ހަބަރު

250،000 ޑޮލަރު އިންވެސްޓުކުރުމުން ދެން ވިސާ ލިބޭނެ

ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގެ ދަށުން، ރާއްޖޭގެ ބޭންކެއްގައި 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަކަށް ބަހައްޓާފައިވާ ފަރާތްތަކަށް، އެ މުއްދަތަށް ވިސާ ދޫކުރުމުގެ އިތުރުން، ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އިންވެސްޓްމެންޓްގެ މުއްދަތުގައި ވިސާ ދޫކުރެވޭނެ އެވެ.

މީގެ ކުރިން އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން އެމެރިކާ ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާގެ އިތުރުން، މިޓީން ވިސާއެއް ދޫކުރެވޭ ގޮތަށް ވަނީ ގާނޫނު އިސްލާކޮށްފައި އެވެ. މީޓިންގް ވިސާ ދޫކުރެވޭނީ ކޮންފަރެންސްތަކާ މީޓިންތަކުގެ އިތުރުން ސަރުކާރުން ހުއްދަދީގެން ބާއްވާ އިވެންޓުތަކަށް އަންނަ ފަރާތްތަކަށެވެ.

މީގެ އިތުރުން، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، އެ ކައިވެނިން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ މަރުވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ހިމަނައިފަ އެވެ.

ސަރުކާރުން އިމިގްރޭޝަން ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވަނީ، އަންނަ އަހަރަށް އާމްދަނީ އިތުރުކުރުމަށް ރާއްޖޭގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހި ކުރުމަށެވެ.

އެކަން ކުރަނީ ޓޫރިޒަމާބެހޭ ގާނޫނަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކެއް މެދުވެރިކޮށެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވެއެވެ.

މި ބިލުގައި ހިމަނާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމުން އަންނަ އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.