ހަބަރު

އެމެރިކާ އިން 60 ވެންޓިލޭޓަރު ހަދިޔާކޮށްފި

އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފި އެވެ.

ވާޗުއަލް ކޮށް ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން ވެންޓިލޭޓަރުތައް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒް އެވެ. އަދި ރާއްޖެއިން ވެންޓިލޭޓަރުތަކާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު އުމަރު އަބްދުއް ރައްޒާގު އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ވެންޓިލޭޓަރުތަކުގެ ސަބަބުން ކޮވިޑް 19 ރާއްޖޭން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވެވޭނެ ކަމަށާއި ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށެވެ. އަދި ކޮވިޑަށްފަހު، ހޮސްޕިިޓާތަކުގެ އައިސީޔޫގައި ބޭނުން ކުރުމަށްވެސް މި ވެންޓިލޭޓަރުތަކުގެ ބޭނުމަށް އެހީވެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި، ހުރިހާ ހާލަތެއްގައި ވެސް އެގައުމަށް ރާއްޖެއިން ބަރޯސާވެވޭ ކަމަށެވެ.

ކޮވިޑާ ގުޅިގެން އައި ހީނަރުކަމުން އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް 4 މިލިއަން ޑޮލަރު މިހާތަނަށް ވަނީ ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ދެ މިލިއަން ޑޮލަރުގެ ގްރާންޓް އެއިޑާއި ޕީޕީއީ ކިޓު ތަކާއި ޕީސީއާރު މެޝިންގެ އިތުރުން ޔުނިސެފް ފަދަ ޖަމިއްޔާތަކުގެ އެހީ ފޯރުކޮށްދީފަ އެވެ.

މިއަދު ހަދިޔާކުރި 60 ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީ އާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފަައި ހުރި ފެސިލިޓީތަކަށް ގެންދާނެ ކަަމަށްވެސް ފޮރިން އިން މައުލޫމާތު ދިނެވެ.