ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިިކާގެ ކޮވިޑް މަރު ދެވަނަ ބޮޑުހަނގުރާމާގައި އެ ގައުމުން މަރުވި މީހުނަށްވުރެ ގިނަ

އެމެރިކާގައި ކޮވިޑްޖެހިގެން މަރުވި މީހުންގެ އަދަދު 420،000 އަށް އަރަނީ އެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއިން މަރުވި މީހުންނަށް ވުރެ ގިނަ އަދަދެއް ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީ ތަފާސްހިސާބު ތަކުން ދައްކަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި މަރުވި އެމެރިކާ މީހުންގެ އަދަދު ރިވާ ކުރުމުގައި ހިލާފުތަކެއް ހުރި ނަމަވެސް، "ނެޝަނަލް ވޯލްޑް ވޯ ޓޫ މިއުޒިއަމް" އިން ކޮށްފައި ހުރި ދިރާސާތަކުން ދައްްކަނީ ދެވަނަ ބޮޑު ހަނގުރާމައިގައި 418،500 މީހުން މަރުވި ކަމަށެވެ. މިއަދަދު ރެކޯޑް ކުރުމުގައި ބަލާފައިވާ މުއްދަތަކީ 1939 އިން 1945 އަށެވެ.

އެމެރިކާގައި ކޮވިޑްޖެހިގެން މީހަކު މަރުވިކަން ފުރަތަމަ ރިޕޯޓްކުރީ ފެބްރުއަރީ 2020 ގަ އެވެ. އެއަށް ފަހު އަހަރެއް ފުރިހަމަވާން ދާއިރު މަރުވި މީހުންގެ އަދަދު 400،000 އަށް ވުރެ މި ވަނީ އިތުރުވެފަ އެވެ. ކޮވިޑްޖެހުނު މީހުންގެ އަދަދު 25.1 މިލިއަން ވަނީ ފަހަނައަޅާފަ އެވެ. ކޮވިޑްޖެހިގެން އެމެރިކާގައި މަރުވި މީހުންގެ އަދަދު 419،215 އަށް ވަނީ އަރާފަ އެވެ. އެހެންކަމުން ބެލެވެނީ ކޮވިޑް ބަލިމަޑުކަމުގައި އެންމެ ބޮޑުވަރުވި ގައުމަކަށް އެމެރިކާ ވާނެ ކަމަށެވެ.

އެމެރިކާގައި ރައްޔިތުންނަށް ކޮވިޑް ވެކްސިން ދޭން ފަށައި، ޕްރޮގްރާމް މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ. "ސެންޓް ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 21،848،655 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އެއީ ފައިޒާ-ބަޔޮންޓެކް އަދި މޮޑަނާއިން އުފެއްދި ކޮވިޑް ވެކްސިނެވެ.

ކޮވިޑް ބަލިމަޑުކަން އެމެރިކާގައި ތައްކަތު ކުރުމަށްޓަކައި އެމެރިކާގެ ރައީސް، ޖޯ ބައިޑަން ފިޔަވަޅުތަކެއް އަޅުއްވަން ވަނީ ފައްޓަވާފަ އެވެ. އެގޮތުން ވަކި ގައުމުތަކަކުން އެމެރިކާއަށް އެތެރެވާ އެމެރިކާ ރައްޔިތުން ނޫން މީހުންނަށް ހުއްދަ ނުދިނުން ހިމެ އެވެ. އަދި ދަތުރުފަތުރު ކުރުމަށް ވެސް ހަރުކަށިކަމެއް ގެންނަވާނެ ކަމަށް ސީއެންއެން، ވައިޓް ހައުސް އޮފިޝަލަކާ ހަވާލާދީ ވަނީ ބުނެފަ އެވެ.