ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑަށް ޕޮޒިޓިވްވީ 81 މީހުން

Sep 19, 2020

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 81 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 70 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް 11 މީހުނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 58 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 23 ބިދޭސީންނެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓްކޮށްފައި ވަނީ 1،408 ސާމްޕަލެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,649 އަރާފަ އެވެ. ރާއްޖޭގެ ނަންބަރު އިތުރުވަމުން ދިޔަނަމަވެސް މިދިޔަ މަހާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި 100 އިން މަތީގެ ނަންބަރެއް އައީ އެންމެ ދުވަހެއްގަ އެވެ. އެހެން ދުވަސްތަކުގައި ޕޮޒިޓިވް އަދަދު އުޅެނީ 100 އިން ދަށުގައެވެ.

ނަމަވެސް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. އެ މަހު އެކަނިވެސް 3،900 މީހުންނަށް ބަލި ޖެހުނެވެ. އަދި އެ ބަލީގައި 12 މީހަކު މަރުވިއެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 111 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،188 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،422 މީހުންނެވެ. ކޮވިޑްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 111 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 21 ރަށެއްގައި 48 މީހަކަށް ބަލިޖެހިފައި ވެއެވެ.