ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ފިޔަވަޅުތަކަށް ލުއި ދެވޭކަށް ނެތް"

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް މިވަގުތު އަދި ލުއި ދެވެން ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިދިޔަ އޮގަސްޓް މަހުން ފެށިގެން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވުމާއި ގުޅިގެން ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން މަނާކޮށް ރޭގަނޑު 10:00 އިން ފެށިގެން 5:00 އަށް ކާފިއުއެއް އިއުލާންކޮށްފައި ވެއެވެ. އަދި ފިހާރަތަކާއި ކެފޭ / ހޮޓާ، ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހޭ ގަޑިތަކަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެ މަހު އެކަނި ވެސް 3،900 މީހުންނަށް އެ ބަލި ޖެހުނެވެ. އަދި އެ ބަލީގައި 12 މީހަކު މަރުވި އެވެ. ރާއްޖޭގެ ކޮވިޑް ނަންބަރު އިތުރުވަމުން ދިޔަ ނަމަަވެސް މިދިޔަ މަހާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭ އެއް ދުވަހެއްގައި 100 އިން މަތީގެ ނަންބަރެއް އައީ އެންމެ ދުވަހެއްގަ އެވެ. އެހެން ދުވަސްތަކުގައި ޕޮޒިޓިވް އަދަދު އުޅެނީ 100 އިން ދަށުގަ އެވެ.

މި ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އޯގަސްޓް މަހާއި އަޅާ ބަލާއިރު އެދެވިގެންވާ ބަދަލުތަކެއް އަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިިދިޔަ މަހު އިތުރުވެ ބެޑް އޮކިއުޕެންސީ 80 ޕަސެންޓްގައި ހުރި ނަަމަވެސް މިހާރު އެ އަދަދު ދަށްވެ ޖާގަ އިތުުރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮގަސްޓް މަހުގެ ތެރޭގައި 12 މީހަކު މަރުވެފައިވާއިރު ސެޕްޓެންބަރު މަހުގެ ތެރޭގައި ކޮވިޑް ބަލީގައި އަދި މަރުވީ ފަސް މީހުންނެވެ. ނަމަވެސް ހަތަރު މީހަކު އެއް ހަފުތާގައި މަރުވުމަކީ ކަންބޮޑުވާން ޖެހުނު ކަމެއް ކަމަށް ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަންބަރުތައް ދަށައްދާތަން ފެނުނު ނަމަވެސް މިއީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭނެ ވަގުތެއް ނޫނެވެ.

"އަދިވެސް ނަންބަރުތަށް ދަށަށް ދަނީއޭ ބުނަން ދަތި. އަޅުގަނޑު ބުނާނީ އަދަދުތައް ކޮންމެވެސް ވަރަކަށް ސްޓޭބަލްވާ ކަމުގެ ނިޝާންތައް އެބަފެނެއޭ. އަދި ދަށަށް ދަނީއޭ ބުނަން ތަންކޮޅެއް އަަވަސް. އެހެންވީމަ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ދުލެއް ދެވޭކަށް ނޯންނާނެ. ފިޔަވަޅުތަކާ ދޭތެރޭ ފަރުވާ ކުޑަކޮށްގެން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެ،" ޝަހީދު ވިދާޅުވި އެވެ.

ކޮވިޑްގައި އެންމެ ރިކްސް ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވާތީ އެ އުމުރުގެ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް އޭނާ އެދި ވަޑައިގެންނެވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 9،600 އިން މައްޗަށް އަރާފައެވެ. އެ ބަލީގައި 33 މީހަކު މަރުވެފައިވާއިރު މިހާރުވެސް 111 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ވަނީ ރަނގަޅުވެފައެވެ. އެއީ 8،188 މީހުންނެވެ. މިވަގުތު ކޮވިޑުން ރަނގަޅުނުވެ ތިބީ 1،422 މީހުންނެވެ.