ރެސްޓޯރަންޓްތައް ބަންދުކޮށް އެ ތަންތަނުގެ ތަޅުދަނޑިއާއި މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަވާލު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ކެފޭ، ހޮޓާ، ރެސްޓޯރަންޓްތަކުގެ ޔޫނިއަން، މޯލްޑިވްސް އީޓަރީ ޔޫނިއަން (އެމްއީޔޫ) އިން ބުނެފި އެވެ.
އެމްއީޔޫ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެސްޓޯރަންޓްތަކުގެ ވެެރިން ބުނީ އެ މީހުންވެފައިވަނީ ކޮވިޑުގެ ސަބަބުން "ގުރުބާން ކުރާ ކަންބަޅި" ތަކަަކަށް ކަމަށެވެ. އެ ވިޔަފާރި މިހާރު އޮތީ ތަންތަން ބަންދުކޮށް އެ ތަންތަނުގެ ތަޅުދަނޑި އާއި މުވައްޒަފުން ރައީސް އޮފީހާއި ހަވާލު ކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށާ އެކަން ކުރުމަށް ތަައްޔާރުވަމުންދާ ކަމަށެވެ.
އެޗްއީއޯސީ އިން ވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 8:00 އިން ފަތިހު 5:00 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މަަނާކޮށް ފިހާރަތަކާއި ކެފޭ /ރެސްޓޯރަންޓުތަކުގެ ހިދުމަތް ރޭގަނޑު 9:30 ފަހުން ނުދެވޭ ގޮތަށް ހަމަޖައްސާފައެވެ.
މި ފިޔަވަޅުތަކާއި ގުޅިގެން ރެސްޓޯރަންޓްތަކުގެ އިސްވެރިންތައް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފަ އެވެ. އެ މީހުން ވަނީ މިހާރު ވެސް އިނދަޖެހިފައިވާ ވިޔަފާރި، އެ ފިޔަވަޅުތަކުގެ ސަބަބުން އެއްކޮށް ހުއްޓުމަކަށް ދާނެ ކަމަށް ބުނެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއީޔޫ އިން ބުނީ އެޗްޕީއޭއާއި އެޗްއީއޯސީ އާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ބައްދަލުކޮށް މަޝްވަރާކުރަމުންދާތާ މަސްދުވަސްވީއިރުވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އަދި ކޮވިޑް-19 ފެތުރެނީ ރެސްޓޯރަންޓްތަކުން ކަމަށް ގަބޫލު ކުރުމަކީ ހުއްޖަތެއް ނޫން ކަމަށާއި ރަނގަޅަށް އިންސްޕެކްޓް ކޮށްފިނަމަ އެތަންތަނަށްވުރެ ސާފްތާހިރު ތަންތަންވެސް ނުހުންނާނެ ކަމަށެވެ.
ރެސްޓޯރަންޓްތަކަށް އެންމެ ގިނައިން ފައިސާ ލިބެނީ ރޭގަނޑުކަަން ފާހަގަ ކުރަމުން އެމްއީޔޫ އިން ބުނީ ރޭގަނޑު 11:00 ޖަހަންދެން ތަންތަން ހުޅުވައިފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް އެދި އާދޭސް ކުރަމުންދާ ކަމަށެވެ. އަދި މެންދަމު 2:00 ޖަހަންދެން ޑެލިވަރީގެ ހިދުމަތްތައް ދެވޭނެ ގޮތަށް، ހާއްސަ ހުއްދައެއްގެ ދަށުން އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށެވެ. އެކަންކަމަށް ސަރުކާރުގެ އިދާރާތަކުން ބީރުކަންފަތެއް ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި އެދެނީ ހަމައެކަނި އެބޭފުޅުން އެ ދެއްވާ ހާއްސަ ހުއްދައެއް ދީގެންވިޔަސް ނޫނީ ހެނދުނަށް ބަންދުކޮށްފަ ވިޔަސް ރޭގަނޑު 11:00 ޖަހަންދެން ކެފޭ ރެސްޓޯރަންޓް ހުޅުވާފަ ބެހެއްޓޭނެ ގޮތެއް ހަދައިދިނުމަށް. އެބޭފުޅުން ބުނިއްޔާ ބުނި ގޮތަކަށް އަޅުގަނޑުމެން އެތަންތަން މި ބައްޓަން ކުރަނީ. އެކަމަކު އަޅުގަނޑުމެން އެދޭ ކަންކަން އެބޭފުޅުންނަކަށް ނުވޭ. މި ބުނަނީ ރެސްޓޯރަންޓްތަކަށް ދިޔައިމަައޭ ކޮވިޑް މިޖެހެނީ. އެކަމަކު އެކަން ކިހިނެތްތޯ ގަބޫލު ކުރާނީ. މިހާރުވެސް ޕޮޒިޓިވް ވެގެން ފެސިލިޓީތަކަށް ނުގެންދެވި އެތަށ ްބަޔަކު އެބަތިބި މާަލެ ތެރެއަށް ދޫކޮށްލާފަ." އެމްއީޔޫ އިން ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދަކަށް ދިޔުމުގެ ސަބަބުން ހުރިހާ ކެފޭ ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުނެވެ. އެ ހާލަތުގައި އެތަންތަނަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތި ފެން ބިލާއި ކަރަންޓް ބިލް އައީ ކޮމާޝަލް ރޭޓުގައި ކަމަށްވެސް އެމްއީޔޫއިން ބުންޏެވެ. ކޮވިޑް-19 އާއި ގުޅިގެން އާންމު ގޭބިސީތަކުގެ 40 ޕަސެންޓް ފެނާއި ކަރަންޓު ބިލުން ކެނޑި އިރު އެއްވެސް ކެފޭ ރެސްޓޯރަންޓަކަށް ލުޔެއް ދީފައިނުވާތީ އެ ޔޫނިއަންއިން ވަނީ ސުވާލު އުފައްދާފައެވެ.
އެމްއީޔޫއިން ދަނީ 107 ރެސްޓޯރަންޓްގެ ވެރިންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އަށް ޕެޓިޝަނެއް ހުށަހެޅުމަށް ތަައްޔާރުވަމުންނެވެ. އަދި މާލޭ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރަންޓް އަދި ބޮޑެތި ފިހާރަތަށް އެއްދުވަހަށް ބަންދުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ.