އެމްއެސްއެސް

ބޯޓެއް ގެނެސް އައްޑޫއާއި ބައިނަލްއަގްވާމީ ބަނދަރުތައް ގުޅާލަނީ

ދުނިޔޭގެ ވިޔަފާރި ބަނދަރުތަކާއި އައްޑޫ ސިޓީ ގުޅާލުމުގެ ބޭނުމުގައި މޯލްޑިވްސް ޝިޕިން ކޮމްޕެނީ (އެމްއެސްއެސް)އިން ޓްރާންސްޝިޕްމަންޓުގެ ހިދުމަތް ދިނުމަށް ކޮންޓެއިނަރު އުފުލާ ބޯޓެއް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މީރުމާގައި މިއަދު އޮތްް ރަސްމިއްޔާތެއްގައި ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެމްއެމްއެސް އިން ބުނީ "އެމްއެސްއެސް އޯޕަލް ބޯޓު" އަކީ 105 ކޮންޓެއިނާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ދިގު މިނުގައި 67 މީޓަރު ހުރި 3.2 މީޓަރުގެ ޑްރާފްޓްގެ ބޯޓެކެވެ. ސިމެންތި ވެސް އުފުލޭ މި ބޯޓަކީ 1553 ޓަނުގެ ޑެޑްވެއިޓު އުފުލޭ ބޯޓެކެވެ.

ކްރޭންވެސް ހަރުކޮށްފައިވާ މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން މުހައްމަދު ނާޒިމު ވިދާޅުވީ މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ ކަމަށެވެ.

"މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ ގަވައިދުން އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ހިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެ. މީގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެ،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބޯޓް ރާއްޖެ ގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލާނެ ކަމަށެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ މާލެ އަށެވެ.

އެމްއެސްއެސް 2020 ވަނަ އަހަރު އުފެއްދި ފަހުން މިއީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓެވެ.