ވަޒީފާއާއިބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލް ފާސްކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އަލަށް ގެނެވުުނު އިސްލާހުތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ހަވާލުކުރުމަށް ލާޒިމުކޮށްފައިވެއެވެ. އަދި، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއި ހަމައަށް އެއްބަސްވުމުގެ ކޮޕީ ޙަވާލުނުކޮށްހުރި ފަރާތްތަކުން ވެސް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ކޮޕީ ވަޒީފާ އަދާކުރާ ފަރާތާއި ހަވާލުކޮށް ނިންމަންޖެހެއެވެެ. އަދި މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާތަން ދޫކޮށް ދިއުމުގެ ހައްގުވެސް އަލަށް ގެނެވުނު އިސްލާހުތަކުން ލިބިދީފައިވެއެވެ.
ވަޒީފާއާއިބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން މެޑިކަލް ސެޓްފިކެޓަކާއި ނުލައި ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރުވެސް ސީފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން "ސާވިސްޗާޖް" ނެގުމަށް ލާޒިމު ކުރުމާއި ސާވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދޭނެ ގޮތްތައް ބަޔާންކުރާ މާއްދާތައްވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މި ގާނޫނުގެ ދަށުން ވަޒިފާއާއިބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކުގެ ހަވާލުކުރެވިފައިވާ މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރަކު ކަނޑަޅަން ޖެހޭ ކަމަށްވެސް ބުނެފައިވެެއެވެ. އަދި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ބޯޑުގެ މަސްއޫލިއްޔަތުތައް ވެސް ހިމަނާފައިވެއެވެ.
ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާއަދާކުރުމަށް ގެނެވޭނެ އަދަދު ކަނޑައެޅުމާއި، ދިވެހިން ތަމްރީނު ކުރުމަށާއި ވަޒީފާ ދިނުމުގައި އިސްކަން ދިނުމާއި މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ މިންގަނޑާ ބެހޭ މާއްދާތައް ވެސް ވަޒީފާއާއިބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކުގައި ހިމަނާފައިވެއެވެ.