ކޮވިޑް-19 އިގެ ބަލާއާފާތް ކުރިމަތި ވުމުގެ ކުރިން އުޅުނު އާންމު ހާލަތަށް އަނބުރާ ދެވޭނީ އެ ބައްޔަށް ވެކްސިނެއް ލިބުމުން ކަމަށް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ މިރޭ ވިދާޅު ވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް ބަލީގެ ހާލަތު އޮތް މިންވަރު އަދި ކުރިއަށް ލަފާކުރާ ގޮތް ހާމަކޮށް ދިނުމަށް މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޝީނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ރާއްޖެ އޮތީ "ގްރީން ޒޯން" ގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ބަލިން ރައްކާތެރިވުމަށް އަދި ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުމަށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރުކޮށް ގައިދުރު ކުރުމުގެ އުސޫލުގެ ތެރެއިން ގިނަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު ފަހަަކަށް ވެހިކަލް ދުއްވުން މަނާކޮށް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 މާލެ ސިޓީގައި ކާފިއު ހިންގަ އެވެ.
އެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވާ ޝީނާ ވިދާޅުވީ ބަލީގެ ހާލަތަށް ބެލުމަށް ފަހު ފިޔަވަޅުތަކަށް އެޗްޕީއޭއިން ލުއި ދެމުން ގެންދާނެ ކަމަށެވެ. ނަމަވެސް އަދި މިއީ އެ ވަގުތު ނޫން ކަމަށެވެ. ކޮވިޑްގެ ކޭސްތައް އެކަށީގެންވާ މިންވަރަކަށް މަދުވުމުން ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކުރިން އުޅުނު އާންމު ހާލަތަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާންމު ހާލަތަށް ދެން ދެވޭނީ ކޮވިޑަށް ވެކްސިނެއް ލިބުމުން ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކޮވިޑްގެ ކުރިން އުޅުނު ގޮތަށް ދެވޭނީ [އެ ބައްޔަށް] ވެކްސިނެއް ލިބިގެން،" ޝީނާ ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ނެގި ނަމަވެސް ކޮވިޑާއެކު ދަސްވެގެން ދިޔަ ރަނގަޅު ސިއްހީ އާދަތައް ވެކްސިނެއް ލިބުމާ ހަމައަށް ދެމެހެއްޓުމަށް ވެސް ޝީނާ ވަނީ އިލްތިމާސް ކުރެއްވި އެވެ.
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް މުޅި ދުނިޔޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބައެއް ގައުމުތަކުގައި ވެކްސިންގެ މަސައްކަތް ނިމި ބައެއް ގައުމުތަކުގައި ދަނީ އެ ވެކްސިން ޓެސްޓް ވެސް ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގެ ވެކްސިންގެ މަސައްކަތް އުޅެނީ ނިމުމުގެ މަަރުހަލާގަ އެވެ. ކޮވިޑަށް ހާއްސަ 30 ވެކްސިންއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
އަންނަ ނޮވެމްބަރު މަހުން ފަހުން ފެށިގެން އެކި ގައުމުތަކުގައި މި ވެކްސިން އުފައްދާ ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށް ވެއެވެ. ނަމަވެސް އާއްމުކޮށް މި ވެކްސިން ޖަހައިދޭން ފެށުމުގެ ކުރިން ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ކަމާ ބެހޭ ސިއްހީ އިދާރާތަކުގެ ހުއްދަ ނަގަން ޖެހެ އެވެ. ވޯލްޑް ސްޓްރީޓް ޖާނަލުން ބުނި ގޮތުގައި ވެކްސިން ހޯދުމުގައި އެންމެ ކުރީގައިވާ ރަޝިޔާ ސައިންސްވެރިން މިހާތަނަށް ފުރިހަމަ ކޮށްފައިވަނީ މި ވެކްސިންގެ ކުދި ކުދި ޓްރަޔަލް ތަކެކެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ހުއްދަ ހޯދުމުގެ ކުރިން ވެކްސިން ޓެސްޓްކުރަން ޖެހީ އެންމެ 76 ވޮލަންޓިއަރުންގެ ގަޔަށެވެ.
މި ވެކްސިންގެ މިހާތަނަށް ހެދި ޓްރަޔަލްތަކުން މިއީ ބޭނުންކުރުމަށް ރައްކާތެރި ވެކްސިނެއް ކަމަށް ދައްކާފައި ވެއެވެ. ނަމަވެސް ކަމާ ބެހޭ ތަޖުރިބާކާޜުން ބުނަނީ ވެކްސިން އިން އެކަށީގެންވާ އަސަރެއް ކުރޭތޯ އާއި އިތުރު ސައިޑް އިފެކްޓްސްތަކެއް ދިމާ ނުވޭތޯ ޔަގީން ކުރަން ބޮޑެތި ޓްރަޔަލްތައް ހަދަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ މަޝްހޫރު ސައިންސްވެރިން ދައްކާ ވާހަކަތައް އަޑުއަހާކަށް ރަޝިޔާ ބޭނުމެއް ނޫނެވެ. މިއަހަރު ނިމުމުގެ ކުރިން ރަޝިޔާގެ އާބާދީއަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން އެ ގައުމުން ދަނީ ތައްޔާރު ވަމުންނެވެ. އަދި ޗައިނާ އިން ވެސް އެ ގައުމުން އަމިއްލައަށް އުފެއްދި ވެކްސިނެއް އެ ގައުމުގެ އެތައް ސަތޭކަ ހާސް ބަޔަކަށް މިހާރު ވަނީ ދީފަ އެވެ. ރާއްޖޭގައި ދޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެކެވެ. އެހެންވީމަ ދިވެހިންނަށް ވެކްސިން ލިބެން އަދި މަސްތަކެއް ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ.