ވާހަކަ

ލޯބިން ބުނެލަން

(22 ސެޕްޓެމްބަރ 2020 އާ ގުޅޭ)

މި ރޭގަނޑުގެ އަނދިރިކަމުގައި އޭނާގެ އަޑު އިވޭނެ ހިސާބުގައި ގޭގައި އެކަކުވެސް ނެތްކަން މިފްރާހަށް އެނގޭނެކަން ކެންޒާ ދެނަހުއްޓެވެ. އޭނާ ޝިކާރައަށް ނުކުތީ އެހެންވެކަން ޔަގީނެވެ.

"ރޭގަ މިގެއަށް އައިންތަ؟." ޝައްކުވާތީ ނާހަން އޮވެފައި ވެސް ކެންޒާ އެއްސެވެ. ހާސްވެ ބިރުގެންފައި ވިޔަސް އެޖަޒުބާތުތައް ހާމަކުރުމުގެ ބަދަލުގައި ކެންޒާ ޚިޔާރުކުރީ ފޫހިކަމާއި ރުޅިވެރިކަމެވެ.

"އަހަރެން އާދޭތޯ އިންތިޒާރުގަތަ އިނީ؟." މިފްރާހު ވެސް ހުރީ ގޮތްދޫނުކުރާ ގޮތެވެ. އޭނާ ވެސް ބޭނުންވީ ކެންޒާގެ ބަސްމަގު ހުރި ގޮތުން ކުޑަކޮށް ވެސް އެހިތަށް އަސަރެއްނުކުރާކަން ދައްކާށެވެ. ހާލަތުގެ ގޮތުން ބާރު އޮތީ މިފްރާހުގެ އަތުގައިކަން އިޙްސާސްކޮށްދޭށެވެ. އޭނާއަށް ކެންޒާ ކިޔަމަންވޭތޯއެވެ.

"ކަލޭކަން އެނގޭ ފާރަލައިގެން ހުރީ... ބައްޕައަށް ބޯންދީގެން މިގެއަށް ވެއްދީ ކަލެއެއްނު." ޔަގީން ނުވިޔަސް ކެންޒާ ބުނެލިއެވެ. މިފްރާހުގެ ހުނުން ބާރުވެލިއެވެ.

"އާން، އަހަރެން އޭނަ ގެނައި... އެކަމަކު ބޯން ދިނީ އަހަރެންނެއްނޫން، ތިކޮޓަރިބުޑުން ދުރަށް ލާން އުޅެނިކޮށް ކޮޓަރި ހުޅުވީ، ދުރުގައި ބަލަން މަޑުކޮށްލީ... މި ޕިންކު ޓީޝާޓުގައެއްނު ހުރީ... ވަރަށް ލޯބި ހުރިލެއް، ކައިރިވެއްޖެއްޔާ ދުރަށް ނުދެވޭނެތީ ރޭގަ ވެސް ނުކުމެގެން ދިޔައީ." ކެންޒާގެ ބުރަކަށިމަތިން ތެދުވުމުގެ ގަސްދެއް މިފްރާހުގެ ނެތްކަހަލައެވެ. ގޮދަޑީގެ ތެރެއަށް ކެންޒާގެ މޫނު ވައްދާލަން ބޭނުންވި ކަހަލައެވެ. އޭނާ ހިމޭންވީއެވެ.

"ރޭޕްކޮށްލަ ފާނެތީ ބިރެއްނުގަނޭތަ؟. އަހަރެންގެ ބާރު އަދިވެސް ނޭނގެނީތަ؟. ނޫނީ އަހަރެން ކުރާނެކަމެއް ކުރަންދެން ތިހެން މަޑުން އޮންނާނީތަ؟." މިފްރާހުގެ ބަސްތަކުން އިހުނަށްވުރެ ބޮޑަށް ކެންޒާ ދެ ލޯ ތަގުޅިކޮށްލިއެވެ. އޭނާ ބިރުނުގަންނަނީކީ ނޫނެވެ. އެ ހާލަތުގައި ކޮންމެ އަންހެންކުއްޖަކު ވެސް ބިރުގަންނާނެއެވެ. މިފްރާހުގެ ވައަތްތިލަ ކެންޒާގެ ޓީޝާޓުގެ ތެރެއަށް ވައްދަންފެށިމުން ކެންޒާއަށް މަޑަކުން ނޯވެވުނެވެ. ދެއަތަށް ތެޅެންފެށިއެވެ. ކޮނޑުހުޅަށްވާންވެގެން ތަދުވާއިރު، އެ ތަދު ބޮޑުވިއެވެ.

"މިފްރާހު... އަތްނުލާ އަހަރެންގައިގަ..." ކެންޒާ ހަޅޭލަވައިގަތެވެ.

ކެންޒާގެ އަޑެއް މިފްރާހު ނޭނގިއެވެ. އެނދުމަތިން ކެންޒާ ނެގުމަށް އޭނާގެ ފުރަގަހަށް ހިފަހައްޓާލެވިފައި ހުރި އަތަށް ދަމަމުން ކަރުގައި މިފްރާހު ހިފަހައްޓާލިއެވެ. ދެ ކަކުމައްޗަށް ކެންޒާއަށް ޖެހުނީ ތެދުވާށެވެ. ކެންޒާގެ ޓީޝާޓު މޭމައްޗާ ހަމައަށް ހިއްލާލުމާއެކު އެ ހަށިގަނޑުގައި މިފްރާހު ބީހިއްޖެއެވެ. ދެތުންފަތް ޖައްސާ ބާރުކޮށްލެވުނަސް ކެންޒާގެ އަނގައިން އާހެއްގެ އަޑު ނުކުތެވެ. އޭނާ ހަށިގަނޑުން އެހާ ބޮޑުއިރު ވެސް މިފްރާހު އޭނާގެ މައްޗަށް ގަދަވުމުން ހިތުގައި ރުޅިވެރިކަން އިންތިހާއަށް ހިނގައްޖެއެވެ. ހަށިގަނޑުގައި ޖަހާފައި ހުރީ ބާރެއްނެތް ބޭކާރު މަސްތަކެކޭ ކެންޒާއަށް ހީކުރެވުނެވެ. ކަމަކުން ސަލާމަތްވުމަށް އޭނާ ދުވަހަކުވެސް މިހާ ގަދައެއްނުދައްކައެވެ. އެކަމަކު މިފްރާހު އޭނާ ހިފަހައްޓާލަނީ މާބޮޑު އުނދަގުލަކާއި ނުލައެވެ.

ކެންޒާގެ ގައިން ދޫކޮށްލުމާއެކު އެނދުގައި މިފްރާހު އިށީނެވެ. ހަތަރެސްފައި މައްޗަށް ތިރިވެވުނު ކެންޒާ އަވަސްއަވަހަށް ފިރުކައިގަތީ މިފްރާހުއާ ދުރަށެވެ. މައްޗަށް އަރުވާފައި އޮތް ޓީޝާޓު އެއްއަތުން ތިރިކުރަމުންނެވެ. އޭރު އެ ދެ ލޯ ފެންކަޅިވެއްޖެކަން ޔަގީނެވެ.

"އަހަރެން ބޭނުންނަމަ ކެންޒާއަށް ގަދަނުދެއްކޭނެކަން އެނގޭތަ؟." މިފްރާހު ސުވާލުކޮށްލިއެވެ. ކެންޒާ ދެކަކޫމައްޗަށް ތެދުވެލައިގެން އިނީ މިފްރާހަށް ފުރަގަސްދީގެންނެވެ. ކޮޓަރިން ނުކުމެގެން ދާން ބޭނުންވެ އެކަމަކު ދެ ޚިޔާލެއްގައެވެ. ދޮރާ ހަމައަށް ދެވިދާނޭކަން ޔަގީންނުވާތީއެވެ.

