ހަބަރު

ކޮޗިން ފެރީން މުދާ ގެންނަ ވިޔަފާރިންނަށް މައުލޫމާތު ސެޝަނެއް

Sep 27, 2020
5

އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި، ކާގޯ ފެރީއާ ބެހޭ މައުލޫމާތު ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް އޮންލައިން ސެޝަނެއް ބާއްވަން ހަމަޖައްސައިފި އެވެ.

ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާ ދެމެދުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮޗިން ފެރީގެ ނަމުގައި ފަށާ ގޮތަށް ވާހަކަ ދެއްކުމަށްފަހު އިއްޔެ ދަތުރުތައް ފެށި ކާގޯ އުފުލާ ބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ ގެނެސްފައި ވަނީ ދެ ކޮންޓެއިނާގެ މުދަލެވެ.

އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ. މުދާ އުފުލާ ބޯޓު އިއްޔެ ބަނދަރުކޮށްފައި ވަނީ ދެ ކޮންޓައިނާ އެވެ. ބޯޓުގައި ހުރީ ގާތްގަނޑަކަށް 500 ޓަނުގެ މުދަލެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ދަތުރު ކުރަނީ އެ ގައުމުގެ ގައުމީ ޝިޕިން ކުންފުނި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން ނެވެ. އަދި މި ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ ރާއްޖޭގެ ޝިޕިން ވިޔަފާރި ފުޅާ ކުރަން އުފެއްދި ކުންފުނި، ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) ގައުމީ ޝިޕިން ކުންފުންޏެވެ.

ހދ. ހަނިމާދޫ އަދި ކުޅުދުއްފުށި ކައުންސިލުން ވަކިވަކިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހދ. އަތޮޅު ކައުންސިލްއާއި، މޯލްޑީވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން ގުޅިގެން ރާއްޖެ ކޮޗިން ފެރީގެ މައުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިން ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، މިފެރީން މުދާ ގެނައުމުގެ ޝައުގުވެރިކަން ހުރި އެ ދެ ރަށުގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން އަންނަ ބުދަ ދުވަހުގެ ކުރިން ރެޖިސްޓްރީވުމަށް ވަނީ އެދިފަ އެވެ.

ކާގޯ ފެރީގެ ސަބަބުން ރާއްޖެއަށް އިތުރު ކުރިއެރުންތައް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެ ފެރީއާއެކު ދިވެހި ވިޔަފާރިތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.