އެމްއެސްއެސް

ކޮޗިނުން އަންނަ ފެރީގައި ލަންކާއިން މުދާ ގެނެވޭ ގޮތް ވެއްޖެ

Aug 5, 2021
2

އިންޑިއާ އިން ކުޅުދުއްފުށްޓަށް ދަތުރުކުރާ ފެރީގައި ސްރީލަންކާގެ ކޮލަމްބޯ އިން މުދާ ގެނެވޭ ގޮތް ހަމަޖެހިއްޖެ އެވެ.

އިންޑިއާ އިން އަންނަ ކާގޯ ފެރީ މިހާރު ދަތުކުުރަމުން ދަނީ ކޮޗިނުން ކުޅުދުއްފުށްޓަށް އަދި މާލެ އަށެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކޮޗިން ފެރީ ދެން ރާއްޖެ އަށް ދަތުރުކުރަނީ ކޮލަމްބޯ އަށް ގޮސް މުދާ އެރުވުމަށްފަހު ކަމަށެވެ.

"ހަގީގަތުގައި މިއީ ރަނގަޅު ބަދަލެއް. މިހާރު ކޮޗިނުން ކުޅުދުއްފުށްޓަށް ފެރީ ދަތުރުކުރާއިރު މުދާ އެންމެ ބޭނުންވާ ވަރަކަށް ނުހުރޭ. މި ރޫޓަށް ކޮލަމްބޯ އިތުރުކުރީމާ ލިބޭ މުދާ ވެސް ގިނަ ވާނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިބަދަލާ އެކު ދިވެހި ވިޔަފާރިވެރިންނަށް ވެސް ފަސޭހަތަކާއި ފައިދާތަކެއް ލިބޭނެ ކަމަށެވެ. މުދާ ރާއްޖެއަށް ގެނެވޭނެ އިތުރު މަގުތައް ބަލައި އިތުރު ފަސޭހަތައް ހޯދައިދޭން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

އިންޑިއާގެ ކޮޗިނުން ރާއްޖެ އަށް ދަތުރުކުރާ ފެރީ އަކީ އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި)ގެ ބޯޓެކެވެ. އެމްސީޕީ ލިންޒް ނަމަކަށް ކިޔާ 117 މީޓަރު ދިގު މި ބޯޓުގައި 3000 މެޓްރިކް ޓަނުގެ މުދާ އުފުލެވެ. އެމްސީޕީ ލިންޒްގެ ރާއްޖޭގެ އެޖެންޓަކީ އެމްއެސްއެސް އެވެ.

އިންޑިއާގެ ކޮޗިނުން ރާއްޖެއަށް މުދާ ގެނައުމަށް ކުރިއަށްދާ ދަތުރުތައް އިފްތިތާހުކޮށް ފުރަތަމަ ދަތުރު ކޮޗިނުން ކުޅުދުއްފުށްޓަށް ބާއްވާފައިވަނީ ސެޕްޓެމްބަރު 26، 2020 ގައެވެ.