(20 ސެޕްޓެމްބަރ 2020 އާ ގުޅޭ)
ސަރަފީނާގެ ތުންފަތް ދެމިލީ އިޚްތިޔާރުން ބޭރުގައެވެ. ކުލުންވެރި ބެލުމަކާއެކު އައިސް ފިރިމީހާގެ ގާތުގައި ސަރަފީނާ އިށީނެވެ. އެއާއެކު ނުހަނު އަވަހަށް ސަރަފީނާގެ ވައަތްތިލަ ނަގައި އަސަދުގެ ކަނާއަތް މަތީ ބާއްވާލައި، ދެއަތުން ހިފަހައްޓާލިއެވެ.
"ރޫމާން..." ސަރަފީނާ ގޮވާލިއެވެ.
"ޢާއިލާއެއް ބޭނުމެއްނޫނޭ ކިޔަސް، މިއަދު އަހަންނަށް ފެނުނީ އޭގެ އިދިކޮޅު... ލައިތުގެ ފުށުން މިފެނުނީ އާކަމެއް، އަބަދު ސީރިއަސްވެފައި ހުންނަ އެކުއްޖާގެ ކިބައިގަ އެކަހަލަ އުކުޅެއް ހުރިކަމެއް ނުދެނަހުރިން... މީހުންގެ ކަންކަމަށް ވަދެއެއް އޭނާ ނޫޅޭނެ." ރޫމާން ވާހަކައިގެ ތެރެއިން ވެސް ހީނގަތެވެ.
"ލައިތު ކަންތައް އެކުރީ ޢާއިލާގެ މަޞްލަޙަތައް ވިސްނާފައޭ، އަހަރެން ޤަބޫލުކުރަނީ، އެ އަންހެންކުއްޖާ ޔާދިންއާ ގުޅި، މިގެއަށް އައުމަކީ އަހަރެން އެއްގޮތަކަށް ވެސް ރުހޭކަމެއްނޫން، ފާޅުގައި ދެކޮޅު ހަދަން އަހަރެމެންނަށް ނުކެރޭނެކަން ލައިތަށް ވިސްނުނީހެން ހީވޭ." ސަރަފީނާ ބުންޏެވެ.
"ބޮޑަށް ހީވަނީ އޭނާ އަދިވެސް ލައިތުއަށް އުނދަގޫކުރަނީހެން، އެކަންބޮޑުވެ ކެންޒާއާ ހަމައަށް ދިޔައީ... އެކުދީން ދިޔަ ދަތުރުގައި ކަންތައް ހިނގައިދިޔަ ގޮތް އެނގެއެއްނު، އަހަންނަށް ނުވިސްނޭ ކަމަކީ ކެންޒާ ދިފާއުކުރުމަށް ލައިތު އުޅޭ ގޮތް، ބައެއްފަހަރު ހީވޭ، އެ އަންހެންކުއްޖާއަކީ އޭނާ މާކުރިން ވެސް ހޯދަން ހިތުލައިގެން އުޅުނު ކުއްޖެކޭ... ސެހްރާނުގެ ވާހަކައިން އަހަންނަށް އެނގޭ މިވީ ހުރިހާކަމެއްގައި އޭނާ ވެސް ލައިތުއާ އެއްބައިވިކަން، ލައިރާ ނެތަސް އެކުއްޖާއަށް ވެސް މިކަން އެނގޭ... ލައިތު ހާދަ ލާނެތޭ... އަހަރެމެން ވެސް އެކަމުގައި ބައިވެރިކޮށްފި، ވަރަށް ހީވޭ ލަސްތަކެއްނުވެ ކެންޒާއާ އިންނަ އުޅޭ ވާހަކަ އަހަރެމެން ގާތު ލައިތު ދައްކާނެހެން." އަސަދުގެ ހިނިތުންވުން ފުޅާވެލިއެވެ.
"އަޑުއެހިން ކެންޒާގެ ބޭބެ ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭ ވާހަކަ. އަހަރެން ކެންޒާއާ ވާހަކަދެއްކިން... ބޭނުންވާކަމެއް އޮތްތޯ ވެސް އެހިން..."