"އަހަންނަށް ހީވަނީ މިހާރު ވިސްނިއްޖެހެން، އެހެންވީމަ އަހަރެން ބުނި ދެ ގޮތުގެ ވާހަކަ ދައްކަމާ ދޯ... އަހަރެންނަށް އެނގޭ ކާރުގައި އެމީހަކާއެކު ކެންޒާ ދާ މީހަކީ، ބިޓުކަން... އޭނާގެ ފުރާނަ މުހިންމީ ކިހާވަރަކަށް؟." މިފްރާހުގެ އަޑުގައި ކުރިން ހުރީ ސަމާސާ ގޮތެއް ނެތެވެ. މޫނުން ވެސް ފެންނަނީ ސީރިއަސްވެފައި އިންތަނެވެ.

"ލަ...އި...ތު..." ވޭނުން ފުރިގެންވީ އަޑަކުން ކެންޒާގެ ހިތް ލައިތުގެ ނަން ކިޔާލިއެވެ. ފާރުގައި ވިއްދާލި އަތުގެ އެހީގައި ކެންޒާ ކޮޅަށް ތެދުވިއެވެ. މިފްރާހުއާ ކުރިމަތިލިއެވެ.

"ކެން ހޯދުމަށް ޓަކައި ކޮންމެފަދަ އިމެއް ވެސް އަހަރެން ހުރަސްކޮށްފާނަން، އެކަން ތި ސިކުނޑީގައި ބައިންދާތި." މިފްރާހު ބުނެލިއެވެ. ކެންޒާއަށް ދެ ލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މިފްރާހު އެ ބުނަނީ ލައިތު މަރާލާ ވާހަކަ ހެއްޔޭ އަމިއްލަ ޟަމިރާ ކެންޒާ ސުވާލުކުރިއެވެ.

"މީހަކު މަރާފައި މިފްރާހަށް ހަމަޖެހިގެން އުޅެވޭނޭ ހީވަނީތަ؟." ކެންޒާއަށް ބުނެވުނެވެ.

"މަރުވިއްޔާ މަރުވާނީ ކެންއާ ހެދި، ތިއަތުގައި އޮތީ ގޮތް ނިންމުމުގެ އިޚްތިޔާރު، އަހަރެން ފަހަތަށް އެންމެ ކައިވަތެއް ވެސް ޖެހޭނޭ ހީނުކުރާތި... އޭނާގެ ފުރާނަ، ނޫނީ އަހަންނާ އިންނަންވީ." މިފްރާހު ބުނެލިއެވެ.

"ހުވަފެނުގަ ކީއްކުރަން... މަ ހަމަހޭގައި ނެތަސް ކަލެއާ ނީންނާނަން، ވަރިހަމަ ކޮންމެ ފިރިހެނަކާ އިންނަން ޖެހުނަސް، ކަލެއަކާ ކައިރިއެއްނުވާނަން، އަޑުއިވިއްޖެ." ކެންޒާގެ އަޑު އައީ ކަރުބުޑުންނެވެ. އެ ދެ ލޮލުން ކަރުނައިގެ ވިދުން ވިޔަސް ފާޅުވާން ހުރީ އިންތިހާ ނަފުރަތެވެ.

"މިރޭ ދޫކޮށްލިހެން، ކޮންމެ ފަހަރަކު އަހަރެން ދޫކޮށްލާނޭ ހީނުކުރޭ، އަދިވެސް... އަދިވެސް އަހަރެން ބޭނުންނަމަ ތި ހަށިގަނޑުގައި އަތްލެވޭނެ." މިފްރާހު އެނދުން ތެދުވުމުން ކެންޒާ ފަހަތަށް ޖެހިލީ ބޭއިޚްތިޔާރުގައެވެ. އޭނާ ސިހިފައި ހުރިވަރު މިފްރާހަށް ފާހަގިވިއެވެ.

"މިހަށިގަނޑަށް ކޮންމެކަމެއް ވެސް ކުރެވިދާނެ، އެކަމަކު މި ހިތަކު އަތެއްނުލެވޭނެ، އެ ހިތުގައިވާ ލޯތްބެއް ފުހެއެއްނުލެވޭނެ... އޭނާދެކެ ލޯބިވުން ނުހުއްޓުވޭނެ، އެކަން އެނގޭތަ؟." ހިތުގެ އަޑު ކެންޒާ އިއްވާލިއެވެ.

މިފްރާހު އައިސް ހުއްޓުނީ ކެންޒާގެ ނޭވާގެ ހޫނު އެޅޭހާ ގާތުގައެވެ. އޭނާއަށް ކެންޒާ ދެއަތް މުއްކަވާލިތަން ފެނުނެވެ. މިފްރާހު ވާހަކަދެއްކިއެވެ. ކެންޒާއަށް އިންޒާރު ދިނެވެ.

"ތިންކް ހާޑް... އެއަށްފަހު ގޮތެއް ނިންމާ، މިވަގުތު ދެވަނަ ފަހަރަށް ކެންއާ ބައްދަލުކުރާނޭ ކަމުގެ ޔަގީންކަން އަހަރެންދެން، މިރޭ ކަންތައްވީހެންނެއްނޫން ދެވަނަ ފަހަރަށް ކަންތައްތައްވާނީ، ކެންޒާގެ ކުރިމަތީ އޮތް ދެ މަގުން ކުރެ ޚިޔާރުކުރާ މަގެއް އަހަރެން ގާތު ބުނަން ބަރާބަރު ތިންދުވަސް... އަހަންނަށް ނޭނގޭނެކަމަށް ކެންޒާއަށް ފިޔަވަޅެއް ދެން ނޭޅޭނެ." މިފްރާހު ބުންޏެވެ.

ކެންޒާ އިސްޖެހިފައި ހުރި ގޮތަށް ހުރީއެވެ. މިފްރާހު އެ ކޮޓަރިން ނުކުންނަން ދިޔައީ ކެންޒާގެ ކޯތާފަތުގައި ބޮސްދީފައެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑާއެކު ކެންޒާގެ ދެފައިން ވާގި ދޫވީ ކަހަލައެވެ. ހުރިދިމާއަށް ތިރިވެ ތަޅުންމަތީ އިށީނީއެވެ. އެގޮތުގައި އޭނާއަށް އިނދެވުނީ ކިހާއިރަކުކަމެއް ނޭނގުނެވެ. ގަބުވެފައި އިންދާ ހޭލައްވާލީ ރިންގުވަމުންދިޔަ ފޯނެވެ. ކަނާތު ކަކުލުގައި އަތްއަޅުވާލައި ކޮޅަށް ތެދުވި ކެންޒާ މަޑުމަޑުން އައިސް އެނދުގައި އިށީނެވެ. ބާލީސް ދަށަށް ވަދެފައި އޮތް ފޯނު ނެގިއެވެ. ދެ ލޯ ފުރުނީ މަންމަ ގުޅާތީއެވެ.

"ހެލޯ..." ކެންޒާއަށް ބުނެވުނެވެ.

"ކައިފް އައިސީޔޫއަށް ބަދަލުކޮށްފި..." މަންމަ ރޮވިފައި ހުރެ ދިނީ ނުބައި ޚަބަރެކެވެ.

ތެޅެމުންދިޔަ ހިތާއި ނަފްސުގެ އަވަސްވެފައިވާ ވިންދަށް ހަމައަކަށް އެޅުމަށް ކެންޒާ އަޑުލައިގަތެވެ. އެ ޖަޒުބާތުގައި ޖެހިފައި ހުންނާނޭ ފުރުޞަތެއް އޭނާއަކަށް ނެތެވެ. ފޯނުކޯލު ކަނޑާލުމާއެކު ކެންޒާ ތައްޔާރުވާން ފެށީ ހޮސްޕިޓަލަށް ދިއުމަށެވެ.

