އޮފްބީޓް

ކޮވިޑުގައި މަރުވަނީ ކަމަށް ބުނެ ދިޔައީ ލޯބިވެރިޔާ ކައިރިއަށް

އިންޑިޔާގެ ނަވީ މުމްބައިގައި ދިރިއުޅޭ މީހަކު އަންހެނުންނަށް ދޮގު ހަދާފައި ގެއިން ފިލައިފި އެވެ. އޭނާ އަންހެނުން ކައިރީ ބުނީ ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެއީ އޭނާ އަންހެނުންނަށް ހެދި ދޮގެކެވެ. އޭނާއަކަށް ކޮވިޑެއް ނުޖެހެ އެވެ. އަންހެނުންނަށް ދޮގު ހަދާފައި އޭނާ ދިޔައީ މަދްރަޕްރަދޭޝްގެ އަވަށެއްގައި ހުރި ސިއްރު ލޯބިވެރިޔާ އާއެކު ދިރިއުޅެން އެ އަންހެންމީހާގެ ގެއަށެވެ.

އުމުރުން 28 އަހަރުގެ މި ފިރިހެންމީހާ އޭނާގެ އަންހެނުން ކައިރީ ބުނީ ކޮވިޑް-19 ޖެހި އޭނާ "ވަރަށް އަވަހަށް" މަރުވާނެ ކަމަށެވެ.
މި ހާދިސާ ހިނގީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަސްވަރަކީ އިންޑިޔާގައި ވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެ ލޮކްޑައުންއަކަށް ގޮސްފައިއޮތް ދުވަސް ވަރެކެވެ.

ޓައިމްސް އޮފް އިންޑިޔާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮވިޑް ޖެހިފައިވާ ކަމަށް ބުނެ މި މީހާ ގެއިން ނިކުމެގެން ގޮސް ފިލީ އެވެ. އޭނާ ދިޔައީ މަދްޔަޕްރަދޭޝްގެ އިންދޯރްގައި ދިރިއުޅޭ ސިއްރު ލޯބިވެރިޔާ އާއެކު ދިރިއުޅުން އޭނާގެ ގެއަށެވެ. މި މީހާ ޖުލައި 24 ވަނަ ދުވަހު އަންހެނުންނަށް ގުޅާފައި އޭނާގެ ހާލު ސީރިއަސް ކަމަށާއި ފުރާނަ ސަލާމަތްވާނެ ކަމާ މެދު ވެސް ޝައްކުކަމަށް ބުނި ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ވިނާޔަކް ވާސް ވިދާޅުވި އެވެ.

އޭގެ ފަހުން އޭނާގެ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އާއިލާގެ އެއްވެސް މީހަކަށް އޭނާ އާ ގުޅޭ ގޮތް ނުވެ ގެއްލުނީ އެވެ. އޭގެ އަނެއް ދުވަހު ފިރިހެންމީހާގެ ޅިޔަނަށް އެ ފިރިހެންމީހާ ދުއްވި ބައިސްކަލްގެ ތަޅުދަނޑި އާއި ހެލްމެޓާއި އޮފީސް ބޭގް، އަދި ވޮލެޓް ފެނިފައި ވެއެވެ. އެހެންވެ އެ މީހާ ގެއްލިގެން އާއިލާއިން ޕޮލިސް ސްޓޭޝަނަށް ގޮސް އޭނާ ގެއްލުނުކަމުގެ ރިޕޯޓު ކުރި އެވެ. އެހިސާބުން ފުލުހުން އެމީހުން ހޯދަން ފެށި އެވެ. ކޮވިޑް-19 ބަލި މީހުން ބައިތިއްބާ ތަންތަނާއި ޑައިގްނޮސްޓިކް ލެބްތައް ވެސް ބެލި އެވެ. އަދި މަރުވެފައި ތިބޭ މީހުން ބައިތިއްބާ ތަންތަނަށް ވެސް ޗެކް ކުރި އެވެ.

"އަހަރެމެން އޭނާ ވީ ތަނެއް ހޯދޭތޯ އުޅުނިން. ނަމަވެސް ފޯނު ނިއްވާލާފައި އޮތީ. ދެން ބެލީ ފޯނު ނިއްވާލިއިރު ފޯނު އޮތް ހިސާބެއް. އެ ބެލި ބެލުމުން އިންދޯރު ޑިސްޓްރިކްޓްގެ އަވަށަކާ ހަމައިން ކަން އެނގުނީ. އަދި އެމީހާއަކީ ކައިވެނީގެ ބޭރުން ގުޅުމެއް ހިންގާ މީހެއްކަން ވެސް ތަހުގީގަށް އެނގުނު،" ފުލުސް އޮފިސަރު ވިދާޅުވި އެވެ.

އެހިސާބުން ފުލުހުންގެ ޓީމެއް އިންދޯރަށް ގޮސް އެމީހާ ހޯދިއިރު އޭނާ އުޅެނީ ނަން ވެސް އޮޅުވާލައިގެން އެހެން ނަމެއްގަ އެވެ. މިހާރު ފުލުހުން ވަނީ އެމީހާ އަނބުރާ ނަވީ މުމްބައި އަށް ގެނެސް އޭނާގެ އަންހެނުންނާ ބައްދަލު ކުރުވާފަ އެވެ.