ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10،000 ވުރެ އިތުރު ވެއްޖެ އެވެ. މިދިއަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވީ 75 މީހުންނެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 66 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ނުވަ މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 53 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 22 ބިދޭސީންނެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10،014 އަރާފަ އެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑްގެ 146،417 ސާމްޕަލް ވަނި ޓެސްޓްކޮށްފައެވެ.
މިއަދު ކޮވިޑުން ރަނގަޅުވީ 76 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،673 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،300 މީހުންނެވެ. ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 82 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހުން ހިމެނެއެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ފަރުވާދޭއިރު އޭގެ ތެރެއިން އެކަކު އައިސީޔޫގައި އަދި އެކަކު ވެންޓިލޭޓަރުގައި އެބައޮތެވެ.
އަތޮޅުތެރޭގެ 22 ރަށެއްގައި 47 މީހަކަށް ބަލިޖެހިފައި ވެއެވެ. އެންމެ ގިނައިން ކޮވިޑްގެ ބަލި މީހުން ތިބީ ގދ. ހޯންޑެއްދޫގައެވެ. އެ ރަށުގެ 45 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިވަގުތު ރަނގަޅުނުވެ ތިބީ 11 މީހުންނެވެ. ގއ. މާމެންދޫގައި ހަ މީހަކު އަދި ހއ. އިހަވަންދޫގައިވެސް ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ނައިފަރުގައި ދެ މީހަކު، އދ. ކުނބުރުދޫގައިވެސް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
އެޗްޕީއޭއިން ބުނީ 26 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 30 މުވައްޒިފުންނަށް ވެސް ބަލިޖެހިފައިވާ ކަމަށެވެ.