އުމްރާ ދަތުރު

އޮކްޓޫބަރު 4 ގައި އުމްރާވެރިންނަށް ހަރަމްފުޅު ހުޅުވާލަން ނިންމައިފި

އަންނަ މަހުގެ ހަތަރުވަނަ ދުވަހު އުމްރާވެރިންނަށް މައްކާގެ ހަރަމްފުޅު ހުޅުވާލަން ނިންމާލާފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަަކޮށްފި އެވެ.

ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އުމުރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަން ސައުދީން ނިންމި ނަމަވެސް އުމްރާގެ އަޅުކަމަށް ފުރަތަމަ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މަދު އަދަދެއްގެ ބަޔަކަށެވެ. އެގޮތުން ފުރަތަަމަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 6،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ސައުދީ ސަރުކާރުން ބުނީ ހަރަމްފުޅުގެ 30 އިންސައްތަ ކަމަށެވެ. ސައުދީން ބުނީ ފުރަތަމަ ފޭސްގައި ހަރަމްފުޅަށް ވަދެވޭނީވެސް ހުއްދަ ދެވޭ އުމްރާވެރިންނަށް އެކަނި ކަމަށެވެ.

އަދި ދެވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 15،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ސައުދީ ސަރުކާރުން ބުނީ ހަރަމްފުޅުގެ 75 އިންސައްތަ ކަމަށެވެ. ދެވަނަ ފޭސްގައި ކަނޑައަޅާފައިވާ ވަކި އަދަދަކަށް ކޮންމެ ނަމާދު ވަގުތަކަށްވެސް ހަރަމްފުޅަށް މީހުން ވައްދާނެއެވެ. އެ ގޮތުން ކޮންމެ ނަމާދު ވަގުތަކަށް 40،000 މީހުންނަށް ފުރުސަތު ދޭނެ އެވެ.

ތިންވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 20،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މިއީ އާންމު ހާލަތުގައިވެސް ހުއްދަދޭ އަދަދެވެ. މީގެ އިތުރުން ނަމާދު ވަގުތުތަކުގައި 60،000 މީހުންނަށް ހަރަމްފުޅަށް ވަނުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މަސްތަކަކަށްފަހު ހަރަމްފުޅު ހުޅުވާލަން ނިންމާފައިވާއިރު މި އަހަރުގެ ނިޔަލަށް އުމްރާގެ އަޅުކަމަށް ފުރުސަތު އޮންނާނީ ސައުދީގައި ތިބި މީހުންނަށް އެކަންޏެވެ. ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށް ފަހު އަންނަ ޖެނުއަރީ މަހުން ފެށިގެން ރަސްމީކޮށް ހުޅުވާލަން ވަނީ ނިންމާފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އުމްރާގެ ފުރުސަތު ބަންދުކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ފެބްރުއަރީ ފަހު ހަފުތާގައި ސައުދީގެ ބޯޑަރު ވަނީ ބަންދު ކޮށްފަ އެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީ ވެސް ސައުދީގައި ތިބި ބޭރު މީހުންގެ ތެރެއިން ކަނޑައެޅި ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ.