(17 ސެޕްޓެމްބަރ 2020 އާ ގުޅޭ)
ކޮޓަރިއަށް ވަންނަން ލައިތު ބޮލުން އިޝާރާތްކޮށްލީއެވެ. އޭނާ އިސްއިފުލާލި ހިނދު ޔާދިން ފަހަތަށް ޖެހުނީ އޭނާ ހުރިކަން ލައިތަށް އެނގުނީކަމަށް ހީކޮށެވެ. އިސްތަށިގަނޑުގެ ތެރެއަށް ދެއަތުގެ އިނގިލިތައް މަހާލުމާއެކު ޔާދިންއަށް ބޮލުގައި ހިފަހައްޓާލެވުނީ ނުހަނު ބާރަށެވެ.
"ފި...ޒާ...ނާ..." މަސްހުނިވެފައިވާ ޖަޒުބާތުގައި ޔާދިންގެ އަޑު ނިކުތީ ކިރިޔާއެވެ.
ހިނދުކޮޅެއްގެ ތެރޭ އަމިއްލަ ހަރަކާތާމެދު ޔާދިން ސުވާލު އުފެދުނެވެ. އޭނާ ފިލަންވީ ކީއްކުރަން ހެއްޔެވެ. މިތަނުގައި ކުށްވެރިއަކީ އޭނާއެއްނޫނެވެ. ފިޒާނާއާއި ލައިތު، އޭނާގެ ފުރަގަހުގައި އެ ހިންގަނީ ކިހާ މުޑުދާރު ޢަމަލެއް ހެއްޔެވެ. ތެދުވެރިކަމެއްނެތްކަން ހާމަވުމުން، ފިޒާނާގެ ހުރިހާ ކަމަކާމެދު ސުވާލު އުފެދިއްޖެއެވެ. އެ ދުވަހު ސެހްރާނަށް ފިޒާނާ އެގެއަށް އައިކަން އެނގުމަކީ، ޔާދިންއަށް ޝައްކު އުފެދުނު ހިސާބެވެ. ޢާއިލާއާއެކު ކުރި ދަތުރަށްފަހު ފިޒާނާއާ މެދު އޮތް އިތުބާރުގެ ބޯ ފާރު އައީ ތުނިވަމުންނެވެ. ސެހްރާނު ދިން ޚަބަރުން އެ ފާރުގައި ވަނީ ރެނދުލައިފައެވެ. މިއަދު އެ ފާރަށް އެރި ލޮޅުމުގައި ރެނދުލާފައި ހުރި ދިމާއިން ފުނޑުފުނޑުވަމުން ގޮސް ބޮޑު އާނގުއެއް ހެދިއްޖެއެވެ.
ރެއިލިންގައި ދެއަތުން ހިފާ ބާރުކޮށްލެވުމާއެކު ޔާދިން ފުންނޭވާއެއް ލިއެވެ. ނަފްސު ހަމައަކަށް އެޅޭތޯ މަސައްކަތްކުރާއިރު އެކަން އެހެންނުވާނޭ އަމިއްލަ ޟަމީރު ބުނަމުންދިޔައެވެ. ފިޒާނާދެކެ ޔާދިންއަށް ވެވުނީ ތެދުވެރި ލޯތްބެކެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާއެއްނޫނެވެ. އަހަރުތަކެއް ވަންދެން ލައިތުގެ ގާތުން ބަދަލުހިފަން ތެޅިފޮޅެމުން އައި ޖަޒުބާތުތައް ފިނިވެ، ހިތުގެ އެންމެ އަޑީގައި އެ އިޙްސާސްތައް ނިންދަވާލީ، ފިޒާނާއާ ބައްދަލުވެވުމުންނެވެ. ކެތްތެރިކަން ކޮޅުންލާފައިވާ ހިތުގެ ދިގު އިންތިޒާރު ނިމުމަކަށް އައުމުން، ދުނިޔޭގެ ހުރިހާ އުފަލެއް ޔާދިންއަށް ހާސިލުވެއްޖެއޭ ހީކުރެވުނެވެ. ފިޒާނާ ބަލައިގަތީ އެ އަންހެންކުއްޖާގެ ހުރި އުނިކަމާއެކުއެވެ. ފިޒާނާ އެދުނުކަމެއް މިހާތަނަށް ނުކޮށްދެވިއެއް ނެތެވެ. ދުވަހަކުވެސް މައިންބަފައިންނާއި ޢާއިލާގެ އިސް މެންބަރުންގެ ކުރިމަތީ ހަރުކަށިކަމާއި އަމުރުގެ ރާގުގައި ޔާދިން ވާހަކަދައްކައިފައި ނުވެއެވެ. އެހެންނަމަވެސް އެކަން ވެސް އޭނާއަށް ކުރެވިއްޖެއެވެ. ކަނާއަތްތިލަ ގެނެސް ކަނާތު ލޮލާއިއެކު ނިތްކުރީގައި ޔާދިން ހިފަހައްޓާލިއެވެ. އޭނާގެ ބޮލުގައި ވެސް ރިހެނީއެވެ. ލައިތުއަކީ ފިޒާނާގެ އިއްފަތްތެރިކަން ފޭރިގަތް މީހާއަށްވާއިރު، ޔާދިންއަށް ރަނގަޅު ގޮތެއްވާން އޭނާ ނޭދޭނެކަން ފިޒާނާއަށް ނުވިސްނެނީ ހެއްޔެވެ. ފިޒާނާ އެދުނު ކޮންމެ ކަމަކަށް އާނއެކޭ ބުނަމުން އައީ އެ ލޯތްބާއި ދެވަނަ ފަހަރަށް ދުރަށްދާން ޔާދިންއަށް ޖެހިދާނެތީއެވެ. ފިޒާނާއާ ބައްދަލުވީއްސުރެން އެ ބިރުވެރިކަން އޭނާގެ ހިތުގައި އަބަދުމެ އޮވެއެވެ. ފަހަރެއްގައި ފިޒާނާއަށް ލިބުނު ޔަގީންކަމުގެ އަސްލަކީ ޔާދިންގެ ހިތުގައިވި އެ ބިރެވެ.
