ހަބަރު

ތިނަދޫ އާ އިންޖީނުގޭގެ ބިންގާ އަަޅައިފި

ވ. ތިނަދޫގައި ސްޓެލްކޯއިން އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޢުނީ އެވެ. ތިނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތްދެމުންގެންދާ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން ތިނަދޫގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދެއެވެ. އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އެޅުމަށް ސްޓެލްކޯއަށް ތިނަދޫއިން ބިމެއް ހަމަޖައްސައިދީފަައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މުޢުނީ ވިދާޅުވީ ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތަށް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ ކަމަށެވެ. އަދި ސްޓޭލްކޯއިން އެރަށާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ނަމަވެސް އާ ޖަނަރޭޓަރުތައް ބަހައްޓައި މެދު ނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށާއި ތިނަދޫގެ އާބާދީ އާއި ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށެވެ.

"ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާއި ރައްޔިތުންނަށް އިންޖީނުގެ ދުމާއި އަޑުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯއިން މި ގެންދަނީ ކުރަމުން." މުޢުނީ ވިދާޅުވި އެވެ.

މުޢުނީ ވިދާޅުވީ، އަލަށް އަޅާ އިންޖީނުގޭގެ މަސައްކަތް ނިމުމާއެކު، ސްޓެލްކޯއިން ތިނަދޫއަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ.

ތިނަދޫގައި އަލަށް އަޅާ އިންޖީނުގެއަކީ އެރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑް މަތިވަމުންދާ ވަރަކަށް އެކަމަށް ކޭޓާ ކުރުމަށްޓަކައި 1 މެގަވޮޓްގެ 4 އިންޖީނު ބެހެއްޓޭވަރަށް ތަރައްގީ ކުރެވޭނެ އިންޖީނުގެއެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.