"ކެންޒާގެ އުސޫލުތައް އަހަންނަށް ވަރަށް ކަމުދޭ، އޭނާ އޮތީ ވަރަށް ކުރީން އެހީ ހޯދަން ސިޓީލާފައި، ލައިތު އެކަމުގައި އުޅުނީމަ އަހަންނަށް ވެސް އެނގުނީ، އެހީ ހަމަޖެހުނީމަ އިތުރު ކަމެއް ބޭނުމެއްނުވި ކެންޒާ، އަހަރެން އަޅާނުލީ، އެކުއްޖާއާއެކު ލައިތު ހުންނާނެކަން އެނގޭތީ، ކެންޒާ ކަމެއް ބޭނުންވެއްޖެނަމަ ލައިތު އެކަމެއް ކޮށްދޭނެ." އަސަދު ބުނެލިއެވެ.
"ޔާދިންގެ ހިތް އަހަންނަށް އެނގޭ، އަހަރެމެން ތިބީމަ ލައިތުއާ ކުރިމަތިނުލީ، ލައިތު ކަންތައް އެކުރީ ރަނގަޅަށް... މިކަހަލަ ގޮތަކަށް ޔާދިންއަށް ހަޤީޤަތް ބުނެދެވޭނީ، އެހެން ކަންތައް އެކުރީ އެ މަޤްޞަދުގައި ކަންނޭނގެ، ޔާދިންގެ ހިތުން ލައިތުއާ މެދު އޮތް ދެކޮޅުވެރިކަން ފިލާނޭ ދުވަހެއް ދުށުމަށް ވަރަށް ބޭނުން."
"ކަންކަން އެނގޭވަރުވެފަ ހުރިހާ ކުދީން ތިބީ، އަނެއްކާ ޔާދިންއާއި ލައިތު އެއްއުމުރެއް، ޢާއިލާގެ ތެރެއަށް ބޭރުން އައި ކުއްޖަކީ ލައިތު... އެ ހާލަތުގައި ދެބެންގެ ދެމެދުގައި ވާދަވެރިކަން އުފެދުމަކީ ޠަބީޢީކަމެއް، ވަގުތު ނަގާނެ." އަސަދަށް ވިސްނޭ ގޮތް ހާމަކުރިއެވެ.
"އެނގޭ ތިބުނަން އުޅޭ އެއްޗެއް، ލައިތު... އެކުއްޖާ އަހަންނަށްވުރެ ފަރުޒީނާ ގާތް، ކަމެއް ބޭނުންވިޔަސް ފަރުޒީންގެ ކައިރިއަށް އޭނާ ދާނީ، އަހަރެންމީ މަންމަކަމަކަށް ނުދެކޭ." ސަރަފީނާގެ ހިތުގައި އޮންނަ ޝަކުވާ ދުލާހަމައަށް ގެނައެވެ.
"ބޮޑުވެގެން އައީ އަހަރެމެންގެ ތެރޭގައި ހުރެއެއްނޫން، މާފަހުން އަހަރެމެންނާ އަލުން ބައްދަލުވީ، އޭރު ލައިތު ބޮޑުވެ ފުރިހަމަ ޒުވާނަކަށް ވެއްޖެ، އެހެންވިޔަސް އޭނާ ސަރާއަށް ޤަދަރުކުރޭ... ނޫންތަ؟." އަސަދު ބުނެލިއެވެ.
"އެގޮތް ކަމަކުނުދޭ... އަހަންނާ އެއްގޮތަކަށް ވެސް ވާހަކަދައްކަނީއެއްނޫން، ދަރިއެއްކަމުގައި ދުށުމަށް ބޭނުންވިޔަސް، އެ ފުރުޞަތު ލައިތު ދޭން ބޭނުމެއްނުވޭ." ސަރަފީނާ ހާމަކުރީ ހަޤީޤަތެވެ. ޢާއިލާގައި ލައިތު ވާހަކަނުދައްކާ މީހަކީ އޭނާއެވެ.