ސިނގިރޭޓެއް ރޯކޮށްލައިގެން މިފްރާހު މަޑުކޮށްލައިގެން ހުރީ ކެންޒާ ގޭގެ ކުރިމަތީ ހުރި ފާރު ކައިރީއެވެ. ފާރުގައި އެއްފައި ވިއްދާލައިގެން ލެނގިލައިގެން ހުރިއިރު މިފްރާހަށް މިރޭ ކެންޒާއާ މެދު ކަންތައްކުރެވުނު ގޮތާމެދު ވިސްނިއެވެ. އޭނާގެ ޢަމަލުތައް، އަމިއްލަ ޟަމީރު ކުށްވެރިކުރިއެވެ. އެހެންވިޔަސް މިފްރާހު ޤަބޫލުކުރީ އޭނާ މަޑުން ހުރެގެން ކެންޒާ ނުލިބޭނެކަމެވެ. އޭނާގެ ގަސްދަކީ ކެންޒާގެ ގާތުން ވަގުތީ އުފަލެއް ހާސިލުކުރުމެއްނޫނެވެ. ބޭނުންވަނީ ދާއިމީ ބައިވެރިއަކަށް އެ އަންހެންކުއްޖާ ހެދުމެވެ. ގޯހެއް ހަދައިގެން ވިޔަސް ކެންޒާ ލިބެންޏާ މިފްރާހަށް އެންމެ ރަނގަޅެވެ. އެކަހަލަ ކިތަންމެ ގޯހެއް ހަދަން އޭނާ އެ ހުރީ ތައްޔާރަށެވެ.

ސިނގިރޭޓު ހުލިވެ ބިންމައްޗަށް ވައްޓާލި ވަގުތު ގޭ ދޮރުމައްޗަށް މަޑުކުރި ޓެކްސީ މިފްރާހުގެ ލޮލުގައި އަޅައިގަތެވެ. ދެން ފެނުނީ ހަލުވިކޮށް ދޮރޯށިން ނުކުމެ ޓެކްސީގެ ފަހަތު ސީޓަށް ކެންޒާ އެރިތަނެވެ. މިފްރާހު ގޮވާލި ނަމަވެސް ކެންޒާ ނުހުއްޓުނެވެ. ޓެކްސީ ދުއްވާލުމުން މިފްރާހަށް ބަލަން ހުރެވުނީ ހައިރާންވެފައެވެ.

"މިދަންވަރު... ޓެކްސީގަ... އެމީހާ ކައިރިއަށްތަ އެދިޔައީ..." މިފްރާހަށް ހީވީ އޭނާގެ ސިކުނޑީގެ ހިނގުން މަޑުޖެހިލި ހެންނެވެ. ކެންޒާ އެ ގަޑީގައި ނުކުމެގެން ހިނގައިދާނޭ ކަމަށް މިފްރާހު ހިތަށް ވެސް ނާރައެވެ. ހިތާއި ސިކުނޑިއަށް ވެރިވާންފެށީ އެންމެ ނުބައި ޚިޔާލުތަކެވެ.

* * * * *

ދަރިފުޅުގެ ގާތްކޮށްލުމާއެކު މިންނާއަށް ބައްދާލެވިއްޖެއެވެ. ކައިފްގެ ހާލު ދަށަށް ގޮސް ކުއްލި ގޮތަކަށް އައިސީޔޫއަށް ބަދަލުކުރަން ޖެހުނު ގޮތް މިންނާ ކިޔައިދޭން ފެށިއެވެ. ފުރޭނޭ ގޮތް އަދިވެސް ހަމަނުޖެހޭ ގޮތެއް ނުވޭތޯ މިންނާ ސުވާލުކުރިއެވެ. ޑަކްޓަރުން ހުއްދަ ނުދިނަސް ކެންޒާ އޮތީ މަންމަ ގާތު އެކަން ހަމަޖެހޭތޯ ބަލަމުންދާކަމަށް ބުނެފައެވެ. އެކަން ހަމަޖައްސައިދޭނޭ ކަމަށް ކެންޒާ ގާތު ބުނީ ލައިތެވެ.

ފަތިސްވަމުން އައިއިރު ކެންޒާގެ ކޮނޑުގައި ލެނގިލައިގެން މިންނާއަށް އިނީ ނިދިފައެވެ. ރޮއެރޮއެ ވަރުބަލިވެގެންނެވެ. ކައިފް ގަދަވާނޭ ކަމަށް އެއްވެސް ޑަކްޓަރެއްގެ ފަރާތުން އުންމީދުގެ ބަހެއް ނީވޭތީއެވެ. ކެންޒާ ފޯނު ނަގައި ލައިތަށް މެސެޖުކުރިއެވެ. ހެނދުނު އޭނާއަށް ދެވެން ނޯންނާނޭކަން ބުނެފައެވެ. ކައިފް ފުރުވާލެވޭނޭ ގޮތެއް ހަމަޖެހުނުތޯ ވެސް އެއްސެވެ. އެއަށްފަހު ކަސްތޫރީއަށް ވެސް ކެންޒާ މެސެޖުކުރިއެވެ. މަސައްކަތަށް ނުނިކުމެވޭނެކަން އަންގާށެވެ. ކުލާހަށް ނުދެވޭތީ އެތަނަށް ވެސް ކެންޒާ ވަނީ ސަބަބު އަންގާފައެވެ.

ކެންޒާއަށް ލައިތު ގުޅީ އޭނާއަށް ހޭލެވުނުހާ އަވަހަށެވެ. ނިކަން އަވަހަށް ތައްޔާރުވެލައިގެން ހޮސްޕިޓަލަށް އަންނަންކަމުގައި ލައިތު ބުންޏެވެ. ކެންޒާ ނޫނެކޭ ބުނީމާ ވެސް މިފަހަރު ލައިތު އަޑެއް ނޭހިއެވެ. މިވަގުތަކީ އޭނާ ކެންޒާއާއެކު ހުންނަން ޖެހޭނެ ވަގުތެއްކަމުގައި ލައިތު ޤަބޫލުކުރެއެވެ.

"މަންމާ، މީ..."

"ލައިތު... ކެންޒާ ބޭބެ ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭކަން އަޅުގަނޑުމެންނަށް އެނގިފަ އޮތީމަ، މާމަ އެދިލެއްވީ ކެންޒާ ހާލު ބެލުމަށް ހޮސްޕިޓަލަށް ދިއުމަށް... އެހެންވެ..." ލައިތުގެ ތަޢާރަފެއް ދޭނޭ ގޮތެއް ނޭނގިފައި ކެންޒާ އިންދާ، އޭނާ އަމިއްލައަށް މިންނާއަށް ތަޢާރަފްވެލިއެވެ. މިވަގުތު އޭނާ އެ ހުރީ ކެންޒާ މަސައްކަތްކުރަން ދާ ގޭގެ ކުއްޖެއްގެ ގޮތުގައި އައިހެވެ. އެ ދެމެދުގައި އޮތީ ކިހާ ގާތް ގުޅުމެއްކަމެއް ހާމަކުރަންވީ ވަގުތެއް ނޫންކަން ލައިތަށް ވިސްނޭތީއެވެ.

"ކަސްތޫރީއާ ބައްދަލު ނުވިޔަސް ތިޢާއިލާ ކެންޒާއާ މެދު ބަހައްޓާ ގާތްކަން ފެނިފަ ވަރަށް އުފާވޭ." ލައިތުއާ ސަލާމްކޮށްލަމުން މިންނާ ބުންޏެވެ.

ހޮސްޕިޓަލުގައި ކެންޒާއާއެކު ލައިތު ހުރިއިރު އެ ދެމެދުގައި ދުރުމިން ބަހައްޓަން ދެ މީހުން ވެސް އިސްކަން ދިނެވެ. މިންނާއަށް ޝައްކެއްވެދާނޭ ހެން ހީވާ އެއްވެސް ކަމެއް ލައިތު ނުކުރެއެވެ. ހަރުދަނާ މީހެއްގެ ގޮތް ލައިތުގެ ފުށުން މިންނާއަށް ފާހަގަވިއެވެ. ކައިފްގެ ކަންތަކުގައި ޑަކްޓަރުންނާ ވާހަކަދެއްކުމުގައި ލައިތު އުޅޭތަން ބަލަން މިންނާ އިނީ ގޮނޑިބަރީގައެވެ. ކުރިން ފެނިފައިނުވާ ޑަކްޓަރު އައިސް ލައިތުގެ ގާތުގައި ހުއްޓުނީ ވެސް މިންނާ އެ އިންގޮތަށް އިންދައެވެ.

"އައިސީޔޫއިން ނެރެވާވަރު ވެއްޖެނަމަ، ވަގުތުން ފުރަންވީ... ހުރިހާ ކަމެއް ހަމަޖެހިއްޖެ." ލައިތު އައިސް ބުނެލިއެވެ. މިންނާއަށް ލައިތުގެ އަތުގައި ހިފާލެވުނީ އެ މަންމަގެ ހިތް ޝުކުރުން ފުރިގެންނެވެ. ފުރަންވުމުން އެހީގެ ފައިސާ ހުރީ ލިބޭނޭހެން ތައްޔާރަށް ކަމަށް ވެސް ލައިތު ބުންޏެވެ.

ގެއަށް ދިއުމަށް ލައިތު ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތެވެ. ކެންޒާ ގާތު ލައިތުއާއެކު އައުމަށް އޭނާ އެދުނެވެ. އެހިނދު ކެންޒާއަށް ބަލާލެވުނީ މިންނާއަށެވެ. މަންމަ ބޯޖަހާލީ ދާށޭ ބުނާ ފަދައިންނެވެ. ލައިތުއާއެކު ހޮސްޕިޓަލުގެ ދޮރާ ހަމައަށް ކެންޒާ ނުކުތެވެ. ކެންޒާގެ އަތުގައި ލައިތު ހިފާލީ ދެނެވެ.

"ދެރަނުވައްޗޭ... ރަނގަޅުވާނެ ހުރިހާކަމެއް ވެސް." ލައިތު ބުނެލިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލެވުމާއެކު ލައިތުގެ މޭގައި ކެންޒާ ބޯޖައްސާލިއެވެ. އެއާއެކު ކެންޒާގެ އިސްތަށިގަނޑުގައި ލައިތު ފިރުމާލިއެވެ.

"އަހަރެން އަންނާނަން ގެއަށް ވަދެލާފައި... މާމަ ހޭލާ އުޅެނިކޮށް މިއައީ، އަހަންނާ ވާހަކަދައްކަން ބޭނުންވެފައި ހުއްޓަ، އެނގޭ ކެންގެ ވާހަކަ އަހަންކަން އެ އުޅެނީ، އެއްވެސް އެއްޗެއް ގެނެސްދޭތަ އަންނައިރު."

ލައިތުގެ މޭގައި ބޯޖައްސާލައިގެން ހުރެ ކެންޒާ ދެފަރާތަށް ބޯހޫރާލީ މަޑުމަޑުންނެވެ. ލައިތު އައުމުން ކެންޒާއަށް ލިބިފައިވާ ހާސްކަން ކުޑަވިއެވެ. މިދަނޑިވަޅުގައި ކެންޒާ ބޭނުންވަނީ ވެސް ލައިތުގެ ހިމާޔަތެވެ.

* * * * *

ކޮޓަރިން ނުކުތް ފިޒާނާ ދިޔައީ ސިއްސައިގެންނެވެ. ސިޓިންރޫމު ސޯފާގައި އޮތީ ޔާދިންނެވެ. އޭނާ އެ އެޕާޓްމެންޓަށް ވަނީ ކޮންއިރަކުބާއޭ ފިޒާނާ ހިތަށް އެރިއެވެ. މަޑުމަޑުން އައިސް ޔާދިންގެ މޫނު ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ. ދެ ލޯ މަރާލައިގެން އޮތްއިރު އެ މޫނުމަތިން ހާސްކަން ފެންނާކަށް ނެތެވެ. ރުޅިވެރިކަމުގެ އަސަރެއް ވެސް ނެތެވެ. ޔާދިން ލޯ ހުޅުވާލި އިރުވެސް ކައިރީގައި ފިޒާނާ ހުރިކަން އެނގެއެވެ.

"ޔާ...ދި...ން..." މަޑުމަޑުން ލަސްލަހުން ފިޒާނާ ގޮވާލިއެވެ.

ސޯފާއިން ތެދުވެ އިށީނުމާއެކު ޔާދިން އިޝާރާތްކުރީ އެއްފަރާތުގައި ހުރި ގޮނޑިއަށެވެ. އެހެންވިޔަސް ފިޒާނާ އުޅުނީ ޔާދިންގެ ގާތުގައި އިށީންނާށެވެ. ރޮއެ މަޢާފަށް އެދޭށެވެ. ލައިތު ޖެއްސި ގޭމެކޭ ބުނާށެވެ. ފިޒާނާއަށް ލައިތު މަޖުބޫރުކުރިކަމާއި އޭނާ ބްލެކްމައިލް ކުރިކަމުގެ ތުހުމަތި ލައިތުގެ ބޮލުގައި އަޅުވާށެވެ. ނަމަވެސް ޔާދިން އެ އިނީ އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން ތައްޔާރަކަށް ނޫނެވެ. ފިޒާނާ އިށީންނަންވާއިރަށް ޔާދިން ތެދުވެއްޖެއެވެ.

"މާދަމާ ވަންދެން މިތާ މަޑުކުރެވޭނީ، އޭގެ ފަހުގައި މިތަން ހުސްކުރަން ޖެހޭ..." ޔާދިން ވާހަކަދެއްކީ އާދައިގެ ގޮތަކަށެވެ.

"ޔާދު... އަހަރެން ކިހިނެއް އެހާ އަވަހަށް ތަނެއް ހޯދާނީ، ޕްލީޒް." ފިޒާނާ ހާސްވިއެވެ.

"ކުރިން ވެސް އުޅުނުގޮތް އޮންނާނެ، ގެސްޓްހައުސްތައް މަދެއްނުވާނެ." ޔާދިން ބުންޏެވެ.

"އަހަންނަށް އަދި ފުރުޞަތެއް ދީބަލަ. ޕްލީޒް ޔާދު... ޕްލީޒް... އެއް ފުރުޞަތު..." ފިޒާނާ ދެއަތް ޖޯޑުކޮށްލައި އާދޭސްކުރިއެވެ.

"އިޓްސް އޯވާ، ފިޒާއަށް އިތުބާރެއް ދެން ނުކުރެވޭނެ، ލޯބިނުވާ މީހަކާ ގުޅިގެން އުޅުމަކީ ވާނޭ ކަމެއްނޫން، ފިޒާއަށް ލައިތުގެ މަތިން ހަނދާންނައްތާ ނުލެވޭނޭކަން އަހަންނަށް އެނގޭ، އެހެންނޫންނަމަ އަލުން ލައިތު ހޯދުމުގައި ފިޒާ ނޫޅުނީސް..."

"އަހަރެންދެކެ ޔާދު ލޯބިވެޔޭ ބުނެ ހެދީ ދޮގެއް ދޯ. ލޯބިވާނަމަ ތިހާ ފަސޭހައިން އަހަރެން ދޫކޮށެއްނުލާނެ." ފިޒާނާ ބުނެލިއެވެ.

"އަހަރެން ލޯބިވާ އެހެން އަންހެންކުއްޖެއްނެތް، ފިޒާދެކެ ލޯބިވިޔަސް، ކިތައް އަހަރު އަހަރެން މިހެން އެކަނި އުޅުނީ... އެހެންވީމަ ލޯބިވިޔަސް ދެން ވެސް އުޅެވޭނެ، އެކަމަކު މިހާރު އަހަރެން ބޭނުންވަނީ ފިޒާގެ މަތިން ހަނދާންނައްތާލަން، މާދަމާ ރޭ އަހަރެން އަންނާނަން، ފިޒާ ނުނިކުންނަން ހުއްޓަސް އަހަރެންނަށް ޖެހޭނީ ފިޒާ މިތަނުން ނެރެން، މީ އަހަރެންގެ މަންމަގެ ތަނެއް، މިތަނަށްވާ ކުލީ ފައިސާ ދައްކަމުން އައީ އަހަރެންގެ ފައިސާއިން، ތީ މިހާރު މުހިންމު މީހެއްނޫން."

ޔާދިން ބުނަންވާ އެއްޗެއް ބުނެ އެޕާޓްމެންޓްއިން ނުކުތީއެވެ. ފިޒާނާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ރުޅިވެރިކަމާއެކު އޭނާއަށް ހަޅޭލަވައިގަތްއިރު، ދުލުން ނުކުތީ ލައިތުގެ ނަމެވެ. އޭނާއަށް އެހާލު ޖެއްސި މީހަކީ ލައިތުއަށްވީމައެވެ. އެންމެންގެ ކުރިމަތީ އޭނާ ބޭޒާރުކޮށްލީ އެފަދަ ކަމެއްވެދަނޭ ހީނުކޮށް ހުއްޓައެވެ. އޭނާ ޔާދިންއާ ގުޅުން ކަނޑާނުލާން ހުރީ ލައިތު އަތްދަށުލެވިއްޖެކަން ޔަގީންވަންދެނެވެ. އެހެންނޫނީ އޭނާއަށް ޔާދިން ވެސް ގެއްލިދާނޭކަން އެނގޭތީއެވެ. އެކަމަކު މިހާރު މިޖެހުނީ އެހާލެވެ. ދެމީދާ ފެހި ބުޅަލަށްވީވަރެވެ. އެއްކޮޅުން ވެސް ފިޒާނައަށް ފައިދާއެއް ނުކުރިއެވެ. ދެއަތް ފޮޅާލާފައި ހުސްއަތާ ދާން ޖެހުނީއެވެ.

* * * * *

ކެންޒާ ނާންނަކަން ޔާދިންއަށް އެނގުނީ ހެނދުނުގެ ނާސްތާގައި ބައިވެރިވުމުންނެވެ. ސަރަފީނާގެ އެތައް އާދޭހަކާއެކު އޭނާ އައެއްކަމަކު ސައިބޯ ހިތެއްނެތެވެ. އިނދެއިނދެފައި ތެދުވި ވަގުތު އެތަނަށް ލައިތު ވަދެގެން އައިތަން ފެނުނެވެ. ހަޤީޤަތް ކަޝްފުވީ ނަމަވެސް ޔާދިންއަށް ލައިތުދެކެ ރުޅި އާދެވުނެވެ. ލައިރާ އައިސް ޔާދިންގެ މުލައްދަނޑީގައި ހިފާލީ އެވަގުތެވެ. އެއާއެކު ޔާދިންއަށް ކަމެއްގެ ހަނދާން އާވިއެވެ. ކެންޒާއާއި ޒުބިން ބައްދަލުކުރިކަން ލައިރާއަށް އެނގޭބާއެވެ. އަނެއްކާ ލައިތުއަށް ކެންޒާ އޮޅުވާލަނީކީ ނޫންބާއެވެ.

"އާދެބަލަ..." ލައިރާ ބުނެލިއެވެ. އަދި ޔާދިން ގޮވައިގެން އޭނާ އައިސް އެލެވޭޓާއަށް އެރިއެވެ. އެމީހުން އެރީ ލައިރާގެ އެޕާޓްމެންޓް ހުރި ބަޔަށެވެ.

"ޔާދިން..." ސޯފާގައި އިށީނދެގެން ތިބެފައި ލައިރާ ގޮވާލިއެވެ. އިސްވެ އެއްވެސް ވާހަކައެއް ޔާދިން ނުދައްކާނޭކަން ލައިރާއަށް އެނގޭތީއެވެ. ހުރިހާކަމެއް އެނގިހުރެ ވެސް، ފިޒާނާ ބޭޒާރުކޮށްލި ވަގުތު އެތަނަށް ލައިރާ ނުދިޔައީ ގަސްދުގައެވެ.

"ފިޒާނާގެ ހަޤީޤަތް އެނގުނީމަ ދެރަވާންވީކީނޫން، ލޯބިވާއިރު މީހާގެ ގޮތް ނޭނގި އޮވެދާނެ، އެކަމަކު އޭނާގެ ގޮތް އެނގޭ ހިސާބުން ވިސްނަންވާނެ... ޔާދިންގެ އަތުން ފިޒާނާ ޖަހައިގަންނަން ލައިތު ކުރިކަމެއްނޫން އެއީ، ދޮންއަށް އެނގޭ ލައިތުދެކެ ރުޅި އައިސްފަކަން ތިހުންނަނީ، އެކަމަކު ޔާދިން ވެސް ދެން ވެއްޖެ ރަނގަޅަށް ވިސްނަން، ލައިތުގެ ބޮލުގައި ފިޒާނާ އެޅުވި ހުތުރުކަމުގެ ސަބަބުން މިޢާއިލާއަށް ވީގޮތް ޔާދިންއަށް ނޭނގޭތަ؟، ފިޒާނާނޫނަސް ރީތި، އަޙުލާޤު ރަނގަޅު އަންހެންކުއްޖަކު ޔާދިންއާ ގުޅެން ބޭނުންވެދާނެކަން."

ޔާދިން ދެން ވެސް އެއްޗެކޭ ނުބުނުމުން ލައިރާ އަނެއްކާ ވެސް ގޮވާލިއެވެ. ކޮންމެވެސް ވާހަކައެއް ދައްކަން އޭނާ އެދުނެވެ. އެއާއެކު ޔާދިން ބުނީ އޭނާއަށް ދައްކަންވީ ވާހަކައެއް ނޭނގޭކަމެވެ.

"ކެންޒާއަށް ކިހާ ވަރަކަށް ދޮން އިތުބާރުކުރަން؟..." ހިމޭނުން އިނުމަށްފަހު ޔާދިން އަހާލިއެވެ.

"އެއީ ފިޒާނާއެއްނޫން، އެ ދެމީހުން އެއްވަރުކުރަން ނޫޅޭ. ކެންއަކީ އެކަހަލަ ބޮޑާ އަންހެނެއްނޫން... ވިޔާނުދާ ސިފައެއް ހުރިނަމަ، އެކަހަލަ އަންހެންކުއްޖެއް ލައިތު ޚިޔާރެއްނުކުރާނެ." ލައިރާ ވަގުތުން ބުނެލިއެވެ.

ލައިރާގެ ކުރިމަތީ ކެންޒާ ގޯސް ނުކުރެވޭނެކަން ޔާދިންއަށް ވިސްނުނެވެ. އެހެންވިޔަސް އޭނާއަށް ލިބުނު ހިތްދަތިކަމުން ބައެއް ވިޔަސް ލައިތުއަށް އިޙްސާސްވާވަރު ކަމެއް ކުރަން ޔާދިން ބޭނުންވިއެވެ. އެންމެ ފަސޭހައިން ލައިތުއަށް އަސަރު ކުރާނީ ކެންޒާއާ އަންނަ ބަދަލުންކަން ޔާދިންއަށް ވިސްނުނެވެ.