ހިމޭންކަން ނެތި ބައެއްގެ ވާހަކަދެއްކުމުގެ އަޑު ޔާދިންއަށް އިވެންފެށިއެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ދޮރުން އެތެރެއަށް ޔާދިން ބޯދިއްކޮށްލިއެވެ. ސެހްރާނާއެކު ހުރި ކެންޒާއާއި ޖިނާނު ފެނި ޔާދިން ހައިރާންވިއެވެ. ހަމައެވަގުތު އޭނާގެ ޚިޔާލަށް ކަމެއްވެރިވެއްޖެއެވެ. ކެންޒާއަށް ލައިތުގެ ހަޤީޤީ ސިފަ ދެއްކުމެވެ. މުޅި ޢާއިލާގެ ތެރޭ ލައިތު ބަދުނާމުކޮށްލުމަށް މިއަށްވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނެއެވެ.
"ކެންޒާ..." ސޯފާތައް ހުރި ދިމާގައި އިށީންނަން އެންމެން އައިވަގުތު، ޔާދިން ގޮވާލިއެވެ. އޭނާ އައިސް ހުއްޓުނީ ސީދާ ކެންޒާގެ ކުރިމަތީއެވެ. ޔާދިން ގޮވާލި ރާގުގައި ކެންޒާ ވެސް އޭނާގެ ނަމުން ގޮވާލިއެވެ.
"ޔާދިން... ދޫކުރޭ..." ކުއްލިއަކަށް ކެންޒާގެ އަތުގައި ހިފައި ޔާދިން ދަމާލުމުން ބުނެވުނެވެ.
"ޔާދު..." ސެހްރާނު ވެސް އެވަގުތު ގޮވާލިއެވެ.
"އަހަރެން ނުބުނަންތަ އޭނާއަށް އިތުބާރުނުކުރާށޭ... އޭނާވަރުގެ ގޮތެއްފޮތެއްނެތް ފިރިހެނަކު ނުދެކެން، މީހުންގެ ހައްޤުތަކަށް އަރައިގަތުމަކީ އޭނާގެ ލޭގައި ހުރިކަމެއް، އާދޭ އަހަންނާއެކު، އެންމެންގެ ފުރަގަހުގައި އޭނާ ކުރަނީ ކީއްކަން އޭރުން އެނގޭނެ." ނުރުހުމާއެކު ޔާދިން ވާހަކަދެއްކިއެވެ.
ކެންޒާގެ އަތުގައި ހިފާލާފައި ޔާދިން ހުރީ ތަންކޮޅެއް ބާރަށެވެ. ހީވީ އަތް ފޮޅުވާލުމުގެ ހަނި ފުރުޞަތެއް ވެސް ކެންޒާއަށް ނުދޭން ތައްޔާރުވެގެން ހުރިހެންނެވެ. އެލެވޭޓާގެ ތެރެއިން ސަރަފީނާއާއި އަސަދު ނުކުތީ އެވަގުތެވެ. ކަމެއް ގޯސްވެއްޖެކަން އެމީހުންނަށް ފެނުނު މަންޒަރުން ނަގައިގަތެވެ. ނަމަވެސް އެމީހުންގެ މޫނަކަށް ޔާދިން ނުބެލިއެވެ. ކެންޒާ ގޮވައިގެން އައިސް ލައިތުގެ ކޮޓަރި ދޮރުގައި ތަޅައިގަތެވެ. އެ ދިމާއަށް ހަލުވިކޮށް އަސަދަށް އާދެވުނީ ދެ ފިރިހެން ދަރީން ތަޅައިގަންނަން އުޅެނީއޭ ހީވެގެންނެވެ. އެ ދެމެދަށް ކެންޒާވައްދަން ޔާދިން މަސައްކަތްކުރަނިއޭ ވެސް ހީވެގެންނެވެ.
ފިޒާނާ ގޮވައިގެން ކޮޓަރިއަށް ވަންގޮތަށް ލައިތު ވަނީ ފާޚާނާއަށެވެ. ފިޒާނާ ގާތު މަޑުކޮށްލުމަށް ބުނެފައެވެ. ކޮޓަރީގެ ދޮރުގައި ތަޅައިގަތް އަޑު އިވުމުން އަތުގައި އޮތް ފޯނު ޖިންސުގެ ޖީބަށް ލާފައި ފާޚާނާއިން ލައިތު ނުކުތެވެ. އޭރު އެނދުގައި އިން ފިޒާނާ ހާސްވެގެން ހުރީ ކޮޅަށެވެ.
