ގިނަަ އަޑުއެހުންތައް ބާއްވާ އަދި އެންމެ ގިނަ މައްސަަލަތަކުގައި ހުކުމް އިއްވި އަހަރު ކަމަަށެވެ.

މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެން މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 251 އަޑުއެހުން ބާއްވާފައިވާއިރު އަހަރު ދުވަސްތެރޭ 49 މައްސަލައެއްގައި ހުކުމް އިއްވާފައިވާ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް އެންމެ ފުރިހަމަ ގޮތުގައި މި މަސައްކަތް ކުރުން މަތީ ދެމި ތިބުން. އަދި އަދުލްއިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމް ކޯޓް ހަރުދަނާ ކުރުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ މި ހާލަތުގައި އަދުލްއިންސާފު ހޯދާ ދިނުމަށް ސުޕްރީމް ކޯޓުން ކުރި މަސައްކަތް ފާހަގަ ކުރައްވާ ކަމަަށެވެ. މީގެ އިތުރުން މައްސަލަ ހުށައެޅޭނެ ފަސޭހަ އިންތިޒާމްތަކެއް މިއަހަރު ހަމަޖައްސާފައިވާއިރު އަދިވެސް އެ ނިޒާމު އިތުރަށް ހަރުދަނާ ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ފަސޭހަކަމާއެކު އަދުލްއިންސާފަށް ވާސިލްވެވޭނެ މަގު ފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދާ އަދުލްއިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ދެ ގޮތެއް ނުވެ ދެމިތިބުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.