ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

74 ޕޮޒިޓިވް، 37 ދިވެހިން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 74 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 70 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ހަތަރު މީހުނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 37 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 37 ބިދޭސީންނެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓްކޮށްފައި ވަނީ 1،322 ސާމްޕަލެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,568 އަރާފަ އެވެ. ރާއްޖޭގެ ނަންބަރު އިތުރުވަމުން ދިޔަނަމަވެސް މިދިޔަ މަހާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި 100 އިން މަތީގެ ނަންބަރެއް އައީ އެންމެ ދުވަހެއްގައެވެ. އެހެން ދުވަސްތަކުގައި ޕޮޒިޓިވް އަދަދު އުޅެނީ 100 އިން ދަށުގައެވެ.

ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. އެ މަހު އެކަނިވެސް 3،900 މީހުންނަށް ބަލި ޖެހުނެވެ. އަދި އެ ބަލީގައި 12 މީހަކު މަރުވިއެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 44 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،077 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،452 މީހުންނެވެ. ކޮވިޑްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 106 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 21 ރަށެއްގައި 48 މީހަކަށް ބަލިޖެހިފައި ވެއެވެ.