* * * * *
ކޮޓަރީގައި އޮވެއޮވެ ޔާދިން ނުކުތީ ބޭރަށެވެ. ސިކުނޑި ފިތި ފަޅައިގެންދާން އުޅޭހެން ހީވާތީއެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރެ މަޑު ހިނގުމުގައި އޭނާ އައިސް ހުއްޓުނީ ލޮނުޒިޔާރަތްކޮޅުގައި ހިންގި ނިއުޕޯޓުއާ ޖެހިގެން ހަދާފައި ހުރި ސިޑިބަރީގައެވެ. ދަންވަރު އެކެއް ޖެހުމާ ކައިރިވެފައި ހުރިއިރު މަގުމަތީގައި ހޭލަމޭލަވާ މީހުންނާއި ދުއްވާ އެއްޗެހި މަދެއްނުވެއެވެ. ސިޑިބަރީގެ މަތީ ހަރުފަތެއްގައި އިށީނދެ ކުރިމަތިން ރާޅުނަގަމުންދިޔަ މޫދަށް ގެއްލިފައި އޭނާ އިނެވެ. ޒުވާން ދެ އަންހެންކުއްޖަކާއި ފިރިހެން ގުރޫޕެއް އޭރު ވެސް އެތަނުގައި ތިއްބެވެ. އެހެންނަމަވެސް އެމީހުން ގިނައިރުތަކެއް ނުވަނީސް އެތަނުން ހިނގައްޖެއެވެ.
ފިޒާނާ ކަންތައްކުރި ގޮތާމެދު ޔާދިން ދެރަވެ ހިތުގައި ޖެހިފައި ވިޔަސް އޭނާއަށް ރަނގަޅު ގޮތް ވިސްނެއެވެ. ލައިތުދެކެ ފޫހި ވިޔަސް އޭނާ ޔާދިންއަށް އެ ހާމަކޮށްދިނީ ފިޒާނާގެ ހަޤީޤަތެވެ. އޭނާދެކެ ފިޒާނާ ލޯބިނުވީ ކީއްވެތޯ އަމިއްލަ ހިތާ ސުވާލުކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. އޭނާގެ އުނިކަމެއްނެތްކަން އަމިއްލަ ޟަމީރު ވިސްނައިދީފިއެވެ. ކައިވެންޏަކާ ހަމައަށް ގުޅުން ކުރިއަށް ދިޔަނަމަ އަދި މިއަށްވުރެ ހިތްދަތިވީސްކަން ޔާދިންއަށް އެނގެއެވެ. ދުނިޔެ ބަދަލުވާއިރު ވެސް ބައެއް މީހުން ބަދަލެއް ނުވާނޭކަން ފިޒާނާ ބުނެދީފިއެވެ. އޭނާ ލައިތުގެ ބޮލުގައި އެޅުވި އިލްޒާމަކީ ޔާދިންގެ ނަފުރަތުގެ ހުޅުފަޅައިގެން ދިޔަ ސަބަބެވެ. އެހެންވިޔަސް އަދިވެސް ޔާދިންއަށް ލައިތުއަށް މަޢާފެއް ނުކުރެވެއެވެ. ޢާއިލާކަމުގައި ޤަބޫލެއް ނުކުރެވެއެވެ.
"ބްރަދާ... ލައިޓެއް އެބައޮތްތަ؟." ޔާދިންގެ ޚިޔާލުގެ ވާފަށް ކެނޑުނީ ސިޑިން އަރައިގެން އައި ޒުވާނަކު ހުއްޓިފައި ވާހަކަދެއްކުމުންނެވެ. އޭނާ ވާހަކަދެއްކީ ތުނބުގައި ޖަހާލާފައިވާ ސިނގިރޭޓާއެކުއެވެ. އިސްކޮޅުން ޔާދިންއާ ދާދި އެއްވަރުހެން ހީވިޔަސް ހަށިގަނޑުގެ ގޮތުން އެ ޒުވާނާ ބިޔައެވެ. ތުނިކޮށް ތުނބުޅި މަތިމަސް ބަހައްޓާފައި ހުރިއިރު، އޭނާގެ ފަން ބޯ އިސްތަށިގަނޑު ނިތްކުރިމަތިން މައްޗަށް ވާހެން ފުނާއަޅާފައިވިއެވެ.
"ލައިޓެއް... މިފެގު ރޯކޮށްލަން..." ޔާދިން އެއްޗެކޭ ނުބުނުމުން އެ ޒުވާނާ އަތުން ލައިޓަރު އަޅާހެން ދައްކާލިއެވެ. އަދި އަނެއްއަތުން ތުނބުގައިވި ސިނގިރޭޓު ނެގިއެވެ.
"އަހަރެން ނުބޮން..." ޔާދިން ބުނެލިއެވެ.
