އިންޑިއާ

އިންޑިއާ ބޯޓުން ގެނައި މުދަލަށް އިދިކޮޅުގެ ތުހުމަތުތަކެއް

އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި، ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ގެނައި ތަކެތި ނޫސްވެރިންނަށް ދައްކަން ޖެހޭނެ ކަމަށާ މިއަދު އެ ބޯޓުން ރާއްޖެ ގެނައީ ހަތިޔާރާއި މަސްތުވާތަކެތި ނޫން ކަން ޔަގީން ކޮށްދޭން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮޗިން ފެރީގެ ނަމުގައި ފަށާ ގޮތަށް ވާހަކަ ދެއްކުމަށްފަހު މިއަދު ދަތުރުތައް ފެށި ކޯގޯ އުފުލާ ބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ ގެނެސްފައި ވަނީ ދެ ކޮންޓެއިނާގެ މުދަލެވެ.

އެ ހިދުމަތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިދިކޮޅު ދެ ޕާޓީން ދަނީ ތަކުރާރުކޮށް ވާހަކަ ދައްކަމުންނެވެ. އަދި ސަރުކާރުގެ އެ ނިންމުމަށް ފާޑުކިޔުމަށް މިއަދު ހަވީރު އިދިކޮޅުން ވަނީ ޖަލްސާއެއް ވެސް ބާއްވާފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑް ކުރައްވާ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ކޮޗިން ފެރީ" ގައި ރާއްޖެ ގެނައި އެއްޗެއްސާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އޭނާ ވަނީ އެ ބޯޓުން ރާއްޖެއަށް ހަތިޔާރާއި މަސްތުވާތެކެތި ނުގެންނަކަން ޔަގީން ކޮށް ދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައެވެ.

"އަޅުގަނޑު ތަކުރާރުކޮށް ސުވާލު ކޮށްލަން ބޭނުންވޭ އޭގެ އެތެރޭގައި ހުރީ ހަތިޔާރުތޯ ނުވަތަ މަސްތުވާތަކެތިތޯ ނުވަތަ ގެރި ގުއިތޯ. ނޫސްވެރިންނަށް ޖެހޭނެ އެ ދައްކަން. އިންޑިއާ ކިތަންމެ ބޮޑަސް މިއީ ދިވެހިން، މޯދީއަކަށް ދިވެހިން ބޮލެއް ނުލަބާނެ،"

އަބްދުއްރަހީމް ވިދާޅުވީ މިއަދަކީ ރާއްޖެއަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި މިއީ ބިރުވެރި ކަމެއްގެ ފެށުން ކަމަށެވެ.

"ކުޅުދުއްފުށްޓަށް މި އައި ދަނގަޑު ފެރީ ނުވަތަ ދަބަރު ފެރީ، އޭގެ ޒާތުގައި އެ ވެދާނެ ވަރަށް ކުޑަކުޑަ އެއްޗަކަށް. އެކަމަކު ގަބޫލުފުޅު ކުރައްވާ އެ އައީ ވަރަށް ބޮޑު ފެރީއެއް. އެ އައީ ލަސްކަރެއް. އެއީ ހަނގުރާމައިގެ ލަސްކަރެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ. "މިއީ ސަމާސާ ވާހަކައެއް ނޫން. މިއީ ސަމާސާ ދުވަހެއް ނޫން،"

އިންޑިއާ-ރާއްޖެ ފެރީ ނިޒާމާ އިދިކޮޅުން ދެކޮޅު ހަދަނީ މި ސަރުކާރުން އުތުރަށް ތަރައްގީ ގެނައުމަށް ފަށާފައިވާ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ތަރައްގީ ގެންނަން އިިދިކޮޅުން ބޭނުންވާ ކަމަށެވެ. ނަމަވެސް "ކޮޗިން ފެރީ" އާ ދެކޮޅު ހަދަނީ އެއީ ދިވެހިންގެ މިނިވަން ކަމަށް އޮތް ހުރަހަކަށް ވުމުން ކަމަށެވެ.

މާލެ ފިޔަވައި އެހެން ހިސާބުތަކަށް ތަރައްގީ ގެނައުމުގެ މަސައްކަތަކީ ރައީސް ޔާމީން ފެއްޓެވި މަސައްކަތްތަކެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ފެށެންދެން އަތޮޅުތަކަށް ލިބުނީ ކޮން ތަރައްގީއެއްތޯ އޭނަ ސުވާލު ކުރެއްވިއެވެ.

"ކޮންމެ ފަހަރަކު އިންތިހާބެއް ދިމާވީމަ ބަނދަރު ނުހެދި ހުންނަ ހުރިހާ ރަށެއްގައި ކަނޑަ ޖަހަން ދަނީ އަޅުގަނޑުމެން. ގޮސް އެ ޖަހާ ކަޑަ އަނެއް ފަސް އަހަރުވާއިރު ވެސް ހުންނަނީ އެތާ ހުރި ގޮތަށް. އަޅުގަނޑުމެން އަމިއްލައަށް ތަޖުރިބާ ކޮށްފައި މި ދައްކަނީ. އިއްޔެއަކު ނޫން އަޅުގަނޑުމެން ސިޔާސީ މައިދާނަށް ނުކުތީ،"