ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ފެންމަތި ވެގެން އުޅޭ ބޮލީވުޑް ތަރިންގެ ޑްރަގްގެ މައްސަލަތަކެއް މުޅި ފިލްމު އިންޑަސްޓްރީއަށް ވަނީ ވަރުގަދަ ލޮޅުމެއް އަރުވާލާފަ އެވެ. ފިލްމީ ރޮނގުން އެންމެ ކުރީގައި އުޅޭ ދީޕިކާ ޕަދުކޯން ފަދަ ތަރިންގެ ނަންތައް ޑްރަގާ ގުޅުވަމުންދާއިރު މިކަމާ ގުޅޭ ގޮތުން ފާޅުގައި އެއްޗެއް ބުނެލަން ކެރޭ އެއްވެސް މީހަކު ހުރި ކަމަކަށް ނުވެ އެވެ.
ދީޕިކާ، ޝްރައްދާ ކަޕޫރު، ސާރާ އަލީ ޚާން އަދި ރަކުލް ޕްރީތު ސިންގް އާ ސުވާލުކުރުމަށް މި އެކްޓަރުން އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް އެކި ދުވަސްތަކުގައި ހާޒިރުވުމަށް މިހާރު ވަނީ އަންގާފަ އެވެ.
ގޯއާގައި ފިލްމެއްގެ ޝޫޓިންގްގައި އުޅުނު ދީޕިކާ ވެސް އެންސީބީއަށް ހާޒިރު ވުމަށްޓަކައި ބުރާސްފަތި ދުވަހު ވަނީ އެނބުރި މުމްބައީއަށް ގޮސްފަ އެވެ. އަދި މަންމަ އާއެކު އެހެން ރަށެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ސާރާ ވެސް އިއްޔެ މުމްބައީއަށް އެނބުރި ގޮސްފައި ވެއެވެ. މި ތަރިން އަންނަކަން އެނގިގެން ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމުން އެއާޕޯޓަށް ޖަމާވެ އެތަން ވެސް އިއްޔެ ވަރަށް ބޮޑަށް ހަލަބޮލިވެގެން ދިޔަ އެވެ.
މި ހުރިހާ ކަމެއް މިގޮތަށް ވަމުންދާއިރު ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރެއިން އަމީތާބު ބައްޗަން އާއި ޝާހްރުކް ޚާން ފަދަ އެއްވެސް މީހަކު މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. ފިލްމު އިންޑަސްޓްރީގެ ނަން މިހާ ބޮޑަށް ޚަރާބުވެ ގިނަ ބަޔަކު ފިލްމީ ތަރިންނަށް މަލާމާތާއި ފުރައްސާރަ ކުރުމުގައި ހައްދު ފަހަނަޅާފައިވާއިރު ވެސް އެ މީހުންގެ ދިފާއުގައި ވެސް އެއްވެސް އެއްޗެއް ބުނެލާނެ މީހަކު މިއަދު ނެތެވެ.
ވަރަށް އެކްޓިވްކޮށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދިޔަ ގިނަ އެކްޓަރުން ވެސް މިވަގުތު ތިބީ މުޅިން ހިމޭނުންނެވެ. އަމީތާބު ކަހަލަ ކޮންމެ ދުވަހަކު ވެސް އެތައް މެސެޖެއް ޕޯސްޓްކުރާ އެކްޓަރުން ވެސް މިހާރު ތިބީ ހައްޕު ކިޔައިގެންނެވެ. އަމީތާބު އެންމެ ފަހުން ކުރި ޕޯސްޓަކީ ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައި ކޮށްފައިވާ ޕޯސްޓެކެވެ.
ގިނަ ތަރިންގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހުރީ އެމީހުންގެ އަމިއްލަ ބައެއް ވާހަކަ ތަކެވެ. އެގޮތުން ކަރީނާ ކަޕޫރު ކިޔައިދީފައި ވަނީ 40 އަހަރު ފުރުމުން ކުރެވުނު އިހްސާސްތަކެވެ. ޖާންވީ ކަޕޫރު ޕޯސްޓްކުރީ ފޮޓޯޝޫޓެއްގެ މަންޒަރު ތަކެކެވެ. އަނަންޔާ ޕާންޑޭ އުޅެނީ އޭނާ އެންމެ ފަހުން ކުޅުނު "ޚާލީ ޕީލީ" ޕްރޮމޯޓް ކުރުމުގަ އެވެ. ޝާހިދު ކަޕޫރު ޕޯސްޓްކުރީ އޭނާގެ އަމިއްލަ ފޮޓޮއެކެވެ.