"ސޮރީ ބްރޯ... މިރޭ ދެން މިކަން ވެސް ނުވީއެއްނު." އެ ޒުވާނާ ބުނެލީ މާޔޫސްކަމާއެކުއެވެ. ދެން ޔާދިން އިން ހަރުފަތަށްވުރެ ދެހަރުފަތް މައްޗަށް އަރާ ސިޑިމަތީ އިށީނދެއްޖެއެވެ. އެއާއެކު ޔާދިން ވެސް އިހު އިން ގޮތަށް އެނބުރިލައިފިއެވެ. ސިޑިމަތީ އެ ދެ މީހުންނޫން ބަޔަކުނެތެވެ. ޖެހިގެން ހުރި ރެސްޓޯރެންޓު ވެސް ބަންދުކޮށްފައި ހުރީމައެވެ.
"އެހެންޏާ މިތަނުން ނުފެނޭ..." ފަހަތުގައި އިން ޒުވާނާ ޔާދިންއަށް ބުނެލިއެވެ. އެއާއެކު ޔާދިން ފަހަތް ބަލާލިއެވެ. ދެން ހޫން ލައްވާލިއެވެ.
"މަވެސް ބޯހަމަޖައްސާލަން އައީ މިތަނަށް، ޢާއްމުކޮށް މިގަޑީގަ މީހަކު ނޫޅޭނެ..." އެ ޒުވާނާ ބުންޏެވެ. ދެން އިންތަނުން ތެދުވެގެން އައިސް ދުރުމިން ހުންނާނޭހެން ޔާދިން އިން ހަރުފަތުގައި އިށީނދެއްޖެއެވެ.
"މިފްރާހު..." އެ ޒުވާނު ސަލާމަށް އަތްދިއްކޮށްލުމުން ނުހިފާ އިންނަން ޔާދިންއަށް އުނދަގޫވިއެވެ.
"ޔާދިން." އަމިއްލަ ނަން ބުނެލުމާއެކު ޔާދިން ސަލާމްކޮށްލިއެވެ.
"ކަމަކާ ބޯހާސްވެފައި އިންހެން ހީވޭ." މިފްރާހު ބުންޏެވެ.
"ނޫން... މިދެން ހަމަ އިނީ." ނަން އެނގުނެއްކަމަކު އެ ޒުވާނާއަކީ ބީރައްޓެއްސެކެވެ. އޭނާއާ ޒާތީ ދިރިއުޅުމުގެ އެއްވެސް ކަމެއް ޚިއްޞާކުރުމުގެ ވިސްނުމެއް ޔާދިންގެ ނެތެވެ.
"އަހަރެން މިއައީ ސިކުނޑިއަށް ފިނިކޮށްލަން... އަންހެންކުއްޖަކާ ހެދި." މިފްރާހު ބުންޏެވެ. ޔާދިން ވަގުތުން ހައިރާންވިއެވެ. ނޭނގި ނަމަވެސް އެ ބުނި އެއްޗަކާއި ޔާދިންގެ ނުތަނަވަސްކަމާއި ގުޅިފައިވާތީއެވެ. އޭނާ ވެސް އައިސް އެ އިނީ އަންހެންކުއްޖަކާ ގުޅުން ހުރި ކަމެއްގައެވެ. މިފްރާހު ބުނި ފަދައިން އޭނާ ވެސް އެ އިނީ ސިކުނޑިއަށް ފިނިކަމެއް ހޯދަން ބޭނުންވެފައެވެ.
"ދަންނަ މީހަކާ ޚިއްޞާ ކުރުމަށްވުރެ ނުދަންނަ މީހަކާ ޚިއްޞާކުރުމުން ޖަޖްކުރާލެއް ކުޑަވާނެ، ނޫންތަ؟." މިފްރާހު ގެންގުޅުނު ސިނގިރޭޓު ޖީބުން ނެގި ރިހިކުލައިގެ ފޮށްޓަށް ލައިފިއެވެ. އޭނާގެ އަތުކުރީ އޮތް ގަޑިއާއި އޭނާ ސިނގިރޭޓު ލައިގެން ގެންގުޅޭ ފޮށްޓާއި، އަރާފައި ހުރި ސްނީކާސް އިން ކޮންމެވެސް ވަރަކަށް މިފްރާހުގެ ގޮތް ދެނެގަންނަން ޔާދިންއަށް އެނގުނެވެ. އޭނާއަކީ މިއުޅޭ އާދައިގެ މީހުންގެ ތެރޭގައި ހިމެނޭ ޒުވާނެއްނޫނޭ ޔާދިންގެ ހިތް ބުންޏެވެ.