"ޔާދިން އެއީ..." ލައިތުއަށް ދޮރުހުޅުވަން ގޮވާލި އަޑާއެކު ފިޒާނާ ބުންޏެވެ.
"ލައިތު މަޑުކޮށްބަލަ... ކީއްކުރަން ދޮރު ހުޅުވަނީ... އޭރުން އަހަރެމެން ދެމީހުން މިކޮޓަރީގައި ތިބިކަން އެނގޭނެ." ކަންބޮޑުވެފައި ފިޒާނާ ބުންޏެވެ.
"އަހަރެން ނުބުނަންތަ މިވަގުތު އަންނާނޭ، އަހަރެން ކިހިނެއް އަބަދު ފިޒާ ފޮރުވައިގެން ގެންގުޅޭނީ... ފިޒާ ޚިޔާރުކުރާ ގޮތެއް މިއަދު ބުނަންވާނެ، އަހަރެން ނޫނީ އޭނަ... މީހުންނާ ކުރިމަތިލާން ނުކެރިގެން އަހަރެން ނޫޅެން، އަނެއްކާ... މީ... އަހަންނާއެކު ހަމައެކަނި ސްލީޕްކޮށްލުމުގެ ބޭނުމުގައި ފިޒާ ޖައްސާ އެކްޓެއްތަ؟، މެރީކުރަން ބޭނުންވަނީ ޔާދިންއާ ދޯ، އެހެންނަމަ މިހާރު މިވަގުތު މިކަން ނިންމާލަންވީ... ތީ އަހަރެންގެ ހައްޤެއްނޫންކަން ކަނޑައަޅާ ހިސާބުން، ފިޒާއާ އެއްވެސް ގުޅުމެއް ނުބާއްވާނަން." ދެޖީބަށް އަތްތިލަކޮށްޕާލުމާއެކު ލައިތުގެ ހަށިގަނޑު ސީދާކޮށްލައި ފިޒާނާއާ ދުރަށް ނަޒަރު ހުއްޓާލިއެވެ. ލައިތު އެ ބުނި ފަދައިން ކަންތައްކޮށްފާނޭކަން ފިޒާނާއަށް އެނގެއެވެ. ތުންފިއްތާލެވުނީ ލައިތުއާ ވަކިވުމުގެ ވިސްނުމެއް އޭނާގެ ނެތީމައެވެ.
"ލައިތު މުހިންމީ... އަހަރެން ޚިޔާރުކުރީ ލައިތު، ޔާދިންދެކެ އަހަރެން ލޯތްބެއްނުވޭ." ފިޒާނާ ކުރިއަށް ޖެހިލައި ހިފާލީ ލައިތުގެ ވައަތު މުލައްދަނޑީގައެވެ.
"ދެން ކީއްވެ ޔާދިންއާ އިންނަން ތިއުޅެނީ، އޭނާއާ ރައްޓެހިވީ... ލޯބިނުވާއިރު." ލައިތު އަހާލީ މަޑުމަޑުންނެވެ. ފިޒާނާ ހިމޭންވެ ހުންނަން ފެށުމުން ލައިތު އުޅުނީ ދޮރު ހުޅުވާށެވެ. އެހިނދު ފިޒާނާ އަނެއްކާ ވެސް އޭނާ ހުއްޓުވައިފިއެވެ.
"ލައިތު ރުޅިއަންނާނެ ތެދަށް ބުނީމަ." ލައިތުގެ އަތުގައި ކުރިން ވެސް ހިފަހައްޓައިގެން ހުރި ގޮތަށް ހުރެ ފިޒާނާ ބުންޏެވެ. މިފަހަރު ލައިތުއާ ހަތަރުކަޅި ހަމަކުރާކަށް އޭނާއަކަށް ނުކެރުނެވެ.
"ރުޅިއެއްނާންނާނަން." ލައިތު ނިކަން އަވަހަށް ބުންޏެވެ.
"ޕްރޮމިސްތަ؟." ފިޒާނާ އިސްއުފުލައި ލައިތުއަށް ބަލާލަމުން އަހާލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ލައިތު ބޯޖަހާލީއެވެ.
"ލައިތު ބޭނުންވެގެން އަހަރެން ހުރިހާކަމެއްކުރީ، ލައިތު ނުލިބިއްޖެނަމަ... ލައިތުއަށް ދިރިއުޅެން ދަތިކުރާނަމޭ ހިތަށް އެރީ، އެކަން އެހެންވާނީ މިޢާއިލާތެރެއަށް ވަދެވިގެންކަން އެނގޭ، ޔާދިންދެކެ ލޯބިނުވިޔަސް އޭނާއާ ރައްޓެހިވީ އެހެންވެ، އެނގޭ ޔާދިން ލޯބިވާކަން، އަހަރެން ބުނި ކޮންމެ ގޮތަކާ އޭނާ ރުހޭނެކަން، އެކަމަކު ދެން ހެޔޮ... އަހަރެން ބޭނުންވަނީ މީތި ބްރޭކްކޮށްލާފައި، ލައިތުގެ މީހަކަށް އަބަދަށްވާން، އަހަރެން ލައިތުދެކެ ވަރަށް ލޯބިވޭ." ފިޒާނާގެ ދެ ލޯ، އޭނާ އެ ދެއްކި ވާހަކައާ މެދު ހެކިވާކަން ލައިތު ދެނެހެއްޓުނެވެ. ލުއި ހިނިތުންވުމެއް ލައިތުގެ ތުންފަތަށް ވެރިވިއެވެ.
