ސަރުކާރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހުދު ސަރުކާރުންވެސް ގަބޫލު ނުކުރާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަމަލުތަކުން ސާބިތިވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިއުމަށް ފަހު އެނބުރި ގައުމަށް އައުމުން 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހެއެވެ. އެނގިފައިވާ ގޮތުގައި މިމަހުގެ 19 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އަމިއްލަފުޅު ކަމެއްގައި މިނިސްޓަރު ޝާހިދު ކުރެއްވި އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިމަހުގެ 20 ވަނަ ދުވަހު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި އެދުވަހު އޮތް ރަސްމިއްޔާތެއްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މިކަމާގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ސަރުކާރުންވެސް ގަބޫލު ނުކުރާ ކަން ޝާހިދުގެ އަމަލުތަކުން ސާބިތިވެއްޖެ ކަމަށާއި އަދި އެތަށް ބައެއްގެ ފުރާނައަށްވެސް ނުރައްކާވެއްޖެ ކަމަށެވެ.
މި ޓުވީޓުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ޝާހިދަށް ހާއްސަ ހުއްދައެއް ދީ އިވެންޓެއްގައި ބައިވެރިކުރުވުން އެއީ ރަނގަޅުކަމަކަށް ވާނަމަ، އެތަައް ޒުވާނުންނަކަށް ކުރި ޖޫރިމަނާ ބާތިލް ވާނެ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށާއި ގާނޫނުގެ ހުކުމް ސަމާސާއެއް ކަމަށް ދެކެނީތޯ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.
މީގެ ކުރިން ޖަމީލު ކުރެއްވި ޓުވީތެއްގައިވެސް ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ކޮވިޑްގެ ވަގުތު މުޅި ސަރުކާރުގައި މިވަނީ ކޮރަޕްޝަންގެ ޖަރާސީމް ފެތުރިފައި ކަމަށާއި ރައީސް މުހައްމަދު ނަޝީދާއި މެދު އޮތް އުންމީދަކީ މަލަމަތި ރީތިކުރަން ހާޒިރުކޮށް ސުވާލުކުރުމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނާއި ކިތަންމެ ގާތް ވަޒީރަކު ނަމަވެސް ފިޔަވަޅު އަޅުއްވަން ގޮވާލާ ކަމަށާއި އެހެން ނޫން ނަމަ ރައްޔިތުން ދެކޭނީ ރަނުން ރަނަށް ވައްކަމަށް ޖާގަ ދެނީ ކަމަށް ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި، 250 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ) ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ވަޒީރުންނާއި އިންޑިއާ ސަފީރު އަދި ހައިކޮމިޝަންގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކަރަންޓީންގެ މުއްދަތު ފުރިހަމަ ނުކުރައްވާ މިނިސްޓަރު ޝާހިދު އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ފާޑުކިޔުންތަކާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިނިސްޓަރު ޝާހިދު ގެންދަވަނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރައްވަމުން ކަމަށެވެ. އަދި މުހިންމު ބައެއް އިވެންޓްތަކުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް މިއުވާން ވިދާޅުވިއެވެ.