ޔާދިން އަނގައިން ނުބުނި ނަމަވެސް މިފްރާހު ވާހަކަދެއްކިއެވެ. އަމިއްލަ ޚިޔާލުތަކުން ލިބެމުންދިޔަ ތުރާތަކާ ޔާދިންއަށް ދުރަށް ދެވުނު ސަބަބަކަށް، މިފްރާހު ދައްކަމުންދިޔަ ވާހަކަތައްވިއެވެ. ޚިޔާލު ފާޅުނުކުރިޔަސް ޔާދިން އިނީ މިފްރާހުގެ ވާހަކަތައް އަޑުއަހާށެވެ. މައިގަނޑު ގޮތެއްގައި އޭނާ ދެއްކީ އަންހެންކުއްޖެއްގެ ވާހަކައެވެ. އޭނާ މުޅިން ވެސް ބޭނުންކުރީ އެބުނާ އަންހެންކުއްޖަކަށް އޭނާ ދީގެން އުޅޭ ވަނުމުންނެވެ. ކިޓީގެ ނަމުންނެވެ. ކުރިން ލޯބިވީ އޭނާއެވެ. އެކަމަކު އެ އަންހެންކުއްޖާ ޖަހައިގަތީ އެހެން ފިރިހެނެއްކަމެވެ. އަންހެންކުއްޖާގެ މަޢުޞޫމްކަން އެމީހާ ނަގާލައިފިކަމުގައި މިފްރާހު ބުންޏެވެ. އެމީހަކު ނެތްނަމަ އެބުނާ އަންހެންކުއްޖަކު މިހާރު ހުރީހީ މިފްރާހުގެ ހައްޤެއްގެ ގޮތުގައި ކަން އޭނާ ޤަބޫލުކުރެއެވެ. އިންނަން އެހި ވާހަކަ ވެސް އޭނާ ދެއްކިއެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ ޤަބޫލުނުވީއެވެ. ކޮންމެވެސް މަހުޖަނެއްގެ ދަރިއަކާކަން އެ އަންހެންކުއްޖާ ރައްޓެހިވެގެން އުޅެނީ މިފްރާހު ބުންޏެވެ. އަދި އޭނާއަށް އެ ދެމީހުން އެކުގައި ވަނީ ފެނިފައޭ ވެސް ބުންޏެވެ.
"ކިޓީއަކީ އަހަރެންގެ މީހެއް، އޭނާ ލިބެންޖެހޭނީ ވެސް އަހަންނަށް." އެންމެ ފަހު ބަހަކަށް މިފްރާހު ބުނެލިއެވެ.
ޔާދިންއަށް މިފަހަރު ބަލާލެވުނެވެ. އޭރު މިފްރާހު އިނީ އޭނާއަށް ބަލާށެވެ. އެ ސިކުނޑީގައިވަނީ ކީކޭކަމެއް ޔާދިންއަށް ދެނެގަންނަން އުނދަގޫވީއެވެ. އެކަމަކު އެ ދެ ލޮލުން ފާޅުވަނީ ނުރައްކާތެރިކަމެވެ. ހިތްހަމަނުޖެހިފައި އިން ކަހަލައެވެ.
"އަމިއްލަ ފުރާނަ އެންމެންނަށް ވެސް މުހިންމުވާނެ... ޔާދިންއަށް ވެސް... ނޫންތަ؟." މިފްރާހު އަހާލިއެވެ. އެކުވެރިކަމަށްވުރެ ޔާދިންއަށް ކުރެވުނީ މުޅިން ތަފާތު އިޙްސާސެކެވެ.
"ލަސްވެއްޖެއެއްނު... ދަނީ..." ޔާދިން ތެދުވަމުން ބުނެލިއެވެ. އޭނާ ސިޑިން ފައިބައިގެން އައިސް މަގަށް ނުކުތުމުގެ ކުރީން މިފްރާހަށް ބަލާލިއެވެ. ދެ ކަކަލުގައި އަތްއަޅުވާލައިގެން އަދިވެސް އިނީ ޔާދިންއަށް ބަލާށެވެ. ވަކިވުމުގެ ސަލާމެއްކޮށްލި ފަދައަކުން ޔާދިން ވައަތް ހިއްލާލައި ހަރަކާތެއްކޮށްލިއެވެ. ދެން އަވަސްވީ ގެއާ ދިމާއަށް ދާށެވެ. ބުނެދޭން ނޭނގޭ އިޙްސާސްތަކެއްގެ ސަބަބުން އޭނާ ހިތްބިރުގަންނަ ގޮތްވެއްޖެއެވެ. ދެފަޔަށް ބާރުލައި ހަލުވި ހިނގުމުގައި އައީ އަވަހަށް ގެއަށް ވަންނަން ބޭނުންވާތީއެވެ. އެހެން އައިއިރު އޭނާއަށް ފަސްއެނބުރި ދޭތެރެއަކުން ބަލާލެވެއެވެ.
