ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރު ފަންސާހުން ތިރިއަށް

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 46 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުމާއެކު އުފުލިފައި ހުރި ކޮވިޑް ނަމްބަރުތައް ފަންސާހުން ތިރިއަށް ސޮއްސާލައިފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 44 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ދެ މީހުނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 31 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 15 ބިދޭސީންނެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކޮށްފައި ވަނީ 1،310 ސާމްޕަލެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,770 އަރާފަ އެވެ. ރާއްޖޭގެ ނަންބަރު އިތުރުވަމުން ދިޔަނަމަވެސް މިދިޔަ މަހާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި 100 އިން މަތީގެ ނަންބަރެއް އައީ އެންމެ ދުވަހެއްގަ އެވެ. އެހެން ދުވަސްތަކުގައި ޕޮޒިޓިވް އަދަދު އުޅެނީ 100 އިން ދަށުގައެވެ.

ނަމަވެސް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ. އެ މަހު އެކަނި ވެސް 3،900 މީހުންނަށް ބަލި ޖެހުނެވެ. އަދި އެ ބަލީގައި 12 މީހަކު މަރުވި އެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 129 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،390 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،424 މީހުންނެވެ. ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 96 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 22 ރަށެއްގައި 51 މީހަކަށް ބަލިޖެހިފައި ވެއެވެ. އަދި 26 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 39 މުވައްޒިފުންނަށް ވެސް ބަލިޖެހިފައި ވެއެވެ.