ޑްރަގް މައްސަލައާ ބޮލީވުޑާ ގުޅުވައިގެން ދެކެވެމުންދާ ވާޙަކަތަކާއި ފިލްމީ ތަރިންގެ އަބުރު ކަތިލަމުން ދިއުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެލަން ކެރުނު ހަމަ އެކަކުވެސް ނެތެވެ.
ސުޝާންތުގެ މަރުގެ މައްސަލަ މުޅިން އެހެން ގޮތަކަށް ފުރޮޅާއިގެން އުޅެނީ ބަޔަކު ގަސްތުގައި ކަމަށް ތުހުމަތުކުރާ މީހުން ގިނަ އެވެ. މި މައްސަލައިގެ ތެރެއިން އިތުރު ފިލްމީ ތަރިން ތަކެއް ބައިވެރިވެގެން މިދިޔަ އަހަރު ބޭއްވި ޕާޓީއެއްގައި ޑްރަގް ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް އިތުރު ބައެއް އެކްޓަރުންގެ މައްޗަށް ވެސް ވަނީ ކޮށްފަ އެވެ.
ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން ޑްރަގްގެ މައްސަލަ ފެންމަތިވެ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި ރިއާގެ ބޭބެ އަދި ސުޝާންތުގެ ވަޒީފާގައި އުޅުނު އެތައް ބަޔަކާއި ސުޝާންތަށް ޑްރަގް ވިއްކި އެ ވިޔަފާރިކުރާ އެތައް ބަޔަކު މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ސުޝާންތުގެ މެނޭޖަރު ޖާޔާ ސާހާ އާއި ކުރީގެ މެނޭޖަރުންނާ ވެސް ދަނީ ސުވާލު ކުރަމުންނެވެ.
ކުރިން އިންޑިޔާގެ ނޫސްތަކުން ބުނީ ޑްރަގް ބޭނުންކުރުމުގައި ފިލްމީ ތަރިން ބައިވެރިވާ ކަމަށް ބުނެ އެ އެކްޓަރުންގެ ނަންތައް ކިޔައިދިނީ ރިއާ އެވެ. ނަމަވެސް އެންސީބީ ތަހުގީގުގައި ރިއާ އެއްވެސް އެކްޓަރެއްގެ ނަން ބުނެފައި ނުވާކަން ފަހުން ވަނީ ޔަގީން ވެފަ އެވެ. މިހާރު އިންޑިޔާގެ މީޑިއާއިން ބުނަނީ ފިލްމީ ތަރިންގެ ނަންތައް ހުރީ ސުޝާންތުގެ މެނޭޖަރާއި ކުރީގެ މެނޭޖަރުގެ ފޯނުގައި ހުރި ވަޓްސްއަޕް މެސެޖްތަކެއްގައި ކަމަށެވެ.
ޑްރަގްގެ މައްސަލަ އާ ގުޅުވާފައިވާ ފިލްމީ ތަރިން ނޮޅާ ކެއުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިހާރު ކުރަމުންދާއިރު އެމީހުންގެ ދިފާއުގައި ޗުއްޕުވެސް ބުނެލަން ކެރުނު މީހަކު ނެތުމަކީ އެ އިންޑަސްޓްރީގެ މީހުންގެ ދެ ފުށް ދެގޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ. މިހާ ބޮޑު ކަންތައްގަނޑެއް ދިމާވެގެން އުޅޭއިރު އަމީތާބު އުޅެނީ ވަރަށް ބިޒީކޮށް އިންޑިއަން ޕްރެމިއާ ލީގުގެ މެޗުތައް ބެލުމާއި އެކަމުން ހިތަށް އުފާ ހޯދުމުގަ އެވެ.
ޝާހްރުކް ޚާން އުޅެނީ އެކިއެކި ފައުންޑޭޝަންތަކަށް ޝުކުރު އަދާކުރުމުގެ މަސައްކަތުގަ އެވެ. އަދި ކެރީބިއަން ޕްރެމިއާ ލީގުގެ މެޗުތައް ބަލާ އެކަމުން ހިތްހަމަޖެހުން ހޯދުމުގަ އެވެ.