"އިޒް ހީ ފޯ ރިއަލް... އޭނާ އެ ދައްކަނީ މީހަކު މަރާ ވަހަކަތަ؟." ޔާދިންގެ ހިތަށް އަރަމުންދިޔައެވެ.
ޔާދިން ދިއުމާއެކު ޖީބަށް ލީ ރިހިފޮށި މިފްރާހު ނެގިއެވެ. އެއިން ސިނގިރޭޓު ނަގައި ރޯކޮށްލިއެވެ. ޔާދިން ގެއިން ނުކުތީ ވިޔާމްއާއެކު އެގޭ ދޮށުގައި އޭނާ އިންދައެވެ. އެހިސާބުން ސައިކަލުގައި ދެމީހުން ދުއްވަމުން އައީ ދުރުދުރުންނެވެ. ޔާދިންއާ ވާހަކަދައްކާލަން ނިންމީ މިފްރާހު އަމިއްލައަށެވެ. އޭނާގެ ގޮތް ބަލާލުމަށެވެ. ފަސޭހައިން ރައްޓެހިކަން އުފެއްދިދާނޭ ކަހަލަ ޒުވާނެއްނޫންކަން މިފްރާހަށް އެނގިއްޖެއެވެ. އޭނާ ދެއްކި އެއްވެސް ވާހަކައަކަށް އޭނާ ސުވާލެއް ވެސް ނުކުރި ވިއްޔާއެވެ. ސިނގިރޭޓަށް ބަލާލާފައި މިފްރާހު ފޯނު ނަގައި ވިޔާމަށް ގުޅިއެވެ. ކައިރީގައި ހުރި ފިނިމައިޒާނެއްގެ ޖޯއްޔެއްގައި ވިޔާމް މަޑުކޮށްލައިގެން އިނީ މިފްރާހުގެ އެ ފޯނުކޯލު އަންނަންދެނެވެ. ފޯނުކޯލު ނިންމާލާފައި ސިޑިބަރިން މިފްރާހު ފޭބިއެވެ. އަދި ވިޔާމް އަންނައިރު ފެންނާނޭހެން މަގުމައްޗަށް ނުކުމެ މަޑުކޮށްލައިގެން ހުއްޓެވެ.
* * * * *
ބާރު އަޑުފަށްގަނޑުން ކެންޒާއަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. ވަގުތުން ރުޅި އާދެވުނެވެ. ކެންޒާ ގެއަށް އައިސް ނިދަން އޮށޯތްއިރު ގޭގައި އެކަކުވެސް ނޫޅެއެވެ. އެކަމަކު މިހާރު އެއުޅެނީ ބައްޕަ ގެއަށް އައިސްގެންނޭ ކެންޒާއަށް ހީވިއެވެ. ބައްޕަގެ ކަންތައް ހާދަ ބޮޑުވެއްޖެޔޭ ކެންޒާއަށް ބުނެލެވުނެވެ. އޭރު ކޮޓަރީ ދޮރުގެ ތަޅުގައި ހިފައިގެން އަނބުރާ އަޑުއިވެއެވެ. ގައިމަތީ އޮތް ރަޖާ އެއްފަރާތްކޮށްލުމާއެކު ކެންޒާ އެނދުން ފައިބައިގެން އައެވެ. ދޮރުހުޅުވާލީ ބައްޕައެއްކަމަކު ހަޅޭލަވައިގަންނާށެވެ. ކޮންމެރެއަކު ދަންވަރަށް ކޮން އުނދަގުލެއް ކުރާކަށް ހެއްޔެވެ. ނަމަވެސް ހުޅުވާލި ދޮރުން އެ ކޮޓަރިއަށް ވަންނަން ގަސްދުކޮށްގެން ހުރި މީހަކު، ދޮރު ކޮށްޕާލި ބާރުމިނުގައި އައިސް ޖެހުނީ ކެންޒާގެ ނިތާއި މޭގައެވެ. ނިތުގައި ޖެހުނު އަޑު ވެސް އިވިގެންދިޔައެވެ. އައްދޯއްޔޭ ކެންޒާއަށް ބުނެވުނި ނުވިސްނާ ހުއްޓާ އެރި ހަމަލާގެ ވޭން ވަރުގަދަކަމުންނެވެ. ފަހަތަށްފަހަތަށް ޖެހިލެވުނީ މޭގައި އަތްއަޅަމުންނެވެ. ކޮޓަރިތެރެއަށް ވަނީ މިފްރާހެވެ. ކެންޒާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ތަދުވާކަން ވެސް އޭނާ ހަނދާން ނެތުނު ކަހަލައެވެ.
"ކަލޭތަ... ކީއްކުރަން..."
"ކަލޭ ނުކިޔަފާނަންތަ؟... އަހަރެންގެ ނަން ބޭނުންކޮށްބަލަ." މިފްރާހު ބުނެލިއެވެ. ކެންޒާ ޖެހިލައި ކޮންމެ ފަރާތަކަށް މިފްރާހު ވެސް ޖެހިލައެވެ. ކޮޓަރިން ނުކުތިޔަ ނުދީ މިފްރާހު އޭނާގެ ކުރިބައްދަނީއެވެ.
"ހެވޭ... ނުކުމޭ..." ކެންޒާ އަމުރުކުރިއެވެ. އެވަގުތު މިފްރާހު ކޮށްލި ހަރަކާތާއެކު ކެންޒާ ފަހަތަށް ފުންމައިގަތްހެން ޖެހިލިއެވެ. އަދި ނިކަން އަވަހަށް ދެއަތުން މޭމަތި ނިވާކޮށްލައިފިއެވެ.
"ޔޫ ޑޯގް... ނުކުމޭ ހަމަ މިހާރު..." އިހުނަށްވުރެ ބޮޑަށް ދެ ލޯ އަޅާލުމާއެކު ކެންޒާގެ އަޑު ވެސް ބާރުވިއެވެ.
"އަހަރެންނަކީ ހުތުރު މީހެއްނޫނެއްނު ކިޓީ ތިހެން އުޅެން، އަހަންނަށް ނުގެންގުޅެވޭނޭ ހީވަނީތަ؟... ބަލާބަލަ އަހަންނާ ދިމާއަށް، ކިޓީ ލުކް އެޓް މީ... އަހަންނަކީ ޔޫސް ކުރާ މީހެއްނޫނޭ... ކިތަށް ފަހަރުތަ އަހަރެން މިވާހަކަދައްކާނީ، ތި ހިތާވެގެން އުޅޭ މީހާއަށްވުރެ ބަލާލަން ހަމަގައިމުވެސް އަހަރެން ރީތި، މި ހަށިގަނޑުން ފެނުނީމަ އެނގޭނެ ކިޓީއަށް..." މިފްރާހު ހިއްލާލީ ލައިގެން ހުރި ޓީޝާޓެވެ.
"މަ އެބައުޅެންތަ ކަލޭގެ އޮރި** ނުބެލިގެން... މަންމައަށް މިގުޅަނީ..." ކެންޒާ އައީ އެނދާ ދިމާއަށެވެ. ބާލިސް ކައިރީ އޮތް ފޯނު ނަގާށެވެ.
މިފްރާހު މާބޮޑު ކަމެއް ކުރާކަށް ނުޖެހުނެވެ. އޭނާ ކެންޒާގެ ބުރަކަށީގައި އަޅައި އެނދާ ދިމާއަށް ދިޔަ ކެންޒާ ކޮށްޕާލީއެވެ. ހަމަގެއްލިގެން ބަނޑުވަތަށް ކެންޒާ ވެއްޓުނީ އެނދަށެވެ. ދެކަކޫ ޖެހުނީ ތަޅުންމަތީއެވެ. މިފްރާހު އައިސް ކެންޒާގެ ކަނދުރާގައި ހިފައި އޮބާލީ އެނދަށް ގަންނަވާލަން އުޅޭ ހެންނެވެ. އަނެއްއަތުން ކެންޒާގެ ކަނާއަތުގެ ކުޑަހުޅުގައި ހިފާ ފަހަތަށް އަނބުރާލިއެވެ. އެއާއެކު އަތަށް ތަދުވެގެން ކެންޒާއަށް އަޑުލައްވާލެވުނެވެ.