* * * * *

މެންދުރު ކެންޒާ އައީ ލައިތުއާއެކުއެވެ. މަންމަ ގެއަށް ގޮސްފައި އެނބުރި ހޮސްޕިޓަލަށް އައުމުންނެވެ. ގެއަށް ގޮސް އަރާމުކޮށްލަން ލައިތު ބުނުމުން ވެސް ކެންޒާ ދެކޮޅު ހެދީއެވެ. ގޭގައި އޭނާއަށް ހަމަޖެހިލެވޭނީ ކިހިނެއް ހެއްޔެވެ. މިފްރާހު ދިން އިންޒާރުގެ މަތިން އޭނާ ހަނދާނެއް ނުނެތެވެ. މަސައްކަތުގައި އުޅުމުން ވަގުތުކޮޅަކަށް ޚިޔާލުތަކާ ދުރުވެވޭވެނެއޭ ކެންޒާއަށް ހީކުރެވުނީއެވެ. މަސައްކަތަށް ނުކުންނާކަށް އެކަކުވެސް ނުބުނެއެވެ. އެހެންވިޔަސް ކެންޒާ އުޅުނީ މެންދުރަށް ތައްޔާރުކުރަން ހަމަޖެހިފައި ހުރި ބާވަތްތައް ބެލުމުގައެވެ. މެންދުރުގެ ކެއުން ތައްޔާރުކުރަން އެހެން ޝެފެއް އައިސް ބަދިގެއަށް ވަނީ އެތަނުގައި ކެންޒާ ހަރަކާތްތެރިވަނިކޮށެވެ. އައިލެންޑް ދޮށުގައި އިން ލައިތު އޭނާ ފޮނުވާލީއެވެ. ގޭގެ ޝެފު އެނބުރި އަތުވެއްޖެކަން ބުނަމުންނެވެ.

"މަޑުކުރަން ބޭނުންވިޔަސް، އަހަރެން ދާން އެބަޖެހޭ... ދޭއްޖަހާއިރު މުހިންމު މީޓިންއެއް އޮތީމަ." ކެންޒާއަށް ބަލަން އިރުކޮޅަކު އިނދެފައި ލައިތު ބުނެލިއެވެ.

"އެހެންޏާ ވެސް މީ ލައިތު އޮފީހުގައި އުޅޭ ގަޑި." ކެންޒާ ބުންޏެވެ.

"ތިކަން ނިމުނީމަ މަޑުކޮށްލަންވީނު، ކެންގެ ލޮލުން އެނގޭ ރަނގަޅަށް ނުނިދާކަން ތިއުޅެނީ... އަހަރެންގެ ކޮޓަރިއަށް ގޮސް ނިދާލަންވީނު، މާބޮޑަށް ވޮރީ ކުރަނިކޮށް ކެން ބަލިވެދާނެ، ދެން ދާނީ ހާވީރު... އެހާއިރަށް އަހަރެން ވެސް އަންނާނަން. މަންމައަށް ސައި ހިފައިގެން ދެ މީހުން ދާނީ." ލައިތު ތެދުވެގެން އައިސް ކެންޒާގެ ފުރަގަހުން ބައްދާލައިފިއެވެ. އަދި ކޯތާފަތުގައި ބޮސްދީފައި ކެންޒާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ.

"ސްޓާފްބައިގަ ޖައްސާލަފާނަން، އެގޮތް މާރަނގަޅުވާނެ..." ކެންޒާ ބުނެލިއެވެ.

"ނޫން... އެހެންވިއްޔާ އަހަރެންގެ އެޕާޓްމެންޓަށް ހިނގާ. އެތަނުގައި ބަލާނޭ މީހަކު ނުހުންނާނެ، އަހަރެން އޮފީހުން އަންނަންދެން އެތަނުގައި މަޑުކުރޭ." ލައިތު ބުނެލިއެވެ. ކެންޒާ ހުރީ އަރާމުކޮށްލަން ބޭނުންވެފައެވެ. ލައިތުގެ އެ ޚިޔާލާ އޭނާ އެއްބަސްވީ އެހެންވެއެވެ.

* * * * *

"ތިކަމަށް އެއްބަހެއް ނުވެވޭނެ..." ވިޔާމް ބުނެލިއެވެ.

މިފްރާހަށް ތިރީތުންފަތުގައި ދަތްއަޅާލެވުނީ މާޔޫސްވެގެންނެވެ. އޭނާއާއިއެކު ވިޔާމް އިނީ މާލޭގައި ހުންނަ މިފްރާހުގެ މައިންބަފައިންގެ ގޭގައެވެ. އެގޭގައި މުބީން ދިރިއުޅޭ ފަންގިފިލާގައި ހުންނަ ބައިގައެވެ. މިފްރާހު ރާވަމުން އައި ރޭވުމުގައި ވިޔާމް ބައިވެރިކޮށް އޭނާގެ ޒިންމާއަކީ ކޮބާކަން ބުނެދިނެވެ. ނަމަވެސް މިފްރާހުއާ އެއްބާރުލުން ދޭން ވިޔާމް ދެކޮޅުހެދީއެވެ.

"އެމީހުންގެ ތެރޭގައި އަހަރެންނަށް ޓްރަސްޓްކުރެވޭނެ މީހަކީ ތީ." މިފްރާހު ބުންޏެވެ.

"އެހެންވިޔަސް އަހަރެން ތިކަމުގައި ބައިވެރިވާކަށް ބޭނުމެއްނޫން، މާރާމާރީއާއި، ފޭރުމާއި، މީހުން މެރުމާއި، ކިޑްނެޕްކުރުމަކީ އާދައިގެ ކަންކަމެއްނޫން، އެއީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭ ހިމެނޭކަންކަން.... އަހަރެން ރިކޯޑް ކްލިއާކޮށް ބާއްވަން އަހަރެން ބޭނުންވަނީ، މިފްރާހު އަހަންނަށް ޓްރަސްޓުކުރަމޭ ބުނީތީ، އެކުވެރިއެއްގެ ހައިސިއްޔަތުން ވާހަކައެއް ބުނަންތަ؟." ވިޔާމްއަށް ބަލަން އިން މިފްރާހު ހަރަކާތެއްކޮށް ނުލިއެވެ. އެހެންވިޔަސް ވިޔާމް ވާހަކަދެއްކިއެވެ.

"ފޯސްކުރުމަކުން އެއްވެސް ކަމެއް ކާމިޔާބެއްނުވާނެ، އޭނާ ދެކޭގޮތް ހައްތަހާ ބަދަލުވާނީ، މުޅިއުމުރަށް ތީ އޭނާ އެންމެ ނަފުރަތުކުރާ މީހާއަށްވާންތަ މިފްރާހު ބޭނުމީ... އެކުގައިވިޔަސް ލޯބިނުލިބެންޏާ ކެތްކުރެވިދާނެތަ؟... ހާދަ ބޮޑު ދެރައެއް ދޭންށޭ ތިވިސްނަނީ، އޭނާ ބިޓުގެ ކުށަކީކޮބާ؟، އެ ދެމީހުންގެ ވެސް އަސްލު ކުށެއްނެތް... މާބެ ހުރީތީ ސަލާމަތްވެވިދާނެކަން އެނގޭ، އެކަމަކު އަމިއްލަ ނަފްސު ކުށުގެ ލެއިން ކަޅިވެގެން ދިއުމަށްފަހު ކިތަންމެ ވަރަކަށް ދޮވުނަސް ނުފިލާނެ... ކުރިން ހުރި ސާފުކަމެއް ދުވަހަކުވެސް ދެން ނުލިބޭނެ، ސިކުނޑި ހަނދާންކޮށްދޭނެ ކުރިކަންތަކުގެ މަތިން، ކުށްވެރިކަމުގެ އިޙްސާސްގައި ބުއްދިގޯސްނުވެ މުޅިއުމުރު އުޅެވިދާނެހެން ހީވޭތަ؟."