"ރީތި ގޮތުގައި، ސުލްޙަވެރިކަމާއެކު ނުނިމޭނެ... އެހެންވިޔަސް ފިޒާ ފަސް ނުޖެހޭތި، ޔާދިންއަށް ބުނެދީ ތީ މިހާރު އަހަރެންގެ މީހެއްކަން، އެހެންވެކަން މިކޮޓަރިއަށް ވަނީ، ލޯބިނުވާކަމާއި އޭނާ ހީކުރި ލޯބި އަބަދުވެސް ފިޒާ ވަމުންއައީ އަހަރެންދެކެކަން." ލައިތު ބުންޏެވެ. ފިޒާނާ މަޑުމަޑުން ބޯޖަހާލިއެވެ. ލައިތުގެ ހިނިތުންވުން ފުޅާވެލި ގޮތް ފެނި ފިޒާނާގެ އަވަސްވެފައިވި ހިތް ހަމައަކަށް އެޅެންފެށިއެވެ. ކުރިން ހުރި ޖެހިލުންވުން މަޑުމަޑުން ފިލަން ފަށައިފިއެވެ.
"ކެންޒާ..." ފިޒާނާ ބުނެލިއެވެ.
"އޭނާ މިހާރު އަންނާނެ، އަހަރެން ވެސް ބުނަން ޖެހޭ ހުރިހާ ވާހަކައެއް ބުނާނަން، ދެން ހިނގާ ދޮރު ހުޅުވަން... އެހެންނޫނީ އޭނާ ހުއްޓައެއް ނުލާނެ." ލައިތު ބުންޏެވެ. ފުންނޭވާއެއް ހަށިފުރާ ދޫކޮށްލުމަށްފަހު ފިޒާނާ ބޯޖަހާލިއެވެ. ލައިތުގެ މުލައްދަނޑީގައި ހިފައިލައިގެން ހުރެ ފިޒާނާ ވެސް އައެވެ.
ހުޅުވެމުން އައި ދޮރުގައި ޔާދިން ދެއަތުން އަޅައި ކޮށްޕާލިއެވެ. ދޮރުމައްޗަށް ލައިތުއާއެކު ފިޒާނާ ނުކުތެވެ. ޔާދިންއާ ނަޒަރު ސީދާކޮށްލާފައި ވެސް އެ ދެ ލޮލުން ފެންނަން ހުރި އަސަރުން ފިޒާނާ އިސްޖަހާލިއެވެ. ނަމަވެސް ލައިތުގެ އަތަށް ގެނައި ހަރަކާތާއެކު އޭނާއަށް ފިޒާނާ ބަލާލުމުން، އަމިއްލަ ނަފްސަށް ޔަގީންކަން ވެރިވިއެވެ.
"ފެނިއްޖެތަ؟... އެއީ ކިހާވަރެއްގެ މީހެއްކަން..." ޔާދިން ބުނީ ކެންޒާއާ ދިމާއަށެވެ.
ކެންޒާގެ ނަޒަރު ފިޒާނާއަށް ހުއްޓިފައި ހުރީއެވެ. ކެންޒާއަށް ވާނޭ ގޮތް ހިތަށް ތަސައްވުރު ކުރެވުމާއެކު ފިޒާނާގެ ދެ ލޮލުގެ ވިދުން ގަދަވިއެވެ. ހިނިތުންވުމެއް ކެންޒާއާ ބަދަލުކޮށްލިއެވެ. ސެހްރާނު އައިސް ކެންޒާގެ ފުރަގަހުން މަޑުކޮށްލިއެވެ. ޖިނާނުއަށް ބެލެނީ އޭނާގެ މައިންބަފައިންނަށާއި ލައިތުއަށެވެ. އޭނާއަށް ކުރެވުނު ޝައްކު ޔަގީންވީއޭ ޖިނާނު ހިތަށްއެރިއެވެ.
"ދެޓްސް ޑިސްގަސްޓިން ބްރޯ." ޖިނާނު ބުނެލިއެވެ.
ސަރަފީނާއަށް ގާތުގައި ހުރި އަސަދުއާ މާނަފުން ނަޒަރެއް ބަދަލުކޮށްލެވުނެވެ. އެ ދެމަފިރިން އެބަޔަށް އައީ ލައިރާގެ އެދުމަކަށެވެ. ފަހަރެއްގައި ޢާއިލާތެރޭގައި ހުޅުރޯވާ މަންޒަރު ދުށުމަކަށްނޫނެވެ. ޔާދިންގެ އިޙްސާސްތައް އެ ދެމަފިރިންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ފުރާވަރުން ފެށިގެން އެ ފިރިހެން ދަރިފުޅުގެ ސަމާލުކަން ފިޒާނާއަށް ދެވިފައިވާކަމެވެ. އޭރު އެމީހުންނަށް އެ ގުޅުމުގައި ގޯހެއްނެތެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވީ ލައިތުއާ މެދު ކަންތައް ހިނގައިދިޔަ ގޮތުންނެވެ. އެ މުޑުދާރު ބަދުނާމުގައި ލައިތުގެ މައުޞޫމްކަން ފިޒާނާ ނަގާލަން އުޅުނީމައެވެ. އަހަރުތަކަކަށް ފަހު އަސަދުއަށް ލިބުނު ފުރުޞަތު އެ ހާދިސާގެ ސަބަބުން ގެއްލުނީއެވެ. ބޮލުގައި އެޅުނު ހުތުރު ނަމާއި، އެ ހަނދާންތަކާއި، މާޙައުލާ ދުރަށް ލައިތު ފޮނުވާލަން އަސަދުއަށް ޖެހުނީއެވެ.
"އަޑުގަދަ ނުކުރޭ... ފިޒާ ބޭނުންވަނީ ކޮންގޮތެއްތޯ އަޑުއަހާ." ލައިތު ބުންޏެވެ. އަދި ފިޒާނާއަށް ބަލާލައި ބޯޖަހާލީ ބުނާށޭ ބުނާ ފަދައިންނެވެ.
"ޔާދު..."
"ވައި؟..." ފިޒާނާ އެއްޗެކޭ ބުނަންވާއިރަށް ޔާދިން އަހައިފިއެވެ.
"ސޮރީ، އަހަންނަށް ލޯބިނުވެވުނީ..."
"ބިކޯޒް އޮފް ދިސް ބާސްޓެޑް." ރުޅިވެރިކަމާއެކު ޔާދިން ބަލާލީ ލައިތަށެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލި ހިނދު ލައިތު ރައްކާތެރިކުރުމަށް އެ ދެމެދަށް ފިޒާނާ ވަނެވެ.
"ޔާދިން... މިބުނީނު އަހަރެން ލޯތްބެއްނުވެޔޭ، ދެން ކިހިނެއް އަދި މެރީކުރާނީ... ލައިތު އަހަރެން އެކްސެޕްޓްކޮށްފި، އޭނާ ވެސް މިހާރު އަހަރެންދެކެ ލޯބިވޭ. އަހަންނާ އިންނަން ބޭނުންވޭ، އަހަރެމެންގެ މިޒާޖު ވެސް އެއްގޮތް، އަހަރެން ބޭނުންވާކަންކަން، އަހަރެން އުފާވާނޭ ކަންކަން ލައިތުއަށް އެނގޭ މާބޮޑަށް" ފިޒާނާ ބުންޏެވެ. ޔާދިންއަށް ދަތްކުނޑިވިކާލެވުނެވެ. އެތައްވާހަކައެއް ފިޒާނާއަށް ހަނދާންކޮށްދޭން އޭނާ ބޭނުންވިއެވެ. އެކިފަހަރުމަތިން ޔާދިންގެ ގާތުގައި ލޯބިވެޔޭ ބުނީ ވެސް ފިޒާނާގެ އަނގައިގެންނެވެ. އެހެންނަމަވެސް އެތަނުގައި ހުރިހާ މަންޒަރެއް ބަލަން ހުރި މަންމައާއި ބައްޕަގެ ސަބަބުން، ހިތަށް އައިހާ އެއްޗެއް ގޮވާލަން ޔާދިން ފަސްޖެހުނީއެވެ. ދުވަހަކުވެސް ލަދުނުގަންނަވަރަށް އެމީހުންގެ ކުރިމަތީ މިއަދު އޭނާ ލަދުގަނެއްޖެއެވެ.
"އައި ފައިނަލީ ހެޕީ ވިތް ސަމްވަން، ފޯ މީ އިޓްސް އޯލްވޭޒް ހިމް." ފިޒާނާ ބުނެލިއެވެ.
އަޖައިބުވެފައި ފިޒާނާއަށް ބަލަން ޔާދިންއަށް ހުރެވުނެވެ. އެ އަންހެންކުއްޖާގެ ހިތުގައި އިޚްލާޞްތެރިކަމުގެ ޒަރެއްގެ މިންވަރު ވެސް ނެތްކަން ޔާދިންގެ ޟަމީރު އެއްބަސްވިއެވެ. ވީއިރު އޭނާގެ ފަރާތުން ވަފާތެރިކަމަށް އުންމީދުކުރާނީ ހަޤީޤަތުގައި ވެސް މޮޔައެކެވެ. އެންމެންގެ ތެރޭގައި މިއަދު ޔާދިން މިވީ އެފަދަ މޮޔައަކަށެވެ. ފިޒާނާ ރުއްސައި ހިތްހަމަޖައްސަން އުޅުމުގައި ޔާދިންގެ އަމިއްލަ ނަފްސުގެ އަގު ނުހިފެއްޓުނެވެ. ހުރިހާ ކަމަކާމެދު ފުންކޮށް ވިސްނާލުމުން، އެނގުނީ އެންމެ ކަމެކެވެ. އެއީ، އޭނާއަކީ ވާފަށުގައި ފިޒާނާ އެލުވައިގެން ކުޅެން ގެންގުޅުނު ބުދެއްކަމެވެ. އޭނާގެ އުންމީދުތައް ފުރިހަމަކޮށްދޭނޭ ކަމަށް ހީކުރި ލޯބި މިވީ، އެ ހަޔާތް ކިލަނބުކުރަމުން އައި ނަޖިސްގަނޑަކަށެވެ.
"ރޮޓް އިން ހެލް... ވިތް ހިމް..." ޔާދިން ކުރިއަށް ޖެހިލައި ފިޒާނާއާ މޫނު ކައިރިކޮށްލުމާއެކު ބުނެލީ ނިކަން މަޑުމަޑުންނެވެ. އޭނާއާއި ފިޒާނާގެ އިތުރުން އެ އަޑު އިވުނީ ލައިތަށެވެ.
"އެންޑް ޔޫ... އައި ވިޝް ޔޫ ވުޑް ޑްރޮޕް ޑެޑް..." ޔާދިންގެ ނަޒަރު ލައިތުއާ އަމާޒުވެލިއެވެ. އެ ދެލޮލުން ތޫނު ހަންޖަރެއްގެ މިޔައިން ފާޅުވާނޭ ފަދަ ވިދުވަރެއް ލައިތު ދުށްޓެވެ.
"އެއީތަ ތިބުނާ ލޯބިވާ ލައިތަކީ؟." ޔާދިންގެ އެނބުރިލައި ކެންޒާއާ ސުވާލުކުރިއެވެ. ލުއި ގޮތަކަށް ޔާދިން ހީނލިއިރު، އެ ހުނުމުގައިވީ މަލާމާތެވެ.
އަސަދަށް ކުރިއަށް ހިނގައިގަނެވުނެވެ. ކެންޒާގެ ފަދަ ސާދާ އަންހެންކުއްޖެއްގެ އިޙްސާސްތަކާ ލައިތު ކުޅެލީއޭ ހީވުމުން އޭނާ ހިތުގައި ޖެހިއްޖެއެވެ. ލައިތުއާ މެދު އޭނާ ފަޚުރުވެރިވާއިރު، މިއަދު މިފެނުނީ ހުރިހާ ކަމެއް ވެއްޔާމޮޑެވިގެން ދާތަނެވެ. ދަރިފުޅަށް ވިސްނައިދޭން ހުރީ ހަމަ އޭނާއެވެ. ފިޒާނާއަކީ އޭނާގެ އެއްވެސް ފިރިހެން ދަރިއަކާ އެކަށީގެންވާ އަންހެންކުއްޖެއްނޫނެވެ. އޭނާގެ އެއްވެސް ކުއްޖަކަށް އެ އަންހެނާއާ ގުޅެން ރުހުމެއް ނުދޭނެއެވެ. ދެބުމައި ކައިރިކޮށްލެވުމާއެކު އަސަދު އުޅުނީ ނިކަން ބާރަށް ލައިތަށް ގޮވާލާށެވެ. ފިޒާނާ ޖެއްސި ސިހުރުން، ދަރިފުޅު ހޭލައްވާލާށެވެ. ނަމަވެސް އަސަދުގެ ހަރަކާތްތައް ހުއްޓުމަކަށް އައީ ލައިތުގެ ސަބަބުންނެވެ. އޭނާ ފިޒާނާގެ އަތް ދުރުކޮށްލުމާއެކު ކެންޒާއަށް ބަލާލި ހަހުރަވެތި ބެލުމެވެ. ހަދިޔާކުރި ޖަޒުބާތުން ފުރިގެންވީ ހިނިތުންވުމެވެ. ޖީބުން ނަގައި މިނިވަންކޮށްލި ކަނާއަތް ކެންޒާއަށް އޭނާ ދިއްކޮށްލި ގޮތެވެ.
"މިކަމުގައި އަހަރެން ވަރުބަލިވެއްޖެ." ލައިތުގެ އަތުގައި ކެންޒާ ހިފާލުމުން ގެނެސް ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ. ކެންޒާ ބޯޖަހާލުމާއެކު ހިނިތުންވެލިއެވެ.
ފިޒާނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ލައިތުގެ ހަރަކާތްތައް ނަގައިގަންނަން އުނދަގޫވިއެވެ. މިފެންނަނީ ފިޒާނާއާ ލައިތު އެއްބަސްވެފައި އޮތް ގޮތެއް ނޫނޭ އޭނާ ހިތަށް އެރިއެވެ. މޫނުގެ އެއްފަރާތުގައި ހިފަހައްޓާލުމާއެކު މޮޔައަކު ފަދައިން ޔާދިން ހޭންފެށިއެވެ.
"ޔޫ... ސްޓުޕިޑް ބިޗް..." ފިޒާނާއަށްވުރެ ކުރީން ޔާދިންއަށް ނަގައިގަނެވިއްޖެއެވެ.
