އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ދެ ލައްކައަށް އަރައިފި އެވެ. މި އަދަދަށް މީހުން މަރުވުމަކީ މީގެ އަށް މަސް ކުރިން އެއްގޮތަކަށް ވެސް ގަބޫލު ކުރަން ދަތި އަދަދެކަށް ނުވެ އެވެ. ސަބަބަކީ އެމެރިކާއަކީ ދުނިޔޭގައި އޮތް އެންމެ މުއްސަނދި ގައުމަށްވެފައި އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ތަކާއި ސައިންސްވެރިންނާއި ބޭހާއި އަދި އިމަޖެންސީ ހާލަތެއްގައި ބޭނުން ކުރާނެ ސާމާނު ހުރި ގައުމަކީ ވެސް އެމެރިކާ ކަމަށްވާތީ އެވެ.
"މިހާލަތަށް ދިއުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރަން ދަތި ކަމެއް ނޫން،" ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޕަބްލިކް ހެލްތް ރިސާޗާ އެއްކަމުގައިވާ ޖެނިފާ ނުޒޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަދަދަކީ ކޮވިޑް ޖެހިގެން ދުނިޔޭގައި އެއްވެސް ގައުމަކުން މިހާތަނަށް މީހުން މަރުވި ކަމަށް މައުލޫމާތު ލިބުނު އެންމެ މަތީ އަދަދެެވެ. އެހެން ނަމަވެސް މި ބަލީގައި މީހުން މަރުވި އަދަދު މިއައްވުރެ މާ މަތިވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ މިބަލި ދެނެގަނެވުނުތާ ކުރީކޮޅު ފުޅާ ދާއިރާއެއްގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ނެތުމާއެކު ކޮވިޑް ބަލީގައި މަރުވި މީހުން އެހެެން ބަލި ތަކުގައި މަރުވި ކަމަށް ވެސް ނިންމާފައި ވެދާނެތީ އެވެ.
އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ސެޕްޓެމްބާ 11 އިގެ ހަމަލާގައި މަރުވި މީހުންގެ 67 ގުނަ އިތުރެވެ. އަދި މިއަދަދަކީ އެމެރިކާގެ އަލަބާމާގެ ސޯލްޓް ލޭކް ސީޓީ ނުވަތަ ހަންޓްސްވިލް ސިޓީގެ އާބާދީ އާއި އެއްވަރުގެ އަދަދެކެވެ.
ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް އެމެރިކާ ގައި ދަނީ 770 މީހުން ކޮވިޑް ބަލީގައި ދަނީ މަރުވަމުންނެވެ. އަދި މި އަހަރު ނިމޭ އިރު މި ބަލީގައި ހަތަރު ލައްކަ މީހުން މަރުވާނެ ކަމަށް ޔުނިވާސިޓީ އޮފް ވޮޝިންޓަން އިން ލަފާކޮށްފައި ވެއެވެ. އަދި ޝިފާއެއް ލިބިފައި ނެތް މި ބައްޔަށް ވެކްސިން އެއް ލިބޭނެ ކަމަށް އުންމީދު ކުރެވެނީ އެންމެ އަވަހަށް ވެސް އަންނަ އަހަރުގެ ތެރޭގަ އެވެ.
އެމެރިކާ ފިޔަވައި ކޮވިޑް ބަލި ޖެހިގެން އެންމެ ގިނަ މީހުން މަރުވީ ބްރެޒިލް އިންނެވެ. އެ ގައުމުން ވަނީ 137000 މީހުން މަރުވެފަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ ރާއްޖެއާ ކައިރީގައި އޮންނަ އިންޑިއާ އިންނެވެ. އެ ގައުމުން ގާތްގަނޑަަަަކަށް 89000 މީހުން ވަނީ މިބަލީ ގައި މަރުވެފައި އެވެ.