"ދެޓްސް އިނަފް..." މިފްރާހު ބުނެލީ ހަރުކަށި ރާގެއްގައެވެ.

"އަހަރެންނަށް މަޢާފުކުރޭ، އަހަރެމެން ދެމެދުގައި ދެކެވުނު އެއްވެސް ވާހަކައެއް އަހަރެން އެހެން މީހަކާ ޚިއްޞާއެއްނުކުރާނަން، އެކަމަކު މިފަހަރު އަހަރެންގެ ބައިވެރިވުމެއްނުވާނެ... އަހަރެން ނުކުރިޔަސް، މާބެގެ އިޝާރާތަކަށް މަޑުކޮށްގެން އެތައްބަޔަކު ތިބޭނެކަން އެނގޭ."

"ވިޔާމް ދެން ދޭ ގެއަށް." މިފްރާހު ބުންޏެވެ. ރޭގައި ކެންޒާގެ ގޭ ދޮށަށް މިފްރާހު ގޮވައިގެން އައީ ވިޔާމެވެ. އެގެއަށް އޭނާ ވަންކަން އެނގޭނެ ހަމައެކަނި މީހަކީ އޭނާއެވެ. މުބީން މެދުވެރިކޮށް ކަމެއް ނިންމަން މިފްރާހު ވެސް ފަސްޖެހެނީ އެކަން ރަނގަޅު ގޮތަކަށް ނިމިގެން ނުދާނޭކަން އެނގޭތީއެވެ. އެހާ ކެތްތެރިކަމެއް މުބީންއާއި އޭނާއާއެކު އުޅޭ މީހުންގެ ނުހުންނާތީއެވެ. އެހެންވިޔަސް މުބީންގެ އެހީ ހޯދުން ނޫން ގޮތެއް ދެންނެތެވެ. ކެންޒާއަކީ އޭނާ ހީކުރިހާ ފަސޭހައިން ގޮތްދޫކުރާނޭ އަންހެންކުއްޖެއް ނޫންކަން މިފްރާހަށް އޮތީ ވިސްނިފިއެވެ. އެހެންނޫނަމަ ރޭގައި އެ ދެމެދުގައި ހިނގި ކުރިމަތިލުމަށްފަހު، ގިނައިރެއްނުވެ ގެއިން ނުކުމެގެންދާނޭ ހިތްވަރެއް ކެންޒާގެ ނުހުރީސްކަން މިފްރާހު ޤަބޫލުކުރެއެވެ.

* * * * *

ފެންވަރާލައިގެން ކެންޒާ ނުކުމެ ތައްޔާރުވެލިއެވެ. ފޯނު ހިފައިގެން ކެންޒާ ނުކުތީ ސިޓިންރޫމަށެވެ. އޮފީސް ހެދުމުގައި ލައިތު އިނީ ސޯފާގައެވެ. ކެންޒާ ފެނުމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"މިހާރު އޯކޭ..." ކެންޒާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން އިނދެ ލައިތު ބުންޏެވެ.

ދެ ޒުވާނުން އެކުގައި ލައިތުގެ ޕެންޓްހައުސްއިން ނުކުމެގެން ގެއަށް އައެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާތަކުގައި ޔާދިންއާއި ސެހްރާނުގެ އިތުރުން ލައިރާ އިނެވެ. ކެންޒާއާއެކު ލައިތު ވަދެގެން އައުމުން ލައިރާ ގޮވާލިއެވެ. ކެންޒާ ގާތު ލައިރާ ކައިރީ މަޑުކުރުމަށްބުނެ ލައިތު އައީ އެލެވޭޓާއަށް އެރުމަށެވެ.

"އިލީނެތީތަ؟." ލައިރާ މާ ހަމަޖެހިލައިގެން އިނުމުން ކެންޒާ އަހާލިއެވެ.

"އެބައާދޭ... އޭނާގެ ޑެޑީ ނުފެންނާތީ މިއަދު ސްކޫލު ނިމެންވީއިރަށް ހުރީ ޕްލޭން ހަދާފައި." ލައިރާ ބުނެލިއެވެ.

ކެންޒާގެ ޖީބަށް ޖަހާލެވުނު ފޯނު، އޭނާ އިށީންނަންވެގެން އަތަށް ނެގީއެވެ. ފޯނަށް މެސެޖެއް އައިކަމުގެ އަޑު އިވުމުން އޭނާއަށް ހީކުރެވުނީ ލައިތު ކަމަށެވެ. ވައިބަރ މެދުވެރިކޮށް ލިބުނު ފޮޓޯ ކެންޒާ ހުޅުވާލިއެވެ. މޭޒުދޮށުގައި އޭނާއައި ޒުބިން އެކުގައި އިންތަން އެ ފޮޓޯގައި ފެންނަން ހުއްޓެވެ. ކެންޒާގެ ނަޒަރު ހުއްޓުނީ ޔާދިންއަށެވެ. އެ ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ. އެ ފޮޓޯ ފޮނުވީ ޔާދިންގެ ނަންބަރުންނެވެ.

ބޮޑުކޮޓަރީގެ ދޮރުމަތިން އިލިޔާނާގެ އަޑު އިވުނެވެ. ލައިރާ ފުންމައިގެން ތެދުވިގޮތަށް ދޮރާ ދިމާއަށް ދިޔައެވެ. އޭނާއާ އެއްވަރަށް ކަހަލަ ގޮތަކަށް ސެހްރާނު ވެސް ތެދުވެގެން ދިޔައެވެ. އިލިއާނާގެ އަތުގައި އޮތް ބޮޑު ބެއާގައި އެކުއްޖާ ހިފައިގަނެގެން އުޅެނީ އެތެރެއަށް ނުވެއްދިގެންނެވެ. ސެހްރާނު ދިޔަގޮތަށް ގޮސް އޭގައި ހިފައިފިއެވެ. ސެހްރާނު އެ ބެއާ ހިފައިގެން ވަނުމުން އޭނާގެ ފަހަތުން ދުވަމުން އިލިޔާނާ އައެވެ. ކެންޒާ ފެނިގެން އެކުއްޖާ ދުވެފައި އައިސް އޭނާގެ އުނގަށްވަނެވެ. ލޯބިން އިލިޔާނާގެ ކޮލުގައި ކެންޒާ ބޮސްދިނެވެ. ސެހްރާނު އެ ބެއާ ވެރިކޮށްލަން އުޅުމުން އިލިޔާނާ އަޑުގަދަކޮށްލިއެވެ. ލައިރާ އެނބުރިއައީ ސެހްރާނާއި އިލިޔާނާގެ ދެމެދު ވާދަކިޔަނިކޮށެވެ.

"ސެހެރްއެކޭ ކުޑަކުއްޖެކޭ އެއްވަރުވާނެ..." ލައިރާ ބުނެލިއެވެ.

އިލިޔާނާ ކައިރީ އެ ބެއާ ސެހްރާނު ގެންދިޔަކަ ނުދޭނަމޭ ލައިރާ ބުންޏެވެ. އަދި ސެހްރާނު ގޮވައިގެން އޭނާ ދިޔައީ އިލިޔާނާއަށް ޒުބިން ގަނެދިން ހަދިޔާތައް ހިފައިގެން ކޮޓަރިއަށް ލާށެވެ. ޔާދިން ވާހަކަދެއްކީ ކެންޒާއާއެކު އެކަނިވުމުންނެވެ. ފުރަތަމަ އޭނާ ގޮވާލީ އިލިޔާނާއަށެވެ. ދިޔައީ ކޮންކޮން ތަނަކަށްތޯ އެއްސެވެ. އިލިޔާނާއިނީ އޭނާގެ ބައްޕައާއެކު ވަގުތު ހޭދަކުރިގޮތް ކިޔާދޭ ހިތުން އެކަމަށް ތައްޔާރުވެގެން ކަހަލައެވެ. އެކުއްޖާގެ ވާހަކަތައް އަޑުއަހަން އިނދެފައި ކެންޒާއަށް ޔާދިން ބަލާލިއެވެ. އެހިނދު އެ ދެމީހުންގެ ނަޒަރު ވެސް ސީދާވެލިއެވެ.