"ކެންޒާ ދޫކޮށްލާނޭ ހީވުމަކީ ފިޒާއަށް ހެދުނު ގޯހެއް." ދެއަތްއުރާލަމުން ހިނިއައިސްފައި ހުރެ ސެހްރާނު ބުނެލިއެވެ. އޭނާއަށް ވެސް ފުރަތަމަ ލައިތު އުޅުނު ގޮތް ފެނުމުން ހިތްހަމަނުޖެހެވުނެވެ. ފިޒާނާ ކަހަލަ އަންހެނަކު އެ ޢާއިލާއަށް އަންނަން އެކަކުވެސް ބޭނުމެއްނުވެއެވެ. މިހާރު އޭނާއަށް އެ ފެންނަނީ ކެންޒާއާ ފިޒާނާ ދިމާކުރުމުގެ ނަތީޖާއެވެ. ކެންޒާއަށް ކަމެއްވެއްޖެނަމަ ލައިތު މަޑުން ނުހުންނާނޭކަން މިހާރު އެ ޢާއިލައަށް އެނގެއެވެ. އެވަރު ނޭނގުނީ ފިޒާނާއަށެވެ. ކެންޒާއަށް ލައިތު އެއްވެސް ކަމެއް އޮޅުވައެއް ނުލައެވެ. ލައިރާއަށް މިކަމުގެ ޚަބަރު ދިން މީހަކީ ކެންޒާއެވެ. ސެހްރާނަށް ހުރިހާކަމެއް ކިޔާދިން މީހަކީ ލައިރާއެވެ. އަދި ޔާދިންގެ ހިތުގައި ޝައްކު އުފެއްދުމުގެ އެންމެ ބޮޑު ރޯލެއް ކުޅުނު މީހަކީ ވެސް އޭނާއެވެ. ލައިތުގެ ކޮޓަރިއަށް ފިޒާނާ ވެއްދިއޭ ބުނީ ޔާދިންއަށް އެކަން ހަޖަމްނުވާނޭކަން އެނގޭތީއެވެ.
"ލައިތު..." ފިޒާނާ ގޮވާލިއެވެ. އެހިނދު އޭނާއަށް އިވުނީ، އޭނާއާއި ލައިތުއާ ދެމެދު ފޯނުން ދައްކާފައި ހުރި ވާހަކަތަކުގެ އަޑެވެ. ލައިތުގެ އަތުގައި އޮތް ފޯނުންކަން އެ އަޑު އިވެނީ ޔަގީނެވެ.
ލައިތުގެ ބޮލުގައި، އޭނާ ރޭޕްކުރިކަމުގެ ތުހުމަތު އެޅުވީ ފިޒާނާ ގަސްދުގައިކަން އިވެމުންދިޔަ ވާހަކަތަކުން އެންމެންނަށް އެނގުނެވެ. އެފަދަ އެތައް ވާހަކަތަކެއް ލައިތުގެ ފޯނުގައި ހުރި ރިކޯޑިންތަކުން އިވެމުންދިޔައެވެ. އެންމެ ކުޑަމިނުން މިއަދު ލައިތުގެ ކޮޓަރި ތެރޭ ދެއްކި ވާހަކަ ވެސް އޭނާ އެހުރީ ރިކޯޑުކޮށްފައެވެ. ޔާދިންއާ ގުޅެން ބޭނުންވީ ސަބަބު އޭނާ ބުނީ ނުބުނަން ހުރެފައެވެ. މިހާރު އެވާހަކަ ވެސް އެންމެންގެ ކަންފަތައް އެ އިވުނީއެވެ. ޔާދިންގެ ނަޒަރު ފިޒާނާއަށް ހުއްޓުނެވެ. އޭނާގެ ކުރިމަތީ ދުވަހަކުކޮޅުން އަގުނާރާނޭހާ ދަށުދަރަޖައަށް ފިޒާނާ ވެއްޓިއްޖެއެވެ.
"ކީއްވެ ތިހެން ތިހަދަނީ..." ހާސްވެ ކަންބޮޑުވެގެން ފިޒާނާއަށް ތެޅިގަނެވުނެވެ. ލައިތުގެ ގާތަށް އައިސް އޭނާގެ އަތުގައި ހިފަން އުޅުމުން، ކެންޒާ ގޮވައިގެން ލައިތު ޖެހުނީ ދުރަށެވެ.
"ޔާދިން..." ޔާދިން އެނބުރިލީ ހިނދު ފިޒާނާއަށް އޭނާއަށް ވެސް ގޮވާލެވިއްޖެއެވެ. އެ ސޫރަ ދުށުމަށް ވެސް ބޭނުންނުވެފައި ހުރި ޔާދިން، އެ އަޑު އަހަން ބޭނުންވާނެ ހެއްޔެވެ. ހަރުކޮށް ހިނގާފައި ގޮސް ޔާދިން ވަނީ ކޮޓަރިއަށެވެ.
ސިކުނޑިތެރޭ ކުދި ބޮން ގޮވާހެން ފިޒާނާއަށް ހީވާންފެށިއެވެ. ހަދާނޭ ގޮތެއް ބުނާނޭ އެއްޗެއް ނޭނގިފައި އެންމެންނާ ދިމާއަށް އޭނާއަށް ބެލެނީއެވެ. އެތަނުން ދުވެ ރައްކާވާން އޭނާ ކިތަންމެހާ ވެސް ބޭނުމެވެ. ނަމަވެސް ދެފައި ހީވަނީ ތަޅުމުގައި ތަތްލާފައި ހުރީ ހެންނެވެ.
"ޑޭމްޑް..." ފާޑަކަށް ހިނިއައިސްފައި ހުރެ ޖިނާނު ބުނެލިއެވެ. ދެން އޭނާއަށް ހިނިގަނޑު ނުހިފެއްޓުނެވެ.
