ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއިން ފުރަތަމަ ދުވަހު 191،100 މީހުނަށް ވެކްސިންދީފި

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މިހާތަނަށް ގައުމެއްގައި ހިންގާފައި ނުވާވަރުގެ ބިޔަ ވެކްސިން ޕްރޮގްރާމެއް އިންޑިއާގައި ފަށައި، ފުރަތަމަ ދުވަސް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް 191،181 މީހުންނަށް ވެކްސިން ދެވިއްޖެ ކަމަށެވެ.

ކޮވިޑް ވެކްސިން ދެމުން އަންނަ އެހެން ގައުމުތައް ފަދައިން އިންޑިއާގައި ވެސް ވެކްސިން ދެނީ މަރުހަލާތަކަކަށް ބަހާލައި އަދި ފިޔަވަހިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ވެކްސިންދެމުން އަންނަނީ ބަލިމީހުން ގާތު މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށާއި، ފަރުވާ ދިނުމުގައި ފުރަތަމަ ސަފުގައި މަސައްކަތްކުރާ އޮފިޝަލުންނާއި ކުނިނަގައި ފޮޅާ ސާފުކުރާ މީހުން އަދި ސެކިއުރިޓީންނަށެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އަދި މިހާތަނަށް ކަމެއް ގޯސްވެ މީހަކަށް ފަރުވާދޭން ނުޖެހޭ ކަމަށެވެ. އިންޑިއާގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށައި ފުރަތަމަ އިންޖެކްޝަން ޖެހީ މަނީޝް ކުމާރު ކިޔާ މީހަކަށެވެ. އޭނާއަކީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައި ކުނި ހޮވައި ފޮޅާ ސާފު ކުރާ މީހެކެވެ.

އިންޑިއާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށް 3،351 ވެކްސިން ސެންޓަރު ވަނީ ގާއިމު ކޮށްފަ އެވެ. އިންޑިއާގެ ބިޔަ އާބާދީއަށް ވެކްސިން ދިނުމަށް އިންޑިއާ ސަރުކާރުން ހިންގަނީ އުންމިދީ ޕްރޮގްރާމެއް ކަމަށް ބުނެވިދާނެ އެވެ.

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ޑައިރެކްޓަރު ޑރ. ރަންދީޕް ގުލޭރިއާ ކޮވިޑް ވެކްސިން ޖައްސަވަނީ

ކޮވިޑުން ރައްކާތެރި ވުމަށް އެކި ގައުމުތަކުން އެކި މަރުކާގެ ވެކްސިން އިހުތިޔާރު ކޮށްފައި ވާއިރު އިންޑިއާގައި ބޭނުން ކުރެވެނީ ދެ ވެކްސިނެކެވެ. އެއީ އޮކްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިން އެވެ.

އިންޑިއާގައި ކޮވިޑް ޖެހުނު އަދަދު 10.54 މިލިއަނަށް ވަރީ އަރާފަ އެވެ. މިބަލީގައި 152،093 މީހުން މަރުވެފައި ވާއިރު 10.18 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީ ހިސާބުތަކުން ދައްކަ އެވެ.