"ވައި ވޯންޓް ޔޫ ލިސެން ޓު މީ..." މިފްރާހުގެ އަޑު ވެސް ބާރުވިއެވެ. ވައިއަޑުން ކަހަލަ ގޮތަކަށް މިފްރާހުގެ ނަމުން ކެންޒާ ގޮވާލިއެވެ.
"ޗޫޒް ވައިސްލީ... ކިޓީއަށް އަހަރެން މިދެނީ ދެ ގޮތް." މިފްރާހު ބުނެލިއެވެ. އަދި ކެންޒާއާ ދިމާއަށް އޭނާ ގުދުވެލީ ކަންފަތުގައި މިފްރާހުގެ ތުންފަތް ޖެހޭހާ ގާތަށެވެ.
"ބަޓް ބިފޯ ދެޓް ލެޓް މީ އިންޖޮއި ދިސް." މިފްރާހު ލުއި ގޮތަކަށް ހީނލިއެވެ. އަދި ހަށިގަނޑު ބަރު ކެންޒާގެ ބުރަކަށްޓަށް ދޫކޮށްލިއެވެ. އެހިނދު ފަހަތަށް ގެންގޮސްފައި އޮތް ކެންޒާގެ އަތުގެ އިނގިލިތައް ހަރަކާތްކޮށްލިއެވެ. އޭނާ މަސައްކަތް ކުރީ މިފްރާހުގެ ބަނޑު އަތުގައި ޖެހުމުން ވިކައިގަންނާށެވެ. ނަމަވެސް އެބަނޑުގެ މަސްތަކޭ ހަރުހިލަތަކެކޭ އެއްވަރެވެ. ގޮޅިގޮޅިއަށް ހުރި ގާބުރި ތަކެއް ކަހަލައެވެ. ކެންޒާގެ މަސައްކަތް ނާކާމިޔާބުވެ ދެ ލޯ މަރާލި ވަގުތު އަނެއްކާ ވެސް އިވުނީ މިފްރާހު ހީނގަތް އަޑެވެ.
"ފިއަސް ކިޓީ... ދެޓް ޓިކްލްސް... ހެ ހެ ހެ... އައި ލަވް ޔޫ..." މިފްރާހަށް މަޖާވީއެވެ.
"އައި ހޭޓް ޔޫ..." ކެންޒާ ބުނެލިއެވެ.
"ޔޫ ވިލް ލަވް މީ." ކެންޒާގެ ކަންފަތު ފޫޅުގައި މިފްރާހު ދަތްއަޅާލީ ތަދުވެގެން ކެންޒާ ހުއްޓަން ބުނާވަރަށެވެ.
"އިރުއަރަންދެން ވެސް މިހެން އޮވެދާނަން... އަޅެ ބުނެބަލަ ނުކެރޭނެއޭ." މިފްރާހު ބުންޏެވެ. ނަމަވެސް ކެންޒާ ޚިޔާރުކުރީ ހިމޭންކަމެވެ. މިފްރާހު ބޭނުންވަނީ އޭނާ ލައްވައި ގޯހެއް ހަދުވަންށޭ ހީވާތީއެވެ. ދެ ހަށިގަނޑުގެ ހޫނު އިޙްސާސްވާހާ މިފްރާހު ގާތްވުމުން ކެންޒާ އޮތީ ޖެހިލުންވެފައެވެ. މިފްރާހު އެ ހަށިގަނޑުގައި އަތްލަފާނެކަމުގެ ބިރު ހީވެފައެވެ. ބުނެވޭ އެންމެ ބަހަކުން މިފްރާހުގެ ހައްޔަރުގައި މުޅި އުމުރަށް ބަންދުވެދާނޭތީ ކަންބޮޑުވެފައެވެ. މި ރޭގަނޑުގެ އަނދިރިކަމުގައި އޭނާގެ އަޑު އިވޭނެ ހިސާބުގައި ގޭގައި އެކަކުވެސް ނެތްކަން މިފްރާހަށް އެނގޭނެކަން ކެންޒާ ދެނަހުއްޓެވެ. އޭނާ ޝިކާރައަށް ނުކުތީ އެހެންވެކަން ޔަގީނެވެ.
"ރޭގަ މިގެއަށް އައިންތަ؟." ޝައްކުވާތީ ނާހަން އޮވެފައި ވެސް ކެންޒާ އެއްސެވެ.
(ނުނިމޭ)