"އަދިވެސް ހުންނަނީތަ؟، ނުކުމެގެން ދާކަށްނުވޭތަ؟، ކިހިނެއްވީ؟... ތިމާ ޖައްސާ އެކްޓު، އެއަށްވުރެ މޮޅަށް އެހެންމީހަކަށް ޖައްސަން އެނގިދާނޭ ހީނުވީތަ؟.... ކިތަންމެ ބޮޑުކޮށްކޮށްފަ ތި ދެ ލޮލުން ބެލިޔަސް، އެއްކަމެއް ވެސް ބަދަލެއްނުވާނެ، ނައު ގެޓް ލޮސްޓް، ސްޓޭ އަވޭ ފްރޮމް ދިސް ފެމެލީ..." ލައިތު ބުނެލިއެވެ.
ލަދުގަތުމާއި، ހިތްހަލާކުވުމާއި، ހުރިހާ ޖަޒުބާތާ އެއްބައިވި ރުޅީގެ ސަބަބުން ފިޒާނާގެ މުޅި ހަށިގަނޑަށް މަޑު ތުރުތުރެއް ވެރިވެފައި ވެއެވެ. ދަތްކުނޑިވިކާލުމުން މޫނުގެ މަސްތައް ވެސް ތުރުތުރުލައިގެން ދިޔައެވެ. ވިހަލާން ތައްޔާރަށް އިން ހަރުފައެއް ކަހަލައެވެ.
"މީ ކަލޭގެ ޢާއިލާއެއްނޫން، އަދި މިހިރަ އަންހެނާއާއެކު ކަލެއަށް ނޫޅެވޭތޯ ބަދުދުޢާ ވެސް ކުރާނަން." އަނގުރު އަލިފާން ފަދައިން ފިޒާނާގެ ދުލުން ބޭރުކޮށްލިއެވެ. އޭނާގެ އަނގަމަތީ ޖަހަން ލައިތު ބޭނުންވެ ކުރިއަށް އަޅާލި ފިޔަވަޅު ހުއްޓުވީ ކެންޒާއެވެ. އޭނާ ދެފަރާތަށް ބޯހޫރާލި ގޮތުން ލައިތު ކިޔަމަންވީ ކަހަލައެވެ. ލައިތުއާ ދިމާއަށް ކުޅުޖަހާފައި، ވައިސޫރިއެއްހެން ފިޒާނާ ގޮސް އެލެވޭޓާ ކުރިމަތީ ހުއްޓުނެވެ.
"ލައިތު..." އަސަދު ގޮވާލިއެވެ. ކެންޒާ ގޮވައިގެން ދާން އުޅެފައި ވެސް އޭނާ ހުއްޓުނީއެވެ.
"ކެންޒާގެ ޢާއިލާއަށް ދެ ކުދީންގެ ގުޅުން އެނގޭތަ؟." އަސަދު އަހާލީ ކެންޒާއާއި ލައިތުއަށް ބަލާލަމުންނެވެ. ކެންޒާ އެއްޗެކޭ ބުނަންވާއިރަށް ލައިތު އާނއެކޭ ބުނެލައިފިއެވެ. ހައިރާންކަމާއެކު ކެންޒާ ބަލާލީ ލައިތަށެވެ. އޭނާގެ އަތުގައި ޖަހާލީ ދޮގު ހެދީމައެވެ. އަސަދުއަށް ކަމެއް އެނގުނީ ކަހަލައެވެ. ލައިތުއާއި ކެންޒާގެ ގާތްކަން ފެންނަ ކޮންމެ ފަހަރަކު އާދަޔާ ޚިލާފު ފިނިކަމެއް ހިތަށް ލިބެއެވެ. ނަފްސު ހިމޭންކުރުވާ ހަނދާންތަކެއް އާވެއެވެ. އޭނާ އިތުރު ސުވާލެއް ނުކޮށް އެނބުރިލީ އެބައިން ދިއުމަށެވެ. އޭރު ޔާދިންގެ ކޮޓަރީގައި ސަރަފީނާ ހުރެ ޓެކިދެއެވެ.
* * * * *
އެނދުގައި އިށީނދެ ލައިގެން އިން އަސަދު ހޭންފެށުމުން ސަރަފީނާ ބަލާލީ ހައިރާންވެފައެވެ. އުފާވެރިކަން އެކުލެވިފައިވި ބާރު ހުނުމަކުން އަސަދު ހޭތަން ފެނިފައި ހުރީ މަދު ފަހަރަކުއެވެ. އަތުން އިޝާރާތެއް ކޮށްލާފައި، ދެން ވެސް އަސަދު ހެނީއެވެ. ހީވަނީ ހުނުންގަނޑު ނުހިފެއްޓިގެން އުޅެނީ ހެންނެވެ. ސަރަފީނާގެ ތުންފަތް ދެމިލީ އިޚްތިޔާރުން ބޭރުގައެވެ. ކުލުންވެރި ބެލުމަކާއެކު އައިސް ފިރިމީހާގެ ގާތުގައި ސަރަފީނާ އިށީނެވެ. އެއާއެކު ނުހަނު އަވަހަށް ސަރަފީނާގެ ވައަތްތިލަ ނަގައި އަސަދުގެ ކަނާއަތް މަތީ ބާއްވާލައި، ދެއަތުން ހިފަހައްޓާލިއެވެ.
"ރޫމާން..." ސަރަފީނާ ގޮވާލިއެވެ.
(ނުނިމޭ)