"އިލީގެ ބައްޕައާ ބައްދަލުވެއްޖެތަ؟ ޔޫ ވިލް ބީ ސަޕްރައިޒްޑް، ހީ އިޒް އަ ވެރީ ނޮލެޖަބަލް އެންޑް ކްލެސީ މޭން، ކުއައެޓް ގުޑް ލުކިންގް" ޔާދިން ބުނެލީ ފާޑަކަށް ހިނިއައިސްފައި އިނދެއެވެ.

"ވަޓް އިޒް ހީ ޓޯކިން އަބައުޓް، ފިޒާނާގެ ކަންތައް ނިމުނީމަ އަނެއްކާ އެއްޗެކޭ ކިޔަންވެފަ އޮތީކަންނޭނގެ." ކެންޒާ ހިތަށް އެރިއެވެ. ޔާދިންއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ކެންޒާއަށް ތުންއަނބުރާލެވުނެވެ. އޭނާއާއި ލައިތުގެ ދެމެދަށް ކޮންމެވެސް އެއްޗެކޭ ކިޔާ ވަންނަން ޔާދިން ގަސްދުކުރަނީއޭ ހީވަނީއެވެ. ކެންޒާއަށް ފޮނުވި ފޮޓޯގެ މަޤްޞަދަކީ ވެސް އެއީކަން ޔަގީނެވެ. އެކަމަކު ޔާދިންއަށް ނޭނގެނީ އެ ދުވަހު ޒުބިންއާ ބައްދަލުކުރަން ދިޔަކަން ލައިތުއަށް އެނގިފައި އޮތްކަމެވެ. އެ ފޮޓޯ ފެނިގެން ކެންޒާ ހާސްނުވީ އެހެންވެއެވެ.

"ހީ އިޒް އަ ޕްރޮފެސާ އޮފް ފައިނޭންސް، ލަންޑަނުން ކިޔެވުން ނިންމާފަ އިހަށް ދުވަހު އެއައީ، މިހާރު އަނެއްކާވެސް ލެކްޗަރަރއަކަށް އުޅެނީ..."

މިފަހަރު ޔާދިންގެ ވާހަކަތަކުން ކެންޒާއަށް ހުއްޓުންއެރިއެވެ. އޭނާ އެދައްކަނީ ޒުބިންގެ ވާހަކައެކޭ ކެންޒާގެ ހިތަށް އެރުމާއެކު އެ މޫނު ހުދުވެގެން ދިޔައެވެ. ޒުބިންގެ ނަން ތަކުރާރުކޮށް ހިތާހިތުން ކިޔާލެވުނެވެ. ލައިރާ އެނބުރިއައީ އެވަގުތެވެ. އަންނާށޭ ކިޔާ އިލިޔާނާއަށް ގޮވާލިއިރު ކެންޒާއަށް ވެފައި އިންގޮތް ލައިރާއަށް ފާހަގަވިއެވެ.

"ކެން... ކިހިނެއްވީ؟. ލައިތު ނާދޭތަ އަދިވެސް..." ލައިރާއަށް އަހާލެވުނެވެ.

"ޑޯންޓް ވޮރީ... ޝީ އިޒް ފައިން. ދޯ ކެން." ޔާދިން ބުނެލީ މާނަވީ ހިނިތުންވުމަކާއެކުއެވެ. ދެން އޭނާ ސޯފާއިން ތެދުވީ އެތަނުން ދާށެވެ.

"އެބައަންނަން އިލީ ލާފައި... ލައިތު އަޔަސް، ސައިބޮއެގެން ދާން މަޑުކުރާތި އިނގޭ." ލައިރާ ބުނެލިއެވެ. ދެން އިލިޔާނާ ގޮވައިގެން އޭނާ ހިނގައްޖެއެވެ. އެމީހުން ފަހަތުން ހިނގައިގަނެފައި ވެސް ޔާދިން ހުއްޓުނީއެވެ. އެނބުރި ކެންޒާއަށް ބަލާލިއެވެ. ހާސްވެފައިކަން އޭނާ އިނީ އެ މޫނުން ފެންނަން ހުއްޓެވެ.

"އެންމެ ކައިރީގައި ހުރެފައި ވިހަލާން ދޯ ގަސްދުތިކުރީ... އަހަރެން މިދެއްކީ ދޮގުވާހަކައެއްނޫން، އަހަރެންގެ ދިރިއުޅުމުން ފިޒާ ބޭރުކޮށްލީ ކެންޒާގެ ހަޤީޤަތް އެންމެންނަށް އެނގިދާނެތީތަ؟. ދޮންއާއި ލައިތަށް އެނގުނީމަ ވާނޭގޮތް އެނގޭތަ؟. ކާކު ދޯ ހީކުރާނީ..." ޔާދިންގެ ވާހަކައިން ޔަގީނާ ގާތަށް ކެންޒާއަށް ކަންކަން ފަހުމްވިއެވެ. މޭގައި ގަދަރިހުމެއް އުފެދުނު ކަހަލައެވެ. ޔާދިންގެ ކުރިމަތީ ހުރުން ފަސޭހަނުވެގެން ހަލުވިކޮށް ކެންޒާ އައީ ބަދިގެއަށެވެ.

އެގެއިން ނުކުމެގެން ދާން ގަސްދުކޮށް ކެންޒާ ބަދިގެއިން ނުކުންނަން އައެވެ. އޭނާގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކެންޒާ ހޯދަމުން ބަދިގެއަށް ވަންނަން އައި ލައިތުގެ ގައިގާ ކެންޒާ ޖެހުނެވެ. ވަގުތުން ކެންޒާގެ ދެކޮނޑުގައި ލައިތު ހިފަހައްޓާލިއެވެ. އެ މޫނާއި ދެ ލޮލުން ކެންޒާއަށް ކަމެއްވެއްޖެކަން ލައިތުއަށް ބުނެދީފިއެވެ. ކެންޒާ ގޮވައިގެން ލައިތު ބަދިގެއަށް ވަނުމުން ފުރަތަމަ ވާހަކަދެއްކީ ކެންޒާއެވެ.

"ލައިތު... އިލީގެ ބައްޕައަކީ ކާކު؟." ކެންޒާ ސުވާލުކުރިއެވެ.

"ކިހިނެއްވީ؟. ކީއްވެ ތި ސުވާލު ތިކުރީ؟." ލައިތު ކަންބޮޑުވިއެވެ.

"ޖަސްޓް އާންސާ މީ..." ކެތްތެރިކަން ކުޑަވެފައިވީއިރު ކެންޒާގެ ދެ ލޯ ފެންކަޅިވާތީ ލައިތު ދުށްޓެވެ.

"ކާމްޑައުން..." ކެންޒާގެ ކޯތާފަތުގައި ދެއަތުން ލައިތު ހިފާލިއެވެ.

"ޒުބިންތަ؟... އެލީގެ ބައްޕައަކީ...ލައިގެ ހަޒްބަންޑަކީ ޒުބިން ދޯ." ކެންޒާގެ ލޮލަށް ބޮނޑިވަމުން އައި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތުން ތިރިއަށް ދެމިގަތީ އެވަގުތެވެ. ލައިރާ ދައްކާފައި ހުރި ހުރިހާ ވާހަކައެއް ކެންޒާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. އޭނާއާ ކެންޒާ ޚިއްޞާކޮށްފައިވާ ޚިޔާލުތައް ވެސް މެއެވެ.

(ނުނިމޭ)