ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 1200 ސާމްޕަލުން ޕޮޒިޓިވްވީ 31 ސާމްޕަލް

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 26 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ފަސް މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 25 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ހަ ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10،045 އަރާފަ އެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑްގެ 147،681 ސާމްޕަލް ވަނި ޓެސްޓްކޮށްފައެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 81 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،754 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،250 މީހުންނެވެ. ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 84 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހުން ހިމެނެއެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ފަރުވާދޭއިރު އޭގެ ތެރެއިން އެކަކު އައިސީޔޫގައި އަދި އެކަކު ވެންޓިލޭޓަރުގައި އެބައޮތެވެ.

އަތޮޅުތެރޭގެ 20 ރަށެއްގައި 41 މީހަކަށް ބަލިޖެހިފައި ވެއެވެ. އެންމެ ގިނައިން ކޮވިޑްގެ ބަލި މީހުން ތިބީ ގދ. ހޯންޑެއްދޫގައެވެ. އެ ރަށުގެ 45 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިވަގުތު ރަނގަޅުނުވެ ތިބީ 11 މީހުންނެވެ. ގއ. މާމެންދޫގައި ހަ މީހަކު އަދި ހއ. އިހަވަންދޫގައިވެސް ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ނައިފަރުގައި ދެ މީހަކު، އދ. ކުނބުރުދޫގައިވެސް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭއިން ބުނީ 26 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 30 މުވައްޒިފުންނަށް ވެސް ބަލިޖެހިފައިވާ ކަމަށެވެ.